Roadha Mihaaru
މަޝްވަރާގައި އދ ބައިވެރިކުރަން ދެކޮޅެއް ނޫން: ޝައިނީ

މަޝްވަރާތަކުގައި އދ ބައިވެރިކުރަން ސަރުކާރުން ދެކޮޅެއް ނުހަދާ: ޝައިނީ

22 ފެބުރުއަރީ 2018

ރާއްޖޭގެ ސިޔާސީ ހަމަނުޖެހުންތަކަށް ހައްލު ހޯދަން ބާއްވަން އުޅޭ މަޝްވަރާތަކުގެ މެދުވެރިއެއްގެ ދައުރު އދ. އިން އަދާކުރަން ސަރުކާރުން ދެކޮޅު ހަދާފައި ނުވާނެ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރާއްޖޭގެ ސިޔާސީ ހަމަނުޖެހުންތަކަށް ހައްލު ހޯދަން ބާއްވަން އުޅޭ މަޝްވަރާތަކުގެ މެދުވެރިއެއްގެ ދައުރު އދ. އިން އަދާކުރަން ސަރުކާރުން ދެކޮޅު ހަދާފައި ނުވާނެ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ މިއަދު ވިދާޅުވެއްޖެ އެވެ.

އެ މަޝްވަރާތަކުގައި މެދުވެރިއެއްގެ ރޯލު އދ. އިން އިން އަދާކުރަން ރައީސް އަބްދުﷲ ޔާމީން ދެކޮޅު ހައްދަވާފައިވާ ކަމަށް އިންޑިއާގެ ބައެއް ނޫސްތަކުގައި ވަނީ ރިޕޯޓްކޮށްފަ އެވެ.

އެކަމަކު މަޝްވަރާގައި ސަރުކާރު ތަމްސީލްކުރައްވާ އިސް މަންދޫބު، ޝައިނީ ވަނީ އެ ވާހަކަތައް ދޮގުކުރައްވައިފަ އެވެ.

އޭނާ "މިހާރު" އަށް ވިދާޅުވީ ޕާޓީތަކާ އެކު ވާހަކަތައް ކުރިއަށް ގެންދަން އދ.ގެ އެހީތެރިކަމަށް އެދިވަޑައިގަތީ ވެސް ރައީސް ޔާމީން ކަމަށެވެ. އެ އެދިވަޑައިގަތުމަށް އދ. އިން އެއްބާރުލުންދީފައިވާ ކަމަށާއި އަދި ސަރުކާރާ އެކު މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.

ޝައިނީ ވިދާޅުވީ އިދިކޮޅު ފަރާތްތަކާ އެކު ވާހަކަ ދައްކައިގެން މަޝްވަރާ ފަށާނެ މާހައުލެއް ހޯދަން އދ. އިން އެދިފައިވާ ކަމަށެވެ. އެކަމަކު މަޝްވަރާތައް ނުފެށި ލަސްވަމުން ދަނީ އާއްމު އުސޫލުން، އިދިކޮޅު ފަރާތްތަކުން އަމިއްލަ މަސްލަހަތު އިސްކޮށް ކުރިމަތިކުރަމުންދާ ޝަރުތުތަކަކާ ހެދި ކަމަށް ވެސް ޝައިނީ ވިދާޅުވި އެވެ.

"ޔޫއެންއިން ރާއްޖެ އަށް އެހީވާން ބޭނުން. ރައީސް ޔާމީން އެދިލެއްވި އެދިލެއްވުމަށް ޔޫއެން އިން އެއްބާރުލުން އެބަ ދެއްވާ. ކިހިނެއްތޯ އެކަން [ޕާޓީތަކާ އެކު މަޝްވަރާ] ކުރިއަށް ގެންދާނީ؟ އަޅުގަނޑުމެން ދެ ބައި މީހުންގެ ތެރޭގައި ވާހަކަ ދެކެވެމުން އަންނަނީ،" ޝައިނީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އދ. އިން އެދިފައިވާ ގޮތަށް، ވާހަކަތައް ފަށާނެ މާހައުލެއް ހޯދަން ސަރުކާރުން ކެތްތެރިކަމާ އެކު ވަރަށް ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. އެގޮތުން ޝަރުތުތަކަކާ ނުލައި މޭޒު ދޮށަށް އައުމަށް އެތައް ފަހަރަކު ސިޔާސީ ޕާޓީތަކަށް ދައުވަތު ފޮނުވާފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހުކުމުގައި ތިބި ސިޔާސީ ލީޑަރުންތަކެއް ދޫކޮށްލުމަށް މި މަހު 1ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ވެސް ދެ ފަހަރެއްގެ މަތިން ޕާޓީތަކަށް ދައުވަތު ފޮނުވާފައިވާނެ ކަމަށެވެ. އެކަމަކު އެ ދައުވަތު ގަބޫލުކުރުމުގެ ކުރިން އެތައް ޝަރުތެއް ކުރިމަތިކޮށްފައިވާ ކަމަށް ޝައިނީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގައުމުގެ މަސްލަހަތު އިސްކޮށް އެ ދައުވަތު ގަބޫލުކުރިކަން ރަސްމީކޮށް އެންގީ ޕީޕީއެމާއި އެމްޑީއޭގެ އިތުރުން ޑީއާރުޕީ ކަމަށެވެ. މިއީ ސަރުކާރުގެ ކޯލިޝަން ޕާޓީތަކެވެ.

"އަޅުގަނޑަށް ހީވަނީ އިދިކޮޅު ފަރާތްތަކަށް އެނގެންވާނެހެން، ގަދަކަމަކުން މިހާރު ސަރުކާރު ލައްވައި ކަންތައްތަކެއް ނުކުރެވޭނެ ކަން. އަދި ސަރުކާރު ވައްޓައެއް ވެސް ނުލެވޭނެ ކަން. ދިވެހި ރައްޔިތުންގެ ހައްގުގައި ކަންތައްތަކެއް ރަނގަޅު ކުރަން ހުރި ކަމުގައި ވަންޏާ އެކަން ކުރެވޭނެ ހަމައެކަނި ގޮތަކީ ސަރުކާރާ ވާހަކަ ދެއްކުން،" ޝައިނީ ވިދާޅުވި އެވެ.

ވާހަކަތައް ފެށޭނީ، މިނިސްޓަރު ތަކުރާރުކޮށް ވިދާޅުވި ގޮތުގައި އިދިކޮޅު ފަރާތްތަކުގެ އަމިއްލަ މަސްލަހަތު ހިމެނޭ ކަންކަން ދޫކޮށްލައިގެންނެވެ.

ސަރުކާރުން އެންމެ ފަހުން މަޝްވަރާ އަށް ހުޅުވާލުމުން އިދިކޮޅުން ގިނަ ޝަރުތުތަކެއް ކުރިމަތިކޮށްފައިވެ އެވެ. އޭގެ ތެރޭގައި ސުޕްރީމް ކޯޓުން ނެރުނު ހުކުމާ އެއްގޮތަށް ސިޔާސީ ލީޑަރުން ދޫކޮށްލުމާއި ރައްޔިތުންގެ މަޖިލީހާއި ޖުޑިޝަރީގެ މަސައްކަތްތައް މިނިވަންކަމާ އެކު ކުރިއަށް ގެންދަން ފުރުސަތު ދިނުމާއި ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމުގެ އިތުރުން މަޝްވަރާތަކުގެ މެދުވެރިއެއްގެ ރޯލު އދ. އިން އަދާކުރުން ހިމެނެ އެވެ.