Roadha Mihaaru

އަޅުގަނޑުމެން ވެރިކަމުގެ ލައްޒަތުގައެއް ނޫޅޭނަން: ނަޝީދު

މި މަހުގެ 17 ވަނަ ދުވަހު އިދިކޮޅު ކޯލިޝަނުން ގުޅިގެން އުފައްދާ ސަރުކާރުގެ ބޭނުމަކީ ވެރިކަމުގެ ލައްޒަތު ހޯދުން ނޫން ކަމަށާއި އާ ސަރުކާރުން މަސައްކަތް ކުރާނީ ރައްޔިތުންނަށްވި ވައުދުތައް އަވަދިނެތި ފުއްދަން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ސ. ހުޅުދޫގައި މިރޭ ވިދާޅުވެއްޖެ އެވެ.

އަޅުގަނޑުމެން ވެރިކަމުގެ ލައްޒަތުގައި ނޫޅޭނަން: ނަޝީދު
މުހައްމަދު ޔާމީން
ސ. ހުޅުދޫން މުހައްމަދު ޔާމީން

07 ނޮވެމްބަރ 2018

މި މަހުގެ 17 ވަނަ ދުވަހު އިދިކޮޅު ކޯލިޝަނުން ގުޅިގެން އުފައްދާ ސަރުކާރުގެ ބޭނުމަކީ ވެރިކަމުގެ ލައްޒަތު ހޯދުން ނޫން ކަމަށާއި އާ ސަރުކާރުން މަސައްކަތް ކުރާނީ ރައްޔިތުންނަށްވި ވައުދުތައް އަވަދިނެތި ފުއްދަން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ސ. ހުޅުދޫގައި މިރޭ ވިދާޅުވެއްޖެ އެވެ.

އައްޑު އަށް އިއްޔެ ފެއްޓެވި ދަތުރުފުޅުގައި ހުޅުމީދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ނަޝީދު ވިދާޅުވީ ރިޔާސީ އިންތިޚާބެއް ކާމިޔާބު ކުރުމަށް މަސައްކަތް ކުރައްވަނީ އަމިއްލަ ފައިދާއަށް ނޫން ކަމަށެވެ. އެންމެ ފަހުން ބޭއްވި އިންތިޚާބުގައި އެމަނިކުފާނަށް ލިބެން އޮތް އެއްޗެއް ނެތް ކަމަށް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު މިއަދު ހުޅުދު އަށް ވަޑައިގަތުމުން، އެ ރަށުގެ ރައްޔިތުން ހޫނު މަރުހަބާއެއް ދަންނަވަނީ. --- ފޮޓޯ: އެމްޑީޕީ

ނަޝީދު މިއަދު ހުޅުދު އަށް ވަޑައިގަތުމުން، އެ ރަށުގެ ރައްޔިތުން ހޫނު މަރުހަބާއެއް ދަންނަވަނީ. --- ފޮޓޯ: އެމްޑީޕީ

ދިވެހިންނަކީ މިނިވަން ކަމަށް ލޯބިކުރާ އިންސާފު ބޭނުންވާ ބައެއް ކަން ފާހަގަ ކުރައްވައި ނަޝީދު ވިދާޅުވީ އިންތިޚާބީ ރައީސް، އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ގެ ޒައާމަތުގައި ރައްޔިތުންގެ ބޭނުންތަކާއި އެދުންތަކާއި އުންމީދުތައް ހަގީގަތަކަށް ހައްދަވައި ދެއްވާނެ ކަމަށެވެ.

"އަޅުގަނޑުމެން އިންތިޚާބެއްގައި މަސައްކަތް ކުރަނީ އަމިއްލަ ފައިދާއަކަށް ނޫން. ހަމަ ކަށަވަރުން ވެސް މިދިޔަ އިންތިޚާބުގައި މާލީ ގޮތުން އަޅުގަނޑަށް ލިބެން އޮތް އެއްވެސް އެެއްޗެއް ނެތް. އަޅުގަނޑުމެން މަސައްކަތް ކުރަނީ ވެރިކަމުގެ ޖާހާއި ވެރިކަމުގެ ލައްޒަތަކަށް ނޫން،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި ދިވެހިން މިނިވަން ކަމަށް އެދި، ޑިމޮކްރަޓިކް އުސޫލުތަކަށް ތާއީދު ކުރަނީ ތަނަވަސް ދިރިއުޅުމެއް ހޯދުމުގެ ބޭނުމުގަ އެވެ. ރައްޔިތުން ހާސް ކަމެއް ނެތި، ދިރިއުޅެވޭނެ ގޮތްތައް ބޭނުންވިޔަސް، އާއިލާއާ އެކީގައި ރިވެތި ދިރިއުޅުމެއް ނޫޅެވޭ ކަމަށް ނަޝީދު ވިދާޅުވި އެވެ.

ހުޅުމީދޫން މިސާލު ނަންގަވައި ނަޝީދު ވިދާޅުވީ ރަށުގެ އާބާދީގެ 60 ޕަސަންޓު މީހުން ދިރިއުޅެނީ ރަށުން ބޭރުގައި ކަމަށެވެ. އެގޮތުން، ގިނަ މީހުންނަށް ލިބޭ އާމްދަނީ ހޭދަ ކުރަނީ ކުލި ދެއްކުމަށާއި ކަންމަތީ ސްޓޯރަށް ދަރާފައި ހުރި ފައިސާތައް ދެއްކުމަށް ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. ނަޝީދު ވިދާޅުވި ގޮތުގައި ގިނަ ބަޔަކު މިއަދު ތިބީ ކަރަންޓާއި ފެން ބިލު ވެސް ނުދެއްކޭ ހާލަތުގަ އެވެ.

ނަޝީދު މިއަދު ހުޅުދުއަށް ވަޑައިގެން، އާންމުންނާ ސަލާމް ކުރައްވަނީ. --- ފޮޓޯ: އެމްޑީޕީ

ނަޝީދު މިއަދު ހުޅުދުއަށް ވަޑައިގެން، އާންމުންނާ ސަލާމް ކުރައްވަނީ. --- ފޮޓޯ: އެމްޑީޕީ

ނަޝީދު ވިދާޅުވި ގޮތުގައި އެމަނިކުފާނުގެ އަމާޒަކީ ރާއްޖޭގައި ތަނަވަސް ދިރިއުޅުމެއް ހޯދައި ދިނުމެވެ. އަދި ލާމަރުކަޒީ ރާއްޖެއެއް ހޯދައިގެން ނޫނީ ދިވެހިންނަށް ހައްގު މިންވަރު ނުލިބޭނެ ކަމަށް ވިދާޅުވި އެވެ. ތަރައްގީގެ ނާރެހަކީ ޖީބަށް ވަންނަ ފައިސާ އިތުރުވުމާއި ތަކެތީގެ އަގު ދަށްވެގެން ދިއުން ކަން ފާހަގަ ކުރައްވައި ނަޝީދު ވަނީ އެ މަސައްކަތްޕުޅުގައި ދެމިހުންނަވާނެ ކަމަށް ވިދާޅުވެފަ އެވެ.

އެމްޑީޕީގެ ބޮޑު މެޖޯރިޓީއެއް އޮންނަ އައްޑޫގެ ވާހަކަ ފާހަގަ ކުރައްވައި ނަޝީދު ވިދާޅުވީ އައްޑޫ ތަރައްގީކޮށްގެން ނޫނީ ރާއްޖެއަށް ތަރައްގީ ނުލިބޭނެ ކަމަށެވެ. އައްޑުއަކީ މުއްސަނދި ކުރެވޭނެ އަތޮޅެއް ކަމަށާއި އެ އަތޮޅު ތަރައްގީ ކުރުމުގައި ވެސް އަވަދިނެތި ހުންނަވާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

އައްޑު އަށް އަމާޒުކޮށްގެން މިހާރު މަޝްރޫއުތައް ކުރިއަށް ނުދާ ކަމަށް ވިދާޅުވެ، ނަޝީދު ވަނީ މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. ނަޝީދު ވިދާޅުވި ގޮތުގައި ސިޓީ ކައުންސިލްގެ ބާރުތައް މާލޭގައި ހުންނަަވާ ވަޒީރެއްގެ މޭޒުކޮޅުގައި ވަނީ ހިފަހައްޓައިފަ އެވެ. އަދި އިދިކޮޅު ކޯލިޝަނުން ނުކުމެ ތިބީ ސިޓީ ކައުންސިލްގެ ބާރުތައް އަލުން ފޯރުކޮށްދިނުމަށް ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު މިއަދު ހަވީރު ހުޅުދު އަށް ވަޑައިގަތުމުން، އެމަނިކުފާނަށް އެ ރަށުގެ ރައްޔިތުން ވަނީ ހޫނު މަރުހަބާއެއް ދަންނަވައިފަ އެވެ.