ކުރީގެ ރައީސް މުހައްމަދު ނަޝީދަކީ ޑިމޮކްރަސީ އާއި އިންސާނީ ހައްގުތަކަށް ބުރަކޮށް މަސައްކަތްޕުޅު ކުރައްވާ ލީޑަރެއް ކަމަށް ވިދާޅުވެ، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަނބަލުން ދުންޔާ މައުމޫން މިއަދު ނަޝީދަށް ވަރަށް ބޮޑަށް ތައުރީފްކުރައްވައިފި އެވެ.
03 އޮކްޓޯބަރ 2018
ކުރީގެ ރައީސް މުހައްމަދު ނަޝީދަކީ ޑިމޮކްރަސީ އާއި އިންސާނީ ހައްގުތަކަށް ބުރަކޮށް މަސައްކަތްޕުޅު ކުރައްވާ ލީޑަރެއް ކަމަށް ވިދާޅުވެ، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަނބަލުން ދުންޔާ މައުމޫން މިއަދު ނަޝީދަށް ވަރަށް ބޮޑަށް ތައުރީފްކުރައްވައިފި އެވެ.
ނަޝީދުގެ ބައެއް ސިޔާސަތުތަކަށް މީގެ ކުރިން ފާޑުވިދާޅުވި، ދުންޔާ މިއަދު ވަނީ ނަޝީދާ އެކު ނެންގެވި ފޮޓޯއެއް ވެސް އޭނާގެ ފޭސްބުކް ޕޭޖްގައި އާންމުކުރައްވައިފަ އެވެ.
ދުންޔާ ވިދާޅުވި ގޮތުގައި އެއީ މީގެ ދުވަސްތަކެއް ކުރިން ނަޝީދާ އެކު ބޭއްވި ބައްދަލުވުމެއްގައި ނެންގެވި ފޮޓޯއެކެވެ. އެމަނިކުފާނާ އެކު ކުރެއްވި މަޝްވަރާތަކުން ޝައުގުވެރި އެތައް ވާހަކައެއް އިވިވަޑައިގެންނެވި ކަމަށް ވެސް، ރައީސް އަބްދުﷲ ޔާމީންގެ ފުރަތަމަ ފޮރިން މިނިސްޓަރު ވިދާޅުވި އެވެ.
ދުންޔާ ފޭސްބުކް ޕޭޖްގައި ކުރެއްވި ޕޯސްޓު.
ދުންޔާ ވިދާޅުވީ ސިޔާސީ ގޮތުން "ދެކޮޅުވެރިންގެ ގޮތުގައި" މީގެ ކުރިން ތިއްބެވި ކަމަށް ވިޔަސް ޑިމޮކްރަސީ އާއި އިންސާނީ ހައްގުތައް ކަށަވަރުކޮށް ދެއްވަން ނަޝީދު ކުރައްވާ މަސައްކަތްޕުޅުތަކަށް އިހްތިރާމް ކުރައްވާ ކަމަށެވެ.
"އަޅުގަނޑު ތާއީދުކުރީ ވެސް މަޝްވަރާ އިން ކަންކަން ހައްލުކުރުމަށާއި ދެކޮޅުވެރިކަމާއި ބައިބައިވުން ނައްތާލުމަށް،" ފޮރިން މިނިސްޓަރުކަމުން އިސްތިއުފާ ދެއްވިތާ މާ ގިނަ ދުވަހެއް ނުވެ، ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ވަޑައިގެންނެވި ދުންޔާ ވިދާޅުވި އެވެ.
ބޮޑުބޭބޭފުޅު ރައީސް ޔާމީންގެ ސަރުކާރުން ދެ ވަނަ ފަހަރަށް އޭނާ އިސްތިއުފާ ދެއްވީ، ފެބްރުއަރީ 1 ގެ ސުޕްރީމް ކޯޓުގެ ހުކުމަށް ފަހު، މައުމޫން ހައްޔަރުކުރުމުންނެވެ.
ދުންޔާ ވިދާޅުވި ގޮތުގައި މާޒީވި ކަންކަމަށް ފަހު، މިހާރު ދާންވީ ކުރިއަށެވެ. ސިޔާސީ ދެކޮޅުވެރިކަމުގެ ސަބަބުން އުފެދިފައިވާ "ޒަހަމްތަކަށް" ފަރުވާ ހޯދަން އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާއި ނަޝީދު ހިމެނިވަޑައިގަންނަވާ ގޮތަށް ސިޔާސީ ލީޑަރުން ބޮޑު މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑަށް ޔަގީންކަން އެބަ އޮތް، ގުޅިގެން ކުރާ ބުރަ މަސައްކަތުގެ ސަބަބުން ވަރަށް ގިނަ ކަންކަން ހާސިލްވެގެންދާނެ ކަމަށް. ކާމިޔާބަށް އެދެން،" ނަސްލީ އިމްތިޔާޒާ ދެކޮޅަށް މަސައްކަތް ކުރެއްވި ނެލްސަން މަންޑޭލާގެ ބަސްކޮޅަކުން މިސާލު ނަންގަވައި، ދުންޔާ ވިދާޅުވި އެވެ.
ޖުލައި 5، 2016 ގައި ފޮރިން މިނިސްޓަރުކަމުން ދުންޔާ އިސްތިއުފާ ދެއްވީ ރައީސް ޔާމީނަށް ކުރައްވާ ތާއީދު އަނބުރާ ގެންދެވިކަން މައުމޫން އިއުލާންކުރެއްވުމުންނެވެ.
އިބޫ އިންތިޚާބު ކާމިޔާބު ކުރާނީ 70 ޕަސެންޓުން: އަލީ
އަމާޒަކީ ކޯލިޝަން ދެމެހެއްޓުން: އަދާލަތު
ވަކިވަކިން އެއްބަސްވެފައިވާ އެއްބަސްވުމެއް އެބައޮތް
ހަނީމޫން އަދި ނުނިމޭ، ކޯލިޝަން ތެރޭގައި އަރައިރުން؟
އާ ސަރުކާރު: އުއްމީދުތައް ހާސިލްވެދާނެތަ؟
އަޅުގަނޑުމެން ވެރިކަމުގެ ލައްޒަތުގައި ނޫޅޭނަން: ނަޝީދު
ކޯލިޝަން ދަމަހައްޓަން އެމްޑީޕީގެ އެހީ ބޭނުން: އިބޫ
އެއް ކެންޑިޑޭޓަކު ކަނޑައެޅުމުގެ މަޝްވަރާ އަލުން ފަށަނީ
އެމްޑީޕީ ފިޔަވައި އެހެން ޕާޓީތަކަށް ޕީޕީއެމްގެ ދައުވަތު
ރައީސްގެ ތާއީދު އޮތީ އެމްޑީޕީ މީހުންނަށް އެކަންޏެއްނޫން