ސަރުކާރާއި ސިޔާސީ ޕާޓީތަކުގެ މަޝްވަރާ ފަށަން މަގުފަހިވާނެ ހައްލެއް ހޯދުމަށް، އިދިކޮޅު ޕާޓީތަކުން އދ.ގެ ޕޮލިޓިކަލް އެފެއާޒްގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް މިރޯސްލަވް ޖެންކާއާ އިއްޔެ ބައްދަލުކޮށްފި އެވެ.
15 މާޗް 2018
ސަރުކާރާއި ސިޔާސީ ޕާޓީތަކުގެ މަޝްވަރާ ފަށަން މަގުފަހިވާނެ ހައްލެއް ހޯދުމަށް، އިދިކޮޅު ޕާޓީތަކުން އދ.ގެ ޕޮލިޓިކަލް އެފެއާޒްގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް މިރޯސްލަވް ޖެންކާއާ އިއްޔެ ބައްދަލުކޮށްފި އެވެ.
ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހުރި ކަންބޮޑުވުންތަކާއި މަޝްވަރާ ނުފެށި ލަސްވާ ސަބަބުތައް ޖެންކާއާ ހިއްސާކުރީ އިދކޮޅު ފަރާތްތަކުގެ އިސް ވަފުދެއް، ނިއު ޔޯކްގައި ހުންނަ އދ.ގެ މައި އިދާރާ އަށް ވަޑައިގެން، ބޭއްވި ބައްދަލުވުމުގަ އެވެ.
މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތް ބޭފުޅުންގެ ތެރޭގައި އެމްޑީޕީ ސަރުކާރުގެ ފޮރިން މިނިސްޓަރު މުހައްމަދު ނަސީމާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ގާނޫނީ ވަކީލް މައުމޫން ހަމީދާއި އަދާލަތު ޕާޓީގެ ބައިނަލްއަގުވާމީ ގުޅުންތަކާ ބެހޭ ކޮމެޓީގެ މުގައްރިރު ޝިދާތާ ޝަރީފް ހިމެނިވަޑައިގަންނަވަ އެވެ.
މި ބޭފުޅުން، އދ. އަށް ހުށަހެޅުއްވި މައިގަނޑު ކަންބޮޑުވުމަކީ، އެނގިފައިވާ ގޮތުގައި، ސިޔާސީ ޕާޓީތަކާ އެކު މަޝްވަރާ ކުރިއަށް ގެންދަން ސަރުކާރުގެ އިޚްލާސްތެރިކަމެއް ނެތް ކަމުގެ ކަންބޮޑުވުންތަކެވެ. އެހެންވެ، މަޝްވަރާތައް ފަށަން ޔޫއެންގެ އެހީތެރިކަމަށް މި ބޭފުޅުން ވަނީ އެދިވަޑައިގެންފަ އެވެ.
އިދިކޮޅުން ބޭނުން ވަނީ، އދ.ގެ ބައިވެރިވުމާ އެކު މަޝްވަރާތައް ކުރިއަށް ގެންދާށެވެ. އެކަމަކު، މި ހާލަތުގައި އދ.ގެ ބައިވެރިވުން މުހިއްމު ނޫން ކަމަށް ދިވެހި ސަރުކާރުން އދ. އަށް އަންގާފައިވާ ކަމަށް އެތަނުގެ މީޑިއާ އޮފިޝަލަކު ވަނީ ވިދާޅުވެފަ އެވެ. އެގޮތަށް ސަރުކާރުން އަންގާފައި ނުވާނެ ކަމަށާއި، މަޝްވަރާގައި އދ. އިން ބައިވެރިވާން ދިވެހި ސަރުކާރުން ދިން ދައުވަތު އަދިވެސް ހުޅުވިފައި އޮތް ކަމަށް މަޝްވަރާގެ އިސް މަންދޫބު، ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވަނީ ވިދާޅުވެފަ އެވެ.
އިދިކޮޅު ފަރާތްތަކާ އެކު ބޭއްވި ބައްދަލުވުމަށް ފަހު ޔޫއެންގެ ޕޮލިޓިކަލް އެފެއާޒް އިން ކުރި ޓުވީޓެއްގައި ބުނެފައި ވަނީ، ސިޔާސީ ޕާޓީތަކާއި ސަރުކާރުން މަޝްވަރާކޮށްގެން، ރާއްޖޭގެ ސިޔާސީ ކަންކަމަށް ހައްލެއް ހޯދަން ޖެހޭ ކަމަށް ސެކްރެޓަރީ ޖެނެރަލް ގަބޫލުކުރައްވާ ކަމަށެވެ. އެކަމުގައި ޔޫއެން އިން އެހީތެރިވާން ތައްޔާރަށް ތިބި ކަމަށް ވެސް އެ ޓުވީޓުގައިވެ އެވެ.
ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހުރި މައްސަލަތަކަށް މަޝްވަރާކޮށްގެން ހައްލު ހޯދުމަށް ބައިނަލްއަގުވާމީ މުޖުތަމައުން ތަކުރާރުކޮށް އަންނަނީ ގޮވާލަމުންނެވެ. އެކަމަކު މި މަޝްވަރާ ކުރިއަށް ގެންދެވޭނެ ފަދަ އެއްވެސް މަގެއް އަދި ނުކޮށެވެ. ސަބަބަކީ، ސަރުކާރާއި އިދިކޮޅު ފަރާތްތަކުން ވެސް މަޝްވަރާ ފަށަން ޝަރުތުތައް ކުރިމަތިކުރުމެވެ.
އިދިކޮޅުން ޝަރުތުކުރަނީ، މަޝްވަރާ ފެށުމަށް ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމާއި މިދިޔަ މަހު އެކެއްގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާ އެއްގޮތަށް އެ އަމުރުގައި ބުނާ މީހުން ޖަލުން މިނިވަންކުރުމުގެ އިތުރުން އދ.ގެ ބައިވެރިވުމާ އެކު މަޝްވަރާތައް ކުރިއަށް ގެންދަން ސަރުކާރުން އެއްބަސްވުމަށެވެ. އެކަމަކު ސަރުކާރުގެ ޝަރުތަކީ، އެއްވެސް ޝަރުތެއް ކުރިމަތި ނުކޮށް މަޝްވަރާގެ މޭޒަށް އައުމެވެ.
ހައްލެއް ފެނޭތޯ ޔޫއެންގެ ވަފުދެއް ރާއްޖޭގައި
ސަރުކާރާ މަޝްވަރާކުރާނެ މާހައުލެއް ނެތް: އިބޫ
ފިޔަވަޅު އެޅުމުގެ ކުރިން މަޝްވަރާ ފަށަން އެދިއްޖެ
މަޝްވަރާގައި އދ ބައިވެރިކުރަން ދެކޮޅެއް ނޫން: ޝައިނީ
މަޝްވަރާގައި ބައިވެރިވުމާމެދު އެމްޑީޕީން ގޮތެއް ނިންމަނީ
ޕާޓީ ގޭމް ތެރެއަށް ޗައިނާ ނުވެއްދޭނެ: ސަފީރު
ޕީޕީއެމުން ދެއްކީ "ބިޔަ މަންޒަރެއް"، މިވީ ކިހިނެއް؟
ޕީޕީއެމަށް 30،000، އިދިކޮޅަށް ފެނުނީ 3،000!
މަޝްވަރާގެ ދައުވަތު ގަބޫލުކުރަން ސަރުކާރުން ގޮވާލައިފި
ރަނިން މޭޓު ނުދެއްކި ލަސްވަނީ!