Roadha Mihaaru

ޔާމީން މިިނިވަންކުރަން އިދިކޮޅުން ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މިނިވަންވުމާ އެކު، ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރަން ގޮވާލައި، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަތުމަށް މަޖިލީހުން ނިންމައިފި އެވެ.

ޔާމީން މިިނިވަންކުރަން ހުށަހެޅި މައްސަލަ ބޭރުކޮށްލައިިފި
މުއިއްޒު އިބްރާހިމް
މުއިއްޒު އިބްރާހިމް

15 ޖުލައި 2020

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މިނިވަންވުމާ އެކު، ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރަން ގޮވާލައި، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަތުމަށް މަޖިލީހުން ނިންމައިފި އެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތުގެ މައްސަލާގަައި އަދީބުގެ މައްޗަށް ކުރި ދައުވާތައް ކްރިމިނަލް ކޯޓުން އިއްޔެ ބޭރުކޮށްލުމާ އެކު، އޭނާ ވަނީ މިނިވަންވެފަ އެވެ. އެކަމަކު އެ މައްސަލަ އިސްތިއުނާފް ކުރަން ދައުލަތުން ވަނީ ނިންމައިފަ އެވެ.

އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީ އަށް ނިސްބަތްވާ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހެޅުއްވީ ޔާމީން ޖަލަށްލީ އަދީބުގެ ހެކިބަހަށް ރިއާޔަތް ކޮށްފައި ވަނިކޮށް އަދީބުގެ މައްސަލަތައް ބޭރުކޮށްލުމުންނާއި އަދީބަށް މަޖުބޫރު ކޮށްގެން ބަޔާން ހޯދި ކަމަށް ކްރިމިނަލް ކޯޓުގެ ނިންމުމުގައި ބުނެފައިވާ ކަމަށެވެ. އަދި އެކަމުގައި އޭރުގެ ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމާއި ފުލުހުންގެ ބައެއް އިސްވެރިން ގާނޫނާ ޚިލާފަށް އަމަލުކުރި ކަމަށް އެ ނިންމުމުގައި ފާހަގަ ކޮށްފައިވާ ކަމަށް އެ މައްސަލާގައިވެ އެވެ.

އެހެންވެ، ޔާމީނަށް ހުކުމްކުރީ ގާނޫނާ ޚިލާފް ހެކިތަކަކަށް ބިނާކޮށް ކަމަށާއި އަދި ޔާމީން ޖަލުގައި ބެހެއްޓޭނެ ހަމައެއް ނެތް ވެސް އެ މައްސަލާގައިވެ އެވެ.

އެ މައްސަލަ އަށް ބަހުސް ކުރަން ފެނޭތޯ މަޖިލީހުގައި ނެގި ވޯޓުގައި 20 މެމްބަރުން ވޯޓު ދެއްވީ އެ މައްސަލަ އަށް ބަހުސް ނުކުރުމަށެވެ. އެކަމަށް ތާއީދު ކުރެއްވީ އެންމެ ހަތް މެމްބަރުން ކަމަށްވާތީ އެ މައްސަލަ ބަލައިގަތުމަށް ފާހެއް ނުވި އެވެ.

މެމްބަރު އާދަމް ޝަރީފް ހުށަހެޅުއްވި ކުއްލި މައްސަލަ ބަލައިނުގަތަސް، އަދީބު މިނިވަންކުރި މައްސަލަ އިސްތިއުނާފް ކުރުމަށާއި އެ މައްސަލަ ކްރިމިނަލް ކޯޓުން ނިންމެވި ގާޒީ އިސްމާއިލް ރަޝީދުގެ ސުލޫކީ މައްސަލަ ބެލުމަށް ޖުޑީޝަލް ސާވިސް ކޮޮމިޝަން (ޖޭއެސްސީ) އަށް ހުށަހެޅުމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ހުށަހެޅުއްވި މައްސަލަ މިއަދު ވަނީ މަޖިލީހަށް ބަލައިގެންފަ އެވެ. އެ މައްސަލައިގެ ބަހުސް މިހާރު ވަނީ ފަށައިފަ އެވެ.

އަދީބަށް ކުރި ދައުވާތައް ބޭރުކޮށްލި މައްސަލަ އިސްތިއުނާފް ކުރަން ނިންމައި، އޭނާ ފުރުން މަނާކޮށް ރޭ ވަނީ އަމުރެއް ނެރެފަ އެވެ.