Roadha Mihaaru
މިއީ މާފުކޮށް، ގުޅުން ބަދަހިކުރަންވީ ދުވަސް: ރައީސް

މިއީ މާފުކޮށް، ހިތްހެޔޮކަމާއި އޯގާތެރިކަމާއި ކުލުނާ އެކު، އިޖުތިމާއީ ގުޅުންތައް ބަދަހިކުރަންވީ ދުވަސް: ރައީސް

04 ޖޫން 2019

އީދު ދުވަހަކީ، އެކަކު އަނެކަކަށް މާފުކޮށް، ހިތްހެޔޮކަމާއި އޯގާތެރިކަމާއި ކުލުނާ އެކު، އިޖުތިމާއީ ގުޅުންތައް ބަދަހިކުރަންވީ ދުވަސް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

އީދު ދުވަހަކީ، އެކަކު އަނެކަކަށް މާފުކޮށް، ހިތްހެޔޮކަމާއި އޯގާތެރިކަމާއި ކުލުނާ އެކު، އިޖުތިމާއީ ގުޅުންތައް ބަދަހިކުރަންވީ ދުވަސް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރާ މި އަހަރުގެ ފިތުރު އީދު ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ތަހުނިއްޔާގެ މެސެޖުގައި ރައީސް ވިދާޅުވީ، މިއީ އުފާ ފާޅުކޮށް، ސާފު ހިތަކާއިގެން އެކަކު އަނެކަކާ ސަލާންކޮށް، އެކުވެރިކަމާއި ރަޙްމަތްތެރިކަން އާލާކުރަންވީ ދުވަސް ކަމަށެވެ. ލޯތްބާ އެކު އެއްބަނޑު އެއްބަފާކަމުގެ ގުޅުންތައް އަލުން ދިރުވައި ދަމަހައްޓަންވީ ދުވަހެވެ.

"މި ހުރިހާ ކަމަކާ އެކު، އަޅުގަނޑުމެން އެންމެ ބޮޑު ސަމާލުކަމެއް ދޭން ޖެހޭނީ، އީދުގެ އުފާ ފާޅުކުރުމުގައި މުޖުތަމައުގެ އެންމެން ޝާމިލު ކުރުމަށެވެ. ދިވެހީންގެ އެއްބައިވަންތަކަމުގެ ނަމޫނާ ސިފަތަކާއި އެއްބައެއްވަންތަކަމުގެ ރީތި އަދަބުތަކާއި އިޖުތިމާއީ ސުލޫކާއި ހަމަތައް ނަގަހައްޓައި ހަރުދަނާ ކުރުމަށް، މިފަދަ އުފާވެރި މުނާސަބާތަކަކީ ރަނުގެ ފުރުސަތުތަކެކެވެ،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަގާމުގައި ހުންނަވައިގެން ފުރަތަމަ ފާހަގަކުރާ އީދު ދުވަހުގެ ތަހުނިއްޔާ މެސެޖުގައި އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި، އީދުގެ އުފާވެރިކަން އަޅުގަނޑުމެންގެ ހަނދާނަށް ގެނެސްދޭ އެންމެ މުހިންމު ކަމަކީ، މުޖްތަމައުގައި ތިބި ތަފާތު ފަންތިތަކުގެ މީހުންގެ ހާލަތެވެ. އަދި ވިދާޅުވީ، އުފާވެރި އީދަކާ މި ބައްދަލުކުރީ، ފަގީރުންނާއި ނިކަމެތިންނާއި މިސްކީނުންގެ ހާލަތު ހަނދާން ކޮށްދިން މޫސުމަކަށް ފަހު ކަމަށެވެ. އެހެންވެ، ރައީސް ވިދާޅުވީ، މިއަދަކީ އެ މީހުންނަށް އެހީތެރިކަން ފޯރުވައި، ދަތިތައް ފިލުވައި ދިނުމަށް އަވަސްވެގަންނަންވީ ދުވަސް ކަމަށެވެ.

"އިޖްތިމާއީ އަދާލަތުގެ ވެސް އެންމެ މުހިންމު މަގުސަދަކީ، މުޖްތަމައުގެ ފަރުދުން، އެއް ހަމަކޮށްދިނުމާއި ތަފާތު ކުރުމާއި ހަވާސާކުރުން ނެތިކޮށްލުމެވެ. ދީލަތިކަން އިސްކޮށް، އަޅުގަނޑުމެންގެ އަޚުންނާއި އުޚުތުންނަށް އެހީތެރިވުމަކީ، އީދުގެ އުފާވެރިކަން މުޅި މުޖްތަމައަށް ފެތުރިގެންދާނޭ ކަމެކެވެ،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ، އީދު ފާހަގަކުރުމަކީ ހަމައެކަނި ދީނީ މުނާސަބަތެއް ނޫން ކަމަށާއި އެއީ އަޅުގަނޑުމެންގެ އިޖުތިމާއީ ގުޅުންތަކާއި ގައުމިއްޔަތުގެ އަގުތައް، އޭގެ ފުރިހަމަ ގޮތުގައި ދެމެހެއްޓުމަކީ ވެސް އީދުގެ އުފާވެރިކަމުގެ ތެރެއިން ކުރެވޭނެ ވަރަށް މުހިންމު ކަންކަން ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި ދިވެހިންނަށް ލިބިފައިވާ ނަމަ، ކޮންމެ ކާމިޔާބެއްގެ އަސްލަކީ، އަޅުގަނޑުމެންގެ މެދުގައި އޮތް އެކުވެރިކަމާއި އެއްބައިވަންތަ ކަމެވެ.

"އެ ކަމަކީ، ކިތަންމެ މުހިންމު އަދި ހާސިލުކުރަން ކިތަންމެ ބޭނުން ކަމަކަށް ވިޔަސް، އަޅުގަނޑުމެންގެ ތެރޭގައި އެކުވެރިކަން ނެތް ނަމަ، އެ ކަމެއް ހާސިލުކުރުން ވާނީ ދަތި އުނދަގޫ ކަމަކަށެވެ. އެހެންކަމުން، މިފަދަ މުނާސަބާތަކަކީ، މުޅި މުޖްތަމައުގެ އެކުވެރިކަން އާލާކޮށް ދެމެހެއްޓުމަށް ލިބިފައިވާ ވަރަށް އަގުހުރި ފުރުސަތެއް ކަމުގައި ދެކި، އެ ފުރުސަތުގެ ބޭނުން ހިފަމާތޯ އެވެ،" ރައީސްގެ އީދުގެ ތަހުނިއްޔާގެ މެސެޖުގައި ވިދާޅުވި އެވެ.