Roadha Mihaaru
ގުޅުން ބަދަހިކުރަން ލިބުނު ފުރުސަތު ދޫކޮށްނުލާ!

ރޯދަ އާއި އީދާ އެކު، ގުޅުން ބަދަހިކުރަން ލިބުނު ފުރުސަތު ދޫކޮށްނުލާ!

21 އެޕްރީލް 2023

ރޯދައިގެ އަޅުކަން ކުރުމަށް ހާއްސަ ވެފައިވާ ރަމަޟާން މަސް ނުވަތަ ރޯދަމަހަކީ އަދި އެ މަސް ނިމުމަށް ފަހު އަންނަ އީދު ދުވަހަކީ މުސްލިމުން ހިއްސާކުރާ އެތައް ކަންތައްތަކެއް ހިމެނޭ މުނާސަބަތު ތަކެކެވެ. މިފަދަ މުނާސަބަތުތަކުގައި މިގޮތަށް އެންމެން ހިއްސާކުރާ ކަންތައްތަކެއް ހުރުމަކީ އެންމެން އެއްބައިވަންތަ ކުރުވަން ލިބޭ ވަރަށް ރަނގަޅު ފުރުސަތެކެވެ. އެހެންކަމުން ރޯދަމަހާއި އީދުގައި އެންމެން އެކުގައި މިގޮތަށް ހިއްސާކުރެވުނު ކަންތައްތަކުގެ މައްޗަށް ބިނާކޮށް މުސްލިމު ކޮންމެ ޖަމާއަތެއްގައި ވެސް އެއްބަޔަކު އަނެއް ބަޔަކަށް އޮންނަ ގުޅުންތަކުގައި މީގެ ކުރިން ލާފައިވާ ރެނދުތައް ބައްދާލައި ގުޅުންތައް އިތުރަށް ބަދަހި ކުރެވޭތޯ ބަލަންޖެހެ އެވެ.

ޑރ. ސަޢުދުﷲ ޢަލީ ޑރ. ސަޢުދުﷲ ޢަލީ

ރޯދައިގެ އަޅުކަން ކުރުމަށް ހާއްސަ ވެފައިވާ ރަމަޟާން މަސް ނުވަތަ ރޯދަމަހަކީ އަދި އެ މަސް ނިމުމަށް ފަހު އަންނަ އީދު ދުވަހަކީ މުސްލިމުން ހިއްސާކުރާ އެތައް ކަންތައްތަކެއް ހިމެނޭ މުނާސަބަތު ތަކެކެވެ. މިފަދަ މުނާސަބަތުތަކުގައި މިގޮތަށް އެންމެން ހިއްސާކުރާ ކަންތައްތަކެއް ހުރުމަކީ އެންމެން އެއްބައިވަންތަ ކުރުވަން ލިބޭ ވަރަށް ރަނގަޅު ފުރުސަތެކެވެ. އެހެންކަމުން ރޯދަމަހާއި އީދުގައި އެންމެން އެކުގައި މިގޮތަށް ހިއްސާކުރެވުނު ކަންތައްތަކުގެ މައްޗަށް ބިނާކޮށް މުސްލިމު ކޮންމެ ޖަމާއަތެއްގައި ވެސް އެއްބަޔަކު އަނެއް ބަޔަކަށް އޮންނަ ގުޅުންތަކުގައި މީގެ ކުރިން ލާފައިވާ ރެނދުތައް ބައްދާލައި ގުޅުންތައް އިތުރަށް ބަދަހި ކުރެވޭތޯ ބަލަންޖެހެ އެވެ.

ރޯދަމަހު އެންމެން ހިއްސާކުރީ އެއްކަންތައްތަކެއް

ރޯދަމަހަކީ މުސްލިމުންނަށް ހިދާޔަތު ލިބޭ އަސާސީ މަސްދަރު ކަމަށްވާ ކީރިތި ޤުރުއާން ބާވައިލެއްވުނު މަހެވެ. މިކަމަށްޓަކައި ކޮންމެ މުސްލިމަކު ވެސް އުފާކުރަން ޖެހެ އެވެ. ރޯދަމަހުގެ ރޯދަތައް ކެތްތެރިކަމާއެކު ހިފުމުގެ ސަބަބުން އިންސާނީ ތަބީއަތުގައިވާ ޝަހުވަތްތެރިކަމުގެ ބާރުގެ މައްޗަށް ތިމާގެ އަމިއްލަ ކޮންޓްރޯލު ބާއްވަން ދަސްވެގެންދެ އެވެ. މިއީ ވެސް މުސްލިމުން އުފާކުރަން ޖެހޭ ކަމެކެވެ. ރިވެތި އަހުލާގުގެ ވަރަށް ގިނަ ސިފަތަކެއް ވެސް ރޯދައިގެ ސަބަބުން ދަސްވެ އެވެ. މިކަން ހާސިލުވުމަކީ ވެސް އުފާކުރަން މުސްލިމުންނަށް ލިބޭ ފުރުސަތެކެވެ.

މި އުފާވެރިކަން ކޮންމެ ފަރުދަކު ވެސް ކުރާތީ މުސްލިމުން އެ ވަނީ އެއް އިހުސާސަކުން އެންމެން ގުޅިފަ އެވެ. މި ގުޅުމަކީ ލޭގެ ނުވަތަ ނަސަބުގެ ގުޅުމެއް ނޫނެވެ. ނަމަވެސް އެއީ އީމާންތެރިކަމުގެ މައްޗަށް ބިނާވެފައިވާ ގުޅުމެކެވެ. އެންމެން އެއްވެގެން އެކީގައި ހެޔޮ އަމަލުތައް ކުރުމުގެ މައްޗަށް ބިނާވެފައިވާ ގުޅުމެކެވެ. މަތިވެރި އުސޫލުތަކާއި ރިވެތި އަހުލާގުގެ މައްޗަށް ބިނާވެފައިވާ ގުޅުމެކެވެ. ކޮންމެ ފަރުދެއްގެ ވެސް އީމާންތެރިކަމަކީ ދެން ތިބި އެހެން އެންމެން ވެސް ހިއްސާކުރި އީމާންތެރިކަމެކެވެ. އެއީ އެއްކައުވަންތަ ﷲ އަށް އެންމެން ވީ އީމާނެވެ. ރޯދަ އާއި ނަމާދާއި ކީރިތި ޤުރްއާން ކިޔެވުމާއި ދުއާކުރުމުގައި ޖަމާއަތުގައި ވިޔަސް ނުވަތަ ވަކިވަކިން ވިޔަސް އެ ކަންކަން ކުރީ ހަމަ ޤުރްއާނާއި ސުންނަތުން ދަސްކުރި ގޮތަށެވެ. އެގޮތް ބުނެދިނުމުގައި އެކި އިލްމުވެރިންގެ ރައުޔުތައް ތަފާތުވުމުން ކުދިކުދި ތަފާތުތައް ހުއްޓަސް އެ ހުރިހާ އިލްމުވެރިންގެ ވެސް މަސްދަރަކީ ހަމަ ޤުރްއާނާއި ސުންނަތް ކަމަށް ވާތީ ތަފާތުތައް އެއްފަރާތް ކޮށްލާފައި ވެސް އެންމެން ހިއްސާކުރީ އެއް އަޅުކަންތަކެކެވެ.

މަތިވެރި އުސޫލުތަކަކާއި ރިވެތި އަހުލާގުތައް ދަސް ކުރިއިރު ވެސް އެންމެން ހިއްސާކުރި ކުރީ ހަމަ ކޮންމެ ފަރުދެއް ވެސް އޭގެ މައްޗަށް ތަރުބިޔަތުވާން ބޭނުންވި މަތިވެރި އުސޫލުތަކާއި ރިވެތި އަހުލާގުތަކެވެ. އެހެންކަމުން މި އެއްގޮތް ހިއްސާ ކުރުންތަކުގެ ސަބަބުން މުސްލިމުން އެކަކުއަނެކަކާ އެ ވަނީ ވަރަށް ވަރުގަދަ އަށް ގުޅިފަ އެވެ.

އީދުގައި ކާމިޔާބީތައް ފާހަގަކުރަނީ އެންމެން އެކުގައި

އެއްވެސް ޖަމާޢަތެއްގެ ތެރޭގައި އީދެއް ފާހަގަ ކުރުމަކީ އޭގެ ސަބަބުން އެ ޖަމާއަތުގެ އެކިއެކި ފަރުދުންގެ މެދުގައި އޮންނަ އެކިއެކި ގުޅުންތަކާ މެދު ހޭލުންތެރިކަން އުފައްދާ ކަމެކެވެ. އެހެނީ ކޮންމެ ޖަމާއަތެއް ވެސް އީދެއްގެ ގޮތުގައި ދުވަހެއް ފާހަގަކުރާ ނަމަ އެކަން ކުރާނީ ކޮންމެވެސް ކަހަލަ ކާމިޔާބީތަކެއް އެ ޖަމާއަތުގެ މީހުންނަށް ލިބުމުން އޭގެ ޒިކުރާ އާކުރުމުގެ ގޮތުންނެވެ. އެ ކާމިޔާބީތައް ގުޅިފައިވާނީ އެ ޖަމާއަތުގެ މީހުން ހާސިލު ކުރަން ބޭނުންވި ވަކި ލަނޑުދަނޑި ތަކަކާ އެވެ. މި ހިސާބުން އެކަނި ވެސް އެ ވަނީ އެ ޖަމާއަތުގެ އެކަކު އަނެކަކާ ގުޅިފަ އެވެ. އެހެންކަމުން އެ ލަނޑުދަނޑިތައް ހާސިލުވުމުން ކުރާ އުފަލުގައި އެ ގުޅުންތަކާ މެދު ވިސްނަން ފުރުސަތު ލިބި، ހޭލުންތެރިކަން ގެނެސްދިނުމަކީ ވަރަށް ތަބީއީ ކަމެކެވެ.

މުސްލިމުން ކޮންމެ އަހަރަކު ފާހަގަކުރަމުން ގެންދާ ފިތުރު އީދާއި އަޟްޙާ އީދަކީ ވެސް މުސްލިމް އުންމަތަށް ނުވަތަ ޖަމާއަތަށް ލިބުނު މަތިވެރި ނަސްރަކާއި ކާމިޔާބެއްގެ ޒިކުރާ އާކުރާ ދެ ދުވަހެވެ. ފިތުރު އީދުގައި ފާހަގަކުރަނީ ރޯދައިގެ އަޅުކަން ފުރިހަމަ ކުރެވުމުގެ ކާމިޔާބީ އެވެ. އަޟްޙާ އީދުގައި ފާހަގަކުރަނީ ހައްޖުގެ އަޅުކަން ފުރިހަމަ ކުރެވުމުގެ ކާމިޔާބީ އެވެ. މި އަޅުކަންތައް ފުރިހަމަކޮށް ކުރުމަކީ ކޮންމެ މުސްލިމެއްގެ ވެސް އަމާޒެވެ. ވީމާ އެންމެ ފުރަތަމަ ވެސް އެ އަމާޒުގައި އެންމެން ބައިވެރިވެ އެވެ. އެ އަށް ފަހު އެ ކާމިޔާބުގައި އެންމެން ބައިވެރިވެ އެވެ. ހަމަ މިއާ އެކު އެ އަޅުކަންތައްތަކުން ދަސްވި އެކިއެކި ހަމަތަކާއި ރިވެތި އަހުލާގަކީ ވެސް ކޮންމެ މުސްލިމަކު ވެސް ވަރަށް ބޮޑު އިސްކަމެއްދޭ ކަމެކެވެ.

އީދުގައި ކުރާ ކަންކަން ވެސް ކުރަނީ އެންމެން އެއްބައިވެގެން

މުސްލިމުންގެ އަމާޒުތައް ކާމިޔާބުވުމުން އެކަމުގެ އުފަލުގައި ފާހަގަކުރާ އީދުގައި އެކަކު އަނެކަކާ މެދު ބާއްވަން ޖެހޭ ގުޅުންތަކާ މެދު ވިސްނާލަން ފުރުސަތު ލިބެ އެވެ. އެހެނީ އެ ގުޅުންތަކުގެ މަތިން ހަނދާންވާ ފުރުސަތަކަށް އީދު ވާތީ އެވެ. އެ ހަނދާންތައް އައުވުމަށް އެހީތެރިވެދޭ ބައެއް ސުންނަތްތައް އީދުގައި ހިމެނިފައިވާތީ އެވެ. މިސާލަކަށް އެންމެން އެއްވާ އެއްވުމެކެވެ. އެންމެން ކިޔަންޖެހޭ އެއް ކިޔުންތަކެވެ. އީދު ނަމާދަށް އެއްވުން ސުންނަތް ވެގެން ވަނީ ތަފާތު ގިނަ ތަންތަނަށް ވުރެ ވީހާ ގިނަބަޔަކު އެއްތަނަކަށެވެ.

އެ ނަމާދުގައި ކިޔަވަން ޖެހެނީ އަޑުހަރުކޮށެވެ. އީދު ވިލޭރެ އާއި އީދު ދުވަހު ތަކުބީރުގެ އަޑުން ޖައްވު ގުގުމާލަން ޖެހެ އެވެ. ފެނުމާއި ވަސްބެލުމުގެ އިހުސާސަށް އެއްވެސް ކަހަލަ ހީނަރުކަމެއް އަޔަނުދިނުމަށްޓަކައި ރީތި އައު ފޭރާންލައި ހުވަނދުލާން ޖެހެ އެވެ. އެންމެންނަށް އީދު އިއުލާނު ކުރަން ޖެހެ އެވެ. އީދު ނަމާދަށް ދާ މަގާއި އެނބުރި ގެ އަށް ދާ މަގު ތަފާތު ކުރުމުގެ ބޭނުމަކީ ވެސް އެކަން ބޮޑަށް އިއުލާނު ކުރުމެވެ.

އެންމެން އެއްވެ، ވަކި މިންގަނޑުތަކެއްގައި ހިފަހައްޓައިގެން ތިބެ ހުއްދަ ކުޅިވަރުތައް ކުޅުމަކީ އެ ދުވަހުގެ އުފާފާޅުކުރުމަށްޓަކައި ކުރެވިދާނެ ކަމެކެވެ. މިފަދަ ހުރިހާ ކަންކަމެއްގެ ސަބަބުން މުސްލިމުންގެ މެދުގައި އޮންނަން ޖެހޭ ގުޅުންތަކާ މެދު ހޭލުންތެރި ކުރުވަ އެވެ. އީމާންތެރިކަމާއި މާތް އުސޫލުތަކާއި ރިވެތި އަހުލާގުގެ މައްޗަށް ބިނާވެފައިވި މަގުސަދުތައް ހާސިލު ވުމުގެ އުފާ ކުރެވެ އެވެ. އެ މަގުސަދުތަކަކީ އޭގައި އެންމެހައި މުސްލިމުން ބައިވެރިވާ މަގުސަދު ތަކެކެވެ.

ނަތީޖާއެއްގެ ގޮތުން މުސްލިމުންގެ އެއްބައިވަންތަކަމުގެ ޝުއޫރު އާލާވެ އެވެ. ނިކަމެތިންގެ މައްޗަށް ފޯރާމީހުންގެ ހިތްތަކުގައި ކުލުނު އުފެދެ އެވެ. އަވައްޓެރިކަމުގެ ގުޅުން ބަދަހިވެ އެވެ. ގާތްތިމާގެ މީހުންނާއި ޔަތީމުންނާއި މިސްކީނުންނަށް ރިއާޔަތް ކުރަން ބޭނުންވެ އެވެ. ނަފްސާއި މުދަލާއި އެ ނޫން ވެސް އެންމެހައި ހުރުމަތްތެރިވެގެންވާ ކަންކަމުގެ ހުރުމަތްތެރިކަން ދަމަހައްޓަން އަޒުމް އާލާވެ އެވެ.

ރޯދަ އޭގެ ރޫހާ އެކުގައި ހިފައި އީދު ވެސް އޭގެ ރޫހާ އެކުގައި ފާހަގަކޮށްފި ނަމަ މި ފާހަގަކުރި ފަދަ އެއްބައިވަންތަކަމުގެ ގުޅުން ވަރުގަދަވާނެ އެވެ. ނުވަތަ ކޮންމެވެސް ސަބަބުތަކަކާ ހުރެ އެ ކަންކަން ހަގީގަތުގައި ހާސިލު ނުވި ނަމަވެސް މިކަންކަން އަދިވެސް ހާސިލުވޭތޯ ބަލަންޖެހެ އެވެ.