Roadha Mihaaru
އީމާންކަމާއި އިންސާނިއްޔަތަށް ގަދަރުކުރުން

އީމާންކަމާއި އިންސާނިއްޔަތަށް ގަދަރުކުރުން

14 އެޕްރީލް 2023

އިސްލާމްދީނުގެ ހާއްސަ ސިފަތަކުގެ ތެރެއިން އެއް ސިފައަކީ އެއްވެސް ކަމެއްގައި ވަކި އަތަކަށް ބުރަނުވެ، ވަޒަން ހިފެހެއްޓުމެވެ. ވަޒަން ހިފަހައްޓާ ކަންކަމުގެ ތެރެއިން އެއް ކަމަކީ ﷲ އަށް އީމާންވެ، އެކަލާނގެ އަށް އަޅުވެތިވާ އިރު އަނެއްކޮޅުން އިންސާނިއްޔަތު ގަބޫލުކޮށް، އިންސާނިއްޔަތަށް ގަދަރު ކުރުމެވެ. މީގެ މާނައަކީ އިބާދާތަށް ވަގުތު ދިނުމާއެކު، އިންސާނިއްޔަތަށްޓަކައި ކުރަން އިސްލާމްދީނުގައި ކަނޑައެޅިފައިވާ ކަންކަން ވެސް ފުރިހަމަ ކުރުމެވެ.

ޑރ. ސަޢުދުﷲ ޢަލީ ޑރ. ސަޢުދުﷲ ޢަލީ

އިސްލާމްދީނުގެ ހާއްސަ ސިފަތަކުގެ ތެރެއިން އެއް ސިފައަކީ އެއްވެސް ކަމެއްގައި ވަކި އަތަކަށް ބުރަނުވެ، ވަޒަން ހިފެހެއްޓުމެވެ. ވަޒަން ހިފަހައްޓާ ކަންކަމުގެ ތެރެއިން އެއް ކަމަކީ ﷲ އަށް އީމާންވެ، އެކަލާނގެ އަށް އަޅުވެތިވާ އިރު އަނެއްކޮޅުން އިންސާނިއްޔަތު ގަބޫލުކޮށް، އިންސާނިއްޔަތަށް ގަދަރު ކުރުމެވެ. މީގެ މާނައަކީ އިބާދާތަށް ވަގުތު ދިނުމާއެކު، އިންސާނިއްޔަތަށްޓަކައި ކުރަން އިސްލާމްދީނުގައި ކަނޑައެޅިފައިވާ ކަންކަން ވެސް ފުރިހަމަ ކުރުމެވެ.

ﷲ ގެ ސިފަފުޅުތަކާއި އަމަލުފުޅުތައް ހިތުގެ އަޑިން ގަބޫލުކުރުން

މާތް ﷲ އަށް އީމާން ވެވޭނީ ވަރަށް މުހިންމު ކަންތައްތަކެއް ހިތުގެ އަޑިން ގަބޫލު ކޮށްގެންނެވެ. އެއީ އެކަލާނގެއީ މި ކައުނު ހައްދަވައި ކައުނުގައި ހިނގަމުންދާ ހުރިހާ ކަމެއް ތަދުބީރު ކުރައްވާ ކަލާނގެ ކަމެވެ (ފުރުގާން 2). އެކަލާނގެ ހަލްގު ކުރެއްވުން ފުރިހަމަވެފައި، ރިވެތިވެގެންވާ ކަމެވެ (އައްނަމްލު 88، އައްސަޖިދަ 7). އެކަލާނގެ އަކީ އެއްވެސް ބައިވެރިޔަކު އަދި އެކަލާނގެއާ އެއްފަދަ އެހެން ފަރާތެއް ވިއަސް ނުވާ އެއްކައުވަންތަ ކަލާނގެ ކަމެވެ. (ސޫރަތުލް އިހުލާސް). މި ކައުނުގައިވާ ކޮންމެ އެއްޗެއް ވުޖޫދުވުމާއި އޭގައިވާ ފުރިހަމަކަމާއި ވަޒަން ހިފެހެއްޓުން ފަދަ ކަންކަމުން، އެކަލާނގެ ވޮޑިގެންވާ ކަމާއި ކުޅަދުންވަންތަކަމާއި ހިކުމަތްވަންތަކަމަށް ދަލީލުކުރާ ކަމެވެ (އަލްގަމަރު 49). ކައުނުގައިވާ އެއްވެސް އެއްޗެއް އަދި އެއްވެސް ކަމެއް ބާތިލު ގޮތެއްގައި ނުވަތަ ކުޅިވަރެއް ކަމުގައި ހައްދަވާފައި ނުވާ ކަމެވެ (އަލްއަންބިޔާއު 16، އަލްމުއުމިނޫން 115). އެ އިން ކޮންމެ އެއްޗެއްގައި ނުވަތަ ކަމެއްގައި މަތިވެރިވެގެންވާ ހިކުމަތްތަކެއް ލައްވަވާފައިވާ ކަމެވެ. އިންސާނާ އަށް މިކަން އެނގުނަސް އަދި ނޭނގުނަސް ބުއްދީގެ އަހުލުވެރިން ބަހަކީ "އަޅަމެންގެ ވެރި ރަސްކަލާކޮ! އިބަރަސްކަލާނގެ މިތަކެތި ހައްދަވާފައި ވަނީ، ބާތިލު ގޮތެއްގައެއް ނޫނެވެ. އިބަރަސްކަލާނގެ ހުސްތާހިރުވަންތަ ކަމާއޭ!" އެވެ. (އާލްއިމްރާން 191)

މާތް ﷲ އީ ހުރިހާ ކަމެއް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެ އެވެ. އެކަލާނގެ އަށް ވަންހަނާ ވެގެންވާ ހަމަ އެއްކަމެއް ވެސް ނުވެ އެވެ (އަލްހަދީދު 3). އެކަލާނގެއީ ރަޙުމަތްވަންތަ އޯގާވަންތަ ރަސްކަލާނގެ އެވެ. އެކަލާނގެ ކޯފާ އަށް ވުރެ ރަހުމަތް އިސްވެގެންވެ އެވެ. އެކަލާނގެ އަދުލުވަންތަކަމަށް ވުރެ ފަލުލަވަންތަކަން އިސްވެގެންވެ އެވެ. އެކަލާނގެ އުގޫބާތަށް ވުރެ ހިލްމުވަންތަކަން އިސްވެގެންވެ އެވެ. އެކަލާނގެއީ ފާފަ ފުއްސަވައި، ތައުބާ ގަބޫލު ކުރައްވާ ރަސްކަލާނގެ އެވެ (އައްޝޫރާ 25). އެކަލާނގެއީ އެންމެހާ ފުރިހަމަ ސިފަފުޅުތަކުން ސިފަ ލިބިވޮޑިގެންވާ އަދި އެންމެހައި އުނި ސިފަތަކުން ހުސްދުރުވެ ވޮޑިގެންވާ ރަސްކަލާނގެ އެވެ. ވީއިރު ކަލެއްގެ ގޮތުގައި އިންސާނާ ބަލައިގަންނަން ޖެހޭ އެހެން އެއްވެސް ފަރާތެއް ﷲ ފިޔަވައި ނުވެ އެވެ. އިންސާނާ އަޅުކަން ކުރަން ޖެހެނީ އަދި ވާގި އެދެން ޖެހެނީ ހަމައެކަނި އެ ފަރާތުންނެވެ (ސޫރަތުލް ފާތިހާ 5) މުސްލިމުން ކޮންމެ ދުވަހަކު މަދުވެގެން 17 ފަހަރު މި ކަމަށް އިއުތިރާފު ވެ އެވެ.

ﷲ ބަޔާން ކުރައްވާ ގޮތަށް އިންސާނާގެ ހަގީގަތްތައް ގަބޫލުކުރުން

މާތް ﷲ ގެ އެއްކައުވަންތަކަން ގަބޫލު ކުރުމާ އެކު އެކަލާނގެ އަށް އީމާންވެ، ކިޔަމަންވާ ކޮންމެ މީހަކީ އަނެއްކޮޅުން ބަލާއިރު އިންސާނިއްޔަތު ގަބޫލުކޮށް އިންސާނިއްޔަތަށް ގަދަރު ކުރަން ޖެހޭ މީހެކެވެ. މިގޮތުން އިންސާނާއަކީ އެންމެ ފުރިހަމަ ގޮތުގައި މާތް ﷲ ހައްދަވާފައިވާ މަހުލޫގެއްކަން ގަބޫލު ކުރަން ޖެހެ އެވެ (އައްތީން 4). އެހެން މަހުލޫގުންނަށް ވުރެ އިންސާނާ މާތް ކުރައްވާފައިވާ ކަން ގަބޫލު ކުރަން ޖެހެ އެވެ.(އަލްއިސްރާއު 70). އިންސާނާ ހައްދަވާފައި ވަނީ ﷲ އަށް އަޅުވެތިވުމަށްޓަކައި ކަން ގަބޫލު ކުރަން ޖެހެ އެވެ (އައްޛާރިޔާތު 56). އަދި މި އަޅުވެތިކަމުގެ ދަށުން ބިމުގެ ހަލީފާކަން އަދާކުރުމުގެ ބުރަ މަސްއޫލިއްޔަތު އިންސާނާއާ ހަވާލު ކުރެވިފައިވާކަން ގަބޫލު ކުރަން ޖެހެއެވެ. (އަލްބަޤަރާ 30). މި މުހިންމު މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި ބިމުގައިވާ އެންމެހައި ތަކެތި އިންސާނާއަށްޓަކައި ﷲ ކިޔަމަންތެރި ކުރައްވާފައިވާ ކަން ގަބޫލު ކުރަން ޖެހެއެވެ. އަދި ސިއްރާއި ފާޅުގައި އެކަލާނގެ ނިއުމަތްތައް އިންސާނާ އަށް ދެއްވާފައިވާކަން ގަބޫލު ކުރަން ޖެހެ އެވެ (ލުގުމާން 20). އިންސާނާ މި ބިމުގައި އަދާކުރަންޖެހޭ ދައުރު ބަޔާންކޮށްދިނުމަށްޓަކައި ރަސޫލުން ފޮނުއްވައި ފޮތްތައް ބާވައިލެއްވި އެވެ. މިކަން ބަލައިގަތުމުގެ ގާބިލިއްޔަތުގެ ގޮތުގައި ވިސްނައި ފިކުރުކުރުމަށްޓަކައި ބުއްދި އާއި އިލްމު އުނގެނުމުގެ ވަސީލަތްތައް ފަހިކުރެއްވެވި އެވެ. އިންސާނާ ނުދަންނަ ކަންކަން އޭނާއަށް ﷲ އުގަންނައިދެއްވި އެވެ (އައްރަހުމާން 1-4).

އިންސާނާގެ އެއް އަސްލަކީ ބިމުގެ މާއްދީ އުންސުރުތައް ކަމަށް ވިއަސް އޭގައި ފުރާނަ އެޅުވިފައި ވަނީ މާތް ﷲ ގެ ރޫހުފުޅުން ފުމެލެއްވިގެން ކަމަށް ވާތީ އާއި އިންސާނާ އަށް މާތް ﷲ ދެއްވާފައިވާ މާތްކަމަށްޓަކައި އެ މަހުލޫގަށް ގަދަރު ކުރުމުގެ ގޮތުން މަލާއިކަތުން ސަޖިދަ ޖެއްސެވި އެވެ. (ސާދު 71-72). އެކަމަކު އިބްލީސް ބޮޑާވެގަތެވެ. އިންސާނާގެ އަދުއްވެއް ކަމުގައިވާން ބޭނުންވި އެވެ. މިކަން މާތް ﷲ ގަބޫލު ކުރެއްވެވި އެވެ. އެއީ އިންސާނާ އިމްތިހާނު ކުރުމުގައި އިންސާނާގެ ތަބީއަތުގައިވާ ޝަހުވަތްތަކަށް ލެނބުމުގެ ބާރުގެ އިތުރުން ޝަހުވަތްތަކަށް ތަބާވުމަށް ވަސްވާސް ދޭ ފަރާތެއް ކަމުގައި އިބްލީސް ވާނެތީ އެވެ. އިންސާނާގެ ކުރިމަތީ އެ ހުރަސްތައް ނެތި ﷲ އަށް އިންސާނާ އަޅުވެތިވާ ވަރު އިމްތިހާނެއް ނުކުރެވޭނެ އެވެ. ނަމަވެސް ﷲ އަށް އީމާންވާ އަޅުންނަށް ޝައިތާނާގެ ބާރެއް ނުފޯރުވޭނެކަން ވެސް އެކަލާނގެ ވަނީ ބަޔާން ކުރައްވާފަ އެވެ. (އަލްހިޖުރު 40، 42).

ﷲ އަށް އީމާންވާ ނަމަ އިންސާނިއްޔަތަށް ގަދަރުކުރަންޖެހޭ

އިސްލާމްދީނުގައި އިންސާނާއާ މެދު މި ހަގީގަތްތައް ބަޔާންކުރާއިރު، އެ ދީނުގެ ޝަރީއަތާއި އަހުލާގީ ނިޒާމުގެ ތެރެއިން އިންސާނާގެ ފިތުރަތަށް ރިއާޔަތް ކުރެ އެވެ. އޭނާގެ ކަރާމާތްތެރިކަމާއި ހުރުމަތްތެރިކަން ދަމަހައްޓަން މަސައްކަތް ކުރެ އެވެ. އޭނާގެ މިނިވަންކަން ކަމާއި އޭނާގެ ހައްގުތައް ކަށަވަރު ކޮށްދޭން ބާރު އަޅަ އެވެ. އިންސާނީ ފިތުރަތަށް ބަލާއިރު، އެ ފިތުރަތާ އިދިކޮޅަށް އެއްވެސް އަމުރެއް ނުވަތަ ނަހީއެއް އިސްލާމް ދީނުގައި ނުވެ އެވެ. މިސާލަކަށް އިންސާނާގެ ކިބައިގައިވާ ކެއުންބުއިމުގެ އެދުމަށް ބަލާއިރު، އެ އެދުން ފުއްދުން މުޅިން މަނައެއް ނުކުރެ އެވެ. ޖިންސީ އެދުމަށް ބަލާއިރު، އެ އެދުން ފުއްދުން ވެސް މުޅިން ނުހުއްޓުވަ އެވެ. އެކަމަކު އެ އިން ކޮންމެ އެދުމެއް ވެސް ވަކި ގޮތަކަށް ތަހުޒީބު ކުރެ އެވެ. އެހެންވެ، ކެއުމުގެ ތެރެއިން ބައެއް ތަކެތި ހަރާމް ކުރެ އެވެ. ޝަރުއީ ކައިވެންޏަކުން ނޫން ގޮތަކަށް ޖިންސީ އުފާ ހޯދުން މަނާ ކުރެ އެވެ. ދުނިޔޭގެ ޒީނަތްތެރިކަމުން އުފާ ލިބިގަންނަ އިރު ވެސް އިސްރާފު ކުރުމާއި ކަން ދެއްކުން ފަދަ ކަންކަމުން ދުރުހެލިވާން ޖެހެ އެވެ.

އިންސާނީ ކަރާމަތަށް ބަލާއިރު، އިންސާނާ އަށް އިހާނަތްތެރިވާ ފަދަ އެއްވެސް މުއާމަލާތެއް ކުރުން އިސްލާމްދީން ހުއްދައެއް ނުކުރެ އެވެ. ހައިވާނުންނާ މުއާމަލާތު ކުރާ ފަދައިން އިންސާނުންނާ މެދު މުއާމަލާތު ކުރުމަކީ އިސްލާމްދީނުގައި ހަރާމް ކަމެކެވެ. އެއްވެސް އިންސާނަކަށް އެހެން އިންސާނަކު އަޅުވެތިވުމަކީ ނުވަތަ ކުރުވުމަކީ ކޮށްގެން ވާނެ ކަމެއް ނޫނެވެ. އިންސާނާ މަރުވުމަށް ފަހު ވެސް އޭނާ އަށް އިހާނެތިކޮށް ހިތައިގެން ނުވާނެ އެވެ. މި ކަންކަން މިހެން އޮތް ނަމަވެސް އިންސާނާ އޭނާ ހެއްދެވި ފަރާތަށް އުރެދިއްޖެ ނަމަ ނުވަތަ އެހެން އިންސާނެއްގެ ކަރާމާތަށް އަރައިގެންފި ނަމަ އޭނާ އާއި އަދި ދެން ތިބި މީހުން އިސްލާހުކޮށް، ތަހުޒީބު ކުރުމަށްޓަކައި ކަނޑައެޅިފައިވާ ވަކި އަދަބުތަކެއް ދޭން ޖެހެ އެވެ. މީގައި ބޭރު ފުށުން ބަލާއިރު، އިހާނެތިކޮށް ހިތުމެއް އޮތްކަމަށް ބައެއް މީހުންނަށް ހީވެދާނެ އެވެ. ނަމަވެސް ހަގީގަތުގައި އެއީ މުޅި އިންސާނިއްޔަތުގެ ކަރާމާތާއި ގަރަދު ދެމެހެއްޓުމުގެ ގޮތުން ކުރެވޭ ކަމެކެވެ. އެއީ އިންސާނީ ކަރާމާތް ނަގާލުމެއް ނޫނެވެ.