Roadha Mihaaru
އިސްލާމީ ޖިހާދަކަށް ވަނީ ކިހިނެއް؟

އިސްލާމީ ޖިހާދަކަށް ވަނީ ކިހިނެއް؟

31 މާޗް 2023

ﷲ ގެ މަގުގައި ޖިހާދު ކުރުމަކީ އިސްލާމް ދީނުގެ މުހިންމު ވާޖިބެކެވެ. ކީރިތި ޤުރްއާނުންނާއި މާތް ނަބިއްޔާ ﷺ ގެ ސުންނަތުން މިކަން ކަށަވަރުވެ އެވެ. ނަމަވެސް ޖިހާދުގެ މަގުސަދަކީ ޖުމްހޫރު އިލްމުވެރިން ވިދާޅުވާ ގޮތުގައި ކާފިރުންގެ އުދުވާނުން ސަލާމަތްކަން ހޯދުމެވެ. އިމާމް އިބްނު ތައިމިއްޔާ ވިދާޅުވާ ގޮތުގައި ޤުރްއާނާއި ސުންނަތުގެ ދަލީލުތަކަށް ފުންކޮށް ވިސްނާލުމުން އެ މައްސަލައިގައި ޖުމްހޫރު އިލްމުވެރިންގެ ރައުޔުގެ ސައްހަކަން ކަށަވަރު ވެ އެވެ. ޖިހާދުކުރަން ޖެހެނީ ކާފިރުންގެ ކާފިރުކަމުގެ ސަބަބުން ކަމަށް ބުނާ ރައުޔު ބަލައެއް ނުގަނެވޭނެ އެވެ.

ޑރ. ސަޢުދުﷲ ޢަލީ ޑރ. ސަޢުދުﷲ ޢަލީ

ﷲ ގެ މަގުގައި ޖިހާދު ކުރުމަކީ އިސްލާމް ދީނުގެ މުހިންމު ވާޖިބެކެވެ. ކީރިތި ޤުރްއާނުންނާއި މާތް ނަބިއްޔާ ﷺ ގެ ސުންނަތުން މިކަން ކަށަވަރުވެ އެވެ. ނަމަވެސް ޖިހާދުގެ މަގުސަދަކީ ޖުމްހޫރު އިލްމުވެރިން ވިދާޅުވާ ގޮތުގައި ކާފިރުންގެ އުދުވާނުން ސަލާމަތްކަން ހޯދުމެވެ. އިމާމް އިބްނު ތައިމިއްޔާ ވިދާޅުވާ ގޮތުގައި ޤުރްއާނާއި ސުންނަތުގެ ދަލީލުތަކަށް ފުންކޮށް ވިސްނާލުމުން އެ މައްސަލައިގައި ޖުމްހޫރު އިލްމުވެރިންގެ ރައުޔުގެ ސައްހަކަން ކަށަވަރު ވެ އެވެ. ޖިހާދުކުރަން ޖެހެނީ ކާފިރުންގެ ކާފިރުކަމުގެ ސަބަބުން ކަމަށް ބުނާ ރައުޔު ބަލައެއް ނުގަނެވޭނެ އެވެ.

ހަނގުރާމަކުރަން އަންގަވަނީ ހަނގުރާމަކުރާ މީހުންނާ

އަލްބަގަރާ ސޫރަތުގެ 190 ވަނަ އާޔަތުން ފެށިގެން 194 ވަނަ އާޔަތަށް ބަލައިލާއިރު ފެށިފައި ވަނީ "ތިޔަބައިމީހުންނާ ހަނގުރާމަކުރާ މީހުންނާ ތިޔަބައިމީހުން ﷲ ގެ މަގުގައި ހަނގުރާމަ ކުރާށެވެ!" އޭ އަންގަވަމުންނެވެ. މިއިން އެނގޭ ގޮތުގައި ހަނގުރާމައިގެ އަމުރު އައުމުގެ ސަބަބަކީ އެ ބައިމީހުން ހަނގުރާމަ ކުރުމެވެ. އެ ބައިމީހުންގެ ކާފިރުކަމެއް ނޫނެވެ. ދެން ޖެހިގެން އަންގަވާފައިވަނީ "އަދި (އެކަމުގައި) ތިޔަ ބައިމީހުން (އިސްވެ ހަނގުރާމަ ފެށުމުގެ ގޮތުން) ހައްދުފަހަނައަޅައި ނުދާށެވެ!" އެވެ. މިއިން އެނގެނީ ހަނގުރާމަ ނުކުރާ މީހުންނާ އިސްވެ ހަނގުރާމަ ކުރުމަކީ ހައްދުފަހަނައެޅުމެއް ކަމެވެ. އެކަމަކު އެ ބައިމީހުން ދެކޮޅުވެރިވެ ހަމަލާ ދީފި ނަމަ "...އެ އުރެން ދެކޮޅުވެރިވެ ހަމަލާދިން ފަދަޔަކުން ތިޔަ ބައިމީހުން ދެކޮޅުވެރިވެ ހަމަލާ ދޭށެވެ!" އަންގަވާފައި ވެ އެވެ. މިގޮތަށް އޮތަސް އިސްވެ އުދުވާނީ ހަމަލާއެއް ދީގެން ނުވާނެ ކަމާއި "އެ އުރެން ހަމަލާދިން ފަދަޔަކުން" ނޭ އޮތުމުން އެ މީހުންގެ އުދުވާނަށް ވުރެ އިތުރަށް ހަމަލާދީގެން ނުވާނެކަން ވެސް އެނގެ އެވެ.

މި އާޔަތްތަކުގައިވާ އަނެއް ޕޮއިންޓަކީ "އަދި (ދީނާ ދެކޮޅަށް އުފައްދާ) ފިތުނަވެރިކަން ނެތިއްޖައުމަށް ދާންދެން އަދި ދީން ﷲ އަށް ހާލިސް ވެއްޖައުމަށް ދާންދެން ތިޔަ ބައިމީހުން އެ އުރެންނާ ހަނގުރާމަ ކުރާށެވެ!" އޮތް އަމުރެވެ. މި ތަނުގައި އެ ބުނާ ފިތުނައިގެ މާނަ އަކީ ނިކަމެތި މުސްލިމުން ގަދަކަމުން ދީނުން ބޭރުކުރުވަން މުޝްރިކުން ކުރަމުން ދިޔަ މަސައްކަތެވެ. ހަނގުރާމަ ކުރަން އަމުރު އައީ އެ އުރެންގެ ޝައުކަތު މުގުރާލައި އެ އުރެން ނުކުޅެދުންތެރި ކޮށްލައިގެން އެ ފިތުނަ ނައްތާލުމަށެވެ. އޭރުން އިސްލާމްގެ ކަލިމަ އުފުލި ﷲ އާއި ރަސޫލާގެ ހުކުމް އެއީ ބާރުގަދަ އެއްޗެއް ކަމުގައި ވެސް ވާނެ އެވެ. ވީމާ ހަނގުރާމަ ކުރަން ﷲ އެ އެންގެވީ އާޔަތުގައި ވެސް ބަޔާންކޮށްފައިވާ މި ދެ ސަބަބަށްޓަކަ އެވެ. "އެ ބައިމީހުން އިސްލާމްވެއްޖައުމަށް ދާންދެން..." ހަނގުރާމަ ކުރާށޭ އެކޭ ﷲ ނާންގަވަ އެވެ. މާތް ނަބިއްޔާގެ ސުންނަތުން ވެސް މި ކަމަށް އިތުރަށް ދަލީލު ލިބެ އެވެ. މިގޮތުން ހަނގުރާމައެއްގައި ކާފިރު އަންހެނަކު ގަތުލު ކުރެވިފައިވާތީ އެކަން އިންކާރު ކުރެއްވެވި އެވެ. އަދި ހަނގުރާމަ އަށް ނުކުމެ ވަޑައިގަންނަވާ ކޮންމެ ފަހަރަކު، މުސްކުޅިންނާއި އަންހެނުންނާއި ކުޑަކުދިންނާ ހަނގުރާމަ ނުކުރުމަށް ވަސިއްޔަތް ކުރައްވަ އެވެ.

ދިފާއީ ޖިހާދުގެ އާޔަތްތައް މަންސޫހެއް ނުވޭ

އެ ހުރިހާ ކަމެއް މިހާ ސާފުކޮށް އޮތް އިރު މިފަދަ އާޔަތްތަކަކީ މަންސޫހު ވެފައިވާ އާޔަތްތަކެއް ކަމަށް ބައެއް މީހުން ދައުވާ ކުރެ އެވެ. އެންމެ އަޖައިބު ކަމަކީ ބަގަރާ ސޫރަތުގެ 190 ވަނަ އާޔަތަކީ ޖެހިގެން އޮތް އާޔަތުގައިވާ "އަދި ތިޔަބައިމީހުންނަށް އެ އުރެން (...) ފެނުނު ކޮންމެ ތަނަކުން އެ އުރެން ގަތުލުކުރާށެވެ!" މި ޖުމްލައިން މަންސޫހު ކުރާ އާޔަތެކޭ ބުނުމެވެ. މި ޖުމްލައާ ޖެހިގެން އޮތް ޖުމްލަ "އަދި އެ އުރެން ތިޔަ ބައިމީހުން ނެރުނު ތަނުން ތިޔަ ބައިމީހުން އެ އުރެން ނެރޭށެވެ!" ހަމައެކަނި ކިޔާލިޔަސް ކުރީ ޖުމްލައިގައި އެ ބުނާ "އެ އުރެން" އަކީ ކޮންބައެއްކަން ވަރަށް ސާފުކޮށް އެނގުނީހެވެ. އާދެ، އެއީ ކުރީ އާޔަތުގައި ވެސް ބަޔާންކުރި "ތިޔަ ބައިމީހުންނާ ހަނގުރާމަކުރާ މީހުން" ގެ ވާހަކަ އެވެ.

ދެން އޮތީ މި އާޔަތްތައް މަންސޫހު ވެފައި ވަނީ ތައުބާ ސޫރަތުގެ 5 ވަނަ އާޔަތުންނޭ ބުނާ ބުނުމެވެ. އާދެ، "ހުރުމަތްތެރި މައްސަރުތައް ވޭތުވުމުން ފަހެ، ތިޔަބައިމީހުންނަށް މުޝްރިކުން ފެނުނު ކޮންމެ ތަނަކުން، ތިޔަ ބައިމީހުން އެ އުރެން ގަތުލު ކުރާށެވެ!..." އޮންނަ އާޔަތެވެ. މިއީ ސައިފުގެ (ކަނޑީގެ) އާޔަތުގެ ނަމުން ނަން ދީފައިވާ އާޔަތެކެވެ. ނަމަވެސް މި އާޔަތުގައި އެ ބަޔާންކުރާ "މުޝްރިކުން" ނަކީ ހަމަ ކޮންމެ މުޝްރިކެއް ނޫންކަން ހުދު މި އާޔަތުގެ ފަހު ބަޔާއި ސޫރަތް ފެށިގެން މި އާޔަތާ ޖެހެންދެން ހުރި އާޔަތްތަކާއި މި އާޔަތުގެ ފަހުން ގޮސް 15 ވަނަ އާޔަތާ ޖެހެންދެން ހުރި އާޔަތްތައް ވިސްނުންތެރި ކަމާ އެކު ކިޔާލައިފި ނަމަ އޮޅުމެއް ނެތް ގޮތުގައި އެނގޭނެ އެވެ.

އެ އާޔަތްތަކުން އެނގޭ ގޮތުގައި އެ މުޝްރިކުންނަކީ އަހުދެއްގެ މަތީ ތިބެފައި އެ އަހުދު އުވާލައި މުސްލިމުންނަށް ގަސްދުގައި އަނިޔާ ދޭން، ހުރުމަތްތެރިވެގެންވާ މައްސަރުތަކާ ދިމާކޮށް ﷲ އަށް ވެސް ގޮންޖަހައި، ހަމަލާދިން ނުބައި މުޝްރިކުންތަކެކެވެ. މިއާ ހިލާފަށް "މުޝްރިކުންގެ ތެރެއިން އެބަޔަކާ ތިޔަ ބައިމީހުން މުއާހަދާ ކޮށްފައިވާ އަދި އެ އުރެން (އެ މުއާހަދާއާ މެދު) ތިޔަ ބައިމީހުންނަށް އެއްވެސް ކަމެއް އުނިކޮށްފައި ނުވާ އަދި ތިޔަބައިމީހުންނާ ދެކޮޅަށް އެއްވެސް މީހަކަށް އެހީވެ، ވާގިދީފައި ނުވާ މީހުން މެނުވީ އެވެ." މިގޮތަށް 4 ވަނަ އާޔަތުގައި މި އިސްތިސްނާ އޮތުމުން ވެސް ޔަގީން ވަނީ އެއީ އަދި އެހެން ބައެއް ކަމެވެ. ހަމަ އެފަދައިން މި ނުލަފާ މުޝްރިކުންގެ ތެރެއިން ވެސް މީހަކު އަމާންކަމަށް އެދިގެން އަތުވެއްޖެ ނަމަ އެ މީހަކަށް އަމާންކަން ދޭން 6 ވަނަ އާޔަތުގައި އަންގަވާފައި އޮތުމުން ވެސް ކަށަވަރު ކުރެވެނީ 5 ވަނަ އާޔަތުގައި އެ ބަޔާން ކުރަނީ ކޮންމެ މުޝްރިކެއް ނޫން ކަމެވެ. އެ ބައިމީހުންގެ އިތުރު ސިފަތައް 8 ވަނަ އާޔަތުން ފެށިގެން 10 ވަނަ އާޔަތާ ޖެހެންދެން ބަޔާންކޮށްދީފައި އޮތުމުންވެސް މިއީ އެ ބަޔަކާ މެދު ދޫދެވޭނެ މުޝްރިކުންނެއް ނޫންކަން އިތުރަށް ހާމަވެ އެވެ. ވީމާ ބަގަރާ ސޫރަތުގައި "ތިޔަ ބައިމީހުންނާ ހަނގުރާމަކުރާ ބަޔަކާ ތިޔަ ބައިމީހުން ހަނގުރާމަކުރާށޭ" އޮތް އޮތުން ތައުބާ ސޫރަތުގެ މި އާޔަތްތަކާ ފުށުއެރުމެއް ނެތް ހިނދު، ބަގަރާ ސޫރަތުގެ އެ އާޔަތްތައް މަންސޫހު ވާން ޖެހެނީ ކީއްވެ ހެއްޔެވެ؟ ޤުރްއާނުން ވެސް ނުވަތަ ސުންނަތުން ވެސް މިކަމަށް ހަމަ އެއްވެސް ދަލީލެއް ފެންނާން ނެތްކަން އިލްމުވެރިން ކަށަވަރުކޮށްދެ އެވެ.

ޖިހާދު ކުރަންވީ ގޮތާއި މަގުސަދާ އެއީ ތަފާތު ދެ ކަމެއް

ޖިހާދަކީ އުދުވާނާ ގުޅުން އޮތް ކަމެއް ނޫން ކަމަށް ދައުވާކުރާ މީހުން ދައްކާނެ އަނެއް ހުއްޖަތަކީ "ފަހެ (ހަނގުރާމައިގެ މައިދާނުގައި) ތިޔަ ބައިމީހުން ކާފިރުންނާ ބައްދަލުވާ ހިނދު އެ އުރެންގެ ކަނދުރާތަކުގައި ޖަހައި ގަތުލުކުރާށެވެ! (ތިޔަ ބައިމީހުންގެ ބާރުގަދަކޮށް) އެ އުރެން ގަތުލުކުރުން ގިނަކޮށްފުމަށް ދާނދެނެވެ. ފަހެ (އެ ހިނދު އެ އުރެން) ވަރުގަދަޔަށް ބަނދެ ހައްޔަރުކު ރާށެވެ!" މިފަދައިން މުހައްމަދު ސޫރަތުގެ 4 ވަނަ އާޔަތުގައި އަންގަވާފައިވުމެވެ. މީގެ ޖަވާބުގައި ބުނަން ޖެހެނީ މި އާޔަތުގައި އެ ވަނީ ހަނގުރާމަ ކުރަންވީ ގޮތުގެ ވާހަކަ އެވެ. މަގުސަދުގެ ވާހަކައެއް ނޫނެވެ. އެކަމަކު ވެސް ޖަދަލުކުރުމުގެ ބޭނުމަށްޓަކައި އެގޮތަށް ބަލަމާ ހިނގާށެވެ. އޭރުން ވެސް މި އާޔަތުގައި އެ ބުނާ "ކާފިރުން" އަކީ ކޮބައިތޯ ސުވާލު އުފެދެ އެވެ. މީގެ ޖަވާބު ލިބެނީ ސޫރަތުގެ ފުރަތަމަ އާޔަތުން ފެށިގެން މި އާޔަތާ ހަމައަށް ކިޔާލުމުންނެވެ. ފުރަތަމަ އާޔަތުގައި ބަޔާންކުރަނީ ﷲ ގެ މަގުން އެހެން މީހުން އެއްކިބާކުރި ކާފިރުންގެ ވާހަކަ އެވެ. އެބަހީ، އިސްލާމީ ދައުވަތަށް ހުރަސް އެޅުމާއި މުއުމިނުންނަށް ލިބިފައިވި މަތިވެރި ނިއުމަތުން މަހުރޫމު ކުރަން މަސައްކަތް ކުރުމެވެ. މިއީ ހަމަކަށަވަރުން ވެސް އުދުވާނެކެވެ.

ޖިހާދުން ދަރުމަ ލިބުމާއި ޖިހާދަށް ހިތްވަރު ދިނުމަކީ މަގުސަދު ބަދަލުވާނެ ކަމެއް ނޫން

ދުނިޔޭގެ ދިރިއުޅުން އާހިރަތަށްޓަކައި ދޫކޮށްލަން ބޭނުންވާ މީހުން ހަނގުރާމައިގައި ކާމިޔާބުވިޔަސް އަދި ނާކާމިޔާބުވިޔަސް ﷲ ގެ ހަޒުރަތުން ބޮޑުވެގެންވާ ދަރުމަ ދެއްވާނެތީ އެކަލާނގެ މަގުގައި ޖިހާދުކުރަން އައްނިސާއު ސޫރަތުގެ 74 ވަނަ އާޔަތުގައި އަންގަވާފައި ވުމަކީ ވެސް ދައްކަފާނެ ހުއްޖަތެކެވެ. ނަމަވެސް މި ތަނުގައި ވެސް މި ހަނގުރާމަ ކުރަން އަންގަވާފައި ވަނީ ކީއްވެގެންކަން ޖެހިގެން އޮތް 75 ވަނަ އާޔަތުން އެނގޭނެ އެވެ. އެއީ ރަށެއްގެ ނިކަމެތިވި ބަޔަކަށް އެ ރަށުގެ އަހުލުވެރިންގެ ފަރާތުން އަނިޔާވެރިވި ހިނދު އެ އަނިޔާވެރި ރަށުން ނެރެދެއްވަން އަދި އެކަމުގައި ވާގިވެރިޔަކު ލެއްވުމަށް އެ ނިކަމެތިން އެދުނު އެދުމަށް ﷲ ދެއްވި އިޖާބައެކެވެ. ވީމާ މިއީ ވެސް އުދުވާނަކުން ބަޔަކު ސަލާމަތްކޮށްދިނުމެކެވެ.

ދެން ދައްކަފާނެ އަނެއް ހުއްޖަތަކީ "ލުއިކަމާ އެކުގައްޔާއި ބުރަކަމާ އެކުގައި، ތިޔަ ބައިމީހުން (ހަނގުރާމަ އަށް) ނުކުންނާށެވެ! އަދި ތިޔަ ބައިމީހުންގެ މުދާތަކާއި ނަފްސުތަކުން ﷲ ގެ މަގުގައި ޖިހާދު ކުރާށެވެ!" މިފަދައިން އައްތައުބާ ސޫރަތުގެ 41 ވަނަ އާޔަތުގައި އަންގަވާފައިވުމެވެ. މީގެ ޖަވާބުގައި ބުނަން ޖެހެނީ މިއީ މުސްލިމުން ތަބޫކު ހަނގުރާމަ އަށް ނުކުތުމަށް ހިތްވަރު ދެއްވުމަށް އައިސްފައިވާ ގިނަ އާޔަތްތަކުގެ ތެރެއިން އާޔަތެއް ކަމެވެ. މި ހަނގުރާމައަށް ނުނިކުންނަން އިޒުނަ ހޯދަން އުޅުނު މުނާފިގުންނާއި އަދި އެ މީހުންގެ ބަހަށް ހެއްލިގެން އުޅުނު ހަގީގީ މުސްލިމުންގެ ވާހަކަތައް ވެސް އައިސްފައި ވެ އެވެ. އިސްލާމީ ދައުވަތަށް ރޯމަނުން އަޅަމުން ގެންދިޔަ ހުރަސްތައް ނައްތާލައި މުސްލިމުން ސަލާމަތް ވާން އޮތީ ﷲ ގެ މަގުގައި ހަނގުރާމަ ކުރުމަށާއި ﷲ ގެ މަގުގައި ހޭދަކުރުމަށް ވަރަށް ބޮޑު ހިތްވަރެއް ލިބިގެންވާ މުސްލިމުންތަކެއް ތިބެގެން ކަމަށް ވުމުން މިފަދަ އާޔަތްތަކުގެ ބޭނުމަކީ ރޯމަނުންނާ ހަނގުރާމަކުރަން ތަބޫކަށް ދާން ވަރުގަދަ ލަޝްކަރެއް ތައްޔާރު ކުރުމެވެ.