Roadha Mihaaru
ޖަމާއަތުގައި ނަމާދު ކުރަން ވަގުތު ހުސްކުރާނެ ގޮތްތައް

ޖަމާއަތުގައި ނަމާދު ކުރަން މަސައްކަތުގެ ވަގުތު ހުސްކުރާނެ ގޮތްތައް

03 އެޕްރީލް 2023

ކީރިތި ޤުރްއާނުގެ ސަރީހަ އިބާރާތުން އެނގޭ ގޮތުގައި ނަމާދު ފަރުލު ކުރައްވާފައި ވަނީ ވަގުތު ކަނޑައެޅިގެންވާ އަޅުކަމެއްގެ ގޮތުގަ އެވެ. (އައްނިސާއު 103). އަދި އިރުމެދުން ފިލީއްސުރެ ރޭގަނޑުގެ އަނދިރިކަމާ ހަމައަށް ކުރަންޖެހޭ ނަމާދުތަކާއި ފަތިސް ނަމާދު ކުރުމަށް މާތް ނަބިއްޔާ އަށް އިރުޝާދު ދެއްވާފައި ވެ އެވެ. (އަލްއިސްރާއު 78). މީގެ އިތުރު ތަފްސީލު ކީރިތި ނަބިއްޔާ ﷺ ވަނީ ދެއްވައިފަ އެވެ.

ޑރ. ސަޢުދުﷲ ޢަލީ ޑރ. ސަޢުދުﷲ ޢަލީ

ކީރިތި ޤުރްއާނުގެ ސަރީހަ އިބާރާތުން އެނގޭ ގޮތުގައި ނަމާދު ފަރުލު ކުރައްވާފައި ވަނީ ވަގުތު ކަނޑައެޅިގެންވާ އަޅުކަމެއްގެ ގޮތުގަ އެވެ. (އައްނިސާއު 103). އަދި އިރުމެދުން ފިލީއްސުރެ ރޭގަނޑުގެ އަނދިރިކަމާ ހަމައަށް ކުރަންޖެހޭ ނަމާދުތަކާއި ފަތިސް ނަމާދު ކުރުމަށް މާތް ނަބިއްޔާ އަށް އިރުޝާދު ދެއްވާފައި ވެ އެވެ. (އަލްއިސްރާއު 78). މީގެ އިތުރު ތަފްސީލު ކީރިތި ނަބިއްޔާ ﷺ ވަނީ ދެއްވައިފަ އެވެ.

އެހެންކަމުން އެ ނަމާދުތައް އޭގެ ވަގުތުގައި އަދާކުރުމަކީ މުސްލިމުންގެ މައްޗަށް ވާޖިބު ކަމެކެވެ. ނިދިފައި އޮތުމާއި ހަނދާން ނެތުމުގެ އުޒުރަކާ ނުލައި އެ ވަގުތުން ފަސްކޮށްފި ނަމަ ފާފަވެރިވާނެ އެވެ. ނަމާދު ގަޟާ ކުރެވޭނެ ކަމަށް ވިދާޅުވާ އިލްމުވެރިންގެ ރައުޔަށް ބުރަވެ، ފަހުން މިފަދަ ނަމާދު ގަޟާ ކުރި ނަމަވެސް ވަގުތުން ފަސްކުރުމުގެ ފާފަ ކެނޑިގެން ނުދާނެ އެވެ. ގަސްދުގައި ވަގުތުން ފަސްކޮށްފި ނަމަ އެއީ ކުފުރުވުން ކަމުގައި ވެސް ބައެއް އިލްމުވެރިން ދެކެވަޑައިގަންނަވަ އެވެ. ނަމަވެސް ގިނަ އިލްމުވެރިން ވިދާޅުވަނީ ކުފުރު ވާނީ ނަމާދު އޭގެ ވަގުތުގައި ކުރުން އެއީ ވާޖިބު ކަމެއް ނޫން ކަމަށް ގަބޫލުކޮށް، ނަމާދު ވަގުތުން ފަސްކުރާ ނަމަ ކަމަށެވެ.

ކޮންމެ ފަރުލު ނަމާދަކަށް ވެސް އޭގެ ފެށޭ ވަގުތަކާއި ނިމޭ ވަގުތެއް ވެ އެވެ. ގަޑިއެއްގެ އިރު ނުވަތަ ތިންހަތަރު ގަޑިއިރުގެ މުއްދަތު ލިބޭ އެ ވަގުތުތަކުގެ ތެރެއިން ކޮންމެވެސް އެއް ވަގުތެއްގައި ނަމާދު ކުރުމުން ވަގުތުގައި ނަމާދު ކުރީ ކަމުގައި ބެލެވޭނެ އެވެ. މިކަން މިގޮތަށް ދީނުގައި ހަމަޖެހިފައިވަނީ އިސްލާމްދީނުގެ ލުއިފަސޭހަކަމުގެ އަސާސް ގެ ދަށުންނެވެ. އެކަމަކު، ކޮންމެ ނަމާދެއް ވެސް އޭގެ ވަގުތުގެ ކުރީކޮޅުގައި ޖަމާއަތުގައި ކުރަން އިސްލާމްދީން ވަރަށް ބޮޑަށް ބާރު އަޅަ އެވެ. ޖަމާއަތުގައި ކުރުން އެއީ ވަކިން ކުރުމަށް ވުރެ ހަތާވީސް ގުނަ އަށް އޭގެ ދަރުމަ އިތުރު ވެގެންވާ ކަމެކެވެ. މިކަން މިގޮތަށް އޮންނައިރު ކަނޑައެޅިފައިވާ ވަގުތުތަކެއްގައި ވަޒީފާއެއް އަދާކުރަން ނުވަތަ އެހެން މީހަކު ބުނެގެން މަސައްކަތް ކުރަން ހަމަޖެހިފައި ވުމުގެ ސަބަބުން ނަމާދު ވަގުތުގައި ކުރުމަށް ފުރުސަތު ނުލިބޭ ނަމަ ނުވަތަ ފުރަތަމަ ޖަމާއަތުގައި ކުރަން ބޭނުންވެ، އެކަން ނުކުރެވޭ ނަމަ އެ ހާލަތުގައި ކަން ކުރާނީ ކިހިނެއްތޯ އެވެ؟

ނަމާދުގެ ވަގުތު އެކީ ގެއްލޭ ގޮތަށް މަސައްކަތް ރާވައިގެން ނުވާނެ

މި ޒަމާނުގެ އިލްމުވެރިން ވިދާޅުވާ ގޮތުގައި ނަމާދު ކުރަން ދިއުމުގެ ފުރުސަތު ނުދީ ނަމާދެއްގެ ވަގުތު އެއްކޮށް ހޭދަވާ ގޮތުގައި އެއްވެސް މީހަކު ލައްވައި މަސައްކަތެއް ކުރުވުމަކީ ހުއްދަ ކަމެއް ނޫނެވެ. މިގޮތަށް ހަމަޖެހިފައިވާ ހާލަތުގައި މަސައްކަތުގެ ވެރިމީހާގެ އަމުރަށް ކިޔަމަން ގަތުން ވާޖިބެއް ނުވާނެ އެވެ. އެހެނީ އެއީ މާތް ﷲ އަށް އުރެދުންވާ ހާލަތަކަށް ވާތީ އެވެ. ނަމަވެސް މިގޮތަށް ކިޔަމަން ނުވުމުގެ ސަބަބުން އޭނާގެ ވަޒީފާ ގެއްލި ނުވަތަ އޭގެ ސަބަބުން ވަރަށް ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހޭ ނަމަ ނަމާދު ފަސްކޮށް، ޖަމްއު ކުރުން ހުއްދަވާނެ ކަމަށް އިމާމް އަހުމަދު ބުން ހަންބަލު ވިދާޅުވެފައި ވެ އެވެ.

ގަސްދުގައި ވަގުތުން ފަސްކޮށްފި ނަމަ އެއީ ކުފުރުވުން ކަމުގައި ވެސް ބައެއް އިލްމުވެރިން ދެކެވަޑައިގަންނަވަ އެވެ. ނަމަވެސް ގިނަ އިލްމުވެރިން ވިދާޅުވަނީ ކުފުރު ވާނީ ނަމާދު އޭގެ ވަގުތުގައި ކުރުން އެއީ ވާޖިބު ކަމެއް ނޫން ކަމަށް ގަބޫލުކޮށް، ނަމާދު ވަގުތުން ފަސްކުރާ ނަމަ ކަމަށެވެ.

ނަމާދުގެ މުޅި ވަގުތު އެކީ ނިމުމުގެ ކުރިން ކޮންމެވެސް އެއް އިރަކު ނަމާދު ކުރުމުގެ ފުރުސަތު އޮންނަ ނަމަ (މިސާލަކަށް ހުއްދަ ކުރެވިފައިވާ ހުސް ވަގުތުކޮޅެއް ލިބޭ ނަމަ ނުވަތަ މަސައްކަތުގެ ވަގުތު ނިމުމަށް ފަހު ނަމާދު ކުރާނެ ވަގުތު އޮންނަ ނަމަ) މަސައްކަތް ކުރަން ކަނޑައަޅާފައިވާ ވަގުތުގައި ނަމާދަށް ދިއުން މަނާކުރުމަކީ މަސައްކަތް ހަވާލު ކުރާ ފަރާތަށް ހުއްދަ ކަމެކެވެ. އަދި މަސައްކަތް ކުރާ މީހާ މިފަދަ ހާލަތުގައި ނަމާދު ކުރާށޭ ކިޔާފައި ހުއްދައެއް ނެތި ގޮސްގެން ވެސް ނުވާނެ އެވެ.

ފުރަތަމަ ޖަމާއަތުގައި ކުރަން ފުރުސަތު ދިނުމަކީ އެދެވިގެންވާ ކަމެއް

މުވައްޒަފުންނާ މަސައްކަތް ހަވާލުކުރާ ފަރާތާ ދެމެދުގައި ވަރުގަދަ ގުޅުމެއް އޮތުމަކީ ލާޒިމު ކަމެކެވެ. މިފަދަ ކަންކަމުގައި އޮންނަން ޖެހޭ ރޫހު އޮތުމަކީ ވެސް ވަރަށް މުހިންމު ކަމެކެވެ. ނަމާދުގެ ފުރަތަމަ ޖަމާއަތުގައި ކުރަން ދިއުމަށް މަސައްކަތުގެ ވަގުތުތައް ރާވައިލެވިއްޖެ ނަމަ އެއީ ދެ ފަރާތަށް ވެސް މަންފާ ކުރާނެ ކަމެކެވެ. ސަބަބަކީ އޭރުން މުވައްޒަފުންނަށް އެ މީހުން ބޭނުންވާ ގޮތަށް ނަމާދަށް ދިއުމުގެ ފުރުސަތު ލިބޭތީ އެވެ.

އަނެއް ކޮޅުން އެ ފުރުސަތު ލިބުމުން އެ ކަމުގެ ޝުކުރެއްގެ ގޮތުންނާއި ނަމާދު އޭގެ އެންމެ ފުރިހަމަ ގޮތުގައި އަދާކުރުމުން ލިބޭ މަންފާތަކުގެ ދަށުން މަސައްކަތަށް އިތުރު ހިތްވަރު ލިބުމާއި މަސައްކަތް ފުރިހަމަ އަށް އަދާކުރަން ތަމްރީނު ލިބޭނެތީ އެވެ. ވީމާ މަސައްކަތް ހަވާލުކުރާ ފަރާތުން މިގޮތަށް ފުރަތަމަ ޖަމާއަތުގައި ނަމާދުކުރަން ދާން ފުރުސަތު ދީފައިވާ ނަމަ މަސައްކަތް ހުއްޓާލާފައި ނަމާދަށް ދިއުމަކީ ހުއްދަ ކަމެކެވެ.

އެކަމަކު މަސައްކަތުގެ ބާވަތުން ފުރަތަމަ ޖަމާއަތުގެ ވަގުތަކީ މަސައްކަތުގައި ދެމިހުރުން މުހިންމު ވާނެ ވަގުތަކަށް ވެފައި އެ މަސައްކަތުގެ ފަހުން ވެސް ނަމާދުގެ މުޅި ވަގުތު ނުގެއްލި ނަމާދުކުރަން ފުރުސަތު ލިބޭނެ ނަމަ ފަހުން ކުރަން ލަސް ކުރުމަކީ ވެސް ކުރެވިދާނެ ކަމެކެވެ.

ނަމާދަށް ދާން ލިބޭ ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފުން

މަސައްކަތުގެ ވަގުތާއި ނަމާދުގެ މުޅި ވަގުތާ އެއްކޮށް ދިމާވާ ހާލަތްތަކުގައި މަސައްކަތް ހަވާލު ކުރި ފަރާތުން ނަމާދަށް ދިއުމަށް އިޒުނަ ދެއްވާފައިވާ ނަމަ އެއީ ފުރަތަމަ ޖަމާއަތަށް ދިއުމަށް ކަމަށް ވިއަސް ނުވަތަ ވަގުތު ފާއިތުވުމުގެ ކުރިން ކޮންމެވެސް ވަގުތެއްގައި ދިއުމަށް ކަމަށް ވިއަސް މިގޮތަށް ދީފައިވާ އިޒުނައިގެ ބޭނުން ހިފަން ވާނީ ހަމައެކަނި ނަމާދު ކުރުމަށެވެ. ދެވިފައިވާ ވަގުތުގެ ތެރޭގައި ފަރުލު ނަމާދުގެ އިތުރުން ސުންނަތް ނަމާދުތައް ކުރުމަށް އިތުރު ވަގުތު އިޒުނައިގެ މުއްދަތުގެ ތެރޭގައި ލިބިފައި ނުވާ ނަމަ މަސައްކަތަށް އޮންނަ ވަގުތު ގެއްލުވާލާފައި ސުންނަތް ނަމާދު އެ ވަގުތުގައި ކުރުމަކީ އެދެވިގެންވާ ކަމެއް ނޫނެވެ.

ހާއްސަކޮށް ސުންނަތް ނަމާދަކީ އެ އިން ކޮންމެވެސް ބައެއް ގޭގައި ކުރުމަށް އިސްލާމް ދީން ބާރުއަޅާ ކަމަކަށް ވެސް ވާތީ އެވެ. އަހަރެމެންގެ ގެތަކަކީ ކަށްބިން ތަކަކަށް ނުހެދުމަށް ކީރިތި ރަސޫލާ ﷺ އިރުޝާދު ދެއްވާފައި ވެ އެވެ.

އެކަމަކު މަސައްކަތުގެ ބާވަތުން ފުރަތަމަ ޖަމާއަތުގެ ވަގުތަކީ މަސައްކަތުގައި ދެމިހުރުން މުހިންމު ވާނެ ވަގުތަކަށް ވެފައި އެ މަސައްކަތުގެ ފަހުން ވެސް ނަމާދުގެ މުޅި ވަގުތު ނުގެއްލި ނަމާދުކުރަން ފުރުސަތު ލިބޭނެ ނަމަ ފަހުން ކުރަން ލަސް ކުރުމަކީ ވެސް ކުރެވިދާނެ ކަމެކެވެ.

ހަމަމިއާ އެކު، ފާހަގަކޮށްލަން ޖެހޭ މުހިންމު ނުކުތާ އަކީ މުވައްޒަފުން ނަމާދަށް ދިއުމަށް މަސައްކަތް ހަވާލުކުރާ ފަރާތުން ހުއްދަ ދެއްވާފައިވީ ނަމަވެސް އާންމުން ހިދުމަތް ލިބިގަންނަން އަންނަ ފަދަ މަސައްކަތްތަކުގައި އެ ހިދުމަތްތައް އެކީ ހުއްޓޭ ގޮތަށް މުވައްޒަފުން ނަމާދަށް ދިއުމަކީ ރަނގަޅު ގޮތެއް ނޫން ކަމެވެ. އެހެނީ އާންމުންނަށް ހިދުމަތް ދިނުމަކީ ވާޖިބުތަކުގެ ތެރެއިން ހިމެނޭ ކަމަކަށް ވާތީ އެވެ. ވީމާ މިފަދަ ހާލަތްތަކުގައި މުވައްޒަފުން ނަމާދަށް ދާން ވާނީ ހަމަޖެހިފައިވާ ތާވަލެއްގެ ތެރެއިން މަސައްކަތަށް ބުރޫނާރާނެ ގޮތެއް ބަލައިގެންނެވެ.

މި ފާހަގަކުރެވުނު ގޮތަށް މަސައްކަތުގެ ވަގުތާއި ޖަމާއަތުގެ ނަމާދު ނުވަތަ ވަގުތުގައި ނަމާދުކުރުން ރާވާލެވި، ހަމަޖެހިފައިވާ ނަމަ މަސައްކަތް ހަވާލުކުރާ ފަރާތާއި މުވައްޒަފުންނާ ދެމެދު ވަރުގަދަ ގުޅުމެއް އޮންނާނެ އެވެ. މުވައްޒަފުން އެ މީހުންނަށް ދެވިފައިވާ ވަގުތުކޮޅު އެންމެ ހެޔޮ ގޮތުގައި ބޭނުން ކުރާނެ އެވެ. މަސައްކަތަކީ އަޅުކަމެއް ކަމުގައި ދެކިގެން މަސައްކަތުން ލިބޭ އެއްޗެއް ހަލާލު ވާނީ އެއާ އެއްވަރަށް މަސައްކަތް ކޮށްގެން ކަމުގައި މުވައްޒަފުން ދެކޭނެ އެވެ. މި ކަމުގައި މަސައްކަތް ހަވާލު ކުރާ ފަރާތަކަށް ވެސް ގެއްލުމެއް ނުވާނެ އެވެ. އަދި ކިއެއްތަ، މިފަދަ ފުރުސަތު ދިނުމުން މަސައްކަތުގައި ބަރަކާތް ވެސް އިތުރު ވާނެ އެވެ.