Roadha Mihaaru
ހަރާމް ވާނީ ހަމައެކަނި ﷲ ހަރާމް ކުރެއްވި ކަންތައްތައް

ހަރާމް ވާނީ ހަމައެކަނި މާތް الله ހަރާމް ކުރެއްވި ކަންތައްތަކެވެ.

30 މާޗް 2023

އިންސާނާ ކުރާ ކަންތައްތަކުގެ ތެރެއިން ހުއްދަ ކަންތައްތަކާއި ހަރާމް ކަންތައްތައް ކަނޑައަޅުއްވާ ފަރާތަކީ، ހަމައެކަނި الله سبحانه وتعالـى އެވެ. ސުންނަތް ކަންތައްތަކާއި މަކްރޫހަ ކަންތައްތައް ކަނޑައަޅުއްވާ ފަރާތަކީ ވެސް، ހަމައެކަނި މާތް الله އެވެ. ކުރުކޮށް ދަންނަވާ ނަމަ، ހުކުމް ކުރެއްވުމުގެ ބާރު އޮންނަނީ، ހަމައެކަނި މާތް الله އަށެވެ. އެ ބާރަކީ، ރަސޫލުބޭކަލަކަށް ވެސް ނަބީބޭކަލަކަށް ވެސް އަދި އެއްވެސް އިންސާނަކަށް ވެސް އޮންނަ ބާރެއް ނޫނެވެ. މާތް الله ވަހީ ކުރެއްވި އެވެ. ﴿ إِنِ ٱلْـحُكْمُ إِلَّا لِلَّهِ ۖ يَقُصُّ ٱلْـحَقَّ ؛ وَهُوَ خَيْرُ ٱلْفَـٰـصِلِينَ ﴾ (الأنعام : 57) މާނައީ: [حكم ކުރެއްވުން الله އަށް މެނުވީ ނުވެ އެވެ. އެކަލާނގެ حقّ ބަސްފުޅު وحى ކުރައްވަތެވެ. އެކަލާނގެއީ، حكم ކުރައްވާ އެންމެ ހެޔޮ ރަސްކަލާނގެ އެވެ.]

އިންސާނާ ކުރާ ކަންތައްތަކުގެ ތެރެއިން ހުއްދަ ކަންތައްތަކާއި ހަރާމް ކަންތައްތައް ކަނޑައަޅުއްވާ ފަރާތަކީ، ހަމައެކަނި الله سبحانه وتعالـى އެވެ. ސުންނަތް ކަންތައްތަކާއި މަކްރޫހަ ކަންތައްތައް ކަނޑައަޅުއްވާ ފަރާތަކީ ވެސް، ހަމައެކަނި މާތް الله އެވެ. ކުރުކޮށް ދަންނަވާ ނަމަ، ހުކުމް ކުރެއްވުމުގެ ބާރު އޮންނަނީ، ހަމައެކަނި މާތް الله އަށެވެ. އެ ބާރަކީ، ރަސޫލުބޭކަލަކަށް ވެސް ނަބީބޭކަލަކަށް ވެސް އަދި އެއްވެސް އިންސާނަކަށް ވެސް އޮންނަ ބާރެއް ނޫނެވެ. މާތް الله ވަހީ ކުރެއްވި އެވެ. ﴿ إِنِ ٱلْـحُكْمُ إِلَّا لِلَّهِ ۖ يَقُصُّ ٱلْـحَقَّ ؛ وَهُوَ خَيْرُ ٱلْفَـٰـصِلِينَ ﴾ (الأنعام : 57) މާނައީ: [حكم ކުރެއްވުން الله އަށް މެނުވީ ނުވެ އެވެ. އެކަލާނގެ حقّ ބަސްފުޅު وحى ކުރައްވަތެވެ. އެކަލާނގެއީ، حكم ކުރައްވާ އެންމެ ހެޔޮ ރަސްކަލާނގެ އެވެ.]

ހަރާމް ކަމަކީ، އެ ކަމެއް ކުރުން މާތް الله މުޅިން މަނާކުރައްވާފައިވާ ކޮންމެ ކަމެކެވެ. ކަމެއް ކުރުން މާތް الله ވަނީ މުޅިން މަނާކުރައްވާފައިކަން އެނގޭނެ ގޮތްތަކެއް ވެ އެވެ. އޭގެ ތެރެއިން އެންމެ ފާޅުކަން ބޮޑު ގޮތަކީ، ކީރިތި ޤުރްއާނުގެ އާޔަތަކުން ނުވަތަ މާތް ރަސޫލާގެ ބަސްފުޅަކުން އެކަން ސަރީހަކޮށް އެނގެން އޮތުމެވެ. މިސާލު: ﴿حُرِّمَتْ عَلَيْكُمُ ٱلْمَيْتَةُ وَٱلدَّمُ وَلَـحْمُ ٱلْـخِنزِيرِ وَمَآ أُهِلَّ لِغَيْرِ ٱللَّهِ بِهِۦ﴾ (المائدة : 3) މާނައީ: [މުޅަތަކެއްޗާއި (އޮހޮރޭ) ލެޔާއި އޫރު މަހާއި الله ނޫން އެހެން ފަރާތެއްގެ ނަންގަނެ ކަތިލާ ތަކެތި، ތިޔަބައިމީހުންގެ މައްޗަށް حرام ކުރައްވާފައި ވެ އެވެ.]

އެކަމަކީ الله މުޅިން މަނާކުރައްވާފައިވާ ކަމެއް ކަން އެނގޭނެ އަނެއް ގޮތަކީ، ގަރީނާއަކުން އެކަން އެނގުމެވެ. މިސާލަކަށް، އެކަމެއް ނުކުރުމަށް ނުވަތަ އެކަމަކުން ދުރުހެލިވުމަށް މާތް الله އަންގަވާފައިވާ އެންގެވުމާ ގުޅިގެން، އެކަމަކީ ފާފައެއް ކަމުގައި ނުވަތަ ޝައިތާނާގެ އަމަލެއް ކަމުގައި އަންގަވާފައި ވުމެވެ. މިސާލު: ﴿وَلَا تَقْرَبُواْ ٱلزِّنَـىٰٓ ؛ إِنَّهُۥ كَانَ فَــٰحِشَةً وَسَآءَ سَبِيلاً ﴾ (الإسراء : 32) މާނައީ: [އަދި ތިޔަބައިމީހުން ޒިނޭއާ ކައިރި ނުވާށެވެ! ހަމަކަށަވަރުން، އެއީ ހުތުރުކަން ބޮޑުވެގެންވާ ފާފައެއް ކަމުގައި ވި އެވެ. އަދި މަގެއްގެ ގޮތުން އެކަންތައް ހާދަހާ ނުބައިވެގެން ވެ އެވެ.]

އިތުރު މިސާލެއް: ﴿ إِنَّـمَا ٱلْـخَمْرُ وَٱلْمَيْسِرُ وَٱلْأَنصَابُ وَٱلْأَزْلَــٰمُ رِجْسٌ مِّنْ عَمَلِ ٱلشَّيْطَــٰنِ فَٱجْتَنِبُوهُ ﴾ (المائدة : 90) މާނައީ: [ހަމަކަށަވަރުން، ރާ އާއި ޖުވާ ކުޅުމާއި އަޅުކަންކުރަން ހަދާފައި ހުންނަ ބުދުތަކާއި نصيب ހުރި ގޮތް ބަލަން ގެންގުޅޭ ދުނިދަނޑިތަކަކީ، شيطان އާގެ عمل ތަކުގެ ތެރެއިންވާ މުޑުދާރު ތަކެއްޗެވެ. ފަހެ، ތިޔަބައިމީހުން އެކަންތަކާ ދުރުވެގަންނާށެވެ!] އެ ކަމެއް ކުރާ މީހަކަށް އުގޫބާތެއް ކަނޑައަޅުއްވާފައިވާ ކަމުގައި މާތް الله އަންގަވާ އެންގެވުމަކީ ވެސް، އެ ކަމަކީ ހަރާމް ކަމެއްކަން އެނގޭނެ ވަރަށް ވަރުގަދަ ގަރީނާ އެކެވެ. މިސާލު: ﴿ وَٱلَّذِينَ يَرْمُونَ ٱلْمُحْصَنَــٰتِ ثُـمَّ لَـمْ يَـأْتُواْ بِـأَرْبَعَةِ شُهَدَآءَ فَٱجْلِدُوهُمْ ثَـمَـٰـنِينَ جَلْدَةً ﴾ (النّور : 4) މާނައީ: [عفّة ތެރި އަންހެނުންނަށް قذف ކުރާ މީހުން (އެކަމުގެ މައްޗަށް) ހަތަރު ހެކިން ނުގެނައި ނަމަ، ފަހެ، އެ އުރެންގެ ގައިގައި އަށްޑިހަ އެތި ފަހަރުން (حدّ) ޖަހާށެވެ!]

މާތް الله ހަރާމް ކުރައްވާފައިވާ ކަންތައްތައް އެއްވެސް އޮޅުމެއް ނެތި ވަކިވަކިން މީސްތަކުންނަށް އެނގެން އޮތުމުގެ މުހިންމު ކަމަށްޓަކައި، އެ ކަން ކުރައްވަންވީ ގޮތް މާތް الله ވަނީ އެކަލާނގެ ރަސޫލާ އަށް އަންގަވައިފަ އެވެ. މިކަން ބަޔާން ކުރައްވައި الأنعام ސޫރަތުގެ 151 ވަނަ އާޔަތުގައި މާތް الله ވަޙީ ކުރައްވާފައި ވެ އެވެ. ﴿ قُلْ تَعَالَوْاْ أَتْلُ مَا حَرَّمَ رَبُّـكـُمْ عَلَيْكُمْ ۖ أَلَّا تُشْرِكُواْ بِهِۦ شَيْــًٔـا ۖ وَبِـٱلْوَٰلِدَيْنِ إِحْسَـٰـنًا ۖ وَلَا تَقْتُلُوٓاْ أَوْلَــٰـدَكُم مِّنْ إِمْلَـٰـقٍ ۖ نَّـحْنُ نَرْزُقُـكُمْ وَإِيَّـاهُمْ ۖ وَلَا تَقْرَبُواْ ٱلْفَوَٰحِشَ مَا ظَهَرَ مِنْهَا وَمَا بَطَنَ ۖ وَلَا تَقْتُلُواْ ٱلنَّفْسَ ٱلَّتِى حَرَّمَ ٱللَّهُ إِلَّا بِٱلْـحَقِّ ۚ ذَٰلِـكُمْ وَصَّىٰكُم بِـهِۦ لَعَلَّكُمْ تَعْقِلُونَ ﴾ މާނައީ: [ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން އަންނާށެވެ! ތިޔަބައިމީހުންގެ މައްޗަށް، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حرام ކުރެއްވި ކަންތައް ކިޔައިދެއްވާ ހުށީމެވެ. ތިޔަބައިމީހުން، އެކަލާނގެ އަށް އެއްވެސް އެއްޗެއް شريك ނުކުރާށެވެ! އަދި މައިންބަފައިންނަށް ހެޔޮކޮށް ހިތާށެވެ! އަދި فقيرކަމުގެ ސަބަބުން ތިޔަބައިމީހުން ދަރިން ނުމަރާށެވެ! ތިޔަބައިމީހުންނަށާއި އެ ދަރިންނަށް رزق ދެއްވަނީ، ތިމަންރަސްކަލާނގެ އެވެ. އަދި فاحش ކަންތައްތަކާ ތިޔަބައިމީހުން ކައިރި ނުވާށެވެ! އޭގެ ތެރެއިން ފާޅުވެގެންވާ ކަންތަކާއި ވަންހަނާ ވެގެންވާ ކަންތަކެވެ. އަދި الله، حرمةތެރި ކުރައްވާފައިވާ نفسއެއް، حقއަކާ ނުލައި ނުމަރާށެވެ! އެ ކަންތައްތަކާ މެދު، އެކަލާނގެ ތިޔަބައިމީހުންނަށް وصيّة ކުރެއްވީ، ތިޔަބައިމީހުން ވިސްނުމަށްޓަކަ އެވެ.]

އެހެންކަމުން، ގައުމީ ނުވަތަ އިޖްތިމާއީ މުނާސަބަތުތައް ފާހަގަކުރުމާއި އިންސާނީ ގުޅުންތައް ބަދަހިކުރުމަށްޓަކައި ކުރެވޭ ކަންކަމާއި އުފަންދުވަސް ފާހަގަކުރުމާއި އެކިއެކި ކުޅިވަރު ކުޅުމާއި މުނިފޫހިފިލުވުމަށް ކުރާ ކަންކަމާއި ލަވަކިޔުމާއި މިޔުޒިކު ކުޅުން ފަދަ ކަންކަމަކީ ވެސް ހަރާމް ކަމެކޭ ބުނާނެ ތަނެއް ނެތެވެ. އެހެން ނަމަވެސް، އެ އިން އެއްވެސް ކަމެއް ކުރުމުގެ ތެރޭގައި ހަރާމް ކަމެއް އެކުލެވިގެން ވާ ނަމަ ނުވަތަ އެ ކަމަކީ ހަރާމް ކަމަކަށް އަރައިގަތުމަށްޓަކައި ބޭނުން ކުރެވޭ ވަސީލަތަކަށް ވާ ނަމަ އެ ކަމެއް ހަރާމް ވާނެކަން ޔަގީނެވެ.

އިސްލާމްދީނުގައި ހަރާމް ކުރައްވާފައިވާ ކަންތައްތަކާ ބެހޭގޮތުން ނަޒަރު ހިންގާ އިރު، އިސްލާމްދީނަކީ ލުއިފަސޭހަ އަދި ހުރިހާ ޒަމާނަކަށާއި ތަނަކަށް އެކަށީގެންވާ ނިޒާމެއް ކަން ސާބިތުކޮށްދޭ ވަރަށް މުހިންމު ކަމަކަށް ސަމާލުކަން ދޭން ޖެހެ އެވެ. އެއީ، ހަރާމް ކުރައްވާފައި ނުވާ ކޮންމެ ކަމަކީ ހުއްދަ ކަމެއް ކަމުގައި މާތް الله ކަނޑައަޅުއްވާފައިވާ ކަނޑައެޅުއްވުމެވެ.

މިސާލަކަށް، ކަމެއްގެ ހުކުމާ ބެހޭގޮތުން މުފްތީއެއްގެ އަރިހުގައި ސުވާލު ވެވިއްޖެ ނަމަ، އެ ކަމަކާބެހޭ ހުކުމެއް ކީރިތި ޤުރްއާނުން ނުވަތަ ސުންނަތުން ނުވަތަ އެހެން ޝަރްއީ ދަލީލަކުން ފެނިވަޑައިނުގެންނެވި ނަމަ، މުފްތީ އަށް އޮންނާނީ، އެ ކަމަކީ ހުއްދަ ކަމެއް ކަމުގައި ވިދާޅުވުމެވެ. ސަބަބަކީ، ކޮންމެ ކަމެއްގެ ވެސް އަސްލު ހުކުމަކީ އެ ކަމެއް ހުއްދަވުން ކަމަށްވާ ކަމެވެ.

އެންމެހައި ކަންކަމާއި ތަކެތީގެ އަސްލު ހުކުމަކީ، އެކަންކަމާއި ތަކެތި ހުއްދަވުން ކަމުގައި ޢިލްމުވެރިން ވިދާޅުވެފައި ވަނީ، މާތް الله ބިމުގައި ލައްވާފައިވާހާ ތަކެއްޗެއް ލައްވާފައި ވަނީ އިންސާނުންނަށްޓަކައި ކަމުގައި، ކީރިތި ޤުރްއާނުގައި އަންގަވާފައި ވާތީ އެވެ. މާތް الله ވަހީ ކުރެއްވި އެވެ. ﴿ هُوَ ٱلَّذِى خَلَقَ لَكُم مَّا فِى ٱلْأَرْضِ جَـمِيعًا ﴾ (البقرة : 29) މާނައީ: [އެކަލާނގެއީ، ތިޔަބައިމީހުންނަށްޓަކައި ބިމުގައިވާ އެންމެހައި ތަކެތި ހެއްދެވި ރަސްކަލާނގެއެވެ.]

ހަމަ އެހެންމެ، އުޑުތަކާއި ބިމުގައިވާ ހުރިހާ އެއްޗެއް މާތް الله ކިޔަމަން ކުރައްވާފައި ވަނީ އިންސާނުންނަށްޓަކައި ކަމުގައި ކީރިތި ޤުރްއާނުގެ ވަރަށް ގިނަ އާޔަތްތަކުގައި ބަޔާން ކުރައްވާފައި ވެ އެވެ. އެހެންކަމުން، އެ ތަކެތި ހުއްދަ ނުވާ ނަމަ، އެ ތަކެއްޗަކީ އިންސާނުންނަށްޓަކައި މާތް الله ހެއްދެވި އަދި ކިޔަމަން ކުރެއްވި ތަކެތި ކަމަކަށް ނުވާނެ އެވެ.

އިސްވެ ބަޔާން ކުރެވުނު ގޮތްތަކުގެ މަތިން މާތް الله ހަރާމް ކުރެއްވި ކަން ސާބިތު ނުވާ އެއްވެސް ކަމަކީ ހަރާމް ކަމެއް ކަމުގައި ބުނުމުގެ ހައްގު އެއްވެސް އިންސާނަކަށް ނޯންނާނެ އެވެ. މީގެ މާނައަކީ، އަލަށް އުފެދޭ މުއާމަލާތްތަކާއި އާދަކާދަތަކުގެ ތެރެއިން ވެސް އެ ކަމަކީ ހަރާމް ކަމެއް ކަން ސާބިތު ނުވާ ކޮންމެ ކަމެއް ވާނީ ހުއްދަ ކަމަކަށެވެ. ދިރިއުޅުން ތަރައްގީވެ، އިންސާނާ ހަރަކާތްތެރިވާ މައިދާންތައް އެއްދުވަހުން އަނެއް ދުވަހަށް ފުޅާވެ، ތަނަވަސް ވެގެން ދިޔުމަކީ ކަންވަމުންދާ ގޮތެވެ. އޭގެ ތެރެއިން އެއްވެސް ކަމަކީ ހަރާމް ކަމެކޭ ބުނެވޭނީ އިސްވެ ބަޔާން ކުރި ދަލީލުތަކުގެ ތެރެއިން ދަލީލަކުން އެއީ ހަރާމް ކަމެއް ކަން ސާބިތުވާން އޮތް ނަމަ އެވެ.

އެހެންކަމުން، ގައުމީ ނުވަތަ އިޖްތިމާއީ މުނާސަބަތުތައް ފާހަގަކުރުމާއި އިންސާނީ ގުޅުންތައް ބަދަހިކުރުމަށްޓަކައި ކުރެވޭ ކަންކަމާއި އުފަންދުވަސް ފާހަގަކުރުމާއި އެކިއެކި ކުޅިވަރު ކުޅުމާއި މުނިފޫހިފިލުވުމަށް ކުރާ ކަންކަމާއި ލަވަކިޔުމާއި މިޔުޒިކު ކުޅުން ފަދަ ކަންކަމަކީ ވެސް ހަރާމް ކަމެކޭ ބުނާނެ ތަނެއް ނެތެވެ. އެހެން ނަމަވެސް، އެ އިން އެއްވެސް ކަމެއް ކުރުމުގެ ތެރޭގައި ހަރާމް ކަމެއް އެކުލެވިގެން ވާ ނަމަ ނުވަތަ އެ ކަމަކީ ހަރާމް ކަމަކަށް އަރައިގަތުމަށްޓަކައި ބޭނުން ކުރެވޭ ވަސީލަތަކަށް ވާ ނަމަ އެ ކަމެއް ހަރާމް ވާނެކަން ޔަގީނެވެ.

ނޯޓް:

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަކީ "މިހާރު" އަށް ދޭތެރެދޭތެރެއިން ހާއްސަ ލިޔުންތައް ލިޔުއްވަމުން ގެންދަވާ ބޭފުޅެކެވެ. ދީނީ ގޮތުން މުހިންމު ބައިތައް އަދި މީހުން ހޭލުންތެރިކުރުމުގެ ލިޔުއްވުންތައް އޭގެ ތެރޭގައި ގިނަ އެވެ. މި ފަހަރުގެ ރޯދަމަހު ވެސް ކޮންމެ ބުރާސްފައްޗަކު އެ މަނިކުފާނު "މިހާރު" އަށް ދީނީ ލިޔުމެއް ލިޔުއްވާނެ އެވެ