Roadha Mihaaru
ރަމަޟާން މަސް، ބަރަކާތާއި ރަހުމަތުން ފުރިފައި

ރަމަޟާން މަހަކީ، ބަރަކާތާއި ރަހުމަތުން ފުރިގެންވާ މައްސަރެކެވެ.

23 މާޗް 2023

މިއަދަކީ، މި އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހުގެ ފުރަތަމަ ދުވަހެވެ. މުލަރޯދަ ދުވަހެވެ.

މިއަދަކީ، މި އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހުގެ ފުރަތަމަ ދުވަހެވެ. މުލަރޯދަ ދުވަހެވެ.

ރަމަޟާން މަހަކީ، ބަރަކާތާއި ރަޙްމަތުން ފުރިގެންވާ ވަރަށް މާތް މައްސަރެކެވެ. އަހަރުގެ ތެރޭގައި އަންނަ އެންމެ ހެޔޮކަން ބޮޑު މައްސަރެވެ. الله ގެ މަޣްފިރަތާއި ރަހުމަތުގެ މައްސަރެވެ. رسول الله صلّى الله عليه وسلّم ގެ މައްޗަށް ކީރިތި ޤުރްއާން ބާވައިލައްވަން ފެށްޓެވި މާތް މައްސަރެވެ. އެއްހާސް މައްސަރަށް ވުރެ ހެޔޮކަން ބޮޑު ރެޔެއް އެ މަހުގެ ތެރޭގައި ލައްވާފައިވާ މައްސަރެވެ.

މާތް الله ވަހީ ކުރެއްވި އެވެ. ﴿ شَهْرُ رَمَضَانَ ٱلَّذِىٓ أُنزِلَ فِيهِ ٱلْقُرْءَانُ هُدًى لِّلنَّاسِ وَبَـيِّـنَـٰتٍ مِّنَ ٱلْـهُدَىٰ وَٱلْفُرْقَانِ ؛ فَمَن شَهِدَ مِنكُمُ ٱلشَّهْرَ فَلْيَصُمْهُ ۖ ﴾ (البقرة : 185) މާނައީ: [رمضان މަހަކީ، އެ މަހެއްގައި قرآن ބާވައިލެއްވި މަހެވެ. (އެ قرآن ބާވައިލެއްވީ) މީސްތަކުންނަށް ހުރި ތެދުމަގެއް ކަމުގައްޔާއި هداية އާއި حقّ އާއި باطل ވަކި ކޮށްދެނިވި ހެކިތަކެއް ކަމުގަ އެވެ. ފަހެ، ތިޔަބައިމީހުންގެ ތެރެއިން އެ މަސްރުގައި حاضر ވެ ހުރެއްޖެ މީހާ، އެ މަހުގެ ރޯދަ ހިފާ ހުށިކަމެވެ!]

ރަމަޟާން މަހަކީ، އިސްލާމްދީނުގެ ވަރުގަދަ އެއްރުކުން ކަމުގައިވާ ރޯދަ ހިފުމުގެ މަހެވެ. އެހެންކަމުން، އެ މައްސަރުގެ ވަގުތުތައް އަޅުގަނޑުމެން ހޭދަކުރަން ވާނީ، ރޯދަ ހިފުމާއި ހެޔޮކަންތައްތައް ކުރުމުގަ އެވެ. ޤުރްއާން ކިޔެވުމުގަ އެވެ. ރޭ އަޅުކަން ކުރުމުގަ އެވެ. ސަދަގާތް ދިނުމާއި ގާތް ތިމާގެ ކަމުގެ ގުޅުން ބަދަހިކުރުމުގަ އެވެ. މުޅި މުޖުތަމައުގައި އެކުވެރިކަމާއި އޯގާވެރިކަން ފަތުރައި ވަރުގަދަ ކުރުމުގަ އެވެ.

ބަރަކާތްތެރި ރަމަޟާން މަހަކީ، މާތް الله ގެ މަގުގައި އިތުރަށް ފައިތިލަ ސާބިތުކުރުމަށާއި ތަގުވާވެރިކަން އިތުރުކުރުމަށާއި ހެޔޮ އަމަލުތައް ގިނަ ކުރުމަށް އަހަރަކު އެއްފަހަރު ލިބޭ ރަނުގެ ފުރުސަތެކެވެ. ދިރިއުޅުމުގެ ކަންތައްތަކުގައި އަވަދި ނެތި އުޅޭ އުޅުމުގެ ތެރޭގައި އަޅުގަނޑުމެންނަށް ކުރެވިފައި ހުންނަ ކުށްފާފަތަކުން ތައުބާވެ، އެފަދަ ކަންތައްތަކުން ދުރުހެލިވުމަށް އާ އަޒުމްތަކެއް ކަނޑައެޅުމަށް ލިބޭ ނުހަނު އަގުބޮޑު ރޫހާނީ މޫސުމެކެވެ.

ރަމަޟާން މަސް އައުމުން، ކީރިތި ރަސޫލާ ހަދީސް ކުރެއްވި އެވެ. ﴿ قَدْجَاءَكُمْ شَهْرٌ مُبَارَكٌ افْتُرِضَ عَلَيْكُمْ صِيَامُهُ ، تُفَتَّحُ فِيهِ أَبْوَابُ ٱلْـجَنَّة ، وَتُغَلَّقُ فِيهِ أَبْوَابُ ٱلْـجَحِيم، وَتُغَلُّ فِيهِ ٱلشَّيَاطِينُ ، فِيهِ لَيْلَةٌ خَيْرٌ مِنْ أَلْفِ شَهْرٍ، مَنْ حُرِمَ خَيْرَ هَا فَقَدْ حُرِمَ ﴾ (رواه أحـمد والنّسانـى والبيهقى) މާނައީ: [ހަމަކަށަވަރުން ތިޔަބައި މީހުންގެ ގާތަށް ބަރަކާތްތެރި މައްސަރެއް އަތުވެއްޖެ އެވެ. އެ މަހުގެ ރޯދަހިފުން، ތިޔަބައިމީހުންގެ މައްޗަށް فرض ކުރެއްވި އެވެ. އެ މަހު ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވޭހުށްޓެވެ. އަދި އެ މަހު ނަރަކައިގެ ދޮރުތައް ބަންދުކުރެވޭ ހުށްޓެވެ. އަދި އެ މަހު شيطانންތައް ކަސްތަޅު އެޅޭ ހުށްޓެވެ. އެ މަހުގައި އެއްހާސް މައްސަރަށް ވުރެ ހެޔޮކަންބޮޑު ރެޔެއް ވެ އެވެ. އެރޭގެ ހެޔޮކަމުން مـحروم ވެއްޖެ މީހާ، (އެހެނިހެން ހެޔޮކަންތަކުން ވެސް) مـحروم ވެއްޖެކަން ކަށަވަރެވެ.]

ކީރިތި ރަސޫލާގެ މި އަގު ހުރި އިރުޝާދުގެ ބަސްފުޅުތައް އަހައި، އެ އަގުހުރި ބަސްފުޅުތަކުން އިބުރަތް ލިބިގަތުމަކީ، އަޅުގަނޑުމެން އެންމެހައި މުސްލިމުންގެ މައްޗަށް އޮތް ވަރަށް ބޮޑު ވާޖިބެކެވެ. މާތް الله، އަޅުގަނޑުމެން އެންމެންނަށް މި ބަރަކާތްތެރި ރަމަޟާން މަހުގެ ދުވާލުގެ ވަގުތުތަކުގައި ރޯދަ ހިފައި، ރޭގަނޑުގެ ވަގުތުތަކުގައި ރޭއަޅުކަން ކުރުމުގެ ތައުފީގު ދެއްވާށި އެވެ! އަދި އެހީއަށް ބޭނުންވެފައި ތިބޭ އަޅުގަނޑުމެންގެ އަހުންނާއި އުހުތުންނަށް ދީލަތިކަމާއެކު އެހީ ފޯރުވުމުގެ ހެޔޮ ވިސްނުމާއި ކުޅަދާނަކަން ދެއްވާށި އެވެ! އަދި މި މާތް މައްސަރުގެ މަޣްފިރަތާއި ރަހުމަތާއި ދަރުމަ އަޅުގަނޑުމެން އެންމެންނަށް މިންވަރު ކުރައްވާށި އެވެ! އާމީން.

އެޑިޓަރުގެ ނޯޓް:

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަކީ "މިހާރު" އަށް ދޭތެރެދޭތެރެއިން ހާއްސަ ލިޔުންތައް ލިޔުއްވަމުން ގެންދަވާ ބޭފުޅެކެވެ. ދީނީ ގޮތުން މުހިންމު ބައިތައް އަދި މީހުން ހޭލުންތެރިކުރުމުގެ ލިޔުއްވުންތައް އޭގެ ތެރޭގައި ގިނަ އެވެ. މި ފަހަރުގެ ރޯދަމަހު ވެސް ކޮންމެ ބުރާސްފައްޗަކު އެ މަނިކުފާނު "މިހާރު" އަށް ދީނީ ލިޔުމެއް ލިޔުއްވާނެ އެވެ.