01 މެއި 2022
ބަރަކާތްތެރި ރަމަޟާން މަސް އަޅުގަނޑުމެންނާ އަލްވަދާއު ކިޔަނީ އުފާވެރި ފިތުރު އީދުގެ މުނާސަބަތާ އެކުގަ އެވެ. މި މުނާސަބަތުގައި މުސްލިމުން އުފާކުރަނީ ކީއްވެގެން ކަމާއި އީދު ފާހަގަކުރާނީ ކިހިނެއް ކަމާއި އެ ކަމުގައި ސަމާލުވާން ޖެހޭ ކަންކަން ދެނެގަތުން މުހިންމެވެ.
ބަރަކާތްތެރި ރަމަޟާން މަސް އަޅުގަނޑުމެންނާ އަލްވަދާއު ކިޔަނީ އުފާވެރި ފިތުރު އީދުގެ މުނާސަބަތާ އެކުގަ އެވެ. މި މުނާސަބަތުގައި މުސްލިމުން އުފާކުރަނީ ކީއްވެގެން ކަމާއި އީދު ފާހަގަކުރާނީ ކިހިނެއް ކަމާއި އެ ކަމުގައި ސަމާލުވާން ޖެހޭ ކަންކަން ދެނެގަތުން މުހިންމެވެ.
ފިތުރު އީދުގައި އުފާކުރަނީ ރަމަޟާން މަހުގެ ތެރޭގައި ރޯދަ ހިފުމާއި ފަރުލު ނަމާދު ތަކުގެ އިތުރަށް ތަރާވީހާއި އެ ނޫންވެސް ސުންނަތް ނަމާދުތައް އަދާކުރެވުމާއި ކީރިތި ގުރުއާން ކިޔެވުމާއި ދުއާކޮށް، ޒިކުރު ކުރުމާއި އެ ނޫން ވެސް އެހެން ހެޔޮކަންކަން ކުރުމުގައި ﷲ ގެ ހަޒްރަތުން ހެޔޮ ތައުފީގު ލިބުނު ކަމަށްޓަކަ އެވެ. އަދި އެ ކަންކަމުން ލިބިފައިވާ ވަރުބަލިކަން ފިލުވައިލެވޭތީ އެވެ. މިއީ ޝުކުރުވެރިވުން ހައްގު ކަންކަމެވެ. މި ގޮތުން ޝުކުރުވެރިވުމުގެ ނިޔަތް ވެސް އެކުލެވޭ ގޮތުގައި އަންނަނިވި ކަންކަމަށް ސަމާލުވާން ޖެހޭނެ އެވެ.
• އީދު ދުވަސް އައި އިރު ފިތުރު ޒަކާތް ނުނެރެވި ވާ ނަމަ އެ ކަމަށް އަވަސްވެ ގަތުމެވެ.
• އެއް މުޖުތަމައެއްގައި ދިރިއުޅޭ އެންމެން އީދު ފާހަގަކުރުމުގައި އެއް ދުވަހަކަށް ތަބާވުމެވެ. އީދު ދުވަސް ކަނޑައެޅުމުގައި ފިގުހީ ގޮތުން އޮންނަ ހިލާފުގެ ސަބަބުން އިސްލާމީ އެހެން ގައުމަކަށް އީދު ނުވެދާނެ އެވެ. އެކަމަކު ތިމާ ހުރި ގައުމަށް ހަނދު ސާބިތު ކުރެވިގެން އީދު ކަމަށް ކަނޑައަޅައިފި ނަމަ އެ ގައުމުގައި ތިބި އެންމެންނާ އެކު އެ ދުވަހު އީދު ފާހަގަކުރަންޖެހޭނެ އެވެ.
• އީދު ވިލޭރެ އަށް އިރުއޮއްސުނީއްސުރެ އީދު ނަމާދުކޮށް ފެށެންދެން ތަކުބީރު ކިޔުންމަތީ ދެމިތިބުމެވެ. ކޮންމެ ފަރުލު ނަމާދަކާއި ސުންނަތް ނަމާދެއްގެ ފަހުގަ އާއި މިސްކިތަށް ދާއިރު އާއި މިސްކިތުން އަންނަ އިރު އާއި އެކިއެކި އެއްވުންތަކުގަ އާއި މި ހުރިހާ ތަނެއްގައި ވެސް ތަކުބީރު ކިޔުމަކީ ﷲ އަށް ޝުކުރުވެރިވުން ވަރަށް ބޮޑަށް ރަމްޒުކޮށްދޭ ކަމެކެވެ.
• އީދު ދުވަހުގެ ހެނދުނުހެނދުނާ އީދު ނަމާދު ކުރުމެވެ. މިހާ ހެނދުނާ މި ނަމާދު ކުރުމުން ދޭހަކޮށްދެނީ އީދު ދުވަހު އުފާކުރުމުގެ ގޮތުން ކުރާ ހުރިހާ ކަމެއް ވެސް މާތް ﷲ އަށް ކިޔަމަންތެރިކަން އަދާކުރުމުގެ ތަރަހައިން ބޭރު ނުވާނެ ކަމެވެ. އެ ބަހީ އެކަލާނގެ އަށް އުރެދުމެއް ވާ ގޮތެއްގައި އެއްވެސް ކަމެއް ނުކުރާނެ ކަމެވެ.
• އީދުގެ މުނާސަބަތާ ދިމާކޮށް މުސްލިމުން އެކަކު އަނެކަކަށް ތަހުނިޔާ ކިޔައި ބަރަކާތްލެއްވުން އެދި ދުއާކޮށް އުޅުމެވެ. ކީރިތިރަސޫލާ ﷺ ގެ އަސްހާބުން އީދު ދުވަހު ބައްދަލުވާ ހިނދު އެއްބޭފުޅަކު އަނެއް ބޭފުޅަކަށް "ތަގައްބަލް މިންނާ ވަމިންކަ" ނުވަތަ "ތަގައްބަލަﷲ މިންނާ ވަމިންކަ" މި ފަދައިން ވިދާޅުވެ އެވެ. އޭގެ މާނައަކީ "މާތް ﷲ އަހަރެމެންގެ ކިބައިންނާއި ތިޔަބައިމީހުންގެ ކިބައިން ގަބޫލު ކުރައްވާށި އެވެ." އެ ބަހީ ﷲ އަށް ކިޔަމަންތެރިވުމުގެ ގޮތުން ކޮށް އުޅޭ ހުރިހާ ކަމެއް ވެސް ގަބޫލު ކުރައްވާށި އެވެ.
• ރަހިމުގެ ގުޅުން ވާސިލު ކުރުމެވެ. އޭގެ މާނައަކީ ގާތްތިމާގެ މީހުންގެ މެދުގައި އޮންނަ ގުޅުން ވަރުގަދަ ކުރުމެވެ. އެއްވެސް ކަހަލަ ހީނަރުކަމެއް އެ ގުޅުމަށް އައިސްފައިވާ ނަމަ އެކަން ހަނދާން ނައްތާލައި އެކަކު އަނެކަކަށް މާފުކޮށް، އެ ގުޅުން އިހުނަށް ވުރެ ބަދަހި ކުރުމެވެ. މި ގޮތުން ތިމާގެ މީހުންގެ ގޭގެ އަށް ޒިޔާރަތްކޮށް، އެ ގޭގެއިން ކައިބޮއެ ހަދައި އެ ގޭގެ އަށް ކާބޯތަކެތި ފޮނުވައި އެކަކު އަނެކަކަށް ސަލާމްކޮށް، ރީތިކޮށް ވާހަކަ ދައްކައި އުޅުމަކީ ވެސް ﷲ އަށް ޝުކުރުވެރިވުން ރަމްޒުކުރާ ކަމެކެވެ.
• އީދަކީ އުފާކުރުމުގެ ދުވަހެއް ކަމުގައި ވިއަސް ﷲ އަށް އަދާކުރަންޖެހޭ ދީނީ އެއްވެސް ވާޖިބެއް އަދާކުރުމުގައި ފަރުވާ ކުޑަނުކޮށް ބަރާބަރަށް ކުރުމަށް ސަމާލުކަން ދިނުމެވެ.
• އީދަކީ އުފާކުރުމުގެ ދުވަހެއް ކަމުން ތަފާތު ކުޅިވަރުތަކާއި މުނިފޫހިފިލުވުމުގެ އެކިއެކި ކަންތައްތައް ޝަރުއީ ހަމަތަކުގެ މަތިން ކުރުން ހުއްދަކަން ގަބޫލުކޮށް ﷲ އަށް ޝުކުރުވެރިވާ ހާލު އެ ފަދަ ކަންކަމުގައި ތިމާގެ ޝައުގުވެރިކަން ހުރި މިންވަރަކުން ބައިވެރި ވުމެވެ.
ކުރިން ވެސް ފާހަގަކުރި ފަދައިން އީދަކީ އުފާކުރުމުގެ ދުވަހެއް ކަމުން ތަފާތު ކުޅިވަރުތަކާއި މުނިފޫހިފިލުވުމުގެ އެކިއެކި ކަންތައްތައް ކުރުމަކީ ހުއްދަ ކަމެކެވެ. އަދި ކިއެއްތަ، އެއީ އެދެވިގެންވާ ކަމެއް ވެސް މެ އެވެ.
ކީރިތި ރަސޫލާ ﷺ ވަނީ މި ކަމަށް އިޒުނަ ދެއްވައި އަމަލީ ގޮތުން މިކަން ކުރައްވައިފަ އެވެ. ނަމަވެސް މި ފަދަ ކަންކަން ކުރެވޭނީ ޝަރުއީ ހަމަތަކުގެ މަތިންނެވެ. އީދު ފާހަގަކުރުމުގައި އަންނަނިވި ކަންކަމަށް ސަމާލުވުން ކޮންމެހެން ލާޒިމެވެ.
• އުފާކުރުމުގެ ގޮތުން ހުއްދަ ކަންކަމުގައި ބައިވެރިވިޔަސް ﷲ އަށް އަދާކުރަންޖެހޭ ވާޖިބުތަކާއި ތިމާގެ އަމިއްލަ ނަފްސަށް އަދި ތިމާގެ އާއިލާގެ މީހުންނާއި އަވަށްޓެރިންނާއި މުސްލިމް އެންމެހާ އަހުންނަށް އަދާކުރަންޖެހޭ ހައްގުތަކަށް ރައްކާތެރިވާން ޖެހޭނެ އެވެ. ނަމާދާއި އެ ނޫން ވާޖިބު އަޅުކަމެއް ދޫކޮށްލެވިގެން ނުވާނެ އެވެ. އަނބީންނާއި ފިރިންނާއި ދަރީންނަށް އަދި ގާތްތިމާގެ މީހުންނަށާއި އެ ނޫން ވެސް އެހެން ހުރިހާ މުސްލިމުންނަށް އަދާކުރަންޖެހޭ ހައްގުތައް އަދާކުރަން ވާނެ އެވެ.
• އުފާކުރުމުގެ ގޮތުން ކުރާ އެއްވެސް ކަމެއްގައި މާތް ﷲ އާއި އެކަލާނގެ ރަސޫލާ ﷺ ހަރާމް ކުރައްވާފައިވާ ކަމެއް އެއްގޮތަކަށް ވެސް ނުކުރުމެވެ. އަދި މަކްރޫހަ ކުރައްވާފައިވާ ކަންތައްތަކުން ވެސް ދުރުހެލިވުމެވެ. ހެދުން އެޅުމުގަ އާއި ކެއުބުއިމުގަ އާއި ދެ ޖިންސުގެ މީހުން އެއްތަންވެ އުޅޭ އުޅުމުގަ އާއި މި ނޫން ވެސް މި ފަދަ ހުރިހާ ކަމެއްގައި އެކުލެވިގެންވާ ހަރާމް ކަންތައްތަކާއި މަކްރޫހަ ކަންތައްތަކުން ދުރުހެލިވާން ޖެހޭނެ އެވެ. މިސާލަކަށް ފާހިޝް ކަންކަމަށް މަގުފެހިވެދާނެ ފަދަ ހެދުން އެޅުމެވެ. ނުވަތަ އެ ފަދަ ކަމަކަށް މަގުފަހިވާ ފަދަ ލަވަ އާއި މިޔުޒިކު އަޑުއެހުމާއި ކުޅުމެވެ. ނުވަތަ އެ ފަދަ ކަމަކަށް މަގުފަހިވާ ގޮތަށް ދެ ޖިންސުގެ މީހުންގެ މެދުގައި ބަހާއި އަމަލުގެ މުއާމަލާތްތައް ހިންގުމެވެ.
ހަރާމްކަމާއި މަކްރޫހަކަން ބަޔާންކުރުމުގައި އިލްމުވެރިންގެ މެދުގައި އިހުތިލާފު ހުންނަ ކަންކަމުގައި ތިބާ އަށް އެންމެ ރައްކާތެރިކަން ބޮޑީ ކޮން ގޮތެއްކަން ތިބާ އަށް ކަނޑައެޅިދާނެ އެވެ. އެހެން މީހުންގެ މައްޗަށް ތިބާގެ ރައުޔު ލާޒިމުކުރުވަން އުޅުން ބުއްދިވެރިއެއް ނޫނެވެ.
މި ފާހަގަކުރި ކަންކަމަށް ސަމާލުކަންދީގެން ތިމާ އަށް ދުނިޔޭގައި ވެސް އަދި އާހިރަތުގައި ވެސް ގެއްލުމެއް ނުލިބޭނެ ގޮތަށް އީދުގައި އުފާކުރެވިދާނެ އެވެ. ކުޅިވަރު ކުޅެވިދާނެ އެވެ. އަދި މުނިފޫހިފިލުވައި މަޖާ ވެސް ކުރެވިދާނެ އެވެ.
ގުޅުން ބަދަހިކުރަން ލިބުނު ފުރުސަތު ދޫކޮށްނުލާ!
އިސްލާމީ ސަގާފަތާ ތައާރުޒު ނުވުމަށް ޝަހީމް އެދިއްޖެ
ރޯދައިގެ އެންމެ އަގުހުރި ޣަނީމާ: ތަޤުވާ އާއި ތަޒުކިޔާ
ބޮޑު އީދު: އިސްލާމްދީނުގެ އިމުން ބޭރު ނުވާން އެދިއްޖެ
މާލެ ދިއްލުމުގެ ކުރީ ސަފުގައި ސްޓެލްކޯގެ މުވައްޒަފުން
މާލޭގައި ކުލަގަދަކޮށް އީދު ފާހަގަކުރަނީ
މުނިފޫހިފިލުވުމުގައި އިސްލާމީ މިންގަނޑުތަކަށް ތަބާވުން
ހަ ރޯދަ: މުޅި އަހަރު ރޯދަހިފުން ފަދަ، ދޫނުކުރާތި!
ދެ އަހަރަށްފަހު ބޮޑު ޖަމާއަތުގައި އީދު ނަމާދުކޮށްފި
ރޯދައިގެ ސަވާބު އިތުރުވާނީ ފިތުރު ޒަކާތާއެކު!