ހިޖްރީ ސަނަތުން ހިނގަމުން މިދާ 1446 ވަނަ އަހަރުގެ ރަމަޟާން މަސް ފެށުމުގައި ވެސް އިސްލާމީ ގައުމުތަކުގެ މެދުގައި ތަފާތުތަކެއް އެބަހުއްޓެވެ. މާޗް 1، 2025 ގައި ރަމަޟާން މަސް ފެށި ގައުމުތަކުގެ ތެރޭގައި އެންމެ އިރުމަތީގައި އޮތް އިންޑޮނީޝިޔާ އާއި ދިވެހިރާއްޖެ އަދި މެދުއިރުމަތީގެ ގިނަ ގައުމުތަކާއި އެފްރިކާގެ ގިނަ ގައުމުތައް ހިމެނެ އެވެ. މީގެ ތެރެއިން ބައެއް ގައުމުތައް ރަމަޟާން މަސް ފެށީ، ފަލަކީ ހިސާބަށް ބަރޯސާ ވެގެންނެވެ. އަދި ބައެއް ގައުމުތައް ހަނދު ފެނިގެންނެވެ.
27 މާޗް 2025
ހިޖްރީ ސަނަތުން ހިނގަމުން މިދާ 1446 ވަނަ އަހަރުގެ ރަމަޟާން މަސް ފެށުމުގައި ވެސް އިސްލާމީ ގައުމުތަކުގެ މެދުގައި ތަފާތުތަކެއް އެބަހުއްޓެވެ. މާޗް 1، 2025 ގައި ރަމަޟާން މަސް ފެށި ގައުމުތަކުގެ ތެރޭގައި އެންމެ އިރުމަތީގައި އޮތް އިންޑޮނީޝިޔާ އާއި ދިވެހިރާއްޖެ އަދި މެދުއިރުމަތީގެ ގިނަ ގައުމުތަކާއި އެފްރިކާގެ ގިނަ ގައުމުތައް ހިމެނެ އެވެ. މީގެ ތެރެއިން ބައެއް ގައުމުތައް ރަމަޟާން މަސް ފެށީ، ފަލަކީ ހިސާބަށް ބަރޯސާ ވެގެންނެވެ. އަދި ބައެއް ގައުމުތައް ހަނދު ފެނިގެންނެވެ.
ނަމަވެސް އެންމެ އިރުމަތީގައި އޮތް ބުރޫނާއީ، މެލޭޝިޔާ ސިންގަޕޫރުގެ އިތުރުން އޭޝިޔާ އިން ޕާކިސްތާނާއި އިންޑިޔާ އާއި މެދުއިރުމަތީގެ އީރާނާއި އިރާގު އަދި އެފްރިކާގެ އެންމެ ހުޅަނގުގައި އޮތް މޮރޮކޯ އިން ރޯދަމަސް ފެށީ މާޗް 2 ވަނަ ދުވަހު އެވެ. މި ގައުމުތަކުން ރޯދަމަސް ފެށީ، ޝައުބާން މަހުގެ 29 ވަނަ ދުވަހުގެ ރޭ ހަނދު ނުފެނުމުގެ ސަބަބުން ޝައުބާން މަހުން ތިރީސް ދުވަސް ހަމަކުރުމަށް ފަހުގަ އެވެ.
އެހެންކަމުން މާޗް 1 ވަނަ ދުވަސް އެއީ މުލަރޯދަ ދުވަސް ކަމަށް ކަނޑައަޅައިގެން ރޯދަ ހިފަން ފެށި ގައުމުތަކުން، މާޗް މަހުގެ 29 ވާ ހޮނިހިރު (ރަމަޟާން 29 ވަނަ) ދުވަހުގެ އިރު އޮއްސުމުން، ޝައްވާލް މަހަށް ހަނދު ބެލުން އޮންނާނެ އެވެ. ދިވެހިރާއްޖެ އާއި މެދުއިރުމަތީގެ ގިނަ ގައުމުތަކާއި ތުރުކީ އަދި އިސްލާމީ ދުނިޔޭގެ ގިނަ ގައުމުތަކުން ވެސް ރޯދަމަސް ފެށީ، މާޗް މަހުގެ ފުރަތަމަ ދުވަހު ކަމަށް ވާތީ، އެ ހުރިހާ ގައުމުތަކެއްގައި ވެސް، މާޗް މަހުގެ 29 ވަނަ ދުވަހުގެ އިރު އޮއްސުމުން އީދަށް ހަނދު ބެލުން އޮންނާނެ އެވެ.
ނަމަވެސް، ފަލަކީ ހިސާބުތައް ކަށަވަރު ކޮށްދޭ ގޮތުގައި މި އަހަރުގެ ރަމަޟާން މަސް ނިމި، ޝައްވާލް މަހަށް ހަނދު ބެލުމުގައި، ދޭދޭ އިސްލާމީ ގައުމުތަކުގެ މެދުގައި ތަފާތުތަކެއް ހުންނާނެ އެވެ. އޭގެ ތެރެއިން ބައެއް ގައުމުތަކަށް، ރަމަޟާން މަހުގެ 29 (މާޗް 29) ވަނަ ދުވަހުގެ އިރު އޮއްސުމުގެ ކުރިން ހަނދު އޮއްސޭނެ އެވެ. އަދި ދިވެހިރާއްޖެ ފަދަ ގައުމުތަކަށް، އެ ދުވަހުގެ އިރާއި ހަނދު އޮއްސޭނީ އެކުއެކީގަ އެވެ. އެހެންކަމުން، ދިވެހިރާއްޖެ އާއި ދިވެހިރާއްޖެ އަށް ވުރެ އިރުމަތީގައި އޮތް އެއްވެސް ގައުމަކަށް، ރަމަޟާން މަހުގެ 29 (މާޗް 29) ވަނަ ދުވަހުގެ އިރު އޮއްސުމަށް ފަހުގައި، ޝައްވާލް މަހުގެ ހަނދެއް ނުފެންނާނެ އެވެ.
ފަލަކީ ގޮތުން ރަމަޟާން މަސް ފެށުނީ، ހުސްވި ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު ރާއްޖޭ ގަޑިން ފަތިހު 05:44 ގައެވެ. އެ ވަގުތުން ފެށިގެން މި ބިމުގެ ވަށައިގެން ހަނދު ޖަހަމުން ދާ ބުރު ފުރިހަމަވެ އިޤްތިރާން ވާނީ (ކޮންޖަންކްޝަން ވާނީ)، ރަމަޟާން މަހުގެ ހަނދުގެ އުމުރުން 29 ދުވަހާއި 10 ގަޑިއިރާއި 43 މިނެޓް ހޭދަވުމަށް ފަހު، މާޗް މަހުގެ 29 (ރަމަޟާން 29 ވާ ހޮނިހިރު) ދުވަހު ރާއްޖޭ ގަޑިން 15:57 (ޖީއެމްޓީ ގަޑިން އެ ދުވަހުގެ 10:57) ގަ އެވެ.
މާޗް މަހުގެ 29 (ރަމަޟާން 29 ވާ ހޮނިހިރު) ދުވަހުގެ އިރުއޮއްސޭ ވަގުތާއި އިޤްތިރާންވާ ވަގުތަށް ބަލާއިރު، އެ ދުވަހުގެ އިރުއޮއްސެނީ އިޤްތިރާންވާ ވަގުތުގެ ދެ ގަޑިއިރު ފަހުންނެވެ. އެހެންކަމުން، އެ ދުވަހުގެ އިރުއޮއްސޭއިރު، ރަމަޟާން މަހުގެ ހަނދުގެ އުމުރުން ހުންނާނީ 29 ދުވަހާއި 12 ގަޑިއިރާއި 30 މިނެޓް ހޭދަވެފަ އެވެ. އެހެންކަމުން، އެއްވެސް އޮޅުމެއް ނެތް ގޮތުގައި، ރާއްޖޭ ގަޑިން މާޗް މަހުގެ 29 (ރަމަޟާން 29 ވާ ހޮނިހިރު) ދުވަހުގެ 15:57 ގައި، ފަލަކީ ގޮތުން ރަމަޟާން މަސް ނިމި، ޝައްވާލް މަސް ފެށޭނެ އެވެ.
ރަމަޟާން މަހާއި ޝައްވާލް މަހުގެ ހަނދު ސާބިތުކުރުމުގައި ދިވެހިރާއްޖޭގައި އަމަލުކުރަމުން އަންނަ އުސޫލަށް ބަލާއިރު، މި އަހަރުގެ ރަމަޟާން މަހުގެ 29 ވަނަ ދުވަހުގެ ރޭ ރާއްޖެ އަށް ޝައްވާލް މަހުގެ ހަނދު ނުފެނުނަސް އެ ދުވަހުގެ އިރުއޮއްސުމަށް ފަހުގައި އުދަރެހުން މަތީގައި ހަނދު ހުންނާނެ ކަމަށް އިތުބާރު ކުރި ފަލަކީ ހިސާބުން ކަށަވަރުވާ ގައުމަކަށް ހަނދު ފެނިގެން، އެކަން ރަސްމީކޮށް ސަރުކާރަށް އަންގައިފި ނަމަ އެ ހަނދަށް އަމަލުކުރެވޭނެ އެވެ.
ނަމަވެސް އެ ދުވަހުގެ 15:57 ގައި އިޤްތިރާންވުމާއި އެ ދުވަހުގެ 18:14 ގައި އިރު އޮއްސުމާ ދެމެދު ހޭދަވަނީ، އެންމެ ދެ ގަޑިއިރާއި 17 މިނެޓެވެ. މިއީ އިޤްތިރާން ވެފައި ހުންނަ ހަނދު، މިބިމަށް ފެންނަ ވަރަށް އިރުގެ ބުރުގެ ތެރެއިން ނެއްޓި ފައުޅުވުމަށް އެކަށީގެންވާ ވަގުތަކަށް ނުވާތީ، އެ ދުވަހު ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް އިރާއި ހަނދު އޮއްސޭނީ ދާދި އެކުއެކީގަ އެވެ. ނުވަތަ ބައެއް ސަރަހައްދުތަކަށް އިރަށް ވުރެ ކުރިން ހަނދު އޮއްސޭނެ އެވެ.
މިހެންވުމުން، ރާއްޖޭ ގަޑިން އެ ދުވަހުގެ 15:57 ގައި ފަލަކީ ގޮތުން ރަމަޟާން މަސް ނިމުނު ކަމަށް ވިޔަސް، އެ ދުވަހުގެ އިރު އޮއްސުމަށް ފަހުގައި ރާއްޖޭގެ އުދަރެހުން މަތީގައި ހަނދު ނުހުންނާނެތީ، ޝަރުޢީ ގޮތުން ކަނޑައަޅަން ޖެހެނީ، އެ ދުވަހުގެ އިރު އޮއްސޭއިރު، ރާއްޖެ އަށް ރަމަޟާން މަސް ނުނިމޭ ކަމަށެވެ. އެހެންކަމުން ޝައްވާލް މަހެއް ނުފެށޭނެ އެވެ. އެ ދުވަހުގެ އިރުއޮއްސުމުގެ ކުރިން ހަނދު އޮއްސޭ ނުވަތަ އިރާއި ހަނދާ އެކުއެކީގައި އޮއްސޭ އެއްވެސް ގައުމަކަށް، އެރޭ ޝައްވާލް މަހުގެ ހަނދެއް ނުފެންނާނެ އެވެ. ނަމަވެސް، ދިވެހިރާއްޖެ އަށް ވުރެ ހުޅަނގަށް އަދި ދިވެހިރާއްޖެ އަށް ވުރެ އުތުރަށް ހުރި ގިނަ ގައުމުތަކަށް، އެ ރޭގެ ހަނދު ފެނުމުގެ ފުރުސަތު އެބަ އޮތެވެ. އެއީ، އެ ގައުމުތަކަށް އެ ދުވަހުގެ ހަނދު އޮއްސޭނީ އިރު އޮއްސުމަށް ފަހުގައި ކަމަށް ވާތީ އެވެ. އެ ގޮތުން ދިވެހިރާއްޖެއާ އެންމެ ކައިރިން، އެ ރޭގެ ހަނދު ފެނުމުގެ ފުރުސަތު އޮތް ގައުމަކީ ޕާކިސްތާނެވެ.
ޕާކިސްތާނުގެ އެންމެ އިރުމަތީގެ ސަރަހައްދުތަކުން ފެށިގެން ހުޅަނގުގެ ސަރަހައްދުތަކަށް، އެ ދުވަހުގެ އިރު އޮއްސުމަށް ފަހުގައި ހަނދު އޮއްސުމާ ދެމެދު، އެއް މިނެޓާއި ތިން މިނެޓާ ދެމެދުގެ މުއްދަތެއް ހޭދަވާނެ އެވެ. ޕާކިސްތާނަށް ވުރެ އުތުރަށް އަދި ހުޅަނގަށް ޖެހެމުންދާ ވަރަކަށް މިވަގުތު އިތުރުވާނެ އެވެ.
އެ ގޮތުން އީރާންގެ ވެރިރަށް ތެހެރާނަށް އެ ދުވަހުގެ ހަނދު އޮއްސޭނީ އިރު އޮއްސުމުގެ އަށް މިނެޓް ފަހުންނެވެ. އިރާގުގެ ވެރިރަށް ބަޣުދާދަށް ނުވަ މިނެޓް ފަހުންނެވެ. ތުރުކީގެ އިސްތަންބޫލަށް އެ ދުވަހުގެ ހަނދު އޮއްސޭނީ އިރު އޮއްސުމުގެ 13 މިނެޓް ފަހުންނެވެ.
އެ އަށް ވުރެ ދެކުނުގައި ހުރި މެދުއިރުމަތީގެ ގައުމުތަކަށް ބަލާއިރު، މައްކާ އާއި މަދީނާ އަށް އެ ދުވަހުގެ ހަނދު އޮއްސޭނީ، އިރު އޮއްސުމުގެ އަށް މިނެޓް ފަހުންނެވެ. މިސްރުގެ އިސްކަންދަރިއްޔާއަށް 12 މިނެޓް ފަހުންނެވެ. އިސްލާމީ ގައުމުތަކުގެ އެންމެ ހުޅަނގުގައި އޮތް މޮރޮކޯގެ ވެރިރަށް ރަބާޠަށް އެ ދުވަހުގެ ހަނދު އޮއްސޭނީ، އިރުއޮއްސުމުގެ 20 މިނެޓް ފަހުންނެވެ. އަދި ސެނެގޯލްގެ ވެރިރަށް ޑަކާރް އަށް އެ ދުވަހުގެ ހަނދު އޮއްސޭނީ އިރު އޮއްސުމުގެ 17 މިނެޓް ފަހުންނެވެ.
މި މައުލޫމާތުތަކުން ތިން ކަމެއް އަޅުގަނޑުމެންނަށް ކަށަވަރުވެ އެވެ. ފުރަތަމަ ކަމަކީ، މާޗް މަހުގެ 29 (ރަމަޟާން 29) ވަނަ ދުވަހުގެ ޖީއެމްޓީ ގަޑިން 10:57 ގައި، ފަލަކީ ގޮތުން ރަމަޟާން މަސް ނިމި، ޝައްވާލް މަސް ފެށޭ ކަމެވެ. ދެވަނައީ، ފަލަކީ ގޮތުން ރަމަޟާން މަސް ނިމުނު ކަމަށް ވިޔަސް، އެ ދުވަހުގެ އިރު އޮއްސުމުގެ ކުރިން، އިސްލާމީ ބައެއް ގައުމުތަކަށް ހަނދު އޮއްސޭނެތީ، އެ ގައުމުތަކަށް އެރޭ ހަނދު ފެންމަތީގައި ނުހުންނާނެ ކަމެވެ. ތިންވަނައީ، ފަލަކީ ގޮތުން ރަމަޟާން މަސް ނިމިފައިވުމާ އެކުގައިމެ، އިސްލާމީ ބައެއް ގައުމުތަކަށް އެ ދުވަހުގެ އިރު އޮއްސުމަށް ފަހުގައި، ހަނދު ފެންމަތީގައި ހުންނާނެތީ، އެ ގައުމުތަކަށް ފަލަކީ ގޮތުންނާއި ޝަރުއީ ހަމަތަކުގެ މަތިން ވެސް ޝައްވާލް މަސް ފެށޭނެ ކަމެވެ. އެހެންކަމުން، މިފަދަ ހާލަތުގައި ހަނދު ސާބިތުކުރުމުގައި އަމަލުކުރާ ގޮތްތަކުގެ ތެރެއިން، މުޅި އިސްލާމީ އުންމަތުގެ މަސްލަހަތު ހުރި ގޮތަކީ، އަދި އިސްލާމީ ޝަރީއަތާ ފުށުނާރާނެ ގޮތަކީ ކޮބައިތޯ ބަލައި އެގޮތަކަށް އަމަލުކުރުން މުހިންމެވެ.
ޙަނަފީ މަޒްހަބުގެ ގިނަ އިލްމުވެރިންނާއި މާލިކީ މަޒްހަބުގެ ގިނަ އިލްމުވެރިންނާއި ހަންބަލީ މަޒްހަބުގެ ގިނަ އިލްމުވެރިން ވިދާޅުވާ ގޮތުގައި އެއް ރަށަކަށް (ގައުމަކަށް) ހަނދު ސާބިތުވެއްޖެ ނަމަ، އެހެން ހުރިހައި ރަށެއްގައިމެ އެ ހަނދަށް އަމަލުކުރުން ލާޒިމުވާނެ އެވެ. (އުރްދުންގެ ދާރުލް އިފްތާއުގެ ފަތުވާ ނަންބަރު: 3496، މިސްރުގެ ދާރުލް އިފްތާއުގެ ފަތުވާ ނަންބަރު: 8196) މިއީ ސުންނީ މަޒްހަބުތަކުގެ ތެރެއިން ގިނަ މަޒްހަބުތައް އެއްބަސްވާ ގޮތެވެ.
އިސްވެ ދެންނެވި މަޒްހަބުތަކުގެ އެހެން ބައެއް އިލްމުވެރިން ދެކެވަޑައިގަންނަވާ ގޮތުގައި، އެއް ހަނދަކަށް އަމަލުކުރުން ލާޒިމުވާނީ ހަނދު ފެންނަ ގައުމާ ކައިރީގައިވާ ގައުމުތަކަށެވެ. ދުރުގައިވާ ގައުމުތަކަކަށް ނޫނެވެ. (މަވާހިބުލް ޖަލީލް 2/384). މިއީ މަދު ބައެއްގެ ރައުޔަށް ވުމުގެ އިތުރުން، މިފަދަ ހާލަތެއްގައި ދޭދޭ ގައުމުތަކުގެ ދުރު ކައިރި ކަނޑައަޅާނެ މިންގަނޑަކާ މެދު އިލްމުވެރިން އެއްބަސްވެފައެއް ނެތެވެ. އެހެންކަމުން، އެއް ގައުމަކަށް ފެންނަ ހަނދަށް އަނެއް ގައުމަކުން އަމަލުކުރުމަކީ ފިޤްހުވެރިންގެ މެދުގައި ޚިޔާލު ތަފާތު މައްސަލައެކެވެ. އަދި އިޖްތިހާދު ކުރެވޭ މިފަދަ މައްސަލައެއްގައި، އޮންނަ ރައުޔުތަކުގެ ތެރެއިން ކުރެ ކޮންމެ ރައުޔަކަށް އެ ގައުމެއްގެ ވަލިއްޔުލް އަމްރު އަމަލު ކުރެއްވިޔަސް މައްސަލައެއް ނެތް ކަމަށް އިލްމުވެރިން އެއްބަސްވެ އެވެ.
ރަމަޟާން މަހުގެ ރޯދަ ހިފަން ފެށުމުގަޔާއި ރޯދަ ހިފުން ދޫކޮށްލައި އީދު ކުރުމާ ގުޅޭ ގޮތުން ވާރިދުވެފައިވާ ހަދީސްތަކަށް ބަލާއިރު ވެސް، އެ ދެ ގޮތުން ކުރެ ކޮންމެ ގޮތަކީ ވެސް ޝަރުއީ ހަމަތަކުގެ މަތިން ހުއްދަ ދެ ގޮތެވެ. ފުރަތަމަ ގޮތަކީ، ކޮންމެ ގައުމަކުން ވެސް އެ ގައުމަކަށް ހަނދު ފެނުމުން ރޯދަ ހިފަން ފަށައި ޢީދު ކުރުމެވެ. ދެ ވަނަ ގޮތަކީ، އެހެން ގައުމަކަށް ފެންނަ ހަނދަށް އަމަލުކޮށް ރޯދަ ހިފަން ފެށުމާއި އީދު ކުރުމެވެ. ކީރިތި ޤުރްއާނާއި ނަބަވީ ސުންނަތުން މި ކަމަށް ލިބެން ހުރި ޝަރުއީ ދަލީލުތަކުން ވެސް މި ދެ ގޮތްމެ ޖާއިޒުކަމަށް އިލްމުވެރިން އެއްބަސްވެ އެވެ. ކީރިތި ޤުރްއާނުގެ ބަޤަރާ ސޫރަތުގެ 185 ވަނަ އާޔަތުގައި ﷲ ސުބްޙާނަހޫ ވަތަޢާލާ އަންގަވާފައިވަނީ، "ތިޔަބައިމީހުންގެ ތެރެއިން އެ މައްސަރުގައި ހާޒިރުވެ ހުރެއްޖެ މީހާ، އެ މަހުގެ ރޯދަ ހިފާ ހުށި ކަމެވެ." އިލްމުވެރިން ބުރަވެވަޑައިގަންނަވާ ގޮތުގައި މިއީ މުޅި އިސްލާމީ އުންމަތަށް އޮތް އާންމު އަމުރުފުޅެކެވެ.
މި ކަމާ ބެހޭ ގޮތުން ކީރިތި މާތް ނަބިއްޔާ މުޙައްމަދު (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)ގެ ސުންނަތުން ފެންނަން އޮތް އެންމެ މަޝްހޫރު ބަސްފުޅަކީ، "(ރަމަޟާން މަހަށް) ހަނދު ފެނުމުން ތިޔަބައިމީހުން ރޯދަ ހިފާށޭ، އަދި (ޝައްވާލް މަހަށް) ހަނދު ފެނުމުން ތިޔަބައިމީހުން ރޯދަ ހިފުން ހުއްޓައިލާށޭ" އޮންނަ ބަސްފުޅެވެ.
މިދިޔަ އަހަރުގެ ފިތުރު އީދު ނަމާދަށް ފަހު ބަޔަކު ގެއަށް ދަނީ---ފައިލް ފޮޓޯ: ނިޝާން އަލީ| މިހާރު
މަޝްހޫރު އިލްމުވެރިޔާ އިބްނު ބާޒް އާއި އުންމަތުގެ ގިނަ އިލްމުވެރިން ވިދާޅުވާ ގޮތުގައި މިއީ މުޅި އިސްލާމީ އުންމަތަށް އޮތް ޢާންމު ހުކުމެކެވެ. މި ދަލީލުގެ އާންމު ހުކުމަށް ރިޢާޔަތްކޮށް، ސަޢޫދީ ޢަރަބިއްޔާއަށް ފެންނަ ހަނދަކަށް، ނުވަތަ އިސްލާމީ ޝަރީޢަތަށް އަމަލުކުރާ އެހެން ގައުމަކަށް ސާބިތުވާ ހަނދަކަށް އަމަލުކުރުން ހުއްދަވާނެ ކަމަށް އިބްނު ބާޒް ވިދާޅުވެ އެވެ. ޝާފިއީ މަޒްހަބުގެ ގިނަ އިލްމުވެރިންނާއި ފަހުގެ ބައެއް އިލްމުވެރިން ވިދާޅުވާ ގޮތުގައި އިސްވެ ދެންނެވި ނަބަވީ ބަސްފުޅުގައި އޮތީ، އާންމު ހުކުމެއް ނޫނެވެ. އެއީ ހަނދު ފެނުނު ބަޔަކަށް އެކަނި ނިސްބަތްވާ ހުކުމެކެވެ. އެހެންކަމުން، އެއް ގައުމަކަށް ފެންނަ ހަނދަކަށް، ދުރުގައިވާ އެހެން ގައުމަކުން އަމަލުކުރުން ހުއްދަ ނުވާނެ ކަމަށް އެ ބޭކަލުން ވިދާޅުވެ އެވެ.
އިސްވެ ދެންނެވި ދަލީލުތަކާއި ފިޤްހުވެރިންގެ ރައުޔުތަކަށް ބަލާއިރު، އިސްލާމީ އުންމަތަށް އެންމެ މަސްލަހަތު ހުރި ގޮތަކަށް ވާނީ، ގިނަ ފިޤްހުވެރިން ބުރަވާ ގޮތަށް އަމަލު ކުރުމެވެ. އެއީ، ޖަމާޢީ ގޮތެއްގައި އަދާކުރަންޖެހޭ މިފަދަ އަޅުކަންތަކުގައި، އެއް ގައުމަކަށް ފެންނަ ހަނދަށް އަނެއް ގައުމުތަކުން އަމަލުކުރުމެވެ.
މިފަދައިން އަމަލުކުރުމުން ހާޞިލުކުރެވޭ އަނެއް މަސްލަހަތަކީ، ހިޖްރީ ކަލަންޑަރުގެ މައްސަރުތައް ފެށުމާއި ނިންމުމުގައި ﷲ ސުބްޙާނަހޫ ވަތަޢާލާ ލައްވަވާފައިވާ ފަލަކީ ގާނޫނުތަކާއި އިލާހީ ސުންނަތާ ހިލާފު ނުވެވުމެވެ. މިކަން ޔަގީންވަނީ، މާޗް މަހުގެ 30 ވަނަ ދުވަހުގެ އިރު އޮއްސޭއިރު، އާ ހަނދުގެ އުމުރުން އެއް ދުވަހަށް ވުރެ ގިނަ ވަގުތު ފާއިތުވެފައިވާތީ އެވެ.
އެވްރެޖް ގޮތެއްގައި ހަނދުގެ ދުވަހެއްގެ ދިގުމިނަކީ، 24 ގަޑިއިރާއި 50 މިނެޓެވެ. އަދި ރަމަޟާން މަސް ނިމި ޝައްވާލް މަސް ފެށުމަށްޓަކައި އިރާއި ބިމާއި ހަނދު އިޤްތިރާންވާ (ކޮންޖަންކްޝަންވާ) ވަގުތަކީ، ނުވަތަ ފަލަކީ ގޮތުން މި އަހަރުގެ ޝައްވާލް މަހުގެ ހަނދު އުފަންވާ ވަގުތަކީ، މާޗް 29 ވަނަ ދުވަހު ރާއްޖެ ގަޑިން 15:57 އެވެ. ޖެހިގެން އަންނަ ދުވަހު (މާޗް 30) ރާއްޖެ އަށް ހަނދު އޮއްސޭ ވަގުތަކީ، އެ ދުވަހުގެ 19:09 އެވެ.
މިދިޔަ އަހަރުގެ ފިތުރު އީދު ދުވަސް ފާހަގަކުރުމަށް މާލޭގެ ރަސްފަންނު ސަރަަހައްދުގައި ބޭއްވި ކުޅިވަރު ހަރަކާތެއްގައި ބަޔަކު ބައިވެރިވަނީ.
މި ވަގުތުތަކަށް ބަލާއިރު، މާޗް މަހުގެ 30 ވަނަ ދުވަހު ހަނދު އެ އޮއްސެނީ، މާޗް 29 ވަނަ ދުވަހު ރާއްޖެ ގަޑިން 15:57 ގައި އުފަންވި ހަނދުގެ އުމުރުން 27 ގަޑިއިރާއި 12 މިނެޓް ހޭދަވާ ފަހުންނެވެ. މާނައަކީ ހަނދުގެ އުމުރުން އެއް ދުވަހަށް ވުރެ ވެސް ގިނަ ވަގުތު ފާއިތުވާ ފަހުންނެވެ. އެހެންކަމުން، އެއްވެސް އޮޅުމެއް ނެތް ގޮތުގައި، މާޗް މަހުގެ 30 ވަނަ ދުވަހުގެ 18:14 ގައި މާލެ އަށް އިރު އޮއްސޭއިރު، އުދަރެހުން ފެށިގެން 12 ދަރަޖަ އުހުގައި ފެންނަން އެ ހުންނަ ހަނދަކީ، ޝައްވާލް މަހުގެ 2 ވަނަ ވިލޭރޭގެ ހަނދެވެ.
މީގެ އިތުރުން، ރަމަޟާން މަހާއި ޝައްވާލް މަހުގެ ހަނދު ސާބިތުކުރުމުގައި ދިވެހިރާއްޖޭގައި އަމަލުކުރަމުން އަންނަ އުސޫލަށް ބަލާއިރު، މި އަހަރުގެ ރަމަޟާން މަހުގެ 29 ވަނަ ދުވަހުގެ ރޭ ރާއްޖެ އަށް ޝައްވާލް މަހުގެ ހަނދު ނުފެނުނަސް، އެ ދުވަހުގެ އިރުއޮއްސުމަށް ފަހުގައި އުދަރެހުން މަތީގައި ހަނދު ހުންނާނެ ކަމަށް، އިތުބާރު ކުރި ފަލަކީ ހިސާބުން ކަށަވަރުވާ ގައުމަކަށް ހަނދު ފެނިގެން، އެކަން ރަސްމީކޮށް ސަރުކާރަށް އަންގައިފި ނަމަ އެ ހަނދަށް އަމަލުކުރެވޭނެ އެވެ.
ގުޅުން ބަދަހިކުރަން ލިބުނު ފުރުސަތު ދޫކޮށްނުލާ!
ފަލަކީ ހިސާބުން ދައްކަނީ އީދު ވާނީ އާދީއްތައަށް ކަމަށް
މާދަމާ އަކީ ފަހު ރޯދަ، އީދު ވާނީ ހުކުރަށް
އަމިއްލައަށް އީދު އިއުލާންކުރުމުން މަސްލަހަތު ގެއްލިދާނެ
އާ މަހުގެ ހަނދު ހަމަލޮލަށް ފެނުން ލާޒިމެެއް ނޫން
ހިސާބުތައް ދައްކަނީ މާދަމާ ހަނދު ނުފެންނާނެ ކަމަށް
ރާއްޖެއަށް ވެސް މާދަމާއަކީ އީދު ދުވަސް
ސައުދީއަށް ޝައްވާލް މަހުގެ ހަނދު ފެނިއްޖެ
މާދަމާ އީދަށް ވާނެ ކަމާ މެދު ސުވާލެއް ނެތް
އީދު ފާހަގަކުރާއިރު ހަރާމް ކަންތައްތަކުން ދުރުހެލިވޭ