Roadha Mihaaru
ހިސާބުތައް ދައްކަނީ މާދަމާ ހަނދު ނުފެންނާނެ ކަމަށް

ހިސާބުތައް ދައްކަނީ މާދަމާ ހަނދު ނުފެންނާނެ ކަމަށް

07 އެޕްރީލް 2024

މާދަމާ އަކީ އަހަރެމެންނަށް ރަމަޟާން މަހުގެ 29 ވަނަ ދުވަހަށް ވާތީ ޝައްވާލް މަހުގެ ހަނދު ފެނޭތޯ ބެލުން އޮންނާނެ އެވެ.

ނިއުމަތުﷲ އިދުރީސް ނިއުމަތުﷲ އިދުރީސް

މާދަމާ އަކީ އަހަރެމެންނަށް ރަމަޟާން މަހުގެ 29 ވަނަ ދުވަހަށް ވާތީ ޝައްވާލް މަހުގެ ހަނދު ފެނޭތޯ ބެލުން އޮންނާނެ އެވެ.

އިސްލާމީ ޝަރުއީ ހަމައަކީ، ހިނގަމުންދާ މަހުގެ 29 ވަނަ ދުވަހުގެ އިރު އޮއްސުމަށް ފަހުގައި އާ ހަނދު ފެނުމުން އަނެއް މަސް ފެށުނީ ކަމަށް ބެލުމެވެ. ނުވަތަ އެރޭ ހަނދު ނުފެނިއްޖެ ނަމަ އެ ހިނގާ މަހުން 30 ދުވަސް ހަމަކުރުމަށް ފަހު އަނެއް މަސް ފެށުމެވެ.

އެހެންވެ މާދަމާ ހަނދު ފެނިއްޖެ ނަމަ ރަމަޟާން މަސް އެ ހިސާބުން ނިމި އަނެއް ދުވަހަކީ ޝައްވާލް މަހުގެ ފުރަތަމަ ދުވަހެވެ؛ ފިތުރު އީދެވެ. އެކަމަކު ހިސާބުތަކުން ދައްކާ ގޮތުން މާދަމާ ޝައްވާލް މަހުގެ ހަނދު ރާއްޖެއަށް ފެނުމަކީ ނާދިރު ކަމެކެވެ. ސަބަބަކަށް ވަނީ، ޝައްވާލް މަހުގެ ހަނދު އުފަންވެ މާދަމާ އިރު އޮއްސުމުގެ މާ ކުރިން އޮއްސޭނެ ކަމަށް ދައްކާތީ އެވެ.

މިރޭ ރާއްޖޭ ގަޑިން ރޭގަނޑު 11:20 ގައި އާ ހަނދު އުފަންވެ އެވެ. މާލެއަށް މި ހަނދު ފަތިހު 5:30 ގައި އަރައި، އިރު އޮއްސުމުގެ 19 މިނެޓް ކުރިން ހަވީރު 5:57 ގައި އޮއްސޭނެ ކަމަށް ދައްކަ އެވެ. ރާއްޖޭގެ އެންމެ އުތުރުން ހއ. ތުރާކުނަށް ހަނދު އޮއްސޭނީ ހަވީރު 6:00 ގަ އެވެ. އެންމެ ދެކުނު އައްޑޫ ގަމަށް 5:56 ގައި ހަނދު އޮއްސޭނެ އެވެ.

ރާއްޖޭގެ ކޮންމެ ހިސާބަކަށް ބެލި ނަމަވެސް، އާ ހަނދު މާދަމާގެ އިރު އޮއްސުމުގެ 15 ވަރަކަށް މިނެޓަށް ވުރެ ވެސް ކުރިން އޮއްސެ އެވެ. އާ މަހެއް ފެށުނު ކަމަށް ބަލާނީ އިރު އޮއްސުމަށް ފަހު ކިތަންމެ ކުޑަ ވަގުތުކޮޅަށް ނަމަވެސް ހަނދު ފެންމަތީ ހުންނަ ނަމަ އެވެ. އެ ފުރުސަތު އެއްވެސް ވަރަކަށް އޮތް ކަމަކަށް ނުދައްކަ އެވެ.

ރާއްޖެއާ އެއް ދުވަހެއްގައި ރޯދަ މަސް ފެށި ސައޫދީ އަރަބިއްޔާގެ މައްކާ އަށް ހަނދު އޮއްސޭނެ ކަމަށް ދައްކަނީ ހަވީރު 6:26 ގަ އެވެ. އެއީ އެތަނަށް އިރު އޮއްސުމުގެ 11 ވަރަކަށް މިނެޓް ކުރިންނެވެ. އެހެންވެ މައްކާއަށް ވެސް، މާދަމާ އިރު އޮއްސޭއިރު ހަނދު ފެންމަތީގައި ހުންނާނެ ކަމަށް ނުދައްކަ އެވެ.

އެންމެ އުތުރުން، ތުރުކީއަށް ވެސް މާދަމާ އާ މަހުގެ ހަނދު އުފަންވިޔަސް އިރު އޮއްސުމުގެ 12 ވަރަކަށް މިނެޓް ކުރިން ހަނދު އޮއްސެ އެވެ. އެހެންވެ އެ ގައުމަށް ވެސް މާދަމާ ޝައްވާލް މަހުގެ ހަނދު ފެންނާނެ ކަމަކަށް ނުބެލެވެ އެވެ.

އިސްލާމީ ގައުމުތަކުގެ ތެރެއިން އެންމެ ހުޅަނގުގައި އޮންނަ މޮރޮކޯ އަށް ވެސް މާދަމާ އިރު އޮއްސުމުގެ ތިން މިނެޓެއްހާއިރު ކުރިން ހަނދު އޮއްސެ އެވެ.

އިސްލާމީ އެންމެ ބޮޑު އާބާދީ އަދި އިސްލާމީ ދުނިޔޭގެ އެންމެ އިރުމަތީގައި އަދި އެންމެ ދެކުނަށް އޮންނަ އިންޑޮނީޝިއާގައި ރޯދަ މަސް ފެށީ އަހަރެމެންނަށް ވުރެ އެއް ދުވަސް ފަހުން މާޗް 12 ވަނަ ދުވަހު އެވެ. އެހެންވެ މާދަމާ އަކީ އެ ގައުމަށް ރޯދަ މަހުގެ 28 ކަމަށް ވާތީ އެ ދުވަހު ހަނދެއް ނުބަލާނެ އެވެ. ހިސާބުތައް ދައްކަނީ ވެސް އެ ގައުމަށް އާ މަހުގެ ހަނދު އުފަންވާނީ މި އޭޕްރީލް މަހުގެ ނުވަ ވަނަ ދުވަހުގެރޭ މެންދަމުން އަލިވެ 1:20 ގައި ކަމަށެވެ. އެ ހަނދު އެ ދުވަހު އޮއްސޭނީ އިރު އޮއްސުމަށް ފަހު ބައި ގަޑިއެއްހާއިރު ފަހުންނެވެ. އެހެންވެ ބެލެވެނީ އިންޑޮނީޝިއާއަށް މިއީ 29 ދުވަހުގެ ރޯދަމަހެއް ކަމަށެވެ.

ޝައްވާލް މަސް ފެށުނީ ކަމަށް ނިންމޭނީ މާދަމާ އިރު އޮއްސުމަށް ފަހު ހަނދު ފެންމަތީ ހުރިތަން ފެނުމުން ކަމަށް ވާއިރު ހިސާބުތައް ދައްކާ ގޮތުން އެ ފުރުސަތެއް ނެތެވެ. އިރު އޮއްސުމަށް ފަހު ކުޑަކުޑަ ވަގުތުކޮޅަކަށް ވެސް ހަނދު ފެންމަތީ ހުންނާނެ ކަމަށް ނުބެލެވޭތީ ޔަގީނާ ގާތަށް ބުރަވެވެނީ މާދަމާ ހަނދު ފެނުމަށް ފުރުސަތު ނެތް ކަމަށެވެ. އެހެންވެ، އުފާވެރި ފިތުރު އީދު ދުވަހަށް ވާނީ މިހާރު ވެސް ރާއްޖޭގެ ކަލަންޑަރުގައި އޮތް ގޮތަށް، އަންނަ ބުދަ ދުވަހެވެ.