Roadha Mihaaru
މާދަމާ އީދަށް ވާނެ ކަމާ މެދު ސުވާލެއް ނެތް

މާދަމާ އީދަށް ވާނެ ކަމާ މެދު ސުވާލެއް ނެތް

20 އެޕްރީލް 2023

މި އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހުން 28 ދުވަސް ފާއިތުވެ، ވަރަށް މަދު ގައުމެއް ފިޔަވައި ދުނިޔޭގެ ހުރިހާ އިސްލާމީ ގައުމުތަކަށް މިއަދަކީ މި ރަމަޟާން މަހުގެ 29 ވަނަ ދުވަހެވެ. އެހެންކަމުން، ދީނީ އަދި ސަގާފީ އާދަކާދައިގެ މަތިން، މި އަހަރުގެ ޝައްވާލު މަހަށް (ކުޑަ އީދަށް) ހަނދު ބެލުން، މިއަދުގެ އިރު އޮއްސުމާއެކު، ރާއްޖެ އާއި އިސްލާމީ ގައުމުތަކުގައި އޮންނާނެ އެވެ.

އަހުމަދު އަބުދުﷲ ސައީދު އަހުމަދު އަބުދުﷲ ސައީދު

މި އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހުން 28 ދުވަސް ފާއިތުވެ، ވަރަށް މަދު ގައުމެއް ފިޔަވައި ދުނިޔޭގެ ހުރިހާ އިސްލާމީ ގައުމުތަކަށް މިއަދަކީ މި ރަމަޟާން މަހުގެ 29 ވަނަ ދުވަހެވެ. އެހެންކަމުން، ދީނީ އަދި ސަގާފީ އާދަކާދައިގެ މަތިން، މި އަހަރުގެ ޝައްވާލު މަހަށް (ކުޑަ އީދަށް) ހަނދު ބެލުން، މިއަދުގެ އިރު އޮއްސުމާއެކު، ރާއްޖެ އާއި އިސްލާމީ ގައުމުތަކުގައި އޮންނާނެ އެވެ.

ކީރިތި މާތް ނަބިއްޔާގެ ސުންނަތުން އަދި ފަލަކީ އިލްމީ ހަގީގަތްތަކުން ސާބިތުވާ ގޮތުގައި ކޮންމެ ހަނދު މަހެއްގައި ވެސް އޮންނާނީ 29 ދުވަސް ނުވަތަ 30 ދުވަހެވެ. އިރު ހަނދުގެ ދައުރާނާ އަށް ބިނާކޮށް ފަލަކީ އިލްމުން ކަށަވަރު ވަނީ ހަނދު މަހެއްގެ އެންމެ ކުރު މުއްދަތަކީ 29 ދުވަސް ކަމެވެ. އަދި އެންމެ ދިގު މުއްދަތަކީ 30 ދުވަސް ކަމެވެ.

ހަނދު މަހެއްގެ 29 ވަނަ ދުވަހުގެ އިރު އޮއްސުމަށް ފަހުގައި، ހުޅަނގު ފަރާތު އުދަރެހުން މަތީގައި ހަނދު ހުންނަނީ އެ މައްސަރެއްގެ 29 ވަނަ ދުވަހުގެ އިރު އޮއްސުމުގެ ކުރިން، ހަނދުގެ އުމުރުން 29 ދުވަސް ފުރިހަމަވެފައި، މި ބިމުގެ ވަށައިގެން ހަނދު ޖަހަމުން ދިޔަ ބުރު ވެސް ފުރިހަމަ ވުމުންނެވެ. ނުވަތަ ފަލަކީ އިސްތިލާހުގައި ކިޔާ ގޮތުން ނަމަ އެ ދުވަހުގެ އިރު އޮއްސުމުގެ ކުރިން އިރާއި ހަނދާއި ބިން، އިގްތިރާން (ކޮންޖަންކްޝަން) ވެފައިވާ ނަމަ އެވެ. އެހެންވެއްޖެ ނަމަ އެއީ 29 ދުވަހުގެ މައްސަރެކެވެ.

ހަނދު މަހެއްގެ 29 ވަނަ ދުވަހުގެ އިރު އޮއްސުމަށް ފަހުގައި، ހުޅަނގު ފަރާތު އުދަރެހުން މަތީގައި ހަނދު ނުހުންނަނީ، އެ މައްސަރެއްގެ 29 ވަނަ ދުވަހުގެ އިރު އޮއްސުމުގެ ކުރިން، ހަނދުގެ އުމުރުން 29 ދުވަސް ފުރިހަމަވެފައި ވިޔަސް މި ބިމުގެ ވަށައިގެން ހަނދު ޖަހަމުން ދިޔަ ބުރު ފުރިހަމަ ނުވާތީ އެވެ. ނުވަތަ އިރު އޮއްސުމުގެ ކުރިން ކޮންޖަންކްޝަން ނުވާތީ އެވެ. އެހެންކަމުން އެއީ 30 ދުވަހުގެ މައްސަރެކެވެ.

އައު ހަނދު އުފަންވުން

ހިނގަމުން މިދާ ރަމަޟާން މަސް، ފަލަކީ ގޮތުން ފެށިފައި ވަނީ، މިދިޔަ މާޗް މަހުގެ 21 ވަނަ ދުވަހުގެ ރާއްޖޭ ގަޑިން ރޭގަނޑު 10:23 ގަ އެވެ. އެ ވަގުތުން ފެށިގެން، ރަމަޟާން މަހުގެ ހަނދުގެ އުމުރުން ބަރާބަރު 29 ދުވަސް ފުރިހަމަވީ، ރާއްޖޭ ގަޑިން ރޭގެ 10:23ގަ އެވެ. އެހެންކަމުން، ނަބަވީ ސުންނަތުގައި ބަޔާންވެފައިވާ، ހިޖްރީ މައްސަރެއްގެ އެންމެ ކުރު މުއްދަތު ކަމަށްވާ 29 ދުވަސް، ރޭގެ 10:23 އަށް ހަމަވީ އެވެ.

ރާއްޖޭ ގަޑިން މިއަދުގެ ހެނދުނު 9:12 ގައި ކޮންޖަންޝަން ވުމާއެކު، ރަމަޟާން މަހުގެ ހަނދުގެ އުމުރުން ބަރާބަރު 29 ދުވަހާއި 8 ގަޑިއިރާއި 49 މިނެޓް ފުރިހަމަވީ އެވެ. ކޮންޖަންކްޝަންވާ ވަގުތުން (މިއަދު ހެނދުނު 9:12) ފެށިގެން، ފަލަކީ ހަމަތަކުގެ މަތިން، އެއްވެސް އޮޅުމެއް ނެތި ރަމަޟާން މަސް ފުރިހަމަވެ، ޝައްވާލް މަހުގެ އައު ހަނދު އުފަންވީ އެވެ.

މި މައުލޫމާތަށް ބަލާއިރު، މިއަދު އިރު އޮއްސުމާ އެކު، އިސްލާމީ ޝަރުއީ ހަމަތަކުގެ މަތިން ރަމަޟާން މަސް ނިމި ޝައްވާލް މަސް ފެށޭނެ އެވެ. އެހެނީ، ކީރިތި މާތް ނަބިއްޔާ އަމަލުފުޅު ކުރެއްވި ގޮތަށް ބަލާއިރު، އިސްލާމީ ޝަރީއާގައި ދުވަސް ނިމޭ ވަގުތަކީ ދުވާލު ނިމޭ ވަގުތެވެ. އަދި އައު ދުވަހެއް ފެށޭ ވަގުތަކީ، ރޭގަނޑު ފެށޭ ވަގުތެވެ. މާނައަކީ އިރު އޮއްސުމާއެކު ދުވަހެއް ނިމި އައު ދުވަހެއް ފެށުނީ އެވެ. މިއަދުގެ އިރު އޮއްސުމުގެ މާ ކުރިން، އައު ހަނދު އުފަންވެފައިވާ ކަން ކަށަވަރުވާތީ، މިއަދުގެ އިރު އޮއްސުމާއެކު ރަމަޟާން މަހުގެ އެންމެ ފަހު ދުވަސް ނިމުނީ އެވެ.

އިސްލާމީ ގައުމުތަކަށް ހަނދު ފެންމަތިވުން

މިއަދުގެ އިރު އޮއްސޭ ވަގުތާއި ހަނދު އޮއްސޭ ވަގުތަށް ބަލާއިރު، އިސްލާމީ ހުރިހާ ގައުމުތަކަށް ވެސް، މިއަދުގެ އިރު އޮއްސޭ ވަގުތު ހަނދު ފެންމަތިވެފައި ހުންނާނެ އެވެ.

ރާއްޖޭގެ އެންމެ އުތުރުން ހއ. ތުރާކުނަށާއި އެންމެ ހުޅަނގުން ހދ. މަކުނުދޫ އަދި ވެރިރަށް މާލެ އަށް ވެސް، މިއަދު ހަނދު އޮއްސޭނީ އިރު އޮއްސުމުގެ ގާތްގަނޑަކަށް 16 މިނެޓް ފަހުންނެވެ. ރާއްޖޭގެ އެންމެ އިރުމަތިން ކ. ދިއްފުށްޓަށާއި އެންމެ ދެކުނުން އައްޑޫ ހިތަދު އަށް މިއަދު ހަނދު އޮއްސޭނީ އިރު އޮއްސުމުގެ 15 މިނެޓް ފަހުންނެވެ.

މިއިން އެނގެނީ، މިއަދުގެ އިރު އޮއްސުމަށް ފަހުގައި، ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ވެސް ހުޅަނގު ފަރާތު އުދަރެހުން މަތީގައި ހަނދު ހުންނާނެ ކަމެވެ. އެހެންކަމުން، މިއަދުގެ އިރު އޮއްސުމާއެކު، ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވެސް މި އަހަރުގެ ޝައްވާލް މަސް ފެށުނީ އެވެ.

އިސްލާމީ ގައުމުތަކަށް ބަލާއިރު، އެންމެ އިރުމަތީގައިވާ ބުރޫނާއީ އަށް، މިއަދު ހަނދު އޮއްސޭނީ އިރު އޮއްސުމުގެ ގާތްގަނޑަކަށް 10 މިނެޓް ފަހުންނެވެ. އިންޑޮނީޝިޔާ އާއި މެލޭޝިޔާ އަށް ވެސް، މިއަދު ހަނދު އޮއްސޭނީ އިރު އޮއްސުމުގެ ގާތްގަނޑަކަށް ނުވަ މިނެޓް ފަހުންނެވެ.

ސައޫދީ އަރަބިއްޔާގެ މައްކާ އާއި މަދީނާ އަށް ވެސް މިއަދު ހަނދު އޮއްސޭނީ އިރު އޮއްސުމުގެ 24 މިނެޓް ފަހުންނެވެ. ސައޫދީ އަށް ވުރެ ހުޅަނގުގައި އޮތް މިސްރުގެ ވެރިރަށް ގާހިރާ އަށް ވެސް މިއަދު ހަނދު އޮއްސޭނީ އިރު އޮއްސުމުގެ 27 މިނެޓް ފަހުންނެވެ. އެހެންކަމުން، ގަލްފާއި މެދުއިރުމަތީގެ ހުރިހާ ގައުމަކަށް ވެސް މިއަދުގެ އިރު އޮއްސުމާއެކު ޝައްވާލް މަސް ފެށޭނެ އެވެ.

މެދުއިރުމައްޗަށް ވުރެ ހުޅަނގު އުތުރަށް ބަލާއިރު، ތުރުކީ ވިލާތުގެ އިސްތަންބޯލަށް މިއަދު ހަނދު އޮއްސެނީ އިރު އޮއްސުމުގެ ގާތްގަނޑަކަށް 31 މިނެޓް ފަހުންނެވެ. އެންމެ ހުޅަނގުގައި އޮންނަ އިސްލާމީ ގައުމުތަކުގެ ތެރެއިން މަޣްރިބުގެ ވެރިރަށް ރަބާތަށް ވެސް މިއަދު ހަނދު އޮއްސެނީ އިރު އޮއްސުމުގެ 35 މިނެޓް ފަހުންނެވެ. ރަބާތަށް ވުރެ 11 ދަރަޖަ ހުޅަނގުގައި އަދި 19 ދަރަޖަ ދެކުނުގައި އޮންނަ ޑަކާރް (ސެނެގޯލް) އަށް މިއަދުގެ ހަނދު އޮއްސޭނީ އިރު އޮއްސުމުގެ 31 މިނެޓް ފަހުންނެވެ.

މި ހިސާބުތަކުން ކަށަވަރުވަނީ، އިސްލާމީ ހުރިހާ ގައުމަކަށް ވެސް، މިއަދު ހަނދު އޮއްސެނީ އިރު އޮއްސުމުގެ 9-35 މިނެޓް ފަހުން ކަމެވެ. އެހެންކަމުން، މިއަދުގެ އިރު އޮއްސުމަށް ފަހުގައި، ބުރޫނާއީން ފެށިގެން، ސެނެގޯލްގެ ޑަކާރްއާ ހަމައަށް ހުރި ހުރިހާ އިސްލާމީ ގައުމެއްގައި ވެސް އިރު އޮއްސުމަށް ފަހުގައި، އުދަރެހުން މަތީގައި ހަނދު ހުންނާނެ އެވެ.

އީދާ މެދު އުފައްދާ ޝައްކުތައް

މި ދެންނެވި އިލްމީ ހަގީގަތްތައް މިހެން ހުރި ނަމަވެސް، އިސްލާމީ ދުނިޔޭގެ މަޝްހޫރު ބައެއް ފަލަކީ އިދާރާތަކުން، ޝައްވާލް މަހުގެ ހަނދާ ބެހޭ ގޮތުން ނެރެފައިވާ ބަޔާންތައް އޭގެ މަފްހޫމުން ބޭރުގައި މާނަކޮށް، މި އަހަރުގެ ފިތުރު ޢީދު ދުވަހާ މެދު ބައެއް މީހުން ދަނީ ޝައްކު އުފައްދަމުންނެވެ.

ސައޫދީ އަރަބިއްޔާގެ ޖިއްދާގައި ހުންނަ ފަލަކީ ޖަމިއްޔާ އިން ބުނެފައިވާ ގޮތުގައި މި އަހަރުގެ ފިތުރު އީދު ދުވަހަށް ވާނީ، އެޕްރީލް 21 ވާ ހުކުރު (މާދަމާ) އެވެ. އެ ޖަމިއްޔާގެ ރައީސް މާޖިދު އަބޫ ޒަހްރާ ވިދާޅުވެފައިވާ ގޮތުގައި މިއަދުގެ އިރު އޮއްސުމުގެ ކުރިން، އިރާއި ހަނދާއި ބިން ކޮންޖަންކްޝަންވާކަން (އެއްއުއިވާކަން) އެއްވެސް އޮޅުމެއް ނެތް ވަރަށް ކަށަވަރު ވެ އެވެ.

އޭނާ ވިދާޅުވި ގޮތުގައި ހިނގަމުންދާ މަހެއްގެ ފަހު ދުވަސް ފެށޭ އިރު، މި ބިމުގެ ނިސްބަތުން ބަލާއިރު، އިރަށް ވުރެ ހުޅަނގުގައި ހަނދު ހުރެފައި، އެ ދުވަހުގެ އިރު އޮއްސުމުގެ ކުރިން، އިރު ހުރަސްކޮށް އިރުގެ އިރުމައްޗަށް ހަނދު ދަތުރުކުރުމުން، ފަލަކީ ގޮތުން އައު މައްސަރެއް ފެށުނީ އެވެ. މި ގޮތަށް ހަނދު، އިރު ހުރަސް ކުރާ ވަގުތަކީ ކޮންޖަންކްޝަންވާ ވަގުތެވެ. ނުވަތަ ހިނގަމުންދާ މަސް ފުރިހަމަވެ، އައު މަސް ފެށޭ ވަގުތެވެ.

އެހެންކަމުން ޝައްވާލް މަސް ފެށުމަށްޓަކައި ފަލަކީ ގޮތުން ފުރިހަމަވާންޖެހޭ ހުރިހާ ޝަރުތެއް ނުވަތަ ހުރިހާ ހާލަތެއް، މިއަދުގެ އިރު އޮއްސޭއިރު ހުންނާނީ ފުރިހަމަ ވެފައި،"--- ޖިއްދާގެ ފަލަކީ ޖަމިއްޔާގެ ރައީސް މާޖިދު އަބޫ ޒަހްރާ

މި ހިނގާ ރަމަޟާން މަސް ނިންމައި ޝައްވާލް މަސް ފެށުމަށްޓަކައި އިރާއި ހަނދާއި ބިން ކޮންޖަންކްޝަން ވަނީ، މިއަދު (އެޕްރީލް 20، 2023)ގެ ޖީއެމްޓީ ގަޑިން 4:12 ގަ އެވެ. އެއީ ރާއްޖޭ ގަޑިން މިއަދުގެ ހެނދުނު 9:12 އެވެ. އަދި މައްކާ ގަޑިން މިއަދު ހެނދުނު 7:12 އެވެ.

މާޖިދު އަބޫ ޒަހްރާ ވިދާޅުވީ، މައްކާ އަށް މިއަދުގެ އިރު އޮއްސޭނީ ސައޫދީ ގަޑިން މިއަދުގެ 18:41 ގައި ކަމަށެވެ. ހަނދު އޮއްސޭނީ އޭގެ 24 މިނެޓް ފަހުން، މިއަދުގެ 19:05ގަ އެވެ. އެހެންކަމުން އިރު އޮއްސޭ ވަގުތު ހަނދު ހުންނާނީ މައްކާގެ ހުޅަނގު އުދަރެހުން ފެށިގެން ހަ ދަރަޖަ އުހުގަ އެވެ.

"އެހެންކަމުން ޝައްވާލް މަސް ފެށުމަށްޓަކައި ފަލަކީ ގޮތުން ފުރިހަމަވާންޖެހޭ ހުރިހާ ޝަރުތެއް ނުވަތަ ހުރިހާ ހާލަތެއް، މިއަދުގެ އިރު އޮއްސޭއިރު ހުންނާނީ ފުރިހަމަ ވެފައި،" ޖިއްދާގެ ފަލަކީ ޖަމިއްޔާގެ ރައީސް މާޖިދު އަބޫ ޒަހްރާ ވިދާޅުވި އެވެ.

މިއަދުގެ އިރު އޮއްސޭ ވަގުތު، ހުޅަނގު އުދަރެހުގައި ހަނދު ހުރި ނަމަވެސް، އިރުގެ ދަޅަގަނޑުގެ ތެރޭގައި ހަނދު ހުރުމުންނާއި އިރު އޮއްސުމަށް ފަހުގައި އުދަރެހުން މަތީގައި ހަނދު ހުންނަ ވަގުތުކޮޅުގެ ކުޑަކަމުން، ހަމަ ލޮލަށް ހަނދު ފެނުމަކީ ވަރަށް ނާދިރު ކަމެއް ކަމަށް މާޖިދު އަބޫ ޒަހްރާ ވިދާޅުވި އެވެ. ނަމަވެސް، ސީސީޑީ ކެމެރާއެއް ބޭނުންކޮށްގެން ބަލައިފި ނަމަ، ސާފުކޮށް ހަނދު ފެންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެހެންކަމުން، މިއަދުގެ އިރު އޮއްސުމަށް ފަހުގައި އުދަރެހުން މަތީގައި ހަނދު ހުންނަކަން އެއްވެސް އޮޅުމެއް ނެތް މިންވަރަށް ކަށަވަރުވެ އެވެ. ސީސީޑީ ކެމެރާއަކުން ވިޔަސް ނުވަތަ ބާރު ގަދަ ޖައްވީ ދުރުމިއަކުން ވިޔަސް ލޮލަށް ފެންނާނީ އުދަރެހުން މަތީގައި ހުންނަ ހަނދެކެވެ. އުދަރެހުން ތިރިވެ އޮއްސިފައިވާ ހަނދެއް، ސީސީޑީ ކެމެރާއަކުން ވިޔަސް ނުވަތަ ބާރު ގަދަ އެހެން އާލާތެއް ބޭނުންކޮށްގެން ވިޔަސް މި ބިންމައްޗަކަށް ނުފެންނާނެ އެވެ.

މި އަހަރުގެ ފިތުރު އީދުގެ މައްސަލައިގައި މިހާރު އެންމެ ބޮޑަށް ޝައްކު އުފެދިފައިވަނީ، އިންޓަނޭޝަނަލް އެސްޓްރޮނޮމިކަލް ސެންޓަރުން (އައިއޭސީ) ނެރެފައިވާ ބަޔާން ފަހުމް ވުމުގައި ހުރި އޮޅުންތަކެއްގެ ސަބަބުންނެވެ. އެ މަރުކަޒުން ބުނެފައިވާ ގޮތުގައި އީދު ދުވަހަކީ ކޮން ދުވަހެއްކަން ކަނޑައަޅަނީ، ލޮލަށް ހަނދު ފެނުމުގެ މައްޗަށް ބިނާކޮށް، ކަމާ ބެހޭ ރަސްމީ އިދާރާތަކުންނެވެ.

މިއަދުގެ އިރު އޮއްސޭ ވަގުތު، އިސްލާމީ އެއްވެސް ގައުމަކަށް، ހަމަ ލޮލަށް ހަނދު ފެނުމަކީ މުސްތަހީލު ކަމެއް ކަމަށް އެ ބަޔާނުގައި ބުނުމާ އެކު، ދެން ބުނެފައިވަނީ ފަންނީ ތަޖުރިބާކާރުންނަށް ނުވަތަ ޓެލެސްކޯޕެއްގެ އެހީގައި ވެސް ހަނދު ފެނުމަކީ އުނދަގޫ ކަމެއް ކަމަށެވެ. މިއަދުގެ އިރު އޮއްސޭ ވަގުތު، އުދަރެހުން މަތީގައި ހަނދު ނުހުންނާނެ ކަމަށް ނުވަތަ ޓެލެސްކޯޕެއްގެ އެހީގައި ވިޔަސް ހަނދު ނުފެންނާނެ ކަމަކަށް އެ އިދާރާއިން ނުބުނެ އެވެ.

އެ ބަޔާނުގައި ދެން ބުނެފައިވަނީ، ލީބިޔާ އިން ފެށިގެން ހުޅަނގަށް ހުރި ގައުމުތަކަށް، މިއަދުގެ އިރުއޮއްސުމަށް ފަހުގައި، ދުރުމިއެއް ފަދަ ވަސީލަތެއްގެ އެހީގައި ހަނދު ފެނުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ. ލީބިޔާ އިން ފެށިގެން ހުޅަނގަށް ހުރި އިސްލާމީ ގައުމުތަކުގެ ތެރޭގައި ތޫނިސް، އަލްޖީރިއާ، ނައިޖީރިއާ، މާލީ، މަޣްރިބު، މޮރިޓޭނިޔާ އަދި ސެނެގޯލް ހިމެނެ އެވެ.

ހަނދު ފެނުމާއި ނުފެނުމުގެ ފުރުސަތު

ލީބިޔާ އިން ފެށިގެން އިރުމައްޗަށް ހުރި ގައުމުތަކަށް ހަނދު ނުފެނިފައި ލީބިޔާ އަށް ވުރެ ހުޅަނގަށް ހުރި ގައުމުތަކަށް ހަނދު ފެނުމުގެ ފުރުސަތު އޮތީ ކީއްވެތޯ ބަލައިލުން މުހިންމެވެ.

އެކަން އެގޮތަށް މެދުވެރިވަނީ، އިރާއި ހަނދާއި ބިން ކޮންޖަންކްޝަން ވާ ވަގުތުން ފެށިގެން، އެ ގައުމަކަށް އިރު އޮއްސުމާ ދެމެދު ހޭދަވާ ވަގުތު އިތުރުވުމެވެ. އެ ވަގުތު އިތުރުވާ ވަރަކަށް، އުދަރެހުން ފެށިގެން ހަނދާ ދެމެދު ހުންނަ ދުރުމިން ވެސް އިތުރުވެ އެވެ. އެ ވަގުތު އިތުރުވަމުންދާ ވަރަކަށް، އިރުގެ ދަޅަގަނޑުން ހަނދު ނެއްޓެމުން ދާނެތީ، އެ ގައުމުތަކަށް ހަނދު ފެނުމުގެ ފުރުސަތު ބޮޑުވަނީ އެވެ.

އެންމެ އިރުމަތީގައި އޮތް ބުރުނާއީ އާއި މެލޭޝިޔާ އަދި އިންޑޮނީޝިޔާ ފަދަ ގައުމުތަކަށް، މިއަދު ކޮންޖަންޝަން ވާ ވަގުތުން ފެށިގެން އެ ގައުމުތަކަށް އިރު އޮއްސޭ ވަގުތާ ދެމެދު ހުންނަނީ، ގާތްގަނޑަކަށް ހަ ގަޑިއިރާއި ހަތް ގަޑިއިރާ ދެމެދުގެ ވަގުތެކެވެ. ނަމަވެސް އެ އަށް ވުރެ ހުޅަނގުގައި ހުރި ގައުމުތަކަށް އެ ވަގުތު އެ އަށް ވުރެ އިތުރުވާނެ އެވެ. ކޮންޖަންކްޝަން ވާ ވަގުތާއި ދިވެހިރާއްޖެ އަށް މިއަދު އިރު އޮއްސޭ ވަގުތާ ދެމެދު ނުވަ ގަޑިއިރު ހުންނާނެ އެވެ.

އެ އަށް ވުރެ ހުޅަނގުގައި އޮތް މައްކާ އަށް ބަލާ ނަމަ ކޮންޖަންކްޝަން ވާ ވަގުތާއި މައްކާ އަށް މިއަދު އިރު އޮއްސޭ ވަގުތާ ދެމެދު ގާތްގަނޑަކަށް 11 ގަޑިއިރު ހުންނާނެ އެވެ. ކޮންޖަންކްޝަން ވާ ވަގުތާއި ލީބިޔާ އަށް މިއަދު އިރު އޮއްސޭ ވަގުތާ ދެމެދު 13 ގަޑިއިރު އަދި އެންމެ ހުޅަނގުގައި އޮތް ސެނެގޯލްގެ ޑަކާރް އަށް މިއަދުގެ ކޮންޖަންކްޝަން ވާ ވަގުތާއި ޑަކާރް އަށް މިއަދު އިރު އޮއްސޭ ވަގުތާ ދެމެދު 15 ގަޑިއިރަށް ވުރެ ގިނަ ވަގުތު ހުރެ އެވެ.

ފަލަކީ ހިސާބުތަކުގައި ފުށުއެރުމެއް ނެތް

އައިއޭސީގެ ބަޔާން ނިންމައިލަމުން މުހިންމު ތިން ވާހަކައެއް ބުނެފައިވެ އެވެ. ފުރަތަމައީ، ޓެލެސްކޯޕެއް ފަދަ އެއްޗެއްގެ އެހީގައި ހަނދު ފެނުމުގެ ފުރުސަތު ބައެއް އިސްލާމީ ގައުމުތަކަށް އޮތުމެވެ. ދެވަނައީ، ހުރިހާ އިސްލާމީ ގައުމުތަކަށް މިއަދުގެ އިރު އޮއްސުމުގެ ކުރިން ކޮންޖަންކްޝަން ވުމެވެ. ތިންވަނައީ، ހުރިހާ އިސްލާމީ ގައުމުތަކަށް ވެސް މިއަދުގެ ހަނދު އޮއްސެނީ، އިރު އޮއްސުމަށް ފަހުގައި ކަމަށް ވުމެވެ.

މި ވާހަކަތަކަށް ބަލާއިރު، މި އަހަރުގެ ރޯދަ މަސް ނިންމައި ޝައްވާލް މަސް ފެށުމާ ބެހޭ ގޮތުން، ޖިއްދާގެ ފަލަކީ ޖަމިއްޔާ އާއި އިންޓަނޭޝަނަލް އެސްޓްރޮނޮމިކަލް ސެންޓަރުން (އައިއޭސީ) އާންމުކޮށްފައިވާ ބަޔާނުގައި އެއްވެސް ފުށުއެރުމެއް ނެތެވެ. އެ ދެ ބަޔާނުގައި ވެސް ބުނެފައިވާ ގޮތުން، އިސްލާމީ ހުރިހާ ގައުމުތަކަށް ވެސް މިއަދުގެ އިރު އޮއްސުމުގެ ކުރިން ކޮންޖަންކްޝަން ވެފައި، މިއަދުގެ އިރު އޮއްސުމަށް ފަހު، އިސްލާމީ ހުރިހާ ގައުމުތަކެއްގައި ވެސް އުދަރެހުން މަތީގައި ހަނދު ހުންނާނެ އެވެ.

އެހެންކަމުން، މި އަހަރުގެ ފިތުރު އީދު ދުވަހަކީ މާދަމާ (އެޕްރީލް 21، 2023 ވާ ހުކުރު ދުވަސް ކަމަށް) އިސްލާމީ ދުނިޔޭގެ ގިނަ ގައުމުތަކުން މިއަދު އިއުލާން ކުރާނެ ކަމަށް ވެސް އެ ބަޔާން ނިންމައިލަމުން ބުނެފައިވެ އެވެ. ނަމަވެސް، ހަނދު ސާބިތުކުރުން ލޮލަށް ފެނުމުގެ މައްޗަށް ބިނާކުރާ ގައުމުތަކުން ކުރެ އެއްވެސް ގައުމަކަށް މިއަދު ލޮލަށް ހަނދު ނުފެނިއްޖެ ނަމަ މާދަމާއަކީ ރަމަޟާން މަހުގެ 30 ވަނަ ދުވަސް ކަމަށް ކަނޑައެޅުމަށް ފަހު، އީދު ކުރާނީ ހޮނިހިރު (އެޕްރީލް 22، 2023) ދުވަހު ކަމަށް ވެސް އެ ބަޔާނުގައި ވެ އެވެ.

މި ވާހަކަތަކަށް ބަލާއިރު، މި އަހަރުގެ ރޯދަ މަސް ނިންމައި ޝައްވާލް މަސް ފެށުމާ ބެހޭ ގޮތުން، ޖިއްދާގެ ފަލަކީ ޖަމިއްޔާ އާއި އިންޓަނޭޝަނަލް އެސްޓްރޮނޮމިކަލް ސެންޓަރުން (އައިއޭސީ) އާންމުކޮށްފައިވާ ބަޔާނުގައި އެއްވެސް ފުށުއެރުމެއް ނެތެވެ. އެ ދެ ބަޔާނުގައި ވެސް ބުނެފައިވާ ގޮތުން، އިސްލާމީ ހުރިހާ ގައުމުތަކަށް ވެސް މިއަދުގެ އިރު އޮއްސުމުގެ ކުރިން ކޮންޖަންކްޝަން ވެފައި، މިއަދުގެ އިރު އޮއްސުމަށް ފަހު، އިސްލާމީ ހުރިހާ ގައުމުތަކެއްގައި ވެސް އުދަރެހުން މަތީގައި ހަނދު ހުންނާނެ އެވެ.

އެ ނޫން ފަލަކީ އިދާރާތަކުގެ ހިސާބުތަކަށް ބަލާއިރު ވެސް މިއަދުގެ ވަގުތެއްގައި ކޮންޖަންކްޝަން ނުވާނެ ކަމަށް ނުވަތަ މިއަދުގެ އިރު އޮއްސުމަށް ފަހުގައި އުދަރެހުން މަތީގައި ހަނދު ނުހުންނާނެ ކަމަށް އެއްވެސް ފަލަކީ އިދާރާއަކުން ނުބުނެ އެވެ.

މި ދެންނެވި ފަލަކީ-އިލްމީ ހަގީގަތްތަކަށް ބަލާއިރު، މިއަދުގެ އިރު އޮއްސުމާއެކު، އިސްލާމީ ޝަރުއީ ހަމަތަކުގެ މަތިން މި އަހަރުގެ ރަމަޟާން މަސް ނިމި، މި އަހަރުގެ ޝައްވާލް މަސް ފެށޭނެ ކަމާ މެދު، ފަލަކީ އެއްވެސް އިދާރާއެއްގެ މެދުގައި ދެބަސްވުމެއް ނެތެވެ. އެހެންކަމުން މިރެއަކީ މި އަހަރުގެ އުފާވެރި ފިތުރު އީދު ވިލޭރެ އެވެ.