Roadha Mihaaru

ހިޖުރީ މަހެއް ފެށުމަށްޓަކައި ކުރިއަށް އޮތް މަހުގެ ހަނދު ހަމަލޮލަށް ފެނުން ލާޒިމެއް ނޫން: މައުމޫން

ހިޖުރި މަހެއް ފެށުމަށްޓަކައި ކުރިއަށް އޮތް މަހުގެ ހަނދު ހަމަލޮލަށް ފެނުން ލާޒިމް ނޫން ކަމަށް ކުރީގެ ރައީސް އަދި ފަލަކީ އިލްމުގައި ރާއްޖޭގައި ގިނަ ބައެއްގެ މަގުބޫލުކަން ހޯއްދަވާފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ރޭ ވިދާޅުވެއްޖެ އެވެ.

އާ މަހުގެ ހަނދު ހަމަލޮލަށް ފެނުން ލާޒިމެެއް ނޫން

ހިޖުރި މަހެއް ފެށުމަށްޓަކައި ކުރިއަށް އޮތް މަހުގެ ހަނދު ހަމަލޮލަށް ފެނުން ލާޒިމް ނޫން ކަމަށް ކުރީގެ ރައީސް އަދި ފަލަކީ އިލްމުގައި ރާއްޖޭގައި ގިނަ ބައެއްގެ މަގުބޫލުކަން ހޯއްދަވާފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ރޭ ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި ވެސް ޝައްވާލް މަހުގެ ހަނދު ބެލުން މިރެއަށް އިންތިޒާމު ކޮށްފައިވާއިރު، ކުރީގެ ރައީސް މައުމޫން "އެކްސް" ގައި ވިދާޅުވީ، ހިޖުރީ މަހެއް ނިމި، ކުރިއަށް އޮތް މަހުގެ ހަނދު ހަމަލޮލަށް ފެނުން ލާޒިމް ނޫން ކަމަށާއި އިރުއޮއްސުމަށް ފަހު، ކިތަންމެ ކުޑަހިނދުކޮޅަކަށް ވިޔަސް ހަނދު ނުއޮއްސި ހުރި ކަން ހިސާބުން ސާބިތުވާ ނަމަ އާ މަހެއް ފެށުނީ ކަަމަށެވެ.

މި ފަހަރުގައި ޝައްވާލް މަހަށް ހަނދު ބެލުމުގައި އިސްލާމީ ގައުމުތަކުގެ މެދުގައި ތަފާތުތަކެއް ހުރި އިރު، ފަލަކީ ހިސާބުތައް ދައްކާ ގޮތުން ނަމަ ރާއްޖެ އާއި ރާއްޖެ އަށް ވުރެ އިރުމަތީގައި އޮތް އެއްވެސް ގައުމަކަށް މި ރޯދަމަހުގެ 29 (މިއަދުގެ) ވަނަ ދުވަހުގެ އިރު އޮއްސުމަށް ފަހު، ޝައްވާލް މަހުގެ ހަނދެއް ނުފެންނާނެ އެވެ.

މައުމޫން ވިދާޅުވާ ގޮތުން، ސައޫދީ އަރަބިއްޔާ އާއި މިސްރާއި ތުރުކީ އާއި މޮރޮކޯ ފަދަ އިސްލާމީ ގައުމުތަކަށް މިއަދުގެ އިރުއޮއްސުމަށް ފަހު، ހަނދު ނުއޮއްސި 8 މިނިޓާއި 20 މިނިޓާ ދެމެދުގެ މިންވަރަކަށް ހުންނާނެ ކަމަށް ފަލަކީ ހިސާބުން ދައްކާތީ، މާދަމާ (މާޗު 30 ވާ އާދީއްތަ ދުވަހަކީ) މި އަހަރުގެ ފިތުރު އީދު ދުވަހަށް ވާނެ ކަމަށް ވަރަށް ބޮޑަށް ޔަގީން ކުރެވެ އެވެ.

"މާޗު މަހުގެ 29 ވަނަ ދުވަހަކީ ރަމަޟާން މަހުގެ ވެސް 29 ވަނަ ދުވަހެވެ. އެ ދުވަހު ދިވެހިރާއްޖެ އަށް އިރުއޮއްސެނީ 18 ގަޑި 14 މިނެޓުގަ އެވެ. ހަނދު އޮއްސެނީ ވެސް، ހަމަ އެ ގަޑީގަ އެވެ،" މައުމޫންގެ ލިޔުއްވުމެއްގައި ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ، އެހެންވެ ޖެހިގެން އަންނަ ދުވަހަކީ ރާއްޖެ އަށް ފަލަކީ ގޮތުން ޝައްވާލު މަހުގެ 1 ވަނަ ދުވަސް ކަމަށް ވުމާއި ނުވުމާ މެދު ބަހުސެއް އޮަތަސް ވަރަށް ގިނަ އިސްލާމީ ގައުމުތަކަށް އެ ދުވަހަކީ ޝައްވާލު މަހުގެ 1 ވަނަ ދުވަސް ކަމަށް ވާނެތީ، މާދަމާއަކީ، ރާއްޖެ އަށް ވެސް ޝައްވާލު މަހުގެ 1 ވަނަ ދުވަސް ކަމުގައި ވާނެ ކަމަށް ފެންނަ ކަމަށެވެ.

"އެއީ، ހަނދު ސާބިތު ކުރުމުގައި އަމަލު ކުރަމުން އަންނަ އުސޫލުތަކާ ހަމަތަކުގެ އަލީގަ އެވެ،" މައުމޫން ވިދާޅުވި އެވެ.

ރާއްޖޭގެ ކަލަންޑަރުގައިވާ ގޮތުން ނަމަ ޝައްވާލް މަހުގެ 1 ވަނަ ދުވަހަކީ އަންނަ ހޯމަ ދުވަހެވެ.