Roadha Mihaaru
މައްސަލަ ބޮޑުކޮށްލީ ސަަރުކާރަށް ނިސްބަތްވާ މީހުން:މަޖީދު

އެއީ ކޮރަޕްޝަނާއި ޑޮކިއުމެންޓްރީގެ ވާހަކަ އޮއްބާލަން ކުރާ ކަމެއް: ޑރ. މަޖީދު

05 ސެޕްޓެމްބަރ 2016

ވަގަށް ޑޮލަރު ބޭރުކުރަން އުޅުނު ކަމުގެ ތުހުމަތުގައި ސްރީ ލަންކާއިން އޭނާ ހައްޔަރު ނުކުރާ ކަމަށާއި ސަރުކާރަށް ނިސްބަތްވާ މީހުން ތަފާތު ގޮތްގޮތަށް އަޑު ފެތުރީ، ސަރުކާރުގެ މައްޗަށް ކުރާ ކޮރަޕްޝަންގެ ތުހުމަތާއި އަލް ޖަޒީރާގެ ޑޮކިއުމެންޓްރީގެ ވާހަކަތައް އޮއްބާލަން ކަމަށް ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީ މިއަދު ވިދާޅުވެއްޖެ އެވެ.

އަހުމަދު ހަމްދޫން އަހުމަދު ހަމްދޫން

ވަގަށް ޑޮލަރު ބޭރުކުރަން އުޅުނު ކަމުގެ ތުހުމަތުގައި ސްރީ ލަންކާއިން އޭނާ ހައްޔަރު ނުކުރާ ކަމަށާއި ސަރުކާރަށް ނިސްބަތްވާ މީހުން ތަފާތު ގޮތްގޮތަށް އަޑު ފެތުރީ، ސަރުކާރުގެ މައްޗަށް ކުރާ ކޮރަޕްޝަންގެ ތުހުމަތާއި އަލް ޖަޒީރާގެ ޑޮކިއުމެންޓްރީގެ ވާހަކަތައް އޮއްބާލަން ކަމަށް ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީ މިއަދު ވިދާޅުވެއްޖެ އެވެ.

ލަންކާގެ ޑެއިލީ މިރާގެ ނޫހުން އިއްޔެ ބުނެފައި ވަނީ ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓުން އިއްޔެ ރޭ އިރާކޮޅު މާލެއަށް ފުރަން އުޅުނިކޮށް އުމުރުން 53 އަހަރުގެ މީހަކު ހައްޔަރުކުރި ކަމަށެވެ. އަދި އެ މީހާގެ އަތުގައި 45،000 ޑޮލަރު (6.7 މިލިއަން ލަންކާ ރުޕީސް/ 691،200 ދިވެހި ރުފިޔާ) ހުރި ކަމަށް އެ ނޫހުން ބުނެފައިވެ އެވެ.

ޑެއިލީ މިރާގައި ހައްޔަރުކުރި މީހާގެ ނަން ޖަހާފައި ނެތަސް "މިހާރު" އިން ބެލިބެލުމުން އެނގުނު ގޮތުގައި އެއީ ދީނީ އިލްމުވެރިޔާ މަޖީދެވެ. އެކަމަކު އޭނާ ވަނީ އެމިރޭޓްސް ފްލައިޓުން ރޭ ރާއްޖެ ވަޑައިގެންފަ އެވެ.

ފައިސާ ހުރީ އަތް ދަބަހުގައި ފޮރުވާފައިވާ ކަމަށް ޑެއިލީ މިރާގައިވެ އެވެ.

ލަންކާގެ ކަސްޓަމްސް ގާނޫނު ބުނާ ގޮތުން 5،000 ޑޮލަރު (724،250 ލަންކާ ރުޕީސް/ 76،800 ދިވެހި ރުފިޔާ) އަށް ވުރެ އިތުރަށް ބޭރު ފައިސާ ލަންކާ އިން ބޭރަށް ގެންދެވޭނީ ހުއްދަ ހޯދައިގެންނެވެ. އެއީ ވެސް މަގުބޫލު ބޭނުންތަކަށް އެކަންޏެވެ.

ލަންކާގެ ގާނޫނު ބުނާ އަދަދަށް ވުރެ އިތުރަށް އެ ގައުމުން ޑޮލަރު ބޭރު ކުރައްވަން އުޅުއްވިތޯ "މިހާރު" އިން ދެންނެވުމުން އެއަށް މަޖީދު ސީދާ ޖަވާބެއް ނުދެއްވި އެވެ. ހަމައެކަނި ވިދާޅުވީ "ކޮންމެ މީހެއްގެ އަތުގައި ވެސް ލާރި ހުންނާނެ" ކަމަށާއި މައްސަލަ ބޮޑުކޮށްލައިގެން އުޅެނީ ސަރުކާރަށް ނިސްބަތްވާ މީހުން ކަމަށެވެ.

"އެއީ ހައްތާ ވެސް ސަރުކާރުގެ ކޮރަޕްޝަންގެ ވާހަކަ އާއި އަލް ޖަޒީރާގެ ޑޮކިއުމެންޓްރީގެ ވާހަކަ އަށް ހިޔަނި އަޅުވަން ވެގެން ބަޔަކު ކުރާ ޖެއްސުމެއް. އަސްލު މިކަން ބޮޑުކުރަނީ ސަރުކާރުގެ ފަރާތުން. އިންޓެލިޖެންސަށް މައުލޫމާތު ދީ އެކި ގޮތްގޮތުން ކަންކަން ބޮޑުކޮށްލީ،" މަޖީދު ވިދާޅުވި އެވެ.

ލަންކާގެ މައި އެއާޕޯޓުން ހައްޔަރުކުރިތޯ ދެންނެވުމުން އޭނާ ވިދާޅުވީ އެފަދަ ކަމެއް ވެސް ނުހިނގާ ކަމަށެވެ.

"ސުވާލުކުރާތީ، މަޑުކޮށްލީމާ ފްލައިޓް މިސްވީ،" މަޖީދު ވިދާޅުވި އެވެ.

އޭނާ ލަންކާއަށް ވަޑައިގެންނެވިއިރު، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން އިދިކޮޅު ބައެއްް އިސް ބޭފުޅުން މިހާރު ތިއްބެވީ ލަންކާގަ އެވެ. މި ދުވަސްވަރު ދިވެހި ސަރުކާރާއި ލަންކާ ސަރުކާރާ ދެމެދު ގުޅުން ގޯސް ކަމަށް ބެލެވޭއިރު، ނަޝީދުގެ ދިފާއުގައި ވެސް އެ ގައުމުގެ ސަރުކާރުން ދާދި ފަހުން ވަނީ ވާހަކަ ދައްކައިފަ އެވެ.