Roadha Mihaaru
މަޖީދު ފުލުސް އޮފީހަށް ހާޒިރުވާން ޗިޓް ފޮނުވައިފި

ޑރ. މަޖީދު ފުލުސް އޮފީހަށް ހާޒިރުވާން ޗިޓް ފޮނުވައިފި

08 ސެޕްޓެމްބަރ 2016

ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީ މާދަމާ ރޭ ފުލުސް އޮފީހަށް ހާޒިރުވާން ޗިޓް ފޮނުވައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީ މާދަމާ ރޭ ފުލުސް އޮފީހަށް ހާޒިރުވާން ޗިޓް ފޮނުވައިފި އެވެ.

މަޖީދު ފުލުސް އޮފީހަށް ހާޒިރުކުރަނީ، ޗިޓުގައި ބުނެފައިވާ ގޮތުގައި، ތަހުގީގުކުރަމުން އަންނަ މައްސަލައަކާ ގުޅޭގޮތުން ސުވާލުކޮށް ބަޔާން ނެގުމަށެވެ. އެއީ ކޮން މައްސަލައެއް ކަމެއް ފުލުހުން ބުނެފައެއް ނުވެ އެވެ. މަޖީދު ފުލުސް އޮފީހަށް ހާޒިރުވާން އަންގާފައި ވަނީ މާދަމާ ރޭ 8:00 އަށެވެ.

މަޖީދުގެ މައްސަލައެއް ފުލުހުން ތަހުގީގުކުރާއިރު، ވަގަށް ޑޮލަރު ބޭރުކުރަން އުޅުނު ކަމުގެ ތުހުމަތުގައި ސްރީ ލަންކާ އެއާޕޯޓުން މީހަކު ހައްޔަރުކުރި ކަމަށް އެ ގައުމުގެ ޑެއިލީ މިރާއިން ވަނީ މިދިޔަ އާދިއްތަދުވަހު ރިޕޯޓްކޮށްފަ އެވެ. އެ ނޫހުގައި ބުނެފައިވާ ގޮތުގައި އޭނާގެ އަތުން 45،000 ޑޮލަރު ފެނިފައިވެ އެވެ. އެ ފައިސާ ހުރީ އަތް ދަބަހުގައި ފޮރުވާފައިވާ ކަމަށް ވެސް ޑެއިލީ މިރާގައިވެ އެވެ.

ލަންކާ އެއާޕޯޓުން ހައްޔަރުކުރި މީހާގެ ނަމެއް ޑެއިލީ މިރާގައި ޖަހާފައި ނެތް ނަމަވެސް، "މިހާރު" އިން ބެލިބެލުމުން އެނގުނު ގޮތުގައި އެއީ މަޖީދެވެ.

ލަންކާގެ ކަސްޓަމްސް ގާނޫނު ބުނާ ގޮތުން 5،000 ޑޮލަރު (724،250 ލަންކާ ރުޕީސް/ 76،800 ދިވެހި ރުފިޔާ) އަށް ވުރެ އިތުރަށް ބޭރު ފައިސާ ލަންކާ އިން ބޭރަށް ގެންދެވޭނީ ހުއްދަ ހޯދައިގެންނެވެ. އެއީ ވެސް މަގުބޫލު ބޭނުންތަކަށް އެކަންޏެވެ.

ލަންކާގެ މައި އެއާޕޯޓުން މަޖީދު ހައްޔަރުކުރި ކަމަށް ބުނާ ވާހަކަ އޭނާ ވަނީ ދޮގުކުރައްވައިފަ އެވެ. މަޖީދު ހައްޔަރުކުރި ކަމަށް ސަރުކާރަށް ނިސްބަތްވާ މީހުން ތަފާތު ގޮތްގޮތަށް އަޑު ފެތުރީ، ސަރުކާރުގެ މައްޗަށް ކުރާ ކޮރަޕްޝަންގެ ތުހުމަތާއި އަލް ޖަޒީރާގެ ޑޮކިއުމެންޓްރީގެ ވާހަކަތައް އޮއްބާލަން ކަމަށް ވެސް އޭނާ ވަނީ "މިހާރު" އަށް ވިދާޅުވެފަ އެވެ.

ލަންކާގެ ގާނޫނު ބުނާ އަދަދަށް ވުރެ އިތުރަށް އެ ގައުމުން ޑޮލަރު ބޭރު ކުރައްވަން އުޅުއްވިތޯ "މިހާރު" އިން މިދިޔަ ހޯމަދުވަހު ދެންނެވުމުން އެއަށް މަޖީދު ސީދާ ޖަވާބެއް ނުދެއްވަ އެވެ. ހަމައެކަނި ވިދާޅުވެފައި ވަނީ "ކޮންމެ މީހެއްގެ އަތުގައި ވެސް ލާރި ހުންނާނެ" ކަމަށާއި މައްސަލަ ބޮޑުކޮށްލައިގެން އުޅެނީ ސަރުކާރަށް ނިސްބަތްވާ މީހުން ކަމަށެވެ.

"އެއީ ހައްތާ ވެސް ސަރުކާރުގެ ކޮރަޕްޝަންގެ ވާހަކަ އާއި އަލް ޖަޒީރާގެ ޑޮކިއުމެންޓްރީގެ ވާހަކަ އަށް ހިޔަނި އަޅުވަން ވެގެން ބަޔަކު ކުރާ ޖެއްސުމެއް. އަސްލު މިކަން ބޮޑުކުރަނީ ސަރުކާރުގެ ފަރާތުން، އިންޓެލިޖެންސަށް މައުލޫމާތު ދީ އެކި ގޮތްގޮތުން ކަންކަން ބޮޑުކޮށްލީ،" މަޖީދު ވިދާޅުވެފައިވެ އެވެ. ލަންކާގެ މައި އެއާޕޯޓުން ހައްޔަރުކުރިތޯ ދެންނެވުމުން އޭނާ ވިދާޅުވީ އެފަދަ ކަމެއް ވެސް ނުހިނގާ ކަމަށެވެ. "ސުވާލުކުރާތީ، މަޑުކޮށްލީމާ ފްލައިޓް މިސްވީ،" މަޖީދު ވިދާޅުވެފައިވެ އެވެ.

ޑެއިލީ މިރާއިން ބުނެފައިވާ ގޮތުގައި ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓުން މަޖީދު ހައްޔަރުކުރީ މިދިޔަ ހޮނިހިރުދުވަހުގެ ރޭގަ އެވެ. އަދި ޖެހިގެން އައި އާދިއްތަ ދުވަހުގެ ރޭ އެމިރޭޓްސްގެ މަތިންދާބޯޓުން އޭނާ ވަނީ މާލެ ވަޑައިގެންފަ އެވެ.