Roadha Mihaaru

ލަންކާ ކޯޓެއް ތެރޭ ގޭންގު ލީޑަރަކު މަރާލުގައި ބައިވެރިވާ މީހަކު ފިލައިގެން ރާއްޖެ އައި ކަމުގެ ތުހުމަތު

ސްރީ ލަންކާގެ ނުރައްކާތެރި ގޭންގް ލީޑަރު އަދި ހަތިޔާރާއި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކުމާރަ ސަމަރަރަތުނަ ކޯޓުގެ އަޑުއެހުމަކަށް ހާޒިރުކޮށްފައި ހުއްޓާ ބަޑިޖަހައި މަރާލުމުގައި ބައިވެރިވި ކަމަށް ތުހުމަތުވާ މީހަކު ފިލައިގެން ރާއްޖެ އައިސްފައިވާ ކަމަށް އެ ގައުމުގެ ބައެއް ނޫސްތަކުން ބުނެފި އެވެ.

ލަންކާގެ ގޭންގު ލީޑަރު މަރާލާފައި ފިލަން ރާއްޖެއަށް؟
ނާޒިމް ހަސަން
ނާޒިމް ހަސަން

17 މާޗް 2025

ސްރީ ލަންކާގެ ނުރައްކާތެރި ގޭންގް ލީޑަރު އަދި ހަތިޔާރާއި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކުމާރަ ސަމަރަރަތުނަ ކޯޓުގެ އަޑުއެހުމަކަށް ހާޒިރުކޮށްފައި ހުއްޓާ ބަޑިޖަހައި މަރާލުމުގައި ބައިވެރިވި ކަމަށް ތުހުމަތުވާ މީހަކު ފިލައިގެން ރާއްޖެ އައިސްފައިވާ ކަމަށް އެ ގައުމުގެ ބައެއް ނޫސްތަކުން ބުނެފި އެވެ.

ލަންކާގެ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މިދިޔަ ފެބުރުއަރީ މަހުގެ 19 ވަނަ ދުވަހު ގޭންގް ލީޑަރަށް ހަމަލާދިން ފިސްތޯލަ ކޯޓު ތެރެއަށް ވެއްދި ކަމުގެ ތުހުމަތުވާ އިޝާރާ ސެއްވާންދީ ވަނީ ކަނޑުމަގުން ލަންކާ އިން ފިލައިފަ އެވެ. އަދި ވަރުގަދަ އަންޑަވޯލްޑް ގޭންގެއްގެ އެހީތެރިކަމުގައި ފިލައިގެން އޭނާ އައީ ރާއްޖެއަށް ކަމަށް ބެލެވޭ ކަމަށާއި އޭނާ ރާއްޖޭގައި ހުރުމުގެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށް ވެސް ރިޕޯޓްކޮށްފައިވެ އެވެ.

ނަމަވެސް މިކަމާ ބެހޭ ގޮތުން ލަންކާގެ ކަމާބެހޭ އިދާރާތަކުން ވާހަކަ ދައްކައިފައެއް ނުވެ އެވެ.

ލަންކާ ފުލުހުން ބުނާ ގޮތުގައި ކުމާރަ ސަމަރަރަތުނަ މަރާލުމަށް ބަޑި ޖެހި މީހާގެ އަތަށް އެ ބަޑި ގެންގޮސްދީފައިވަނީ 25 އަހަރުގެ އިޝާރާ އެވެ. އެ އަންހެން މީހާ ކޯޓު ތެރެއަށް ބަޑި ވައްދާފައިވަނީ އޭނާއަކީ ވަކީލެއް ކަމަށް ހެދިގެންނެވެ. ކޯޓު ތެރެއަށް އެ ވައްދާފައި ވަނީ ފޮތެއްގެ ގަނޑުތައް ބަޑީގެ ބައްޓަމަށް ކަފައި އެތަނުގެ ތެރޭ ފޮރުވައިގެން ކަމަށް ވެސް ފުލުހުން ބުންޏެވެ.

އިޝާރާއަށް މި ތުހުމަތު ކުރެވޭއިރު، ފުލުހުން ވަނީ އޭނާގެ ފޮޓޯ އާންމުކޮށް އޭނާއާ ބެހޭ މައުލޫމާތެއް ހިއްސާކުރާ މީހަކަށް ފައިސާގެ އިނާމު ވެސް ހުށަހަޅައިފަ އެވެ. އެ އަންހެން މީހާ އަކީ ވެސް މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މީހެއް ކަމަށް ފުލުހުން ބުންޏެވެ.

ހަމަލާ ދިން މީހާ ކޯޓުން ނުކުމެ ފިލައިގެން ދަނިކޮށް ހަމަ އެ ދުވަހު ވަނީ ހައްޔަރުކޮށްފަ އެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކުރީ ވޭނެއްގައި ދަނިކޮށް ސްޕެޝަލް ޓާސްކް ފޯހުގެ ޓީމަކުން ކަމަށެވެ. އެއީ އުމުރުން 34 އަހަރުގެ، މުހައްމަދު އަޒްމަން ޝަރީފުއްދީން ކިޔާ މީހެއް ކަމަށް ކުރިން ބުނެފައި ވިޔަސް އޭނާ އެކި ނަންނަމުގައި އައިޑެންޓިޓީ ކާޑުތައް ހަދައިގެން އުޅޭކަން ވަނީ ހާމަވެފަ އެވެ.

ގޭންގު ލީޑަރު މަރާލާފައިވަނީ 15 މިލިއަން ރުޕީސް ހުށަހެޅުމުން އެ ފައިސާގެ ބޭނުމުގައި ކަމަށް ވެސް ފުލުހުންނާ ހަވާލާދީ މީޑިއާގައި ރިޕޯޓްކޮށްފައިވެ އެވެ.

ވާދަވެރި ގޭންގުތަކުން ލަންކާގައި އެއްބަޔަކު އަނެއް ބަޔަކަށް ބަޑީގެ ހަމަލާ ދިނުން ވަނީ ވަރަށް ބޮޑަށް އާންމުވެ ނުރައްކާ ވެފަ އެވެ. މިއަހަރުގެ މިހާތަނަށް މިފަދަ 17 ހާދިސާ ހިންގާފައި ވާއިރު މި ހާދިސާތަކުގައި ފަސް މީހަކު މަރުވެ، އިތުރު ހަތަރު މީހަކު ޒަހަމްވެފައިވެ އެވެ. މިފަދަ ހަމަލާތައް ގިނަވެ އާންމު ސަލާމަތަށް ނުރައްކާވަމުން ދާތީ ސްރީ ލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނަޔަކަ އާއި ގާނޫނު ތަންފީޒުކުރާ އިދާރާތަކުން އަވަސް ފިޔަވަޅުތަކެއް އެޅުމަށް ސިޔާސީ މީހުންނާއި އާންމުން ދަނީ ގޮވާލަމުންނެވެ.