Roadha Mihaaru
ޑޮލަރު ބޭރުކުރަން އުޅުނު ދިވެއްސަކު ލަންކާގައި ހައްޔަރު

ވަގަށް ޑޮލަރު ބޭރުކުރަން އުޅުނު ކަމަށް ބުނެ ދިވެއްސަކު ލަންކާގައި ހައްޔަރުކޮށްފި

04 ސެޕްޓެމްބަރ 2016

ވަގަށް ޑޮލަރު ބޭރުކުރަން އުޅުނު ކަމަށް ބުނެ ލަންކާގެ މައި އެއާޕޯޓުން ރޭ ދިވެއްސަކު ހައްޔަރުކޮށްފި އެވެ.

އަލީ ނާފިޒް އަލީ ނާފިޒް

ވަގަށް ޑޮލަރު ބޭރުކުރަން އުޅުނު ކަމަށް ބުނެ ލަންކާގެ މައި އެއާޕޯޓުން ރޭ ދިވެއްސަކު ހައްޔަރުކޮށްފި އެވެ.

ލަންކާގެ ޑެއިލާ މިރާ ނޫހުން މިއަދު ބުނި ގޮތުގައި ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓުން ރޭ އިރާކޮޅު ފުރަން އުޅެނިކޮށް ހައްޔަރުކުރީ އުމުރުން 53 އަހަރުގެ ދިވެއްސެކެވެ. މާލެ އަންނަން އުޅުނު އެ މީހާގެ އަތުގައި 45،000 ޑޮލަރު (6.7 މިލިއަން ލަންކާ ރުޕީސް/ 691،200 ދިވެހި ރުފިޔާ) ހުރި ކަމަށް އެ ނޫހުން ބުންޏެވެ.

"އެ ފައިސާ ހުރީ އަތްމަތީ ދަބަސް ތެރޭގައި ފޮރުވާފައި،" ޑެއިލީ މިރާގައިވެ އެވެ.

ލަންކާގެ ކަސްޓަމްސް ގާނޫނު ބުނާ ގޮތުން 5،000 ޑޮލަރު (724،250 ލަންކާ ރުޕީސް/ 76،800 ދިވެހި ރުފިޔާ) އަށް ވުރެ އިތުރަށް ބޭރު ފައިސާ ލަންކާ އިން ބޭރަށް ގެންދެވޭނީ ހުއްދަ ހޯދައިގެންނެވެ. އެއީ ވެސް މަގުބޫލު ބޭނުންތަކަށް އެކަންޏެވެ.

ދިވެހިން އާއްމުކޮށް ގޮސް އުޅޭ އަދި އެންމެ ގިނަ އަދަދެއްގެ ދިވެހިން ވަޒަންވެރިވެގެން ވެސް އުޅޭ ލަންކާ އިން ދޭތެރެ ދޭތެރެއިން ދިވެހިން ހައްޔަރުކުރެ އެވެ. އެކަމަކު، އެއީ ގިނައިން މަސްތުވާތަކެތީގެ މައްސަލަތަކުގަ އެވެ.