Roadha Mihaaru
ލަންކާއާއެކު ޓްރީޓީއަކަށް ދާން މަޖިލީހުން ރުހުންދީފި

ލަންކާއާ އެކު، ޖިނާއީ ކަންކަމާ ގުޅޭ އެއްބަސްވުމެއް ހަދަން މަޖިލީހުން ރުހުން ދީފި

22 ޖުލައި 2024

ޖިނާއީ މައްސަލަތަކުގައި މަސައްކަތް ކުރަން ރާއްޖެ އާއި ސްރީ ލަންކާއާ ދެމެދު އެއްބަސްވުމެއް ހެދުމަށް ރައްޔިތުންގެ މަޖިލިހުން މިއަދު ރުހުން ދީފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ޖިނާއީ މައްސަލަތަކުގައި މަސައްކަތް ކުރަން ރާއްޖެ އާއި ސްރީ ލަންކާއާ ދެމެދު އެއްބަސްވުމެއް ހެދުމަށް ރައްޔިތުންގެ މަޖިލިހުން މިއަދު ރުހުން ދީފި އެވެ.

އެ އެއްބަސްވުމުގައި ބައިވެރިވުމަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފާސްކުރީ ވޯޓުގައި ބައިވެރިވި 72 މެންބަރުންގެ އިއްތިފާގުންނެވެ.

އެކަމާ ގުޅޭ ގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލިހަށް ފޮނުއްވި ސިޓީފުޅުގައި ވިދާޅުވެފައި ވަނީ އެއީ ރާއްޖެ އާއި ލަންކާއާ ދެމެދު އޮތް ގުޅުން ދެމެހެއްޓުމާ އެކު، ޖިނާއީ ކުށްތައް ހުއްޓުވުމަށް ދެ ގައުމުގެ އެހީތެރިކަމާއި އެއްބާރުލުން އެއް ގައުމުން އަނެއް ގައުމަށް ދިނުމުގެ ބޭނުމުގައި ހަދާ އެއްބަސްވުމެއް ކަމަށެވެ.

އެ އެއްބަސްވުމުގެ ދަށުން، އެ ގައުމެއްގެ ގާނޫނުތަކާއި ގަވައިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި އަދި ޝަރީއަތް ހިންގުމުގައި ދެވެން އޮތް އެންމެ ފުޅާދާއިރާއެއްގައި އެހީތެރިކަން ދޭނެ ކަމަށް ސިޓީފުޅުގައި ރައީސް ވިދާޅުވެފައި ވެ އެވެ.

ހާރިޖީ ކޮމިޓީން އެ އެއްބަސްވުން ދިރާސާ ކުރުމަށް ފަހު، މަޖިލީހުގެ ތަޅުމަށް ހުށަހަޅުއްވަމުން އެ ކޮމިޓީގެ މުގައްރިރު މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު ވިދާޅުވީ، އެ އެއްބަސްވުމުގެ ސަބަބުން ރާއްޖޭގައި އަދުލުގެ އިންސާފުގެ ނިޒާމް ހަރުދަނާ ކުރުމަށްޓަކައި މުހިންމު ކަންކަން ހިމެނޭ ކަމަށެވެ.

އޭގެ ތެރޭގައި ޖިނާއި ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމާއި ތަހުގީގުތަކުގައި ހެކި ދިނުމާއި ހުކުމެއް ތަންފީޒު ކުރަމުންދާ މީހަކު އެ މީހެއްގެ ރުހުމާ އެކު، ތަހުގީގުގައި އެހީތެރިވުން ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އަދި އެފަދަ ކަންކަމުގައި އެއްބަސްވުމުގެ ދަށުން އެދޭނީ ސެންޓްރަލް އޮތޯރިޓީއަކުން ކަމަށާއި ރާއްޖޭގެ ޖިނާއީ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ބަދަލު ކުރުމުގެ ގާނޫނުގައި ބުނާ ގޮތުން ސެންޓްރަލް އޮތޯރިޓީއަކީ ޕްރޮސެކިއުޓާ ޖެނަރަލް ކަމަށް ޒަރީރު ވިދާޅުވި އެވެ.

މި އެއްބަސްވުމުގެ ދަށުން ކުރަން ޖެހޭ ހަރަދުތައް ކުރަން ޖެހޭނީ އެ ކަމަށް އެދި ހުށަހަޅާ ގައުމަކުން ކަމަށް ވެސް އެއްބަސްވުމުގައި ބުނާ ކަމަށް ޒަރީރު ވިދާޅުވި އެވެ.