Roadha Mihaaru
ވެލެންސިއާ އިން ސްޕެނިޝް ކަޕް ކާމިޔާބުކޮށްފި

ބާސާ ބަލިކޮށް ވެލެންސިއާ އިން ސްޕެނިޝް ކަޕް ކާމިޔާބުކޮށްފި

26 މެއި 2019

ސެވިލް، ސްޕެއިން (މެއި 26) - ޖެހިޖެހިގެން ފަސް ވަނަ ފަހަރަށް ސްޕެނިޝް ކަޕް ކާމިޔާބުކުރަން ނުކުތް ބާސެލޯނާ 2-1 އިން ބަލިކޮށް 11 އަހަރު ތެރޭ ފުރަތަމަ ފަހަރަށް ވެލެންސިއާ އިން މުބާރާތުގެ ތަށި އުފުލާލައިފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ސެވިލް، ސްޕެއިން (މެއި 26) - ޖެހިޖެހިގެން ފަސް ވަނަ ފަހަރަށް ސްޕެނިޝް ކަޕް ކާމިޔާބުކުރަން ނުކުތް ބާސެލޯނާ 2-1 އިން ބަލިކޮށް 11 އަހަރު ތެރޭ ފުރަތަމަ ފަހަރަށް ވެލެންސިއާ އިން މުބާރާތުގެ ތަށި އުފުލާލައިފި އެވެ.

އެންމެ ފަހުން ހަތަރު ފަހަރު މުބާރާތް ކާމިޔާބުކުރި ބާސެލޯނާ ރޭގެ މެޗަށް ނުކުތީ މި ފަހަރު ވެސް ތަށި އުފުލާލައި މުބާރާތުގެ ރެކޯޑެއް ގާއިމުކުރުމުގެ އަމާޒުގަ އެވެ. އެކަމަކު މި ފަހަރުގެ ލީގު ޗެމްޕިއަން ބާސެލޯނާ ހުއްޓުވައި ވެލެންސިއާ އިން ވަނީ 2008 ވަަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް މި މުބާރާތް ކާމިޔާބުކުރީ އެވެ.

ސެވިއްޔާގެ ދަނޑުގައި ކުޅުނު ރޭގެ މެޗަށް ނުކުތްއިރު ބާސެލޯނާ އަށް ވަނީ އަނިޔާގެ މައްސަލަ ކުރިމަތިވެފަ އެވެ. އެ ގޮތުން އަނިޔާގެ ސަބަބުން ބާސެލޯނާގެ ކީޕަރު ޓާ ސްޓެގެން އާއި ލުއިސް ސުއަރޭޒް އަދި އޮސްމާން ޑެމްބެލޭ ރޭގެ މެޗުގައި ނުކުޅެ އެވެ.

ރޭގެ މެޗުގައި ފުރަތަމަ 33 މިނިޓްގެ ތެރޭގައި ވެލެންސިއާ އިން ވަނީ ދެ ގޯލުގެ ލީޑެއް ނަގައިފަ އެވެ. މެޗުގެ 21 ވަނަ މިނިޓްގައި ކެވިން ގަމޭރޯ އަށް އޭރިއާތެރެއިން ލިބުނު ބޯޅަ ހަމަޖެހިލާފައި ވަނީ ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ. ވެލެންސިއާގެ ލީޑުފުޅާކޮށްދިނީ މެޗުގެ 33 ވަނަ މިނިޓްގައި ސްޕެއިނުގެ ފޯވާޑް ރޮޑްރީގޯ މޮރޭނޯ އެވެ. ކާލޮސް ސޮލެއާ ނަގައިދިން ހުރަހަކުން ރޮޑްރީގޯ މި ގޯލު ޖެހީ ބޮލުންނެވެ.

ފުރަތަމަ ހާފް ނިމުމުގެ ކުރިން ބާސެލޯނާ މެޗުގެ ތެރެއަށް ގެންދަން އެ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީ ޖެހި ބޯޅަ ވެލެންސިއާގެ ކީޕަރު ޔޯމޭ ޑޮމެނެކް ވަނީ މަތަކޮށްފަ އެވެ. ބާސެލޯނާ އިން ލަނޑެއް ޖެހުމަށް ކުރަމުން އައި މަސައްކަތް ކާމިޔާބުވީ މެޗުގެ 73 ވަނަ މިނިޓްގަ އެވެ. ކޯނަރަކުން އޭރިއާތެރެއަށް ހުރަަސްވި ބޯޅަ ކްލެމެންޓް ލޮންގްލެޓް ބޮލުން ފޮނުވާލިއިރު ކީޕަރު ޑޮމެނެކް އަތުގައި ޖެހިފައި އެ ބޯޅަ ލިބުނީ ގޯލު ކުރިމަތީގައި ހުރި މެސީ އަށެވެ. މެސީ ވަނީ ފަސޭހަކަމާ އެކު ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.

މެޗުގެ އިތުރުވަގުތުގައި ވެލެންސިއާ އަށް ތިން ވަނަ ލަނޑެއް ޖަހައިދޭން ގޮންޒާލޯ ގުއޭޑޭޝް އަށް ލިބުނު ދެ ފުރުސަތުގެ ބޭނުން އޭނާ އަށް ނުކުރެވުނެވެ. ރޭގެ މެޗު ކުޅެމުންދިޔައިރު ފިނިހޫނުމިން ހުރީ 30 ޑިގްރީ ސެލްސިއަސްކަމުގައި ވުމުން ރެފްރީ ވަނީ ކޮންމެ ހާފެއްގައި ކޫލިން ބްރޭކެއް ދީފަ އެވެ.

މި ފަހަރުގެ ސީޒަން ހަަމައެކަނި ލީގުގެ ކާމިޔާބީން ނިންމާލަން ޖެހުމުން ބާސެލޯނާގެ ކޯޗު އާނެސްޓޯ ވަލްވޭޑޭ މަގާމުގައި ހުންނަން ސަޕޯޓަރުންގެ ޕްރެޝަރު ބޮޑުވެފައިވީ ނަމަވެސް ބާސެލޯނާގެ ރައީސް ޖޯސެފް ބާޓޮމެއު ރޭގެ މެޗަށް ފަހު ވެސް ވަނީ ވަލްވޭޑޭގެ ދިފާއުގައި ވާހަކަ ދައްކައިފަ އެވެ.

ވަލްވޭޑޭ ބުނީ ބާސެލޯނާ ކޯޗުގެ މަގާމުގައި ހުރެ މި ފަދަ ގޮތަކަށް ސީޒަން ނިންމާލަން ޖެހުމަކީ ފަސޭހަކަމެއް ނޫން ކަމަށާއި ބޭނުންވަނީ ޗެލެންޖެއްގެ ގޮތުގައި ނަގައިގެން އަންނަ ސީޒަނުގައި އިތުރު ކާމިޔާބީ ހޯދުމަށް ކަމަށެވެ.

ވެލެންސިއާގެ ކެޕްޓަން ޑެނީ ޕަރޭހޯ ބުނީ މެޗަށް ނުކުތްއިރު ބާސެލޯނާ ބަލިކުރަން ކުޅެންޖެހޭނެ ގޮތަކާ މެދާ މެދު ވަރަށް ރަނގަޅަށް ތައްޔާރުވި ކަމަށާއި މެޗުގައި އެ މީހުން ބޭނުންވި ޕްލޭން މަސައްކަތްކުރި ކަމަށެވެ.