Roadha Mihaaru
މެސީގެ ގޯލާ އެކު ބާސެލޯނާ ކުއާޓާ އަށް

މެސީގެ ގޯލާ އެކު ބާސެލޯނާ ކުއާޓާ އަށް

28 ޖެނުއަރީ 2021

މެޑްރިޑް (ޖެނުއަރީ 28) - ސްޕެނިޝް ކަޕްގައި ރޭ ލިއޮނަލް މެސީގެ ގޯލާ އެކު ފަހަތުން އަރައި 2-1 އިން ރަޔޯ ވަޔެކާނޯ ބަލިކޮށް ބާސެލޯނާ މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފި އެވެ.

މެޑްރިޑް (ޖެނުއަރީ 28) - ސްޕެނިޝް ކަޕްގައި ރޭ ލިއޮނަލް މެސީގެ ގޯލާ އެކު ފަހަތުން އަރައި 2-1 އިން ރަޔޯ ވަޔެކާނޯ ބަލިކޮށް ބާސެލޯނާ މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފި އެވެ.

ސްޕެއިނުގެ ދެ ވަަނަ ޑިވިޝަނުގެ ހަތަރު ވަނައިގައި އޮތް ރަޔޯ އިން ރޭގެ މެޗުގެ 63 ވަނަ މިނިޓްގައި ލީޑުނެގީ ފްރޭން ގާސިއާ ޖެހި ގޯލުންނެވެ. މިއީ ރަޔޯ ކުޅުންތެރިއަކު ޖެހި ބޯޅައެއް ބާސެލޯނާ ކީޕަރު ނެޓޯ އަތުގައި ޖެހިފައި ގޯލު ކުރިމައްޗަށް ހުރަސްވުމުން ގާސިއާ ޖެހި ގޯލެކެވެ.

ރަޔޯ އިން ލީޑުނެގިތާ ހަ މިނިޓް ފަހުން ބާސެލޯނާ އަށް އެއްވަރުކޮށްދިނީ މެސީ އެވެ. އޭނާ މި ގޯލު ޖެހީ އެންޓޮއިން ގްރީޒްމަން ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ. މިއީ ސްޕެނިޝް ސުޕަ ކަޕް ފައިނަލުގައި ދެއްކި ރަތް ކާޑުގެ ސަބަބުން މެސީ އަށް އައި ދެ މެޗުގެ ސަސްޕެންޝަނަށް ފަހު އޭނާ ކުޅުނު ފުރަތަމަ މެޗެވެ.

މެޗު ނިމެން 10 މިނިޓަށް ވެފައި ވަނިކޮށް ބާސެލޯނާ މޮޅުކޮށްދިން ލަނޑު ޖެހީ ފަހަކަށް އައިސް މުހިއްމު ގޯލުތަކެއް ޖަހަމުން އަންނަ ނެދަލެންޑްސްގެ މިޑްފީލްޑަރު ފްރެންކީ ޑި ޔޯން އެވެ.

ރޭގެ މެޗުގައި ބާސެލޯނާ އިން ވަނީ އާންމު ގޮތެއްގައި ފުރަތަމަ އެގާރައިގައި ނުހިމެނޭ ގިނަ ކުޅުންތެރިންތަަކަކަށް ކުޅުމުގެ ފުރުސަތު ދީފަ އެވެ. ބާސެލޯނާގެ ކޯޗު ރޮނާލްޑް ކޫމަން ބުނީ އެ ކުޅުންތެރިންގެ ފަރާތުން އުއްމީދުކުރި ވަރުގެ ކުޅުމެއް ފެނުނު ކަމަށާއި ކުރިއަށް ހުރި މެޗުތަކުގައި އެ ކުޅުންތެރިން ބޭނުންކުރަން ޖެހިއްޖެ ހާލަތުގައި ވެސް އެކަން ކުރާނެ ކަމަށެވެ.

ސްޕެނިޝް ކަޕްގެ ތަށި 30 ފަހަރު އުފުލާލާފައިވާ ބާސެލޯނާ އަކީ މިހާރު މި މުބާރާތުގެ ފޭވަރިޓެވެ. އެކަމަކު ކޫމަން ބުނީ ފޭވަރިޓެއްގެ ގޮތުގައި ގިނަ ބަޔަކު ދެކުނު ނަމަވެސް މީގެ ކުރަން ހުރި މަސައްކަތް ފަސޭހައެއް ނޫން ކަމަށެވެ.