Roadha Mihaaru
ރެއާލް މެޑްރިޑާއި ބާސެލޯނާ ކަޓައިފި

ރެއާލް މެޑްރިޑާއި ބާސެލޯނާ ކަޓައިފި

07 ފެބުރުއަރީ 2020

މެޑްރިޑް (ފެބްރުއަރީ 7) - ސްޕެނިޝް ކަޕްގައި ރޭ ކުޅުނު ކުއާޓާ ފައިނަލް މެޗުތަކުން ބަލިވެ ރެއާލް މެޑްރިޑާއި ބާސެލޯނާ މުބާރާތުން ކަޓައިފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

މެޑްރިޑް (ފެބްރުއަރީ 7) - ސްޕެނިޝް ކަޕްގައި ރޭ ކުޅުނު ކުއާޓާ ފައިނަލް މެޗުތަކުން ބަލިވެ ރެއާލް މެޑްރިޑާއި ބާސެލޯނާ މުބާރާތުން ކަޓައިފި އެވެ.

އަމިއްލަ ދަނޑުގައި ރެއާލް ސޮސިއެޑާޑް އަތުން ރެއާލް ބަލިވީ 4-3 އިންނެވެ. އަދި ރަށުން ބޭރުގައި އެތުލެޓިކް ބިލްބާއޯ އަތުން ބާސެލޯނާ ބަލިވީ 1-0 އިންނެވެ. މި ދެ ޓީމު ކެޓުމާ އެކު މިއީ 2010 ވަނަ އަހަރަށް ފަހު ސްޕެނިޝް ކަޕް ފައިނަލެއް ރެއާލް އާއި ބާސެލޯނާ ނެތި ކުޅޭ ފުރަތަމަ ފަހަރެވެ.

މިއީ މިދިޔަ އޮކްޓޫބަރު މަހު މަޔޯކާ އަތުން ބަލިވި މެޗަށް ފަހު ރެއާލް ބަލިވި ފުރަތަމަ ފަހަރެވެ. ރޭގެ މެޗު ފަށައިގެން ރެއާލުން އެޓޭކްކުރަމުންދަނިކޮށް ސޮސިއެޑާޑަށް ލީޑުނަގައިދިނީ ރެއާލުގެ ލޯން އެއްބަސްވުމެއްގެ ދަށުން ކުޅެމުން އަންނަ ނޯވޭގެ މާޓިން އޮޑެގާޑް އެެވެ. މެޗުގެ 22 ވަނަ މިނިޓްގައި އަލެކްސަންޑަ އިސާކް ޖެހި ބޯޅަ ރެއާލްގެ ކީޕަރު އަލްފޮންސޭ އަރެއޯލާ މަތަކުރުމުން ދެ ވަނަ ފަހަރަށް ލިބުމާ އެކު އޮޑެގާޑް ވަނީ ގޯލު ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.

ރެއާލަށް ފުރަތަމަ ހާފުގައި އެއްވަރުކޮށްދޭން ސާޖިއޯ ރާމޯސް ބޮލުން ޖެހި ބޯޅައެއް ވަނީ ހުރަސްދަނޑިއަށް އަމާޒުވެފަ އެވެ. ދެ ވަނަ ހާފްގެ ކުޅުން ފެށިގެން 11 މިނިޓް ތެރޭ އިސާކް ވަނީ ގާތްގާތުގައި ދެ ގޯލު ޖަހައި ސޮސިއެޑާޑަށް ތިން ގޯލުގެ ލީޑެއް ނަގައިދީފަ އެވެ. މެޗުގެ 54 ވަނަ މިނިޓާއި 56 ވަނަ މިނިޓްގައި އިސާކް މި ދެ ގޯލު ޖެހީ ވެސް އޭރިއާ ތެރެއިން ލިބުނު ފުރުސަތުތަކުންނެވެ.

ރެއާލްގެ ފުރަތަމަ ގޯލު މެޗުގެ 59 ވަނަ މިނިޓްގައި ހަނި އޭންގަލަކުން ޖެހި ބޯޅައަކުން ކާމިޔާބުކުރީ މާސެލޯ އެވެ. އޭގެ ދިހަ މިނިޓްް ފަހުން މިކޭލް މެރީނޯ ވަނީ ސޮސިއެޑާޑަށް ހަތަރު ވަނަ ގޯލް ޖަހައިދީފަ އެވެ. މިއީ އިސާކް ދިން ބޯޅައަކުން މެރީނޯ ޖެހި ގޯލެކެވެ.

މެޗުގެ ފަހު ވަގުތު ރެއާލުން ވަނީ ނަތީޖާ ހަމަހަމަކުރަން ގިނަ މަސައްކަތްތަކެއްކޮށްފަ އެވެ. އެ ޓީމަށް އެ ވަގުތުގައި ޖެހުނީ ދެ ގޯލެވެ. އެއީ ރޮޑްރީގޯ އާއި ނަޗޯ ފެނާންޑޭސް ޖެހި ދެ ގޯލެވެ. ސޮސިއެޑާޑުން މެޗު ނިންމާލީ އެއް ކުޅުންތެރިޔަކު މަދުކޮށެވެ. އެއީ ފަހު ވަގުތު ދެ ވަނަ ރީނދޫ ކާޑާ އެކު އެންޑޯނީ ގޮރޯސަބެލް އަށް ރަތް ކާޑު ދެއްކުމުންނެވެ.

ރޭގެ މެޗުން ބަލިވުމުން ބާސެލޯނާ ކުޅުންތެރިން ދަނޑުމަތީގައި. -- ފޮޓޯ: އޭއެފްޕީ

ރޭގެ މެޗުން ބަލިވުމުން ބާސެލޯނާ ކުޅުންތެރިން ދަނޑުމަތީގައި. -- ފޮޓޯ: އޭއެފްޕީ

މި ހަފްތާގައި ބާސެލޯނާ އެތެރޭގައި އެކި ކަހަލަ މައްސަލަތަކެއް ވަނީ ކުރިމަތިވެފަ އެވެ. އެ ޓީމުގެ އޮސްމާން ޑެމްބެލޭ އަށް އަނެއްކާ ވެސް އަނިޔާވެ މި ސީޒަނުގައި ދެން ފެނުމުގެ ފުރުސަތު ގެއްލުނުއިރު، ލިއޮނަލް މެސީއާ ބާސެލޯނާގެ ސްޕޯޓިން ޑިރެކްޓަރު އެރިކް އަބިދާލްއާ ވަނީ މައްސަލަ ޖެހިފަ އެވެ. އޭގެ އިތުރުން ރޭގެ މެޗުގައި ބާސެލޯނާގެ ޖެރާޑް ޕީކޭ އަށް ވަނީ އަނިޔާވެފަ އެވެ.

ބިލްބާއޯ އިން މެޗުގައި ކާމިޔާބުކުރި ހަމައެކަނި ގޯލު ޖެހީ އިތުރު ވަގުތުގައި އިތުރު ވަގުތުގައި އިނާކީ ވިލިއަމްސް އެވެ. އަރިމަތިން ނަގައިދިން ހުރަހަކުން އިނާކީ ވިލިއަމްސް ވަނީ ބޮލުން ގޯލުގެ ދުރު ކަނަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ. ބާސެލޯނާ އަށް ލަނޑު ޖަހައިދޭން މެސީ އަށް ލިބުނު ހުސް ފުރުސަތުގައި އޭނާ ފޮނުވާލި ބޯޅަ ބިލްބާއޯ ކީޕަރު އުނާއީ ސިމޯން ވަނީ މަތަކޮށްފަ އެވެ. އަދި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އެންޓޮއިން ގްރީޒްމަން ޖެހި ބޯޅަ ވެސް ހުއްޓުވީ ސިމޯން އެވެ.

މި ނަތީޖާއާ އެކު ބާސެލޯނާ މިހާރުގެ ކޯޗު ކީކޭ ސެޓިއެން ހަވާލުވި ފަހުން އެ ޓީމު ކުޅުނު ހަ މެޗުގެ ތެރެއިން ދެ މެޗުން ވަނީ ބަލިވެފަ އެވެ.

ބިލްބާއޯ އާއި ސޮސިއެޑާޑްގެ އިތުރުން ސެމީން ދެން ފުރުސަތު ހޯދީ ގްރަނާޑާ އާއި ދެ ވަނަ ޑިވިޝަނުގެ މިރަންޑޭސް އެވެ. ކުއާޓާގައި ގްރަނާޑާ ބަލިކުރީ އެންމެ ފަހުގެ ޗެމްޕިއަން ވެލެންސިއާ އެވެ. އަދި މިރަންޑޭސް ކުރިހޯދީ ވިޔަރެއާލްއާ ވާދަކޮށެވެ.