Roadha Mihaaru
ސެވިއްޔާ ކަޓުވާލައި ބާސެލޯނާ ފައިނަލަށް

ސެވިއްޔާ ކަޓުވާލައި ބާސެލޯނާ ފައިނަލަށް

04 މާޗް 2021

ބާސެލޯނާ (މާޗް 4) - ސްޕެނިޝް ކަޕްގެ ސެމީ ފައިނަލުގެ ދެ ވަަނަ ލެގުގައި ރޭ ސެވިއްޔާ އަތުން 3-0 އިން މޮޅުވެ ބާސެލޯނާ މުބާރާތުގެ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.

ބާސެލޯނާ (މާޗް 4) - ސްޕެނިޝް ކަޕްގެ ސެމީ ފައިނަލުގެ ދެ ވަަނަ ލެގުގައި ރޭ ސެވިއްޔާ އަތުން 3-0 އިން މޮޅުވެ ބާސެލޯނާ މުބާރާތުގެ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.

ފުރަތަމަ ލެގުގައި ސެވިއްޔާ ދަނޑުގައި މިދިޔަ މަހު 2-0 އިން ބާސެލޯނާ ވަނީ ބަލިވެފަ އެވެ. ފައިނަލުގެ ޖާގައެއް ބާސެލޯނާ އަށް ލިބެން އޮތީ ރޭ ތިން ގޯލުގެ ތަފާތު މޮޅުވެގެންނެވެ. އެ ޓީމުން އެކަން ހާސިލްކުރީ ރޭގެ މެޗުގައި އިތުރު ވަގުތުގެ ދެ ހާފް ވެސް ކުޅެގެންނެވެ. ބާސެލޯނާ ކުރިހޯދީ 3-2 ގެ އެގްރިގޭޓް ނަތީޖާ އަކުންނެވެ.

ރޭގެ މެޗުގެ 12 ވަނަ މިނިޓްގައި ބާސެލޯނާ އަށް ލީޑުނަގައިދިނީ އޮސްމާން ޑެމްބެލޭ އެވެ. ނަތީޖާ ހަމަހަމަކުރަން ސެވިއްޔާގެ ލޫކަސް އޮކަމްޕޯސް ފޮނުވާލި ޕެނަލްޓީ ބާސެލޯނާގެ ކީޕަރު ޓާ ސްޓެގެން ވަނީ މަތަކޮށްފަ އެވެ. ބާސެލޯނާގެ ދެ ވަނަ ގޯލު މެޗުގެ އިތުރު ވަގުތުގެ ހަތަރު ވަނަ މިނިޓްގައި ކާމިޔާބުކުރީ ޖެރާޑް ޕީކޭ އެވެ. ސެވިއްޔާ އިން މެޗުގެ ފުރިހަމަ ވަގުތު ނިންމާލީ ކުޅުންތެރިއަކު މަދުކޮށެވެ. އެއީ ދެ ވަނަ ރީނދޫ ކާޑާ އެކު ފެނާންޑޯ އަށް ރަތް ކާޑެއް ދެއްކުމުންނެވެ.

އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި ބާސެލޯނާގެ ތިން ވަނަ ގޯލު ޖެހީ ޑެންމާކުގެ ފޯވާޑް މާޓިން ބްރާތުވެއިޓް އެވެ. ބެންޗުގައި އިނދެ ރެފްރީގެ ނިންމުންތަކާ މެދު ތަކުރާރުކޮށް ފާޑުކިޔާތީ ސެވިއްޔާގެ ފޯވާޑް ލޫކް ޑީ ޔޯން އަށް ވަނީ ރަތް ކާޑެއް ދައްކައިފަ އެވެ.

ބާސެލޯނާގެ ކޯޗު ރޮނާލްޑް ކޫމަން ބުނީ އޭނާގެ ޓީމުން ކުރި ހިތްވަރަށް ބަލާއިރު ފައިނަލުގެ ޖާގައެއް ހައްގުވާ ކަމަށާއި މިއީ ތަށްޓަކާ އެކީ މި ސީޒަން ނިންމާލުމަށް އެޅި މުހިއްމު ފިޔަވަޅެއް ކަމަށެވެ.

އަންނަ މަހު ކުޅޭ ފައިނަލުގައި ބާސެލޯނާ ކުޅެން ޖެހޭނީ އެތުލެޓިކް ބިލްބާއޯ ނޫނީ ލެވާންޓޭގެ ތެރެއިން ޓީމަކާ އެވެ. ބިލްބާއޯ ދަނޑުގައި ކުޅުނު ފުރަތަމަ ލެގު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.