Roadha Mihaaru
ސްޕެނިޝް ކަޕުގެ ޗެމްޕިއަންކަން ބާސާ ހޯދައިފި

ސްޕެނިޝް ކަޕުގެ ޗެމްޕިއަންކަން ބާސާ ހޯދައިފި

18 އެޕްރީލް 2021

އެތުލެޓިކް ކުލަބު ބިލްބާއޯގެ މައްޗަށް 4-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، ސްޕެނިޝް ކަޕް ބާސެލޯނާއިން ކާމިޔާބުކޮށްފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

އެތުލެޓިކް ކުލަބު ބިލްބާއޯގެ މައްޗަށް 4-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، ސްޕެނިޝް ކަޕް ބާސެލޯނާއިން ކާމިޔާބުކޮށްފި އެވެ.

ބާސާގެ ހަތަރު ލަނޑުގެ ތެރެއިން ދެ ލަނޑު ޖެހީ، ކެޕްޓަން ލިއޮނެލް މެސީ އެވެ. ސީޒަންގެ ފުރަތަމަ ތައްޓާ އެކު ބާސާ އަށް ލިބޭނެ އެންމެ ބޮޑު ހިތްހަމަޖެހުމަކަށް ވާނީ މެސީ ޓީމުގައި މަޑު ކުރުމަށް އިތުރު އުންމިދެއް ލިބުމެވެ. ޖޫން 30 ގައި ކޮންޓްރެކްޓް ހަމަވާ މެސީ ޓީމުގައި މަޑުކުރުވުމަށް އޮތް އެއް ފުރުސަތަކީ މި ސީޒަންގައި އެ ޓީމުން ހޯދާ ކާމިޔާބެވެ. ލަ ލީގާގެ ރޭހުގައި ބާސާ އަށް ވެސް ތަނަވަސް ފުރުސަތެއް އެބައޮތެވެ. އެހެންވެ ޑޮމެސްޓިކް ދެ ތަށި ހޯދިއްޖެ ނަމަ މެސީ ޓީމުގައި މަޑުކުރުން އިތުރަށް ޔަގީން ވެގެން ދާނެ އެވެ.

ސެވިއްޔާގެ އޮލިމްޕިކް ސްޓޭޑިއަމް ސްޕެނިޝް ކަޕްގެ ފައިނަލުގައި މި މަހު ދެ ވަނަ ފަހަރަށް ބިލްބާއޯ ބަލި ވީ އެވެ. މިދިޔަ ސީޒަންގެ ސްޕެނިޝް ކަޕް ފައިނަލް ކޮވޑް 19 އާ ގުޅިގެން ފަސް ކުރުމަށް ފަހު މި މަހުގެ 3 ވަނަ ދުވަހު ހަމަ އެ ދަނޑުގައި ކުޅެ ރެއާލް ސޮސިއެޑާޑް އަތުން، ބިލްބާއޯ ބަލިވީ 1-0 ންނެވެ.

ރޭގެ މެޗުގައި ބާސާ އިން ހަތަރު ލަނޑު ވެސް ޖެހީ ދެ ވަނަ ހާފުގަ އެވެ. ފުރަތަމަ ލަނޑު 60 ވަނަ މިނެޓްގައި އެންޓޮއިން ގުރިޒްމަން ކާމިޔާބު ކުރީ، ފުރޭންކް ޑި ޔޯންގް ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ. އޭގެ ތިން މިނެޓް ފަހު ޑިޔޯން ވަނީ ބާސާގެ ދެ ވަނަ ލަނޑު ކާމިޔާބު ކޮށްފަ އެވެ. މެސީގެ ލަނޑުތައް ކާމިޔަބު ކުރީ 68 އަދި 72 ވަނަ މިނެޓުގަ އެވެ.

މިދިޔަ 12 އަހަރު ތެރޭ ސްޕެނިޝް ކަޕުގެ ފައިނަލުން ބިލްބާއޯ ވަނީ ފަސް ފަހަރަށް ބަލިވެފަ އެވެ. އޭގެ ތެރެއިން ހަތަރު ފަހަރު ބަލިވީ ބާސާ އަތްދަށުވެގެންނެވެ. އެ ހަތަރު ފައިނަލަކީ 2009، 2012، 2015 އަދި މި އަހަރުގެ ފައިނަލެވެ.

މިފަހަރުގެ ފައިނަލަކީ ކެޕްޓަނެއްގެ ގޮތުގައި ސްޕެނިޝް ކަޕް ތަށި މެސީ އުފުލާލީ ފުރަތަމަ ފަހަރެވެ.

"މިއީ އަހަންނަށް ވަރަށް ހާއްސަ ކާމިޔާބެއް. ސަބަބަކީ ކެޕްޓަނެއްގެ ގޮތުގައި އަހަރެން މި ތަށި އުފުލާ ލީމަ،" މެޗަށް ފަހު މެސީ ބުންޏެވެ. "އަހަރެންގެ ކަންބޮޑުވުމަކީ އަހަރެމެންގެ ސަޕޯޓަރުންނާ ނުލައި މި ތަށި އުފުލާލަން ޖެހުން. އެހެން ނަމަވެސް އެއީ (ކޮވިޑުގެ) މި ހާލަތުގައި އަހަރެމެން އުޅެން ޖެހިފައިވާ ގޮތް."