Roadha Mihaaru
އަލަށް ކުޅެން ނުކުމެ ގިއޫ މިނެޓެއް ނުވަނީސް ލަނޑެއް

އަލަށް ކުޅުނު ގިއޫ، ކުޅެން ނުކުމެ މިނެޓެއް ނުވަނީސް ލަނޑު ޖަހައި ބާސާ މޮޅުކޮށް ދީފި

23 އޮކްޓޯބަރ 2023

ބާސެލޯނާ (އޮކްޓޫބަރު 23) - ފޯވާޑް ރޮބާޓް ލެވަންޑޯސްކީ އާއި ރަފީނިއާ ނެތި ބާސެލޯނާ އަށް ފޯވާޑުންގެ މައްސަލަ ދިމާވެފައި ވަނިކޮށް، ރޭ ސްޕެނިޝް ލީގުގައި އެތުލެޓިކް ބިލްބާއޯއާ ދެކޮޅަށް އެޓީމުގެ 17 އަހަރުގެ ފޯވާޑް މާކް ގިއޫ އަށް ލިބުނު ފުރުސަތުގައި އެރިގޮތަށް ގޯލު ޖަހައި 1-0 އިން ބާސާ މޮޅުކޮށްދީފި އެވެ.

މިއީ ބާސެލޯނާގެ އެކަޑަމީން ތަމްރީނުވި ޒުވާން ފޯވާޑް ގިއޫ، ސީނިއާ ޓީމަށް ކުޅެދިން ފުރަތަމަ މެޗެވެ. އޭނާ ވަނީ ޔާއޯ ފެލިކްސް ދިން ބޯޅައެއް ހޯދައިގެން އޭރިއާ ތެރެއަށް ވަދެ، ސްޕެއިން ގައުމީ ޓީމުގެ ގޯލްކީޕަރު އުނެއި ސިމޯންގެ ފައި ދޭތެރޭން ބޯޅަ ގޯލަށް ފޮނުވާލައިފަ އެވެ.

މެޗުގެ 80 ވަނަ މިނިޓުގައި ގިއޫ ކާމިޔާބު ކުރި މި ގޯލަކީ އޭނާ ކުޅެން އެރިތާ 23 ސިކުންތު ތެރޭ ކާމިޔާބު ކުރި ގޯލެކެވެ. އުމުރުން 17 އަހަރާއި 291 ދުވަހުގައި ގޯލު ޖަހައިގެން އޭނާ ވެފައި ވަނީ މި ގަރުނުގައި ވެސް ބާސެލޯނާގެ ޖޯޒީގައި، ސްޕެނިޝް ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި ގޯލު ޖެހި އެންމެ ޒުވާން ކުޅުންތެރިޔާއަށެވެ.

"އަހަރެންނަށް ގަބޫލު ވެސް ނުކުރެވުނު. އުންމީދު ވެސް ނުކުރަން. އަހަރެން ހުރީ ހިތް އަވަސްވެފަ،" މެޗަށް ފަހު ގިއޫ ބުންޏެވެ.

"މިއީ ޚިޔާލަށް ވެސް ނާންނަ ކަމެއް. އަހަރެން މުޅި އުމުރު ދުވަހު މަސައްކަތް ކުރަމުން އައީ ފުރުސަތުތަކުގެ ބޭނުން ހިފުމަށް."

ބާސާގެ އެކަޑަމީ، ލަ މާސިއާގައި 10 އަހަރު ގިއޫ ހޭދަ ކުރި އެވެ. އެ އެކަޑަމީގައި އޭނާ ފާހަގަ ކުރެވިފައި ވަނީ މޮޅު ސްޓައިކަރެއްގެ ގޮތުގަ އެވެ.