18 އޮކްޓޯބަރ 2021
ބާސެލޯނާ (އޮކްޓޯބަރު 18) - ސްޕެނިޝް ލަ ލީގާގައި ސާޖިއޯ އަގުއެރޯ ކުޅުނު ފުރަތަމަ މެޗުން އުނދަގޫ ހާލަތެއްގައި އޮތް ބާސެލޯނާ މޮޅުވެއްޖެ އެވެ.
ބާސެލޯނާ (އޮކްޓޯބަރު 18) - ސްޕެނިޝް ލަ ލީގާގައި ސާޖިއޯ އަގުއެރޯ ކުޅުނު ފުރަތަމަ މެޗުން އުނދަގޫ ހާލަތެއްގައި އޮތް ބާސެލޯނާ މޮޅުވެއްޖެ އެވެ.
ކޭމްޕް ނޯގައި ވެލެންސިއާއާ ދެކޮޅަށް ކުޅުނު މެޗު ބާސެލޯނާ ކާމިޔާބުކުރީ 3-1 އިންނެވެ. އަގުއެރޯ މި މެޗުގައި ކުޅެން އެރީ ފުރިހަމަ ވަގުތު ހަމަވާން ތިން މިނެޓަށްވެފައި ވަނިކޮށެވެ. މިއީ 2011 ވަނަ އަހަރުގެ މެއި މަހު އެތުލެޓިކޯ މެޑްރިޑުގެ ޖޯޒީގައި އޭރު އުމުރުން 22 އަހަރުގެ އަގުއެރޯ ހެޓްރިކް ހެދި މެޗަށް ފަހު ލަ ލީގާ މެޗެއް ކުޅުނު ފުރަތަމަ ފަހަރެވެ. އަދި މިއީ މި ސީޒަނުގައި މެންޗެސްޓާ ސިޓީން ބާސެލޯނާއަށް ބަދަލުވެ، ޕްރީ ސީޒަންގައި ފަޔަށް ލިބުނު އަނިޔާއަކާ ގުޅިގެން ކުޅުމާ ދުރުގައި ހުންނަން ޖެހުނު އުމުރުން 33 އަހަރުގެ އަގުއެރޯ އެޓީމަށް ކުޅެދިން ފުރަތަމަ މެޗެވެ.
މިމެޗުގައި ބާސެލޯނާގެ އަރަމުން އަންނަ ޒުވާން ތަރި އަންސޫ ފާޓީ ވެސް ވަނީ ފުރަތަމަ 11 ގައި ކުޅެފަ އެވެ. މިއީ އޭނާ އަނިޔާގައި އަހަރެއްހާ ދުވަހު ހުރުމަށް ފަހު އެނބުރި އައިސް ފުރަތަމަ 11 ގައި ހިމެނުނު ފުރަތަމަ މެޗެވެ.
ބާސެލޯނާ ނިސްބަތްވާ ކެޓަލަން ސަރުކާރުން ކޮވިޑް-19 އިން ރައްކާތެރިވާން އެޅި ފިޔަވަޅުތައް އުވާލުމާ ގުޅިގެން މެޗުގައި ސްޓޭޑިއަމްގެ ފުރިހަމަ ޖާގަ ބޭނުންކުރުމުގެ ފުރުސަތު ފަހިވެފައިވީ ނަމަވެސް މެޗު ބަލަން ދަނޑަށް ވަދެފައި ވަނީ 47،000 ސަޕޯޓަރުންނެވެ. ކޭމްޕް ނޯ އަކީ 99،000 ސަޕޯޓަރުންގެ ޖާގަ އޮންނަ ސްޓޭޑިއަމެކެވެ.
މެޗުގެ ފަސްވަނަ މިނިޓުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނެގީ ވެލެންސިއާ އިންނެވެ. ކޯނަރަކުން ހުރަސްވި ބޯޅައެއް ބާސެލޯނާގެ ކީޕަރު މާކް ޓާ ސްޓޭގަން ޕަންޗު ކޮށްލުމުން ބޯޅަ ލިބުނީ އޭރިއާ ބޭރުގައި ހުރި ގާޔާ އަށެވެ. ގާޔާ ވަނީ އެއްފަހަރުން އެ ބޯޅަ ގޯލުގެ ތިރީކަނަށް ފޮނުވާލައި، ބާސެލޯނާގެ ސަޕޯޓަރުން މާޔޫސް ކޮށްލައިފަ އެވެ. ނަމަވެސް އޭގެ އަށް މިނިޓް ފަހުން އޭރިއާ ބޭރުން ފޮނުވާލި ހަމަލާއަކުން ނަތީޖާ އެއްވަރުކޮށް، ސަޕޯޓަރުން ހެއްވާލީ އަންސޫ ފާޓީ އެވެ.
ބާސާއިން މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ނެގީ 39 ވަނަ މިނިޓުގައި ލިބުނު ޕެނަލްޓީއަކުންނެވެ. މި ޕެނަލްޓީ ލިބުނީ ވެލެންސިއާއަށް ލަނޑު ޖަހައިދިން ގާޔާ، އަންސޫ ފާޓީ އަށް ކުރި ފައުލަކާ ގުޅިގެންނެވެ. ޕެނަލްޓީ ކާމިޔާބު ކޮށްދިނީ ފާޓީ އަށް ލަނޑުޖަހަން ފުރުސަތު ތަނަވަސް ކޮށްދިން މެމްފިސް ޑިޕާއި އެވެ.
ބާސެލޯނާގެ ތިންވަނަ ލަނޑު މެޗުގެ 86 ވަނަ މިނިޓުގައި ކާމިޔާބު ކޮށްދިނީ ބަދަލު ކުޅުންތެރިއެއް ގޮތުގައި ކުޅެން އެރި ފިލިޕޭ ކުޓީނިއޯ އެވެ.
މި ނަތީޖާއާއެކު ބާސެލޯނާ ލީގު ތާވަލުގެ ހަތް ވަނައިގައި އޮތީ، ދެވަނައިގައި އޮތް ރެއާލް މެޑްރިޑަށް ވުރެ ދެ ޕޮއިންޓް މަދުން، 15 ޕޮއިންޓާ އެކު އެވެ. އެއް މެޗު އިތުރަށް ކުޅެގެން 20 ޕޮއިންޓާ އެކު އެއްވަނައިގައި އޮތީ ރެއާލް ސޮސީޑާޑް އެވެ.
އަންނަ ބުދަ ދުވަހުގެ ރޭ ބާސެލޯނާ، ޗެމްޕިއަންސް ލީގުގައި ވާދަކުރާނީ ޔޫކްރޭނުގެ ޑައިނަމޯ ކިއޭވްއާ އެވެ. ޗެމްޕިއަންސް ލީގު ގުރޫޕް ސްޓޭޖު ފުރަތަމަ ދެ މެޗުން ބާސެލޯނާ ވަނީ ޖަރުމަންގެ ބެޔާން މިއުނިކާއި ޕޯޗުގަލްގެ ޕޯޓޯ އަތުން 3-0 އިން ބަލިވެފަ އެވެ. އެއަށް ފަހު އަންނަ އާދިއްތަ ދުވަހުގެ ރޭ ލީގުގައި އޮންނާނީ ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅޭ އެލް ކްލަސިކޯ އެވެ.
އަގުއެރޯގެ ހިތުގެ ޓެސްޓްތަކެއް ހަދަން އެޑްމިޓްކޮށްފި
"އޮލްމޯ ރަޖިސްޓަރީ ކުރެވޭނެކަމުގެ އުއްމީދު އެބައޮތް"
އެތުލެޓިކޯ އެއްވަނަ އަށް، ތައްޓަށް ވާދަކުރާނެ
ބާސާއަށް ނޮވެމްބަރު ގޯސް، ޑިސެމްބަރު ފެށީ ރަނގަޅަށް
މިލިމީޓަރެއްގެ އޮފްސައިޑުން ބާސާ އަށް ކެހި
އޮސަސޫނާ އިން ބާސާގެ ފުރިހަމަ ފެށުން ހަރާބުކޮށްލައިފި
ޔަމާލަށް ބޮޑު މުސާރައެއް ދޭން ސަޕޯޓަރުން ގޮވާލަނީ
ސީޒަން ފަށާއިރު ބާސާ ތަފާތު ވާނެ: ފްލިކް
ބާސާއާ ދެން ހަވާލުވާ ކޯޗަކަށް އުނދަގޫ ވާނެ: ޒަވީ
ލީގުގެ ޗެމްޕިއަންކަން ރެއާލަށް، ބާސާއަށް ހުސް ސީޒަނެއް