Roadha Mihaaru
ވިލާގެ ނާސިން ދަރިވަރުންނަށް އޭޑީކޭގައި ތަމްރީނުދެނީ

ވިލާ ކޮލެޖުގައި ނަރުސްކަން ކިޔަވާ ދަރިވަރުންނަށް އޭޑީކޭގައި ތަމްރީނުދެނީ

02 މެއި 2019

ވިލާ ކޮލެޖުގައި ނަރުސްކަން ކިޔަވާ ދަރިވަރުންނަށް އޭޑީކޭ ހޮސްޕިޓަލުގައި ތަމްރީނު ދިނުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ވިލާ ކޮލެޖުގައި ނަރުސްކަން ކިޔަވާ ދަރިވަރުންނަށް އޭޑީކޭ ހޮސްޕިޓަލުގައި ތަމްރީނު ދިނުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.

އެ ކޮލެޖުގައި ބޭއްވި ރަސްމިއްޔާތެއްްގައި، ތަމްރީނުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ވިލާ ކޮލެޖުގެ ރެކްޓާ ޑރ. އަހުމަދު އަންވަރު އަދި އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލެވެ.

ވިލާ ކޮލެޖުގައި މިހާރު ވެސް ނާސިންގެ ސެޓްފިކެޓް ލެވެލް ހަތަރެއް އަދި ޔުނިވާސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލޭންޑު (ޔޫވީ) ގެ ނާސިންގެ ޑިގްރީ ޕްރޮގްރާމް ހިންގަ އެވެ. އެންމެ ބޮޑު ޑިމާންޑެއް އޮންނަ ނަރުސްކަމުގެ ޑިޕްލޮމާ ކޯސް ވިލާ ކޮލެޖުގައި ފަށާނީ މި މަހުގެ ތެރޭގަ އެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު އަފްއާލް ވިދާޅުވީ ނަރުހުންނަކީ ރާއްޖޭގައި އެންމެ ގިނަ މީހުން ތަމްރީނުކުރެވޭ ދާއިރާ އަށް ވިޔަސް ފަރުވާ ހޯދަން އަންނަ މީހުންނާ އެކަށީގެންވާ އަދަދަކަށް ދިވެހި ނަރުހުން ނެތް ކަމަށެވެ. ގިނައިން މަސައްކަތް ކުރަނީ ބޭރު މީހުންނަށް ވާތީ ގޮންޖެހުންތައް ހުންނަކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ތަމްރީނުކުރެވޭ އަދަދާ ބަލާއިރު މަސައްކަތުގައި އުޅޭ މީހުންގެ އަދަދު ވެސް މަދު ކަމަށާއި އެކަން ދެނެގަންނަން ޖެހޭ ކަމަށެވެ.

އޭޑީކޭގައި މަސައްކަތްކުރާ ޑޮކްޓަރުންގެ 66 ޕަސެންޓް ހިއްސާކުރަނީ ބޭރު މީހުންނެވެ. އަދި އެ ހޮސްޕިޓަލުގައި މަސައްކަތްކޮށްފައި ތިބި ޑޮކްޓަރުން، އެހެން ގައުމުތަކުގައި ބޮޑެތި ހޮސްޕިޓަލްތަކުގައި މަސައްކަތް ކުރަމުން އަންނަކަން ފާހަގަކުރެއްވި އެވެ.

"ހިދުމަތް ދޭ ފަރާތްތަކަށް ވެސް ވަރަށް ބޮޑެތި ގޮންޖެހުންތައް ހުރޭ ބިދޭސީން ގޮވައިގެން ހިދުމަތްދޭން އުޅުމުގައި. ދިވެހިންނަށް ފަރުވާ ދިނުމުގައި، ދިވެހިން އެދޭ ފަރުވާއަކީ ވެސް ތަފާތު އެއްޗެއް ކަމަށް އަޅުގަނޑުމެން ގަބޫލުކުރަނީ. ނަރުހުން ތަމްރީނުކުރުމާއި ނަރުހުން ކުރިއެރުވުމާއި އަދި ވަޒީފާގައި އެމީހުން ދެމެހެއްޓުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތަކަކީ އަޅުގަނޑުމެން ކުރަންޖެހިފައި އޮތް ވަރަށް ބޮޑު ކަމެއް،" އަފްއާލް ވިދާޅުވި އެވެ.

އަންވަރު ވިދާޅުވީ ނާސިންނަކީ ރާއްޖެއަށް ވަރަށް މުހިއްމު އަދި ގިނަ ބައެއްގެ ޝައުގުވެރިކަން އޮންނަ ދާއިރާއެއް ކަމަށެވެ. އޭޑިކޭއަކީ ތަމްރީނުގައި އުޅޭ ބައެއް ހިދުމަތް ދޭ ބަޔަކަށް ވާއިރު، މިހާރު ކިޔަވައިދޭ ފެންވަރަށް ވުރެ މައްޗަށް ގެންދިއުމަކީ އުއްމީދެއް ކަމަށް ވިދާޅުވި އެވެ.

ނަރުހުން ތަމްރީނުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރަން ވިލާ ކޮލެޖުގައި ބޭއްވި ރަސްމިއްޔާތުގައި އެ ކޮލެޖުގެ ރެކްޓާ ޑރ.އަންވަރު ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ނަރުހުން ތަމްރީނުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރަން ވިލާ ކޮލެޖުގައި ބޭއްވި ރަސްމިއްޔާތުގައި އެ ކޮލެޖުގެ ރެކްޓާ ޑރ.އަންވަރު ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އޭނާ ވިދާޅުވީ މިވަގުތު ސަމާލުކަން ދެނީ ގިނަ ބަޔަކު ތަމްރީނުކުރުމުގެ ބަދަލުގައި ކޮލެޓީ ހިފެހެއްޓުމަށް ކަމަށެވެ.

ވިލާގެ ހެޑް އޮފް ހެލްތު ސައިންސް ޑރ. އަސްމާ އިބްރާހިމް ވިދާޅުވިގޮތުގައި ޑިގްރީ ޕްރޮގްރާމުގައި 200 އަށްވުރެ ގިނަ ދަރިވަރުން ކިޔަވަމުން އަންނައިރު ޑިޕްލޮމާގެ ފުރަތަމަ ބެޗަށް ވެސް ގިނަ އަދަދެއްގެ ދަރިވަރުން ކުރިމަތިލާފައި ވެ އެވެ. ސެޓްފިކެޓް ލެވެލްގައި ވިލާގައި ނަރުސްކަން ކިޔަވަމުން އަންނަނީ 22 ދަރިވަރުންނެވެ.