Roadha Mihaaru
އޭޑީކޭއަށް ގެންދިޔައިރު ނިޔާވި މީހަކު ކޮވިޑަށް ޕޮޒިޓިވް

އޭޑީކޭ އަށް ގެންދިޔައިރު ނިޔާވެފައި އޮތް މީހަކު ކޮވިޑަށް ޕޮޒިޓިވް

20 މެއި 2021

ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ދިވެއްސަކު މިއަދު އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ދިވެއްސަކު މިއަދު އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.

އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް "މިހާރު" އަށް ވިދާޅުވީ، އިއްޔެ ނެގި ސާމްޕަލަކުން ކޮވިޑަށް ޕޮޒިޓިވްވެފައިވާ މީހެއް ކަމަށެވެ. އެކަމަކު އިތުރު ތަފްސީލެއް އޭނާ ނުދެއްވަ އެވެ. އެޗްޕީއޭ އިން ބުނީ އޭނާ ނިޔާވީ އިރުއޮއްސި ހަތެއް ޖަހާކަން ހާއިރު ކަމަށާއި އެއީ 62 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އަދި އެއީ ކޮވިޑްގައި ރާއްޖެ އިން މަރުވި 114 ވަނަ މީހާ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

މިއަދުގެ މިހާތަނަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިއުލާންކޮށްފައި ވަނީ ކޮވިޑްގެ އެންމެ މަރެކެވެ. އެއީ ރޭ ދަންވަރު ލ. ގަމު ކޮވިޑް ފެސިލިޓީގައި ފަރުވާދެމުން އައި އުމުރުން 36 އަހަރުގެ ނޭޕާލް ފިރިހެންމީހާ އެވެ.

ކޮވިޑްގައި ނިޔާވާ މީހުންގެ އަދަދު ވެސް މި މަހު ވަނީ ރިކޯޑް ވަރަކަށް އިތުރުވެފަ އެވެ. އިއްޔެ އަކީ މި ބަލީގައި އެންމެ ގިނަ ބަޔަކު އެއް ދުވަހެއްގައި ރާއްޖޭގައި ނިޔާވި ދުވަހެވެ. އިއްޔެ އެކަނި ވެސް ހަތް މީހަކު ނިޔާވި އެވެ. ހަމައެކަނި މި މަހުގެ މިހާތަނަށް ކޮވިޑްގައި ނިޔާވި މީހުންގެ އަދަދު ވަނީ 41 އަށް އަރައިފަ އެވެ.