Roadha Mihaaru
އެންޓިބޮޑީ ޓެސްޓު މުހިންމީ މި ހާލަތަށް ފަހު: އަފްއާލް

އެންޓިބޮޑީ ޓެސްޓު މުހިންމީ މިހާލަތުން އަރައިގަތުމަށް ފަހު: އަފްއާލް

09 ޖޫން 2020

ކޮވިޑް-19 ދެނެގަތުމަށް ހަދާ ޓެސްޓުތަކުގެ ތެރޭގައި ހިމެނޭ، އެ ބަލި ޖެހި ބަލީގެ އެންޓިބޮޑީ ހަށިގަނޑުގައި ހުރިތޯ ބެލުމަށް ކުރާ ޓެސްޓަކީ މިވަގުތު ބަލި ފެތުރެމުން ދާއިރު މުހިންމު އެއްޗެއް ނޫން ކަމަށާއި، އެ ޓެސްޓު މުހިންމީ މިހާލަތު ރަނގަޅުވުމަށް ފަހު ކަމަށް އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް މިރޭ ވިދާޅުވެއްޖެ އެވެ.

ޝުރުފާ މުހައްމަދު ޝުރުފާ މުހައްމަދު

ކޮވިޑް-19 ދެނެގަތުމަށް ހަދާ ޓެސްޓުތަކުގެ ތެރޭގައި ހިމެނޭ، އެ ބަލި ޖެހި ބަލީގެ އެންޓިބޮޑީ ހަށިގަނޑުގައި ހުރިތޯ ބެލުމަށް ކުރާ ޓެސްޓަކީ މިވަގުތު ބަލި ފެތުރެމުން ދާއިރު މުހިންމު އެއްޗެއް ނޫން ކަމަށާއި، އެ ޓެސްޓު މުހިންމީ މިހާލަތު ރަނގަޅުވުމަށް ފަހު ކަމަށް އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް މިރޭ ވިދާޅުވެއްޖެ އެވެ.

ކޮވިޑް-19އާ ގުޅޭގޮތުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "މިހާރު" ން ކުރި ސުވާލަށް ޖަވާބުދެއްވަމުން އައްފާލް ވިދާޅުވީ ރާއްޖެ ބައެއް ހިސާބުތަކުގައި އެއްވެސް ވަރަކަށް މިބަލި ނެތް ކަމަސާއި ބަލި ނެތް ތަންތަނުގައި އެންޓިބޮޑީ ޓެސްޓު ހެދުމަކީ ކޮންމެހެން ކުރުން މުހިންމު ކަމެއް ނޫން ކަމަށެވެ.

އައްފާލް ވިދާޅުވީ ކޮމިއުނިޓީ ސްޕެރެޑެއް އޮތް ކަމުގައި ވިޔަސް މި ހާލަތުގައި އެންޓިބޮޑީ ޓެސްޓު އެހާ މުހިންމު ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އެންޓިބޮޑީ ޓެސްޓެއްގެ ބޭނުން މުހިންމު ވަނީ މި ހާލަތުން އަރައިގަނެވޭއިރު ރާއްޖޭގައި ބަލީގެ ދިފާއީ ނިޒާމު އޮތް މިންވަރު ބަލައި އެފަދަ ދިރާސާތަކަށް ކަމަށް ވިދާޅުވި އެވެ.

"މިހާރު މިއޮތީ އެޕިޑެމިކް ހާލަތެއް، މިހާލަތު ހިނގަމުންދާއިރު އެންޓިބޮޑީ ޓެސްޓުގެ ބޭނުން އެހާ ބޮޑެއް ނޫން، މީގެ ބޭނުން ކުރެވިދާނެ ގޮތް ގޮތް އެބަހުރި، ވަކި ހިސާބަކުން މި އެޕިޑެމިކް ޑައުން ވެގެންދާއިރުގައި، ރާއްޖޭގައި މީގެ ޕްރިވިއަލެންސް ހުރީ ކިހާވަރަކަށްތޯ ބަލައި ދިރާސާތަކަށް ބޭނުން ކުރެވިދާނެ" އަފްއާލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެންޓިބޮޑީ ޓެސްޓު ކުރުމުގެ ކެޕޭސިޓީ ރާއްޖޭގައި ހުންނާނެ ކަމަށެވެ. ކޮވިޑް-19 އާ ބެހޭ މައުލޫމާތު ދެއްވާ ސަރުކާރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވެސް ޕްރެސްގައި ވިދާޅުވީ މިފަދަ ޓެސްޓުތަކަކީ އެހެން ބަލިތަކަށް ވެސް ކުރެވޭ ޓެސްޓުތައް ކަމަށް ވާތީ ރާއްޖޭގެ ހުރިހާ އަތޮޅެއްގައިހެން ވެސް މި ޓެސްޓު ކުރެވޭނެ އިންތިޒާމް ހުންނާނެ ކަމަށެވެ.

ނަމަވެސް މިފަދަ ބައްޔަކާ ގުޅިގެން މި ޓެސްޓުތައް ކުރާއިރު ވާންޖެހޭ ހާއްސަ ތައްޔާރީތަކެއް ހުންނާނެ ކަމަށާއި މުޅި ދުނިޔޭގައި ބަލި ފެތުރި އެންމެން އެއް ކަމަކަށް އެދިގެން ތިބި އިރު މި ޓެސްޓުގެ ޑިމާންޑް އޮތް ގޮތަށް ބަލައި ރާއްޖެއަށް ތަކެތި ހޯދުމުގައި ވެސް ދަތިތައް ދިމާވަމުންދާކަން އަފްއާލް ފާހަގަކުރެއްވި އެވެ.

މާލޭގައި ތޮއްޖެހިގެން ބިދޭސީން ދިރިއުޅެމުންދާ ތަންތަނުގައި ވެސް އެންޓިބޮޑީ ޓެސްޓު ކުރުމުގެ މަސައްކަތް އެޗްޕީއޭއިން އަންނަނީ ކުރަމުންނެވެ. މީގެ އިތުރުން، އަވަހަށް ނަތީޖާ ލިބޭ މި ޓެސްޓް، މާލޭން ރަށަށް ދިއުމަށް ކަރަންޓީނަށް ގެންދާ މީހުންނާއި ރާއްޖެއިން ބޭރުން ރާއްޖެ އަންނަ މީހުންގެ ވެސް އެންޓިބޮޑީ ޓެސްޓް އެވެ. އަދި މި ސަބަބަށްޓަކާ ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ވެސް އެންޓިބޮޑީ ޓެސްޓު ކުރުމުގެ ރަނގަޅު ނިޒާމެއް ގާއިމުކުރުމަށް މަސައްކަތް ކުރަމުން އަންނަކަމަށް އެޗްޕީއޭއިން މީގެ ކުރިން ބުނެފައި ވެއެވެ.