Roadha Mihaaru
އެންޓިބޮޑީ ޓެސްޓު ނުހެދުމަށް ހެލްތުން އަންގައިފި

އެންޓިބޮޑީ ޓެސްޓު ނުހެދުމަށް ހެލްތުން އަންގައިފި

29 ޖުލައި 2020

ކޮވިޑް-19 ޖެހި ރަނގަޅުވެފައިވޭތޯ ބެލުމަށް ހަދާ އެންޓިބޮޑީ ޓެސްޓު ނުހަދަން ހެލްތު މިނިސްޓްރީން އަންގައިފި އެވެ.

ކޮވިޑް-19 ޖެހި ރަނގަޅުވެފައިވޭތޯ ބެލުމަށް ހަދާ އެންޓިބޮޑީ ޓެސްޓު ނުހަދަން ހެލްތު މިނިސްޓްރީން އަންގައިފި އެވެ.

އެ މިނިސްޓްރީން މިއަދު އާންމުކުރި ސާކިއުލާއެއްގައި ބުނީ ކޮވިޑް ޖެހިފައިވާކަން ދެނެގަތުމަށް ޕީސީއާރު ޓެސްޓުގެ ހެދި ނަމަވެސް އެންޓިބޮޑީ ޓެސްޓަކީ އެ ބަލީގެ "ސާވެއިލަންސް އެންޑް ރެސްޕޮންސް" ގެ ދަށުން ހަދަން މިހާރު ކަނޑައަޅާފައިވާ ޓެސްޓެއް ނޫން ކަމަށެވެ.

އެކަމަކު، ބައެއް އަމިއްލަ ފަރާތްތަކުންނާއި ކުންފުނިތަކުން ބައެއް މީހުންގެ އެންޓިބޮޑީ ޓެސްޓު ހަދައިދެމުން ދާ ކަމަށާއި އެ ޓެސްޓުގެ ނަތީޖާ އަށް ރިއާޔަތްކޮށް، ބައެއް މީހުން ފިޔަވަޅު އަޅަމުންދާ ކަން ވެސް ފާހަގަކުރެވޭ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

ނަމަވެސް، ހެލްތު މިނިސްޓްރީން ބުނިގޮތުގައި ކޮވިޑް-19 ކޮންޓްރޯކޮށް، ބެލެހެއްޓުމުގެ ނިޒާމުން ބޭރުން އެފަދަ ޓެސްޓެއް ހެދުމަކީ އެ ޓެސްޓު ހަދާ މީހުންނަށް އޮޅުން އަރާނެ ކަމެކެވެ. އަދި އެއީ ކޮވިޑް ބަލިން މީހުން ރައްކާތެރިކުރުމަށާއި ބަލި ޖެހޭ މީހުންނާއި އެ މީހުންގެ ކޮންޓެކްޓުން އެކަހެރިކޮށް، ބަލި ކޮންޓްރޯލް ކުރުމުގެ މަސައްކަތަށް ބުރޫއަރާނެ ކަމަކަށް ވާތީ، އާންމުންގެ މެދުގައި އެންޓިބޮޑީ ޓެސްޓު އެއްވެސް ފަރާތަކުން ނުހެދުމަށް އެދޭ ކަމަށް ހެލްތު މިނިސްޓްރީގެ ސާކިއުލާގައި ވެ އެވެ.

"އެހެން ނަމަވެސް އެންޓިބޮޑީ ޓެސްޓު ހަދަން ޖެހިއްޖެ ހާލަތެއްގައި ހުއްދަ ދެވޭނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީން ހަމަޖައްސަވާ އުސޫލެއްގެ މަތިންނެވެ. އަދި ރިސާޗް ބޭނުމަކަށް މިފަދަ ޓެސްޓު ހަދާ ނަމަ މިނިސްޓްރީ އޮފް ހެލްތުގެ ނެޝަނަލް ރިސާޗް ކައުންސިލަށް ހުށަހަޅުއްވައިގެން ކުރިއަށް ގެންދެވުމަށް ދަންނަވަމެވެ،" ހެލްތު މިނިސްޓްރީން ބުންޏެވެ.

"އަދި ކޮވިޑް-19 ގެ ޕީސީއާރު ހަދާ ލެބްތަކުން ވެސް ރާއްޖޭން ބޭރަށް ދިއުމުގެ ހަދަންޖެހޭ ޓެސްޓުތައް ފިޔަވައި، ނެޝަނަލް ސާވެއިލަންސް އެންޑް ރެސްޕޮންސް ނިޒާމުގައި ކަނޑައަޅާފައިވާ ގޮތުގެ މަތިން ޓެސްޓު ހަދަމުން ގެންދިއުމަށް ދަންނަވަމެވެ."

ހެލްތު މިނިސްޓްރީން ބުނީ، ކޮވިޑް ޖެހިފައިވާކަން ދެނެގަތުމަށް ޕީސީއާރު ޓެސްޓު ހަދަނީ ނެޝަނަލް ލެބޯރެޓަރީ ނިޒާމުގެ ތެރެއިން ކަނޑައަޅާ ފެންވަރާއި މިންގަނޑުތަކާ އެއްގޮތަށް، އެކަމުގެ ތަމްރީނު ލިބިފައިވާ މީހުން ކަމަށެވެ. ޕީސީއާރު ޓެސްޓު މިހާރު ހަދަނީ ހެލްތު މިނިސްޓްރީގެ ދަށުން ހިންގާ ހޮސްޕިޓަލްތަކާއި އެ ޓެސްޓު ހެދުމަށް އެ މިނިސްޓްރީގައި ރަޖިސްޓަރީ ކޮށްފައިވާ ލެބޯރެޓަރީތަކުން ކަމަށް ހެލްތުން ބުނެ އެވެ.