30 ޖުލައި 2024
ރާއްޖޭގައި މިހާރު ހިންގާ ކޮލެޖުތައް، ޔުނިވާސިޓީއަކަށް ބަދަލުކޮށް ލުއިތައް ލިބޭ ނަމަ އިގުތިސާދީ ކުރިއެރުންތައް ވެސް ލިބޭނެ ކަމަށް ވިލާ ކޮލެޖާއި އޭޑީކޭ ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.
ރާއްޖޭގައި މިހާރު ހިންގާ ކޮލެޖުތައް، ޔުނިވާސިޓީއަކަށް ބަދަލުކޮށް ލުއިތައް ލިބޭ ނަމަ އިގުތިސާދީ ކުރިއެރުންތައް ވެސް ލިބޭނެ ކަމަށް ވިލާ ކޮލެޖާއި އޭޑީކޭ ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.
މަތީ ތައުލީމުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކާ ގުޅޭގޮތުން، ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން ވަނީ ރާއްޖޭގައި ހިންގާ އެންމެ ދުވަސްވީ ކޮލެޖު، ވިލާ ކޮލެޖު އަދި ސިއްހީ ދާއިރާއާ ގުޅޭ ތަމްރީނުތައް ވެސް ހިންގާ ހިންގާ އޭޑީކޭ ހޮސްޕިޓަލްގެ އިސްވެރިންނާ މިއަދު ބައްދަލުކޮށްފަ އެވެ.
އެ ބައްދަލުވުމުގައި، މީގެ 18 ވަރަކަށް އަހަރު ކުރިން އުފެއްދި ވިލާ ކޮލެޖުގެ ވައިސް ރެކްޓަރު ޑރ. އަލީ ނަޖީބު ވިދާޅުވީ ތަހުޒީބީ މުޖުތަމައުތަކުގައި ޔުނިވާސިޓީތަކަކީ ވަކި މުއްދަތެއް ދީގެން ބަދަލުވި ތަންތަނެއް ނޫން ކަމަށެވެ. އެއީ ހަމައެކަނި ޔުނިވާސިޓީއެއްގެ ދަރަޖަ ދިނުމަށް އެހާ ރަނގަޅު ކަމެއް ނޫން ކަމަށާއި އެ އަށް ވުރެ މުހިއްމު ކަންކަން އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ.
މަތީ ތައުލީމުގެ ގާނޫނުގައި މިހާރު އޮންނަ ގޮތުން ޔުނިވާސިޓީއެއްގެ ދަރަޖަ ދޭނީ، ކޮލެޖެއް ގޮތުގައި މެދުނުކެނޑި 20 އަހަރު ވަންދެން ހިންގުމުންނެވެ. ނަމަވެސް، ކޮލެޖެއްގެ ގޮތުގައި، މެދުނުކެނޑި ހިންގާތާ 15 އަހަރު ވެފައިވާ ނަމަ ޔުނިވާސިޓީއަކަށް ބަދަލުކުރެވޭ ގޮތަށް ހަދަން މާފަންނު ހުޅަނގު ދާއިރާގެ ޕީއެންސީގެ މެމްބަރު އަބްދުﷲ ރިފާއު (ބޮޗޭ) ވަނީ އެ ގާނޫނަށް އިސްލާހެއް ހުށަހަޅައިފަ އެވެ.
މަޖިލީހުގެ މިއަދުގެ ކޮމިޓީގައި އޭޑީކޭގެ އެމްޑީ އަފްއާލް (ކ)، ޗީފް މެޑިކަލް އޮފިސަރު ޑރ. ނިޔާފު އަދި ޑރ. ޒިޔާން.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
ކޮލެޖުގައި ލެވެލް ހަތަކުން ފެށިގެން މަތީ ކޯސްތަކުގައި މަދުވެގެން 1،000 ދަރިވަރުން ކިޔަވަމުން ދާން ޖެހޭނެ ކަމަށް ވެސް އެ އިސްލާހުގައި ވެ އެވެ.
އެ ބިލްގައި ހިމެނޭ އިތުރު ބައިތަކުގައިވާ ގޮތުން، ކޮލެޖެއްގައި އާޓްސް އެންޑް ހިއުމަނިޓީޒް އާއި އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީ އާއި ލައިފް ސައިންސް އެންޑް މެޑިސިން އާއި ނެޗުރަލް ސައިންސާއި ސޯޝަލް ސައިންސް ފަދަ ދާއިރާތަކުގެ ތެރެއިން ލެވެލް ހަތެއް އަދި ނުވައެއްގެ މަދުވެގެން ތިން ދާއިރާއަކުން އަމިއްލަ ނުވަތަ ބޭރުގެ ޔުނިވާސިޓީއެއްގެ ޕްރޮގްރާމްތައް ކޮލެޖުގައި ހިންގަން ޖެހެ އެވެ.
މިއަދުގެ ބައްދަލުވުމުގައި ވިލާ ކޮލެޖުގެ ވައިސް ރެކްޓަރު ނަޖީބު ވިދާޅުވީ ރާއްޖޭގެ އާބާދީގައި މަތީ ތައުލީމަށް ކިޔަވަން ދާނެ ކަމަށް ބެލެވޭ ދަރިވަރުންގެ އަދަދަށް ބަލާއިރު، ހަމައެކަނި އެއް ދާއިރާ އަށް ހާއްސަ ކޮށްގެން ހިންގާ ޔުނިވާސިޓީތައް ސަލާމަތް ވާނެ ކަމާ މެދު ސުވާލު އުފެދޭ ކަމަށެވެ. އޭގެ މިސާލެއްގެ ގޮތުން ނެންގެވީ އިސްލާމިކް ޔުނިވާސިޓީ އެވެ.
އޭނާ ވިދާޅުވީ، އިސްލާމިކް ސްޓަޑީޒް އަދި ގާނޫނީ ދާއިރާ އަށް ހާއްސަ ކޮށްގެން ކިޔަވައިދޭން ފެށިއަސް، މިހާރު ހުރިހާ ދާއިރާއަކަށް ހުޅުވާލައިގެން ކޯސްތައް ހިންގާ ކަމަށެވެ.
ހަޔާ އެޑިއުކޭޝަން ސެކްޓާގައި 73 ޕަސެންޓަކީ އަމިއްލަ ފަރާތްތައް ކަމަށާއި 25 ޕަސެންޓް ހިއްސާކުރަނީ ވިލާ ކޮލެޖު ކަމަށް ގަބޫލުކުރައްވާ ކަމަށް ނަޖީބު ވިދާޅުވި އެވެ.
ގައުމު ކުރިއަރުވަން ޕްރައިވެޓް ސެކްޓަރުގެ ހިއްސާ ވަރަށް ބޮޑަ ވިޔަސް، ކޮލެޖެއްގެ ފެންވަރުގައި ހިންގާތީ ވިލާގައި ޕީއެޗްޑީ ނުފެށޭ ކަމަށް އޭނާ ވިދާޅުވި އެވެ. ދުނިޔޭގެ އެހެން ސަރަހައްދުތަކުން ކުދިން އައިސްގެން ކިޔެވޭނެ ގޮތެއް ނެތަސް، މަތީ ތައުލީމަށް ރާއްޖެ އިން ބޭރަށް ކޮންމެ އަހަރަކު ވެސް އެތައް ކުދިންނެއް ދާ ކަމަށް ނަޖީބު ވިދާޅުވި އެވެ.
ހިލޭ ޑިގްރީ ސްކީމުން ވިލާ ކޮލެޖުން އެކަނި ވެސް ހަތަރު އަހަރުގެ ތެރޭގައި 4،500 ދަރިވަރުން ކިޔަވާފައި ވާތީ ޕްރައިވެޓް ސެކްޓަރަށް ވިލާ އިން ދޭ އެހީތެރިކަން އެނގޭ ކަމަށް ވިދާޅުވި އެވެ. އެއާ އެކު، ޔުނިވާސިޓީގެ ދަރަޖަ ލިބޭނެ ނަމަ ބޭރުގެ ދަރިވަރުން ގެނެވޭނެ ކަމަށާއި އޭރުން ރާއްޖެ އިން ބޭރުވާ ފައިސާ މަދުވެ އިގުތިސާދު ކުރިއަރައިގެންދާނެ ކަން ފާހަގަކުރެއްވި އެވެ.
އެ ކޮލެޖުގެ ރެކްޓަރު، ޑރ. އަހުމަދު އަންވަރު ވިދާޅުވި ގޮތުގައި ޔުނިވާސިޓީއަކަށް ބަދަލުކުރާއިރު މުއްދަތަށް ވުރެ ކިޔަވައިދިނުމުގެ ފެންވަރަށް ބެލުން މުހިއްމެވެ. ކޮލިޓީ ރަނގަޅު ނުވާ ނަމަ ރާއްޖޭގެ ޔުނިވާސިޓީތަކުގެ އަގު ދުނިޔޭގެ ޔުނިވާސިޓީތަކުގެ ކުރިމަތީގައި ނުހިފެއްޓޭނެތީ ކިޔަވައި ދޭން ވެސް ބޭނުންވަނީ މޮޅެތި މީހުން ކަމަށް އޭނާ ވިދާޅުވި އެވެ.
އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ވިދާޅުވި ގޮތުގައި ސްކޫލް އޮފް ހެލްތު ސައިންސަސް އަދި އޭގެ ފަހުން ޝާފިއާ އިންސްޓިޓިއުޓު އޮފް ހެލްތު ސައިންސަސްގެ ނަމުގައި 2013 ވަނަ އަހަރުން ފެށިގެން އެކި ކަހަލަ ކޯސްތަކާއި ތަމްރީނުތައް ހިންގަމުން އަންނަ ކަމަށެވެ. ނަމަވެސް، އެ އިންސްޓިޓިއުޓު ފަށައިގެން ހިންގަން ވެސް ދަތިތައް އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ.
އޭގެ އެންމެ ބޮޑު ސަބަބަކީ އަފްއާލް ވިދާޅުވި ގޮތުގައި ކޮލެޖަށް ވުމުގެ މުއްދަތެވެ.
".. ރާއްޖެެ އިން ބޭރުގެ އެތައް ޔުނިވާސިޓީތަކެއް، ހާއްސަކޮށް ފާހަގަކޮށްލާނަން ފިލިޕީންސް، މެލޭޝިޔާ، އިނގިރޭސި ވިލާތް، މި ތަންތަނުގެ ޔުނިވާސިޓީތަކުގެ ކުދިން، އެ މީހުންނަށް ބޭނުންވާ ފަންނީ ކިޔެވުމަށް އަޅުގަނޑުމެންގެ ހޮސްޕިޓަލާ ވެސް ގުޅޭ. އަޅުގަނޑުމެންގެ ކިޔެވުމުގެ ނިޒާމުގެ ތެރެއިން ކިޔަވައިގެން އެ މީހުންނަށް ލިބޭ ކުރިއެރުން އެ ތަންތަނުން، އެ މީހުންގެ ޑިގްރީ ދިނުމުގައި އެބަ ބަލައިގަނޭ،" އަފްއާލް ވިދާޅުވި އެވެ.
"ނަމަވެސް، އަޅުގަނޑުމެންނަށް މިކަން ކުރެވޭނެ އެއްވެސް މަގެއް ނެތް. އަޅުގަނޑުމެން އަމިއްލަ އަށް މިކަން ކުރެވޭނެ ގޮތްތަކެއް ނެތް. ހައްތަހާ ވެސް ހުރަސް. މުއްދަތު ނޫނީ ކިޔާ ނަމެއް. ނޫނީ އެހެން ސަބަބެއް."
އަފްއާލް ވިދާޅުވީ މިލިއަނެއްހާ ޑޮލަރު ހަރަދު ކޮށްގެން ދުނިޔޭގެ ފެންވަރުގެ ސިއްހީ ތަމްރީނުތައް ދިނުމަށް ބޭނުންވާ ސްޓިމިއުލޭޝަން ލެބެއް ވެސް އޭޑީކޭ ހޮސްޕިޓަލުން ހަދާފައިވާ ކަމަށެވެ. ނަމަވެސް، އެ ބޭނުން ހިފެނީ ވަރަށް މަދުން ކަމަށާއި އޭގެ ސަބަބަކީ ކޯސްތައް ނުހިންގޭތީ ކަމަށް އޭނާ ވިދާޅުވި އެވެ.
ބައެއް ހޮސްޕިޓަލުތަކުގައި އައިސީޔޫ ގާއިމްކޮށް، އެ ތަނުގައި މަސައްކަތް ކުރަމުން އަންނަނީ އޭޑީކޭއިން ތަމްރީނު ދީފައިވާ މީހުންނަށް ވިއަސް އެކަމަކު، އިންސްޓިޓިއުޓެއްގެ ދަރަޖައިގައި ހިންގާތީ މާސްޓާސް އަދި ޑިގްރީއަށް ކިޔަވައިދިނުމުގެ ހުއްދަ ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
ގަވައިދުތައް އޮންނަން ޖެހޭނީ ކަންކަން މަގުފަހިވާ ކަމަށް ވިއަސް ރާއްޖޭގައި ރެގިއުލޭޝަންތައް ގިނަ ފަހަރަށް އޮންނަނީ ކަންތައްތައް ނުކުރެވޭނެ ގޮތަށްކަން ފާހަގަކުރެއްވި އެވެ.
މަޖިލީހުގެ މިއަދުގެ ކޮމިޓީގައި ވިލާ ކޮލެޖުގެ ވައިސް ރެކްޓާ ޑރ. ނަޖީބު ވާހަކަދައްކަވަނީ-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
މެޑިސިން ކިޔަވައިދެވޭ ގޮތަށް 400 އެނދުގެ ޓީޗިން ހޮސްޕިޓަލެއް ހެދުމުގެ ހުރިހާ އެއްޗެއް އެބަހުރި ކަން ފާހަގަކުރައްވައި، އަފްއާލް ވިދާޅުވީ އެހާ ބޮޑު ހަރަދެއް ކޮށްފައި ހޮސްޕިޓަލެއް އެޅި ނަމަވެސް، 25 އަހަރު ވެގެންދާއިރު ވެސް އެ ތަނުގައި އެމްބީބީއެސް އާއި ނާސިން ކިޔަވައި ނުދެވޭނެ ކަމަށެވެ.
"ކީއްކުރަންތޯ އަޅުގަނޑުމެން ރާއްޖޭގައި އެ އިންވެސްޓްމަންޓް، އެ ފެންވަރުގައި އެގޮތަށް ކުރަންވީ؟ އެ އިންސެންޓިވްއެއް އަޅުގަނޑުމެންނަށް އެބަ އޮތްތޯ؟ ހަގީގަތުގައި ނެތް،" ކަންބޮޑުވުމާ އެކު އަފްއާލް ވިދާޅުވި އެވެ.
ކޮލެޖުތައް، ޔުނިވާސިޓީތަކަށް ބަދަލުކުރުމުން ފައިދާ ވަނީ މުޅި އިގުތިސާދަށް ކަމަށް އަފްއާލް ވިދާޅުވި އެވެ. އެހެންވެ، އެ ކަމަށް ފަހިވާނެ ގޮތަށް ގާނޫނާއި ގަވައިދުތައް މުހިއްމުކަން ފާހަގަކުރެއްވި އެވެ.
އޭޑީކޭ ހޮސްޕިޓަލްގެ ޗީފް މެޑިކަލް އޮފިސަރު ޑރ. އަބްދުﷲ ނިޔާފު ވިދާޅުވީ އެ ހޮސްޕިޓަލުގައި މަތީ ފަންތީގެ ޑޮކްޓަރުން އެބަތިބި ކަމަށެވެ. ކިޑްނީ ޓްރާންސްޕްލާންޓް ހަދަން ތައްޔާރު ވެފައިވާއިރު، މި ވަގުތު ވެސް ސްޓްރޯކްގެ އުނދަގޫ އޮޕަރޭޝަނެއް ކުރަމުންދާކަން ފާހަގަކުރެއްވި އެވެ.
ނިޔާފް ވިދާޅުވީ ރާއްޖޭގައި ނާސިން ކިޔަވައިދޭތާ 50 އަހަރުވާން ކައިރިވިއަސް އެ ދާއިރާގެ ބޭސިކްގެ މައްޗަށް ކުރިއަށް ދެވޭނެ ގޮތެއް އަދި ނެތް ކަމަށެވެ. ތަޖުރިބާކާރު ޖެނެރަލް ސާޖަންއެއް ސިކުނޑީގެ އޮޕަރޭޝަން ކުރުމާއި ނިއުރޯ ސާޖަން އެ ފަރުވާ ދިނުން ތަފާތުވާނެ ކަން ފާހަގަކުރައްވައި، ނިޔާފް ވިދާޅުވީ ހާއްސަ ނަރުހުން ތަފާތުވާނެ ކަމަށެވެ.
އެމްއެންޔޫގެ ނާސިން ކޯހުން ދަސްވެނިވާ ދަރިވަރުންގެ ދެބައިކުޅަ އެއްބައި ދަރިވަރުން ކްލިނިކަލް ބައި ފުރިހަމަކުރަނީ އޭޑީކޭގައި ކަމަށާއި އަދި މިހާރު އެމްބީބީއެސްގެ ދަރިވަރުންގެ ކްލިނިކަލް ބައިތައް ވެސް އެ ހޮސްޕިޓަލުގައި ހަދަމުން އަންނަ ކަމަށް ނިޔާފް ވިދާޅުވި އެވެ.
ނިޔާފް ވިދާޅުވީ، އޭނާގެ އިތުރުން އިމަޖެންސީ މެޑިސިންގެ ހާއްސަ ޑރ. އަހުމަދު ޒިޔާނަކީ އެމްބީބީއެސް ދަރިވަރުންގެ އެގްޒާމިނަރުންނެވެ.
ޝާފިއާ އިންސްޓިޓިއުޓުގެ ޑިރެކްޓަރު ޑރ. ޒިޔާން ވިދާޅުވި ގޮތުގައި ކޮލެޖަކަށް ބަދަލުވަނީ 10 އަހަރު ހިންގުމުންނެވެ. އޭގެ އިތުރުން ލެވެލް ފަހެއް (ޑިޕްލޮމާ ފެންވަރު) ގެ ކޯސްތައް މެދުނުކެނޑި ހިންގާތާ ފަސް އަހަރުވެފައިވާ ނަމަ ވެސް އެ ޝަރުތު ހަމަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެހެންވެ، އޭޑީކޭގެ ފަރާތުން ޒިޔާން ހުށަހެޅުއްވީ، ލެވެލް 6 ގެ ކޯސްތައް ހިންގިއަސް އެކަން ބަލައިގަތުމަށެވެ. އަދި ލެވެލް 7 ގެ ކްލިނިކަލް މޮޑިއުލްތައް ހިންގުމުގެ ހުއްދަ އޮންނާތީ ފަސޭހައިން ކުރިއަށް ދެވޭނެ ގޮތެއް ހޯދައިދިނުމަށް އެދިވަޑައިގަތެވެ.
ޔުނިވާސިޓީއަށް ބަދަލުކުރާ މުއްދަތާމެދު ހިޔާލު ތަފާތު
މަތީ ތައުލީމްގެ ބިލު: ތުހުމަތާއި ތައުރީފް ގާސިމަށް!
ދަރިވަރުންނަށް ފައިސާ ނުފޮނުވާ ކަމުގެ ޝަކުވާ!
ޔުނިވާސިޓީއަކަށް ބަދަލުކުރުމުގެ ޝަރުތު ދަށްކުރަނީ!
ޔުނިވާސިޓީއަކަށް ބަދަލުކުރެވޭ މުއްދަތު ކުރުކުރަން ހުށަޅައިފި
ދިއްދޫ ޖޫނިއާ ކޮލެޖު ނިމޭނީ 2023 އަށް: ސަރުކާރު
ފްލައިން ސްކޫލްގެ މައްސަލާގައި ފިޔަވަޅު އެޅުން ލަސް
ކޮންމެ ރަށަކަށް ސްޓޫޑެންޓް ލޯނެއް ހާއްސަކުރަން ވިސްނަނީ
މަތީ ތައުލީމުގެ ބިލް އަލުން ހުށަހަޅަން އެދިއްޖެ
މަތީ ތައުލީމްގެ ލޯނު ދިނީ އުސޫލާ އެއްގޮތަށް: މިނިސްޓަރު