Roadha Mihaaru
ފްލައިން ސްކޫލްގެ މައްސަލާގައި ފިޔަވަޅު އެޅުން ލަސް

ސިވިލް އޭވިއޭޝަނުން މައްސަލައިގެ ތެރެއަށް ވަން ނަމަ، މިހާ ހިސާބަކަށް ނުދިޔައީސް: މެމްބަރު އަހުމަދު

03 ޖެނުއަރީ 2021

އައްޑޫގައި ފްލައިން ސްކޫލްގެ މެނޭޖްމަންޓްގައި ވަރަށް ގިނަ މައްސަލަތަކެއް އެބަ ހުރި ކަމަށާއި އެކަމަކު ސިވިލް އޭވިއޭޝަން އޮތޯރިޓީން އެކަމުގެ ތެރެއަަށް ވަދެ ފިޔަވަޅު އަޅަމުން ދިޔަ ނަމަ، މައްސަލަ މިހާ ހިސާބަށް ނުދިޔައީސް ކަމަށް، ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީގެ މުގައްރިރު، ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ ރޭ ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އޭޝިއަން އެކަޑަމީ އޮފް އެއޮރޮނޯޓިކްސް (އޭއޭއޭ)އިން ހިންގާ ފްލައިން ސްކޫލާ ގުޅޭ ކަންބޮޑުވުންތަކެއް ހުރުމުން، މަޖިލީހުގެ އެ ކޮމިޓީން ވަނީ މިދިޔަ ހަފުތާގައި އައްޑުއަށް ޒިޔާރަތްކޮށް ކަމާ ގުޅޭ ފަރާތްތަކާ ބައްދަލުކޮށްފަ އެވެ. އޭގެ ތެރޭގައި، ފްލައިން ސްކޫލުގެ މެނޭޖްމަންޓާއި ސިޓީ ކައުންސިލާއި އައްޑޫ އެއާޕޯޓްސް ކުންފުނި އަދި ޕައިލެޓްކަން ކިޔަވާ ދަރިވަރުން ވެސް ހިމެނެ އެވެ.

"ކޯސް ދިގުލައިގެން ދިއުން ފަދަ ކަންކަން ކުރިމަތިވާތާ 4-5 ފަސް އަހަރު ވެއްޖެ،" ސިވިލް އޭވިއޭޝަނުން އެ މައްސަލައިގެ ތެރެއަށް ނުވަދެ އެހާ ގިނަ ދުވަސް ވެއްޖެކަން ހާމަކުރެއްވުމުގެ ގޮތުން، އަހުމަދު ވިދާޅުވި އެވެ.

އެކަމަކު އޭނާ ވިދާޅުވީ ހުރިހާ ފަރާތެއްގެ މައްސަލަ ވެސް އެބަހުރި ކަމަށެވެ.

"ދަރިވަރުންގެ މައްސަލަ ވެސް އެބަހުރި. އެކަމަކު ދަރިވަރުންގެ މައްސަލަ ހައްލުކުރަން ޖެހޭނެތާ ސްކޫލުން. އެކަމަކު އެ މައްސަލަ ހައްލުކުރަން ސްކޫލުން މަސައްކަތްކޮށްފައިނުވާކަން ފާހަގަވި،" އަހުމަދު ވިދާޅުވި އެވެ.

ދަަރިވަރުންގެ ފަރާތުން ލިބިވަޑައިގެންނެވި މައުލޫމާތުތަކުން އެނގިވަޑައިގެންނެވި އެއް މައްސަލައަކީ، އަހުމަދު ވިދާޅުވި ގޮތުގައި، ބައެއް ދަރިވަރުން ބޭނުންވުމުން ކޯސް މެދުކަނޑާލާފައި، ޗުއްޓީއަށް ދިއުމެވެ.

އޭނާ ވިދާޅުވީ ދަތުރުން ލިބިވަޑައިގެންނެވި މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް ރިޕޯޓެއް ތައްޔާރުކުރުމަށް ފަހު މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށެވެ.

ފްލައިން ސްކޫލުގެ މައްސަލައިގައި، އައްޑޫ ސިޓީ ކައުންސިލްގެ އިސްވެރިންނާ މަޖިލީހުގެ ކޮމިޓީން ބައްދަލުކުރައްވަނީ.- ފޮޓޯ: މަޖިލިސް

ފްލައިން ސްކޫލުގެ މައްސަލައިގައި، އައްޑޫ ސިޓީ ކައުންސިލްގެ އިސްވެރިންނާ މަޖިލީހުގެ ކޮމިޓީން ބައްދަލުކުރައްވަނީ.- ފޮޓޯ: މަޖިލިސް

ސްކޫލްގެ އިދާރީ ހިންގުން ވަރަށް ދެރަކަން ފާހަގަކުރެއްވުނު ކަމަށް ވެސް، އަހުމަދު ވިދާޅުވި އެވެ. އަދި ވިދާޅުވީ ކުދިންނާ މުއާމަލާތްކުރުމުގައި ވެސް ރަނގަޅު ނިޒާމެއް ނެތް ކަމަށެވެ.

އެކަމަކު މިހާރު ވެސް ބައެއް މައްސަލަތަކަށް ހައްލު ލިބިފައިވާ ކަމަށް ވިދާޅުވި އެވެ. އެގޮތުން ދަރިވަރުންގެ ފްލައިން އަވާސް ހަމަކުރުމުގައި ދިމާވާ ޖެޓް ފިއުލް ހޯދުމުގެ މައްސަލައަށް އެސްޓީއޯގެ އެހީތެރިކަމާ އެކު ހައްލުތަކެއް ލިބިފައިވާކަން ފާހަގަކުރެއްވި އެވެ.

އޭނާ ވިދާޅުވީ ފްލައިން ސްކޫލުގެ މައްސަލައަކީ ފުދޭވަރަކަށް ސީރިއަސް މައްސަލައެއް ކަމަށެވެ.