Roadha Mihaaru
ޔުނިވާސިޓީއަކަށް ބަދަލުކުރުމުގެ ޝަރުތު ދަށްކުރަނީ!

ޔުނިވާސިޓީއަކަށް ބަދަލުކުރުމުގެ ޝަރުތު 15 އަހަރަށް ދަށްކުރަން ހުށަހަޅައިފި

03 ޖުލައި 2024

ކޮލެޖެއްގެ ގޮތުގައި، މެދުނުކެނޑި ހިންގާތާ 15 އަހަރު ވެފައިވާ ނަމަ ޔުނިވާސިޓީއަކަށް ބަދަލުކުރެވޭ ގޮތަށް ހަދަން މަތީ ތައުލީމުގެ ގާނޫނަށް އިސްލާހެއް ހުށަހަޅައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ކޮލެޖެއްގެ ގޮތުގައި، މެދުނުކެނޑި ހިންގާތާ 15 އަހަރު ވެފައިވާ ނަމަ ޔުނިވާސިޓީއަކަށް ބަދަލުކުރެވޭ ގޮތަށް ހަދަން މަތީ ތައުލީމުގެ ގާނޫނަށް އިސްލާހެއް ހުށަހަޅައިފި އެވެ.

އެ ގާނޫނުގައި މިހާރު އޮންނަ ގޮތުން ޔުނިވާސިޓީއެއްގެ ދަރަޖަ ދޭނީ، ކޮލެޖެއް ގޮތުގައި މެދުނުކެނޑި 20 އަހަރު ވަންދެން ހިންގުމުންނެވެ.

މާފަންނު ދެކުނު ދާއިރާގެ ޕީއެންސީގެ މެމްބަރު އަބްދުﷲ ރިފާއު (ބޮޗޭ) ހުށަހެޅުއްވި އެ ބިލްގައި ވަނީ އެ މުއްދަތު 15 އަހަރަށް ކުރު ކޮށްލައިފަ އެވެ.

ރާއްޖޭގައި މިހާރު ހިންގަނީ ސަރުކާރުގެ ދެ ޔުނިވާސިޓީ އެކަންޏެވެ. އެއީ މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އާއި މޯލްޑިވްސް އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް) އެވެ. އެކަމަކު، ވަރަށް ގިނަ ކޮލެޖުތައް ހިންގަމުން އަންނައިރު އެންމެ ދުވަސްވީ ތަނަކީ ވިލާ ކޮލެޖެވެ. އެ ކޮލެޖަށް މި އަހަރުގެ އޮކްޓޯބަރު 17 ގައި 17 އަހަރު ފުރޭނެ އެވެ.

އެހެންވެ، ބޮޗޭ ހުށަހެޅުއްވި ގޮތަށް ބިލް ފާސްވެއްޖެ ނަމަ ވިލާ ކޮލެޖު، ޔުނިވާސިޓީއަކަށް ބަދަލުކުރުމުގެ މަގުފަހި މި އަހަރު ވާނެ އެވެ.

އެ ބިލްގައި ހިމެނޭ އިތުރު ބައިތަކުގައިވާ ގޮތުން، ކޮލެޖެއްގައި އާޓްސް އެންޑް ހިއުމަނިޓީޒް އާއި އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީ އާއި ލައިފް ސައިންސް އެންޑް މެޑިސިން އާއި ނެޗުރަލް ސައިންސާއި ސޯޝަލް ސައިންސް ފަދަ ދާއިރާތަކުގެ ތެރެއިން ލެވެލް ހަތެއް އަދި ނުވައެއްގެ މަދުވެގެން ތިން ދާއިރާއަކުން އަމިއްލަ ނުވަތަ ބޭރުގެ ޔުނިވާސިޓީއެއްގެ ޕްރޮގްރާމްތައް ކޮލެޖުގައި ހިންގަން ޖެހެ އެވެ.

ކޮލެޖުގައި ލެވެލް ހަތަކުން ފެށިގެން މަތީ ކޯސްތަކުގައި ކިޔަވަމުންދާ މަދުވެގެން 1،000 ދަރިވަރުން ކިޔަވަމުން ދާން ޖެހޭނެ ކަމަށް ވެސް އެ އިސްލާހުގައި ވެ އެވެ.

ޔުނިވާސިޓީއަކަށް ބަދަލުކުރެވޭނެ އިތުރު ޝަރުތުތައް ބިލްގައި ބަޔާންކުރާ ގޮތް:

- ބައިނަލްއަގުވާމީ ޔުނިވާސިޓީ ރޭޓިންއެއްގައި ބައިވެރިވެ ރޭޓް ކޮށްފައިވާ ކޮލެޖަކަށް ވުން ނުވަތަ އެފަދަ ރޭޓިންއެއްގެ ދަރަޖަ ކޮށްފައިވާ ޔުނިވާސިޓީއެއްގެ ޕްރޮގްރާމްތައް ހިންގާތާ ފަސް އަހަރުގެ ތަޖުރިބާ ލިބިފައިވުން.

- ޔުނިވާސިޓީތައް ބައިވެރިވާ ޖަމާއަތެއްގެ މެންބަރެއްގެ ގޮތުގައި އަދި ބައިނަލްއަގުވާމީ ކޮލިޓީ އެޝޫރަންސް ޖަމާއަތެއްގެ މެންބަރެއްގެ ގޮތުގައި މަދުވެގެން ފަސް އަހަރު ހޭދަ ކޮށްފައިވުން.

- ބައިނަލްއަގުވާމީ ފެންވަރަށް ރިސާޗް މަސައްކަތް ބޭރުގެ ޔުނިވާސިޓީތަކާ އެކު ހިންގުމުގެ ތަޖުރިބާ ލިބިފައިވުން.

- އެކަޑެމިކް މުވައްޒަފުންގެ މަދުވެގެން 10 ޕަސެންޓަކީ ޕީއެޗްޑީ ހާސިލް ކޮށްފައިވާ މުވައްޒަފުންނަށްވުން.

- ޔުނިވާސިޓީ ހިންގުމަށް އެކަށީގެންވާ ވަސީލަތްތައް ގާއިމް ކޮށްފައި ވުން.

ޔުނިވާސިޓީގެ ޝަރުތުތައް ދަށްކުރަން 19 ވަނަ މަޖިލީހުން ވެސް ހުށަހެޅި އެވެ. އޭރު އިހަވަންދޫ ދާއިރާގެ މެންބަރު އަހުމަދު ޝިފާއު ހުށަހެޅުއްވީ އެ މުއްދަތު 10 އަހަރަށް ކުރު ކުރުމަށެވެ.

ނަމަވެސް އެ ބަދަލު ގެންނަން ކޮމިޓީ މަރުހަލާގައި ފާސް ނުވުމުން އެ މައްސަލަ އިތުރަށް ކުރިއަށް ނުގެންދެ އެވެ.