Roadha Mihaaru
ޔުނިވާސިޓީއަށް ބަދަލުކުރާ މުއްދަތާމެދު ހިޔާލު ތަފާތު

ޔުނިވާސިޓީއަށް ބަދަލުކުރާ މުއްދަތު: ދަރިވަރުންގެ ޔޫނިއަންތަކުގެ ހިޔާލު ތަފާތު

31 ޖުލައި 2024

ކޮލެޖަކުން ޔުނިވާސިޓީއަކަށް ބަދަލުކުރާ މުއްދަތު 15 އަހަރަށް ދަށްކުރަން ވިލާ ކޮލެޖާއި އާއި ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) ދަރިވަރުން ތާއީދު ކުރި ނަމަވެސް އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް) ގެ ދަރިވަރުންނަށް ރަނގަޅީ 20 އަހަރު ކަމަށް އެ ޔުނިވާސިޓީގެ ދަރިވަރުންގެ ޖަމިއްޔާއިން ބުނެފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ކޮލެޖަކުން ޔުނިވާސިޓީއަކަށް ބަދަލުކުރާ މުއްދަތު 15 އަހަރަށް ދަށްކުރަން ވިލާ ކޮލެޖާއި އާއި ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) ދަރިވަރުން ތާއީދު ކުރި ނަމަވެސް އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް) ގެ ދަރިވަރުންނަށް ރަނގަޅީ 20 އަހަރު ކަމަށް އެ ޔުނިވާސިޓީގެ ދަރިވަރުންގެ ޖަމިއްޔާއިން ބުނެފި އެވެ.

މަތީ ތައުލީމުގެ ގާނޫނުގައި މިހާރު އޮންނަ ގޮތުން، ޔުނިވާސިޓީއެއްގެ ދަރަޖަ ލިބޭނީ ކޮލެޖެއް ގޮތުގައި މެދުނުކެނޑި ހިންގާތާ 20 އަހަރު ވުމުންނެވެ. އެކަމަކު މި މުއްދަތު 15 އަހަރަށް ކުރު ކުރަން މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާއު (ބޮޗޭ) ވަނީ ގާނޫނަށް އިސްލާހު ހުށަހަޅުއްވައިފަ އެވެ.

އެ މައްސަލާގައި މިއަދު ބޭއްވި ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީގެ ބައްދަލުވުމުގައި ވިލާ ކޮލެޖާއި ގައުމީ ޔުނިވާސިޓީ އަދި އިސްލާމިކް ޔުނިވާސިޓީގެ ދަރިވަރުންގެ ޖަމިއްޔާތަކުގެ ހިޔާލު ވަނީ ހޯދައިފަ އެވެ.

އިސްލާމިކް ޔުނިވާސިޓީގެ ދަރިވަރުންގެ ގުޅުމުގެ ފަރާތުން ވާހަކަ ދައްކަމުން އެ ޖަމިއްޔާގެ ރައީސް ހުސެއިން އަރުބާން ފައްވާޒް ބުނީ ޔުނިވާސިޓީއަކަށް ބަދަލުކުރަން 20 އަހަރު ރަނގަޅު ކަމަށެވެ. އެއީ 20 އަހަރުން ގިނަ ތަޖުރިބާތައް ކުރެވޭތީކަން އޭނާ ފާހަގަކުރި އެވެ.

އޭގެ އިތުރުން އެމްކިޔުއޭއިން ރޭޓިން ސިސްޓަމެއް ގާއިމްކުރަން ޖެހޭ ކަމަށާއި ޔުނިވާސިޓީއަކަށް ބަދަލުކުރާއިރު މިހާރު ހުރި ޔުނިވާސިޓީތަކުގެ ޖާގައިގެން ދަތިކަން ހައްލު ކުރަން ޖެހޭކަން އަރުބާން ފާހަގަ ކުރި އެވެ.

ވިލާ ކޮލެޖުގައި ބޭއްވި ގްރެޖުއޭޝަން ހަފުލާގައި، އެ ކޮލެޖުގެ ދަރިވަރުންތަކެއް ބައިވެރިވަނީ.-- ފޮޓޯ: މިހާރު

ވިލާ ކޮލެޖުގައި ބޭއްވި ގްރެޖުއޭޝަން ހަފުލާގައި، އެ ކޮލެޖުގެ ދަރިވަރުންތަކެއް ބައިވެރިވަނީ.-- ފޮޓޯ: މިހާރު

އެ ބައްދަލުވުމުގައި ވިލާ ކޮލެޖުގެ ދަރިވަރުންގެ ފަރާތުން ވާހަކަ ދައްކަވަމުން ހުސެއިން ޖުނާން ބުނީ މުއްދަތަކީ އެހާ މުހިންމު އެއްޗެެއް ނޫން ކަމަށެވެ. އެހެންވެ، 20 އަހަރުން 15 އަހަރަށް ދަށްކުރުން އެއީ ރަނގަޅު ގޮތެއް ކަމަށް ފެންނަ ކަމަށް އޭނާ ބުންޏެވެ.

ނަމަވެސް ވަކި މުއްދަތެއް ކަނޑައަޅާނަމަ އެންމެ މުހިންމީ ތަޖުރިބާއަށް ބެލުން ކަމަށާއި ކޯސްތަކުގެ ކޮލެޓީ އާއި ވަކި މިންގަނޑުތަކެއް ހިފަހައްޓަން ޖެހޭނެ ކަމަށާއި އަދި ރޯޑް މެޕެއް ބިލަށް އިތުރުކުރަން ފެންނަ ކަމަށް އެ ކޮލެޖްގެ ދަރިވަރު ޝާނާ އުމަރު ބުންޏެވެ. އޭގެ ބޭނުމަކީ ހުރިހާ ޔުނިވާސިޓީތަކެއް އެއް ގޮތަކަށް ބައްޓަން ކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ކޮލެޖްގެ ދަރިވަރު ޖައިލަމް މުހައްމަދު ފާހަގަ ކުރީ ޕްރައިވެޓް ކޮލެޖްތައް ޔުނިވާސިޓީތަކަށް ބަދަލުކުރަން ހުޅުވާލުމުން ރާއްޖެއިން ބޭރަށް ކިޔަވަން ދާން މިހާރު ކުރާ ހަރަދު ކުޑަވާނެ ކަމަށެވެ. އަދި އެ ފުރުސަތު ލިބިއްޖެނަމަ މައިންބަފައިން ކައިރީ ތިބެގެން ކިޔެވުމުގެ ފުރުސަތު ލިބިގެންދާނެ ކަން އޭނާ ފާހަގަ ކުރި އެވެ.

މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގެ ފަރާތުން ވާހަކަ ދައްކަމުން ސްޓޫޑެންޓް ޔުނިއަންގެ ރައީސް އަރުޝަދު އަޝްރަފް ފާހަގަކުރީ ގައުމީ ޔުނިވާސިޓީ، ޔުނިވާސިޓީއަކަށް ބަދަލުވާން ނެގި ދިގު މުއްދަތުގެ ވާހަކަ އެވެ. އަދި މުއްދަތެއް ކަނޑައެޅި ނަމަވެސް މުހިންމީ ރަނގަޅު މޮނިޓަރިން ނިޒާމެއް ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.

އެމްއެންޔޫގެ ދަރިވަރުން.--

އެމްއެންޔޫގެ ދަރިވަރުން.--

އެމްއެންޔޫއަކީ އެންމެ ގިނަ ދުވަސްވީ ޔުނިވާސިޓީ ނަމަވެސް ދަރިވަރުންނަށް ބޭނުންވާ ވަރަށް ވަސީލަތްތައް ގާއިމް ކޮށްދެވިފައި ނުވާ ކަމަށާއި އެއީ ހައްލު ކުރަންޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ އިތުރުން އޭނާ ފާހަގަކުރީ ކޮލެޖް ތަކުން ނަގާ ފީ ބޮޑުވުމާއި ކޮލެޖްތައް ޔުނިވާސިޓީއަކަށް ބަދަލުކުރާއިރު ދަނާލު ކަހަލަ (ދަރިވަރުން ތިބޭނެ ތަންތަނެއް) ހަމަޖެއްސުން މުހިންމު ކަމަށް އޭނާ ވިދާޅުވި އެވެ.

އެ މައްސަލަ ދިރާސާކުރަަން ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީގައި މިދިޔަ ހޯމަ ދުވަހު ވަނީ ކަމާގުޅޭ އިދާރާތައް ހާޒިރުކޮށްފަ އެވެ. އިދާރާތަކުން ފާހަގަ ކޮށްފައިވަނީ ޔުނިވާސިޓީއަކަށް ބަދަލުކުރަން މުއްދަތަށް ވުރެ ބަލަންވީ ކޮލިޓީއަށް ކަމަށެވެ.