Roadha Mihaaru

ވަގު ސެޓްފިކެޓް ހުއްޓުވަން އެމްކިއުއޭގެ ލިޔުންތައް އެޓެސްޓް ކުރުމުގެ ބާރު އެމްކިއުއޭއަށް ނަގައިފި

ވަގު ސެޓްފިކެޓްތަކުގެ މައްސަލަ ހައްލު ކުރުމަށްޓަކައި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ) އިން ދޫކުރާ ލިޔުންތަކުގެ އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖެހުން (އެޓެސްޓް) ކުރުމުގެ ބާރު ހަމައެކަނި އެމްކިއުއޭއަށް އޮންނަ ގޮތަށް ހަމަޖައްސައިފި އެވެ.

އެމްކިއުއޭގެ ލިޔުން އެޓެސްޓްކުރެވޭނީ އެތަނަށް އެކަނި
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

11 ސެޕްޓެމްބަރ 2025

ވަގު ސެޓްފިކެޓްތަކުގެ މައްސަލަ ހައްލު ކުރުމަށްޓަކައި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ) އިން ދޫކުރާ ލިޔުންތަކުގެ އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖެހުން (އެޓެސްޓް) ކުރުމުގެ ބާރު ހަމައެކަނި އެމްކިއުއޭއަށް އޮންނަ ގޮތަށް ހަމަޖައްސައިފި އެވެ.

ފޭކް ސެޓްފިކެޓް ހުށަހަޅާ މައްސަލަތައް މިފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށް އާންމުވެފައިވެ އެވެ. އޭގެ ބައެއް މައްސަލަތައް ފުލުހަށް ވެސް ވަނީ ހުށަހަޅައިފަ އެވެ. މީގެކުރިން އެމްކިއުއޭ އާއި ދައުލަތުގެ އެހެން އިދާރާތަކުން ވެސް ދޫކުރާ ތައުލީމީ ލިޔުންތައް ވަކީލުންނާއި ލޯފާމްތައް މެދުވެރިކޮށް އެޓެސްޓް ކުރެވެ އެވެ.

ނަމަވެސް އެމްކިޔުއޭއިން އިއްޔެ ވަނީ އެ އޮތޯރިޓީން ދޫކޮށްފައިވާ ލިޔުންތަކުގައި އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖެހޭނީ ހަމައެކަނި އެ އޮތޯރިޓީއަށް ކަމަށް ބަޔާންކޮށް، އެކަމާބެހޭ އުސޫލެއް ނެރެފަ އެވެ.

އެ އުސޫލުގައިވާ ގޮތުން އެމްކިއުއޭއިން އަސްލާ އެއްގޮތް ކަމުގެ ތައްގަނޑު ޖަހައިދޭނީ:

- ވެލިޑޭޓްކޮށްދޭ ސަނަދުތަކުގެ ކޮޕީ

- އެސެސްމެންޓް ރިޕޯޓުތަކުގެ ކޮޕީ

- ރިކޮގްނިޝަން އޮފް ދަ އިންޓެންޑެޑް ޕްރޮގްރާމްގެ ލިޔުމުގެ ކޮޕީ

- ރާއްޖެއިން ބޭރުގެ ފަރާތްތަކުގެ ސަނަދުތައް ގަބޫލުކުރުމަށްފަހު ދޫކުރާ ލިޔުމުގެ ކޮޕީ

އެ އުސޫލުގައިވާ ގޮތުން ލިޔެކިޔުމުގައި އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހަައިދިނުމަށް 10ރ. އާއި 20ރ. ދެމެދުގެ ފީއެއް ނަގާނެ އެވެ.

އެކަމާ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްކިޔުއޭގެ ސީއީއޯ ފިޒާނާ ރަޝީދު ވަނީ އެމްކިޔުއޭއިން ދޫކުރާ ލިޔެކިޔުންތަކުގައި މީގެ ފަހުން ތައްގަނޑު ޖަހާނީ އެ އޮތޯރިޓީން ކަމަށެވެ. އަދި އެހެން ތަނަކުން އެޓެސްޓު ކުރުމުގެ ތައްގަނޑު ނުޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ވަރަށް ގިނަ ބޭފުޅުން އެބަ ސުވާލު ކުރައްވާ ދެން ހަމަ މާލެއަށް އަންނަންވީހޭ އެޓެސްޓު ކުރަން. މިހާރު ވެސް އަޅުގަނޑުމެންގެ ލިޔެކިޔުންތައް މި ދޫކުރަނީ މާލެއިން،" ފިޒާނާ ވިދާޅުވި އެވެ.

އެކަން ފަސޭހަ ކުރުމަށް ޕޯޓަލްއެއް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެ އުސޫލުގެ ދަށުން އެމްކިއުއޭއިން އެޓެސްޓް ކުރަން ޖެހޭނީ އެ އޮތޯރިޓީން ދޫކުރާ ލިޔުންތައް އެކަންޏެވެ. އެހެންވެ، އެމްކިއުއޭއިން ހުއްދަ ދީގެން ރާއްޖޭގެ ޔުނިވާސިޓީތަކާއި ކޮޖެލްތަކުން ހިންގާ ކޯސްތަކުގައި ދޫކޮށްފައިވާ ސެޓްފިކެޓްތައް އެޓެސްޓްކުރަން އެމްކިއުއޭއަށް ހުށަހަޅަން ނުޖެހޭނެ އެވެ.