Roadha Mihaaru

ހައިދަރު ވިދާޅުވީ 40 ޕަސެންޓް ދަރިވަރުން ލޯނު ދައްކާ ކަމަށް

ސްޓޫޑެންޓް ލޯނު ނަގާ ދަރިވަރުންގެ ތެރެއިން 40 ޕަސެންޓް ދަރިވަރުން ލޯނު ދައްކާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.

40 ޕަސެންޓް ދަރިވަރުން ލޯނު ދައްކާ: ހައިދަރު
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

13 މެއި 2025

ސްޓޫޑެންޓް ލޯނު ނަގާ ދަރިވަރުންގެ ތެރެއިން 40 ޕަސެންޓް ދަރިވަރުން ލޯނު ދައްކާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.

ނަމަވެސް ކުރީ ސަރުކާރުން ހާމަކޮށްފައިވާ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި ސްޓޫޑެންޓް ލޯނު ނަގާފައިވާ ދަރިވަރުންގެ އަދަދު 10،000 އިން މަތީގައި އުޅޭއިރު އޭގެ ތެރެއިން ގަވައިދުން ލޯނު ދައްކަނީ އެންމެ 10 ޕަސެންޓް ދަރިވަރުންނެވެ.

ސްޓޫޑަންޓް ލޯނުގެ މައްސަލައިގައި މިނިސްޓަރު ހައިދަރު މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރުމުން މިއަދު ވިދާޅުވީ ލޯނު އަނބުރާ ދެއްކުމުގައި ގިނަ މައްސަލަތަކެއް އެބަ ހުރި ކަމަށެވެ. އޭނާ ވިދާޅުވީ 60 ޕަސެންޓް ކުދިން އަނބުރާ ލޯނު ނުދައްކާ ކަމަށާއި، ދައުލަތަށް ލިބެންޖެހޭ އެ ފައިސާ ހޯދޭނެ ގޮތްތަކާ މެދު މަޝްވަރާތައް ވެސް ކުރަމުން އަންނަ ކަމަށެވެ.

އެކަމުގައި ވަރަށް އަވަހަށް ގޮތެއް ނިންމޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

"40 ޕަސެންޓު ވަރު އަނބުރާ ދައްކަނީ [ލޯނު] އިނގޭތޯ. އެހެންވީމަ އެކަމާ ބެހޭ ގޮތުން ވެސް އެއީ ދައުލަތަށް ލިބެންވާ ފައިސާ. ދައުލަތަށް ލިބެންވާ ފައިސާ ހޯދުމަށް ކުރަންޖެހޭ ކަންތައްތަކަށް މަޝްވަރާކޮށް އަޅުގަނޑުމެން އެއަށް ގޮތެއް ނިންމާނަން،" މިނިސްޓަރު ވިދާޅުވި އެވެ.

ސްޓޫޑެންޓް ލޯނުގައި އެކަނި ވެސް 1،650 ދަރިވަރުން ރާއްޖެ އިން ބޭރުގެ އެކި ގައުމުތަކުގައި މި ވަގުތު ވެސް ކިޔަވަމުން އެބަދެ އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި މިއަހަރުގެ ޖެނުއަރީ އިން ފެށިގެން އޭޕްރީލް މަހުގެ ނިޔަލަށް ސްޓޫޑަންޓު ލޯނުގެ ގޮތުގައި 157 މިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބަލަހައްޓާ ސްޓޫޑަންޓް ލޯނާ ގުޅޭ ގޮތުން މީގެ ކުރިން ހަދާފައިވާ އޮޑިޓެއްގައިވާ ގޮތުން އެ ސްކީމުތަކުގައި ބޮޑެތި މައްސަލަތަކެއް އެބަ ހުއްޓެވެ. އޮޑިޓަ ޖެނެރަލް އެކުލަވާލައި، ކޮންމެ އަހަރަކު ނެރޭ ސްޓޫޑެންޓް ލޯން ސްކީމްގެ ޕާފޯމަންސް އޮޑިޓް ރިޕޯޓުގައި ބުނެފައިވާ ގޮތުގައި އެކި ސްކީމުތަކުން 2014 އިން 2019 ގެ ނިޔަލަށް 1.8 ބިލިއަން ރުފިޔާގެ ލޯނު ދަރިވަރުންނަށް ދޫކޮށްފައިވެ އެވެ. ދަރިވަރުންނަށް ލޯނު ދޫކޮށް ދައްކަން ޖެހި ނުދައްކާ ހުރި ފައިސާގެ އަދަދު 173 މިލިއަން ރުފިޔާ އަށް އަރާ ކަމަށް ވެސް އޮޑިޓް ރިޕޯޓުން އެނގެ އެވެ.