Roadha Mihaaru

ސްޓޫޑެންޓު ލޯނުގެ އިދާރީ ފީ ކަނޑާލައި، އިސްލާމީ ޝަރީއާ ހުއްދަކުރާ ލޯނަކަށް ހަދަނީ

ސްޓޫޑެންޓު ލޯނުން ނަގާ އިދާރީ ފީ ކަނޑާލައި، އިސްލާމީ ޝަރީއާ ހުއްދަކުރާ ލޯނަކަށް ބަދަލުކުރަން މިހާރު އަންގަވާފައިވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ސްޓޫޑެންޓު ލޯނުގެ އިދާރީ ފީ ކަނޑާލައި، ބަދަލުތަކެއް!
އާސިމާ ނިޒާރު
އާސިމާ ނިޒާރު

27 މާޗް 2025

ސްޓޫޑެންޓު ލޯނުން ނަގާ އިދާރީ ފީ ކަނޑާލައި، އިސްލާމީ ޝަރީއާ ހުއްދަކުރާ ލޯނަކަށް ބަދަލުކުރަން މިހާރު އަންގަވާފައިވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މަތީ ތައުލީމާއި ތަމްރީނު ހޯދަން ދޫކުރާ އަދި ދޫކޮށްފައިވާ ލޯނުތަކަކީ އިސްލާމީ ހަމަތަކަށް ފެތޭ "ޝަރީއާ ކޮމްޕްލަޔަންޓް" ލޯނުތަކަކަށް ހެދުމަށް ދެ ކަމެއް ކުރަން ހަޔާ އެޑިއުކޭޝަން މިނިސްޓްރީއަށް އަންގާފައިވާ ކަމަށެވެ.

އޭގެ ތެރޭގައި ލޯނާ އެކު، އިދާރީ ފީގެ ގޮތުގައި މިހާރު ނަގާ އެއް ޕަސެންޓު އެއްކޮށް ކަނޑާލައި، ދޫކުރާ ލޯނު ފައިސާގެ އިތުރުން އެއްވެސް ވަރެއް އިތުރަށް ނުނެގުން ހިމެނެ އެވެ.

ކުރިން ނަގާފައިވާ ލޯނަށް ދައްކަން ހުންނަ ފައިސާއިން އެޑްމިނިސްޓްރޭޓިވް ފީ ކަނޑާލައި އެ ދަރިވަރުންގެ ލޯނު އަލުން ހަމަޖެއްސުމަށް ރައީސް ވަނީ އަންގަވައިފަ އެވެ.

ރާއްޖެ އާއި ރާއްޖޭން ބޭރުގައި މަތީ ތައުލީމު ހާސިލްކުރަން ދޫކުރާ ލޯނުގެ އެޑްމިނިސްޓްރޭޓިވް ފީގެ ގޮތުގައި މީގެ ކުރިން ނަގަމުން ދިޔައީ ފަސް ޕަސެންޓެވެ. ނަމަވެސް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެ އަދަދު ތިން ޕަސެންޓަށް އަދި ފަހުން އެއް ޕަސެންޓަށް ދަށްކުރީ އެވެ. މަތީ ތައުލީމުގެ ލޯނަށް ކުރިމަތިލާން ހުޅުވާނުލައި ދިގުދެމިގެން ދާތީ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މިނިސްޓަރު ޑރ. އަލީ ހައިދަރު "މިހާރު" އަށް ކުރިން ވިދާޅުވީ ލޯނަށް ހުޅުވާލަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.