Roadha Mihaaru

ޝަރުތު ހަމަވި 806 ދަރިވަރުންނަށް ލޯނު ދޭން ރައީސް އަންގަވައިފި

ސްޓޫޑެންޓް ލޯނަށް އެދުނު ދަރިވަރުންގެ ތެރެއިން ޝަރުތު ހަމަވި ހުރިހާ ދަރިވަރުންނަށް ލޯނު ދޭން ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވައިފި އެވެ.

ޝަރުތު ހަމަވި ހުރިހާ ކުދިންނަށް ލޯނު ދޭން އަންގަވައިފި
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

22 ޖުލައި 2025

ސްޓޫޑެންޓް ލޯނަށް އެދުނު ދަރިވަރުންގެ ތެރެއިން ޝަރުތު ހަމަވި ހުރިހާ ދަރިވަރުންނަށް ލޯނު ދޭން ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވައިފި އެވެ.

އެ ލޯން ސްކީމުގެ ދަށުން މި އަހަރު ހުޅުވާލި 500 ފުރުސަތަށް އެދި 1،338 ދަރިވަރުން ކުރިމަތިލިއިރު އޭގެ ތެރެއިން 806 ދަރިވަރަކު ލޯނަށް ޝަރުތު ހަމަވާ ކަމަށް ކަނޑައަޅައި މިއަދު ވަނީ ވަގުތީ ލިސްޓު ނެރެފަ އެވެ.

ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖެ އާއި ރާއްޖޭން ބޭރުން މަތީ ތައުލީމު ހާސިލުކުރުމަށް ދޫކުރާ ލޯނު ސްކީމަށް މި އަހަރު ކުރިމަތިލާ ޝަރުތު ހަމަވެފައިވާ ހުރިހާ ދަރިވަރުންނަށް، ލޯނު ދޫކުރުމަށް ކަމާބެހޭ މިނިސްޓްރީތަކަށް އަންގަވާފައިވާ ކަމަށެވެ.

ރައީސްގެ ޕޯސްޓުގައިވާ ގޮތުން ވަގުތީ ލިސްޓުގައިވާ 806 ދަރިވަރުންނަށް ވެސް ލޯނު ލިބޭނެ އެވެ.

ވަގުތީ ލިސްޓު މިއަދު ނެރުމަށް ފަހު އެ ލިސްޓާ މެދު ޝަކުވާއެއް އޮތް ނަމަ އެ ޝަކުވާއެއް ހުށަހެޅުމަށް އަންނަ މަހުގެ ތިން ވަނަ ދުވަހާ ހަމައަށް ވަނީ ފުރުސަތު ދީފަ އެވެ.