ރާއްޖެއިން ބޭރުގައި ސްޓޫޑެންޓް ލޯނު ނަގައިގެން ކިޔަވާ ދަރިވަރުންނަށް ރުފިޔާގެ ބަދަލުގައި ޑޮލަރުން ފައިސާ ދޫކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
10 އެޕްރީލް 2025
ރާއްޖެއިން ބޭރުގައި ސްޓޫޑެންޓް ލޯނު ނަގައިގެން ކިޔަވާ ދަރިވަރުންނަށް ރުފިޔާގެ ބަދަލުގައި ޑޮލަރުން ފައިސާ ދޫކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
"ރައްޔިތުންނާ އެކު" ޕޮޑްކާސްޓުގެ މިއަދުގެ ޝޯ ގައި ރައީސް ވިދާޅުވީ، ރާއްޖެ އިން ބޭރުގައި ކިޔަވާ ދަރިވަރުންގެ ތެރޭގައި ސަރުކާރުގެ ސްކޮލާޝިޕްގައި ދާ ދަރިވަރުންނާއި ސްޓޫޑެންޓު ލޯނުގައި ކިޔަވާ ގިނަ ދަރިވަރުންތަކެއް ހިމެނޭ ކަމަށެވެ.
އޭގެ ތެރޭގައި ސްޓޫޑެންޓް ލޯނުގައި އެކަނި ވެސް 1،650 ދަރިވަރުން ރާއްޖެ އިން ބޭރުގެ އެކި ގައުމުތަކުގައި ކިޔަވަމުން އަންނަ ކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.
ރައީސް މުއިއްޒު ވިދާޅުވީ، މި މަހު އެ މަނިކުފާނު އިނގިރޭސި ވިލާތަށް ކުރެއްވި ދަތުރުފުޅުގައި ވެސް، ލޯނުގެ ދަށުން ކިޔަވާ ދަރިވަރުންނާ ބައްދަލުވި ކަމަށާއި އެ ދަރިވަރުންގެ މައިގަނޑު ކަންބޮޑުވުމަކީ ސްޓޫޑެންޓް ލޯނުގެ ފައިސާ ދިވެހި ރުފިޔާ އިން ލިބުމުގެ ސަބަބުން ބްލެކް މާކެޓުގައި ޑޮލަރު މާރުކުރަން ޖެހިގެން ލިބޭ ގެއްލުން ކަމަށެވެ.
"އެ ކުދިންގެ އެދުމަކީ ލޯނަށް ދޫކުރާ ފައިސާ ޑޮލަރަށް ކޮންވާޓް ކުރުމުގައި ދިމާވާ ދަތިތަކުގެ ސަބަބުން ގެއްލޭ ފައިސާ. ލޯނު މި ދޫކުރަނީ ދިވެހި ފައިސާ އިން. އަޅުގަނޑަށް ޔަގީން ރާއްޖެ އިން ބޭރުގެ ހުރިހާ ގައުމެއްގައި ވެސް ލޯނުގައި ކިޔަވާ ކުދިންނަށް ދިމާވާނެ މައްސަލައެއް،" ރައީސް ވިދާޅުވި އެވެ.
"އެހެންވީމާ ބޭންކް ރޭޓުގައި ލޯނު ސްކީމުގައި ކިޔަވާ ކުދިންނަށް ޑޮލަރު ހަމަޖައްސައިދެވޭނެތޯ އެ ކުދިން އެދުނީ."
ރައީސް މުއިއްޒު ޕޮޑްކާސްޓް ޝޯ ގައި މިއަދު ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް
ރައީސް ވިދާޅުވީ އެ މައްސަލާގައި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރާ ވެސް މަޝްވަރާ ކުރައްވައި، އެކަމުގައި އެ ދަރިވަރުންނަށް ހައްލެއް ހޯދައިދެއްވުމަށް އެދިވަޑައިގެންފައިވާ ކަމަށެވެ. އެހެންވެ، އެ ބަދަލު ގެނައުމުގެ ކަންކަން އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރާ ވެސް މަޝްވަރާ ކުރައްވައިގެން، ފިނޭންސް މިނިސްޓަރު ޒަމީރު ކުރައްވަމުން ގެންދަވާ ކަމަށް ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި ރިސޯޓުތަކުން ބޭންކަށް ޑޮލަރު މާރުކުރަން މަޖުބޫރު ކުރުން ފަދަ ފިޔަވަޅުތަކުގެ ދަށުން، އެ ދަރިވަރުންނަށް ދިމާވެފައިވާ މައްސަލަ ހައްލުކުރެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެ އެވެ.
"އެއީ ރާއްޖޭގެ ޑޮލަރު މާކެޓަށް އޭގެ ނުރަނގަޅު އަސަރު ނުކުރާނެ ގޮތަށް އެ ކުދިންނަށް ބޭންކު ރޭޓުގައި ލިބެން ވާނީ، އެ ކިޔަވާ ތަނެއްގައި ބޭނުންކުރަން. އެގޮތަށް އެކަން ހަމަޖެހުމާ އެކު، ލޯނު ސްކީމުގައި ކިޔަވާ ކުދިންނަށް ބޭންކް ރޭޓުގައި ޑޮލަރު ހޯދުމަށް އޮތް ދަތިކަން އިރާދަކުރެއްވިއްޔާ ހައްލުކޮށްދޭނަން،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ސްކޮލާޝިޕްގައި ކިޔަވަމުންދާ ކުދިންގެ ކަންބޮޑުވުމަކީ އެ ކުދިންގެ މެއިލްތަކަށް ޖަވާބު ނުލިބުމާއި ޓިއުޝަން ފީތަކަށްވާ ފައިސާ ލަސްވުން ފަދަ ކަންކަން ކަމަށެވެ.
އެހެންވެ، އެކަން ހައްލުކުރުމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ސްކޮލާޝިޕް ދީގެން ބޭރުގައި ކިޔަވާ ދަރިވަރުން ތިބި ކޮންމެ ގައުމަކަށް ވަޓްސްއެޕް ބިޒްނަސް ނަމްބަރެއް ނަގައިގެން، އެ ނަމްބަރު މެނޭޖު ކުރުމަށް ވަކި ހާއްސަ މުވައްޒަފެއް ނަގާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވިދާޅުވީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީ އާއި ފިނޭންސް މިނިސްޓްރީގެ މުއާމަލާތް ރަނގަޅުކުރުމަށް މަސައްކަތްޕުޅު ކުރައްވާ ކަމަށެވެ. ދަރިވަރުންނަށް ސަރުކާރުން ދޭން ޖެހޭ ފައިސާތަކަށް މިހާރޔ ހާއްސަ އިސްކަމެއް ދެމުންދާކަން ވެސް ރައީސް ފާހަގަކުރެއްވި އެވެ.
ސްޓޫޑެންޓު ލޯނުގެ އިދާރީ ފީ ކަނޑާލައިފި
ޝަރުތުހަމަވާ އެންމެންނަށް މަތީތައުލީމުގެ ލޯނު ދެނީ
ލޯނު ލިބޭ ދަރިވަރުންނަށް ލިއުން ދިނުން މި ހަފުތާގައި
މަތީ ތައުލީމުގެ ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި
ހުރިހާ ކްލާސްރޫމެއް މި އަހަރު އޭސީ ކުރާނަން: ރައީސް
ސްޓޫޑެންޓު ލޯނުގެ އިދާރީ ފީ ކަނޑާލައި، ބަދަލުތަކެއް!
އުމްރާއަށްދާ މީހުންގެ ޑޮލަރު ލިމިޓް އިތުރު ކޮށްދެނީ
ފުރާ މީހުންނަށް އަންނަ އަހަރު 1،000 ޑޮލަރު ލިބޭނެ
ރީރަޖިސްޓްރީނުކުރާ 101 ތަނެއްގެ ސަނަދު ގަބޫލުނުކުރާނެ
ޒާހިރު: މިޒަމާނުގެ ތައުލީމުގެ އެންމެ ވަރުގަދަ ތަނބު