Roadha Mihaaru
ޝަރުތުހަމަވާ އެންމެންނަށް މަތީތައުލީމުގެ ލޯނު ދެނީ

ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށް މަތީ ތައުލީމުގެ ލޯނު ދޭން ނިންމައިފި

26 ޖޫން 2018

މަތީ ތައުލީމު ހާސިލްކުރުމުގެ ލޯނަށް ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންގެ ތެރެއިން ލޯނު ދޭނެ ދަރިވަރުން ކަނޑައެޅުމުގައި މިފަހަރު ގުރުއަތު ނުނަގާނެ ކަމަށާއި ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށް ލޯނު ދޭނެ ކަމަށް ޑިޕާޓްމަންޓް އޮފް ހަޔަ އެޑިއުކޭޝަން (ޑީއެޗްއީ) އިން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މަތީ ތައުލީމު ހާސިލްކުރުމުގެ ލޯނަށް ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންގެ ތެރެއިން ލޯނު ދޭނެ ދަރިވަރުން ކަނޑައެޅުމުގައި މިފަހަރު ގުރުއަތު ނުނަގާނެ ކަމަށާއި ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށް ލޯނު ދޭނެ ކަމަށް ޑިޕާޓްމަންޓް އޮފް ހަޔަ އެޑިއުކޭޝަން (ޑީއެޗްއީ) އިން މިއަދު ބުނެފި އެވެ.

އެ ޑިޕާޓްމަންޓް ހިންގުމާ ހަވާލުވެހުންނެވި އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ނަޒީރު ވިދާޅުވީ ވީހާ ވެސް ގިނަ ދަރިވަރުންނަށް ފުރުސަތު ދިނުމުގެ ގޮތުން، ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށް ޖާގަ ދޭން ނިންމީ ކަމަށެވެ. އެހެންކަމުން މިދިޔަ މާޗު މަހު ހުޅުވާލި މަތީ ތައުލީމުގެ 500 ފުރުސަތަށް ކުރިމަތިލި ދަރިވަރުންގެ ތެރެއިން، ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށް ޖާގަ ދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކުރިން ހަމަޖައްސާފައިވާ ގޮތުން، ކަނޑައަޅާފައިވާ ޖާގައަށް ވުރެ އިތުރަށް ދަރިވަރުން ކުރިމަތިލައިފި ނަމަ، ލޯނު ލިބޭ ދަރިވަރުން ހޮވާނީ ގުރުއަތުލައިގެންނެވެ.

ރާއްޖެ އާއި ސާކުގެ ގައުމުތަކުގެ އިތުރުން، ޗައިނާ، މެލޭޝިޔާ، ޕިލިޕީންސް އަދި ތައިލެންޑުގައި ކިޔަވަން ހުޅުވާލި ފުރުސަތަށް 600 އެއްހާ ދަރިވަރުން ކުރިމަތިލި އެވެ. އޭގެ ތެރެއިން ޝަރުތު ހަމަވަނީ 595 ދަރިވަރުންނެވެ.

ޑީއެޗްއީން މިހާރު ވަނީ ލޯނު ލިބޭ ދަރިވަރުންގެ ވަގުތީ ލިސްޓް އާއްމުކޮށް ޝަކުވާ ހުށަހަޅަން ހުޅުވާލައިފަ އެވެ. އަންނަ ބުރާސްފަތި ދުވަހާ ހަމައަށް އެ ފުރުސަތު އޮންނާނެ ކަމަށް ޑީއެޗްއީން ބުންޏެވެ.

ނަޒީރު ވިދާޅުވީ ޖާގަ ނެތުމުން، ލޯނަށް ޝަރުތު ހަމަވާ ދަރިވަރުންގެ ތެރެއިން 95 ދަރިވަރަކު ބާކީވި ކަމަށާއި ނަމަވެސް އެ ދަރިވަރުންނަށް ވެސް ފުރުސަތު ދިނުމަށް، ލޯނު ދިނުމުގެ އުސޫލަށް ބަދަލު ގެނައީ ކަމަށެވެ.

މަތީ ތައުލީމު ހާސިލްކުރާ ދަރިވަރުންގެ އަދަދު، 2022 ވަނަ އަހަރު އަންނަން ވާއިރަށް 60 ޕަސެންޓަށް އިތުރުކުރަން ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ. މިހާރު މަތީ ތައުލީމް ހާސިލްކުރަމުން އަންނަ ދަރިވަރުންގެ އަދަދު އުޅެނީ 32 ޕަސެންޓުގަ އެވެ.

"އެއްވެސް ކުއްޖަކު ބާކީ ނުކުރުމުގެ ސިޔާސަތުގެ ދަށުން މި ބަދަލު ގެނައީ ވީހާ ވެސް ގިނަ ދަރިވަރުންނަށް ފުރުސަތު ދޭން. މަތީ ތައުލީމު ހާސިލްކުރާ ދަރިވަރުންގެ އަަދަދު އިތުރުކުރެވޭނީ، އެކަމަށް ފުރުސަތުތަކެއް ފަހިކޮށްދީގެން،" ނަޒީރު ވިދާޅުވި އެވެ.

ސަރުކާރުން ވަނީ މަތީ ތައުލީމަށް މިހާތަނަށް 4000 އަށްވުރެ ގިނަ ފުރުސަތު ފަހިކޮށްދީފަ އެވެ.