Roadha Mihaaru
ލޯނު ލިބުނު ދަރިވަރުންނަށް ލިޔުން ހަވާލުކުރަން ފަށައިފި

ލޯނު ލިބުނު ދަރިވަރުންނަށް ލިޔުން ހަވާލުކުރަން ފަށައިފި

05 ޖުލައި 2018

މަތީ ތައުލީމް ހާސިލްކުރަން ސަރުކާރުގެ ލޯނު ލިބުނު ދަރިވަރުންނަށް އެކަމުގެ ލިޔުން ހަވާލުކުރަން މިއަދު ފަށައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މަތީ ތައުލީމް ހާސިލްކުރަން ސަރުކާރުގެ ލޯނު ލިބުނު ދަރިވަރުންނަށް އެކަމުގެ ލިޔުން ހަވާލުކުރަން މިއަދު ފަށައިފި އެވެ.

މީގެ ކުރިން ލޯނު ލިބުނު ދަރިވަރުންނަށް ލިޔުން ދެނީ އެކަމަށް ހާއްސަކޮށްގެން ބާއްވާ ހަފުލާއެއްގަ އެވެ. ނަމަވެސް ދަރިވަރުންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން މިހާރު ހަމަޖައްސާފައި ވަނީ ލޯނު ލިބޭ ދަރިވަރުންގެ ދާއިމީ ލިސްޓް އާއްމުކުރުމާ އެކު ލޯނުގެ ލިޔުން ހަވާލުކުރާ ގޮތަށެވެ.

މިދިޔަ މާޗު މަހު ހުޅުވާލި ލޯނު ސްކީމްގައި 500 ފުރުސަތަށް 600 އެއްހާ ދަރިވަރުން ކުރިމަތިލި އެވެ. އެ ލޯނު ލިބޭ ދަރިވަރުންގެ ދާއިމީ ލިސްޓް އިއްޔެ ވަނީ އާއްމުކޮށްފަ އެވެ.

ޑިޕާޓްމަންޓް އޮފް ހަޔަ އެޑިއުކޭޝަން (ޑީއެޗްއީ) ހިންގުމާ ހަވާލުވެ ހުންނެވި އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ނަޒީރު ވިދާޅުވީ ލޯނު ލިބޭ ދަރިވަރުންގެ ފައިނަލް ލިސްޓް އާއްމުކޮށް، އެކަމުގެ ލިޔުން ހަވާލުކުރަން ގިނަ ދުވަސްތަކެއް ނަގާ ކަމަށެވެ. އެހެންވެ ދަރިވަރުންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން، ޑީއެޗްއީ އޮފީހުން ލޯނުގެ ލިޔުން ދޫކުރަން ހަމަޖެއްސީ ކަމަށް ވިދާޅުވި އެވެ

"މީގެ ކުރިން ފައިނަލް ލިސްޓް އާއްމުކޮށްފައި ދެ ތިން މަސް ވެސް އެބަ ނަގާ ދަރިވަރުންނަށް ލިޔުން ހަވާލުކުރަން. އެހެންވެ ލަސްތަކެއް ވެގެން އެބަ ދޭ،" ނަޒީރު ވިދާޅުވި އެވެ.

ސަރުކާރުން ވަނީ މަތީ ތައުލީމުގެ ލޯނަށް ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށް ލޯނު ދޭން ނިންމައިފަ އެވެ. އެގޮތަށް ނިންމީ 500 ފުރުސަތަށް ކުރިމަތިލި ކުދިންގެ ތެރެއިން ޝަރުތު ހަމަވެ އެކަމަކު ޖާގަ ނެތުމުން 95 ކުއްޖަކަށް ކިޔެވުމުގެ ފުރުސަތު ނުލިބުމުންނެވެ.

ކުރިން ނަމަ އޮންނަނީ އެކި ދާއިރާތަކުން ކަނޑައަޅާ އަދަދަށް ވުރެ ގިނަ ކުދިން އެ ކޯހަކަށް ކުރިމަތިލައިފި ނަމަ ގުރުނަގާ ގޮތަށެވެ.

އެކަމަކު ފަހުން ގެނައި ބަދަލާ އެކު ކޯހަކަށް ދަރިވަރު ޝަރުތު ހަމަވެއްޖެ ލޯނު ލިބޭނެ އެވެ.