28 ނޮވެމްބަރ 2017
މަތީ ތައުލީމް ހާސިލްކުރަން އެޑިއުކޭޝަން މިނިސްޓްރީން ދޫކުރާ ލޯނު 566 އަށް ވުރެ ގިނަ ދަރިވަރުންނަށް މިރޭ ހަވާލުކޮށްފި އެވެ.
މަތީ ތައުލީމް ހާސިލްކުރަން އެޑިއުކޭޝަން މިނިސްޓްރީން ދޫކުރާ ލޯނު 566 އަށް ވުރެ ގިނަ ދަރިވަރުންނަށް މިރޭ ހަވާލުކޮށްފި އެވެ.
އިސްކަންދަރު ސްކޫލުގައި ބޭއްވި ހަފުލާއެއްގައި އެ ދަރިވަރުންނަށް ލޯނު ލިބުނުކަމުގެ ލިޔުން ހަވާލުކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމެވެ.
މިއީ ރާއްޖެ އާއި ރާއްޖޭން ބޭރުގައި ތިބެގެން މަތީ ތައުލީމް ހާސިލްކުރަން ލޯނު ދޫކުރި 10 ވަނަ ބުރެވެ. މި ފަހަރު ލޯނު ދޫކޮށްފައިވަނީ ރާއްޖޭގައި ތިބެގެން ޑިޕްލޮމާ އިން ފެށިގެން މާސްޓާޒްއާ ހަމައަށް އަދި ރާއްޖޭން ބޭރުގައި ޑިޕްލޮމާއިން ފެށިގެން މާސްޓާޒްއާ ހަމައަށް ކިޔެވުމަށެވެ.
މަތީ ތައުލީމުގެ ލޯނު ލިބުނު ދަރިވަރުންނަށް އެކަމުގެ ލިޔުން ހަވާލުކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ވާހަކަދައްކަވަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
އެޑިއުކޭޝަން މިނިސްޓްރީން ބުނީ މިދިޔަ އޮގަސްޓް މަހު ހުޅުވާލި މި ލޯނު ސްކީމުގައި 1000 ލޯނު ދޫކުރަން ހަމަޖެއްސި ކަމަށެވެ. ނަމަވެސް އެ ލޯނަށް އެދި ހުށަހަޅާފައިވަނީ 612 ދަރިވަރުން ކަމަށާއި އޭގެ ތެރެއިން ލޯނު ދީފައިވަނީ ޝަރުތު ހަމަވާ 566 ދަރިވަރުންނަށް ކަމަށް އެޑިއުކޭޝަނުން ބުންޏެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި މަތީ ތައުލީމް ހާސިލްކުރަން 5200 އަށް ވުރެ ގިނަ ލޯނުގެ ފުރުސަތު ފަހިކޮށްދީފައިވާ ކަމަށެވެ. އަދި މިއަހަރު އެ ފުރުސަތަށް އެދުނު ގިނަ ދަރިވަރުންނަށް ލޯނު ދީފައިވާ ކަން ފާހަގަކުރެއްވި އެވެ.
މިނިސްޓަރު ވިދާޅުވީ މަތީ ތައުލީމު ދޭ ތަންތަނުގެ ފެންވަރުކޮށް ހިދުމަތް ރަނގަޅުކުރަން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އޭގެ ތެރެއިން ފަސް އަހަރު ދުވަހަށް އަމާޒުކޮށް ހަޔަ އެޑިއުކޭޝަންގެ މާސްޓަ ޕްލޭނެއް ލޯންޗުކޮށް ގިނަ ކަންތައްތަކެއް ކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.
މަތީ ތައުލީމުގެ ލޯނު ލިބުނު ދަރިވަރުންނަށް އެކަމުގެ ލިޔުން ހަވާލުކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވި ބައެއް ދަރިވަރުން.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
މިރޭ ލޯނު ލިބުނު ހުރިހާ ދަރިވަރުންނަށް މިނިސްޓަރު ވަނީ ކިޔެވުން ފުރިހަމަކޮށް، ގައުމަށް ހިދުމަތް ކުރުމަށް އެދިވަޑައިގެންފަ އެވެ.
ދުނިޔޭގެ ގައުމުތަކުގައި 2030ގެ ތައުލީމީ އެޖެންޑާއާ އެކު މިހާރު މަސައްކަތް ކުރަމުން އަންނަނީ އިންސާނީ ވަސީލަތް ތަރައްގީ ކުރުމަށް ކަމަށާއި މި ސަރުކާރުން ވެސް އެންމެ މުހިއްމު ކަމެއް ދެނީ މީހުން ބިނާކޮށް ހިދުމަތްތައް ރަނގަޅު ކުރުމަށް ކަން ފާހަގަކުރެއްވި އެވެ.
މިފަހުން ރައީސް އަބްދުﷲ ޔާމީން އިއުލާންކުރެއްވި 2050 ސްކޮލަޝިޕަށް ކުރިމަތިލުމަށް އަންނަ މަހުގެ ކުރީކޮޅު ހުޅުވާލާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި އަންނަ އަހަރުގެ މާޗު މަހުގެ އެއް ވަނަ ލޯނުގެ ސްކީމުގެ އާ ބުރަކަށް އިއުލާނު ކުރެވޭނެ ކަމަށް ވިދާޅުވި އެވެ.
މަތީ ތައުލީމުގެ ލޯނު 400 އަށް ވުރެ ގިނަ ކުދިންނަށް
މަތީ ތައުލީމުގެ ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި
ލޯނު ލިބުނު ދަރިވަރުންނަށް ލިޔުން ހަވާލުކުރަން ފަށައިފި
ޝަރުތުހަމަވާ އެންމެންނަށް މަތީތައުލީމުގެ ލޯނު ދެނީ
ސްކޮލަޝިޕް ހޯދަން 4 ޔުނިވަސިޓީއަކާއެކު ސޮއިކޮށްފި
2050 ސްކޮލަޝިޕަށް ކުރިމަތިލާން ހުޅުވާލައިފި
މަތީ ތައުލީމުގެ ފުރަތަމަ މާސްޓަ ޕްލޭން ލޯންޗުކޮށްފި
"ލޯނަށް އަލުން ހުޅުވާލާނަން، މި ފަހަރު ފަސޭހަވާނެ"
154 މިލިއަން ރުފިޔާގެ ޓެބްލެޓް، އިސްްރާފެއް ބާ؟
ރަނގަޅު ތައުލީމަށް ފެންވަރު ރަނގަޅު ޓީޗަރުން މުހިއްމު