21 ޑިސެމްބަރ 2017
މަތީ ތައުލީމް ހާސިލްކުރަން ސަރުކާރުން ދޭން ނިންމާފައިވާ 2050 ސްކޮލަޝިޕަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.
މަތީ ތައުލީމް ހާސިލްކުރަން ސަރުކާރުން ދޭން ނިންމާފައިވާ 2050 ސްކޮލަޝިޕަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.
ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ސްކޮލަޝިޕް ލޯންޗުކޮށްދެއްވީ ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފަސްޓް ލޭޑީ ފާތިމަތު އިބްރާހިމެވެ.
ސެޓްފިކެޓް ލެވެލް އިން ފެށިގެން ޑިޕްލޮމާއާ ހަމަ އަށް ރާއްޖޭގައި ކިޔަވަން ލިބޭ މި ސްކޮލަޝިޕަށް އަންނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ކުރިމަތިލެވޭނެ އެވެ. އެއީ އަންނަ މަހާއި ޖުލައި މަހުގެ ތެރޭގައި ކޮލެޖްތަކުގައި ވެސް ފަށާ ކޯސްތަކަށް ހާއްސަކޮށްގެންނެވެ.
2050 ސްކޮލަޝިޕް ލޯންޗުކުރަން ދަރުބާރުގޭގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި، ފަސްޓް ލޭޑީ ފާތުން (މ) އަދި ކެބިނެޓުގެ ބައެއް ވަޒީރުން ބައިވެރިވެވަޑައިގަންނަވަނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު
ރާއްޖޭގެ ކޮލެޖުތަކާއި ދެ ޔުނިވާސިޓީގައި ހިންގާ ޕްރޮގްރާމުތަކުގައި ކިޔެވުމަށް އެ ސްކޮލަޝިޕުން ފުރުސަތު ދޭނެ އެވެ.
މި ސްކޮލަޝިޕް ލޯންޗުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ވިދާޅުވީ ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖޭން ވާދަ ކުރާ އިރު، އެންމެ މުހިއްމު ކަމަކީ ހުނަރުވެރި ގާބިލު މީހުން އުފެއްދުން ކަމަށެވެ.
އާއިޝަތު ޝިހާމް ވިދާޅުވީ ރައީސް ޔާމީން މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން އެންމެ އިސްކަމެއް ދެއްވަނީ ޒުވާނުން ބިނާކޮށް ވަޒީފާތަކަށް ދިވެހިން ތަމްރީނު ކުރުމަށް ކަމަށެވެ. އަދި ތައުލީމީ ގޮތުން ވެސް، މީގެ ކުރިން ނުދެކޭ ވަރުގެ ކާމިޔާބީތަކެއް ހޯދާފައިވާ ކަން ފާހަގަކުރެއްވި އެވެ.
"ރައީސް ޔާމީން ވެރިކަމުގެ ފާއިތުވި ހަތަރު އަހަރަކީ ތައުލީމީ ގޮތުން އަދި ހުނަރުގެ ގޮތުން ކުރިއަށް ދިއުމަށް ބޭނުންވި ދިވެހިންނަށް ލިބިގެންދިޔަ ވަރަށް އަގުހުރި ހަތަރު އަހަރު. މި ފާއިތުވީ ހަތަރު އަހަރަކީ، މީގެ ކުރިން ދުވަހަކު ވެސް މި ރާއްޖޭގައި ނުހިންގާ މިންވަރަށް، ވަކިވަކި ދާއިރާތަކަށް އަމާޒުކުރެވިގެން މީހުން ތަމްރީނުކުރުމުގެ މަސައްކަތް ކުރެވުނު ހަތަރު އަހަރު،" އާއިޝަތު ޝިހާމް ވިދާޅުވި އެވެ.
ދަރުބާރުގޭގައި މިއަދު ފެށި ފެއާގައި، މެޕްސް ކޮލެޖުގެ ސްޓޯލެއް: މިރޭ 10 ޖަހަންދެން ފެއާ ކުރިއަށްދާނެ-- ފޮޓޯ: ނިޝާން އަލީ/ މިހާރު
ފާމަސީ އެސިސްޓެންޓުން ތަމްރީނު ކުރުމާއި ފޮޓޯގްރާފަރުންނާއި ރެފްރިޖިރޭޝަން އެންޑް އެއާކޮންޑިޝަނުންނާއި ކޭޝިއަރުން އަދި ޓުއާ ގައިޑު ފަދަ ދާއިރާތަކުން 3387 މީހުން ތަމްރީނުކޮށްފައިވާ ކަމަށާއި މީގެ އިތުރުން 500 ނަރުހުން ތަމްރީނުގެ ކުރުމުގެ ހާއްސަ މަސައްކަތެއް ވެސް ކުރަމުން އަންނަކަން އޭނާ ފާހަގަކުރެއްވި އެވެ.
ވަރަށް އަަހަށް ލެބޯޓްރީ ޓެކްނޮލޮޖީ އާއި ރޭޑިއޮގްރަފީގެ ދާއިރާ އިން މީހުން ތަމްރީނު ކުރުމުގެ މަސައްކަތް ފަށާނެ ކަން ވެސް މިނިސްޓަރު މިއަދު އިއުލާނުކުރެއްވި އެވެ.
ހަޔަ އެޑިއުކޭޝަން ޑިޕާޓްމަންޓް ހިންގުމާ ހަވާލުވެ ހުންނެވި ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ނަޒީރު ވިދާޅުވީ އަންނަ އަހަރަށް ހާއްސަކޮށްގެން ހުޅުވާލި ސްކޮލަޝިޕްތަކަށް 50 މިލިއަނެއްހާ ރުފިޔާ ހަރަދުވާނެ ކަމަށެވެ.
އޭނާ ވިދާޅުވީ ފޯމު ހުށަހަޅާ ވަރަކަށް ޕްރޮސެސްކޮށް ސްކޮލަޝިޕް ލިބޭ ދަރިވަރުން ހޮވާނެ ކަމަށެވެ. އަދި އެ ލިބޭ ފުރުސަތުން، އަންނަ އަހަރުގެ ތެރޭގައި ކިޔަވަން ފަށަން ޖެހޭނެ ކަން ނަޒީރު ފާހަގަކުރެއްވި އެވެ.
ދަރުބާރުގޭގައި މިއަދު ފެށި ހަޔަ އެޑީއުކޭޝަން ފެއާގެ ތެރޭގައި: މަތީ ތައުލީމް ހާސިލްކުރަން ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި 5000 އަށްވުރެ ގިނަ ފުރުސަތު ވަނީ ފަހިކޮށްދީފައި.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
ދެހާހަށް ވުރެ ގިނަ ސްކޮލަޝިޕަށް މިއަދު ހުޅުވާލިއިރު، އެ ފުރުސަތަށް ހާއްސަކޮށްގެން ވަނީ ހަޔަ އެޑިއުކޭޝަން ފެއާއެއް ވެސް ފަށައިފަ އެވެ. ރާއްޖޭގެ ދެ ޔުނިވާސިޓީއާ ކޮލެޖުތަކުން ހިންގާ ކޯސްތަކާ ބެހޭ މައުލޫމާތު ލިބޭ ފެއާ މިރޭ 10:00 ވަންދެން ދަރުބާރުގޭގައި އޮންނާނެ އެވެ.
ސްކޮލަޝިޕް ހޯދަން 4 ޔުނިވަސިޓީއަކާއެކު ސޮއިކޮށްފި
މެލޭޝިޔާ ސަރުކާރުން ދޭ 250 ސްކޮލަޝިޕަށް ހުޅުވާލައިފި
ލޯނު ލިބުނު ދަރިވަރުންނަށް ލިޔުން ހަވާލުކުރަން ފަށައިފި
ޝަރުތުހަމަވާ އެންމެންނަށް މަތީތައުލީމުގެ ލޯނު ދެނީ
ފިލިޕީންސް ކޮލެޖަކާއެކު އެޑިއުކޭޝަނުން ސޮއިކޮށްފި
މަތީ ތައުލީމުގެ ސްކޮލަޝިޕް 857 ދަރިވަރަކަށް
މެލޭޝިޔާ އިން ރާއްޖެ އަށް 500 ސްކޮލަޝިޕް ދީފި
ފަސް މާއްދާއިން ފާސްވި އަދަދު 77 ޕަސެންޓަށް
2050 ސްކޮލަޝިޕުން ކިޔެވޭ ދާއިރާތައް ކަނޑައަޅައިފި
ލިމްކޮކް ޔުނިވާސިޓީގެ ސްކޮލަޝިޕްތަކަށް ހުޅުވާލައިފި