Roadha Mihaaru
މެލޭޝިޔާ އިން ރާއްޖެ އަށް 500 ސްކޮލަޝިޕް ދީފި

މެލޭޝިޔާ އިން ރާއްޖެ އަށް 500 ސްކޮލަޝިޕް ދީފި

29 ޖެނުއަރީ 2018

އެކި ރޮނގުތަކުން ދިވެހި ދަރިވަރުން މަތީ ތައުލީމް ހާސިލު ކުރުމަށް މެލޭޝިޔާ އިން ރާއްޖެ އަށް 500 ސްކޮލަޝިޕް މިއަދު ދީފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އެކި ރޮނގުތަކުން ދިވެހި ދަރިވަރުން މަތީ ތައުލީމް ހާސިލު ކުރުމަށް މެލޭޝިޔާ އިން ރާއްޖެ އަށް 500 ސްކޮލަޝިޕް މިއަދު ދީފި އެވެ.

އެ ގައުމުގެ ހަޔަ އެޑިއުކޭޝަން މިނިސްޓްރީގެ ދަށުން ހިނގަމުން އަންނަ އެޑިއުކޭޝަން ގްލޯބަލް ސާވިސަސް (އީއެމްޖީއެސް)ގެ ފަރާތުން ރާއްޖެ އަށް އެ ސްކޮލްޝިޕްތައް ހަވާލުކޮށްދެއްވީ އެ ތަނުގެ ސީއީއޯ ނައުއީދިން ތާޖުއްދީނެވެ. ރާއްޖޭގެ ފަރާތުން ސްކޮލަޝިޕާ ހަވާލުވެވަޑައިގަތީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމެވެ.

އެ ސްކޮލަޝިޕްތަކުން ކިޔެވޭނީ މެލޭޝިޔާގެ ސަރުކާރާއި އަމިއްލަ ފަރާތްތަކުގެ 17 ޔުނިވާސިޓީއަކުންނެވެ. އެއީ ޓިއުޝަން ފީ އިން 50 ޕަސެންޓް ޑިސްކައުންޓް ލިބޭ ސްކޮލަޝިޕްތަކެކެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ވިދާޅުވީ މެލޭޝިޔާގެ ސްކޮލަޝިޕުން 100 ދަރިވަރުންނަށް ޕޯސްޓްގްރެޖުއޭޓް އަދި 400 ދަރިވަރުންނަށް އަންޑަ ގްރެޖުއޭޓަށް ކިޔެވުމުގެ ފުރުސަތު ލިބިފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ހަފުތާއެއްގެ ތެރޭގައި އެ ސްކޮލަޝިޕަށް އިއުލާނުކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ކިޔަވާއިރު އިތުރު ހަރަދެއް ކުރަން ޖެހިއްޖެ ނަމަ އެ ދަރިވަރުންގެ އަމިއްލަ ހަރަދުގައި ނުވަތަ ސަޕްލިމެންޓްރީ ލޯނެއްގެ ގޮތުގައި ކިޔެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ތައުލީމީ ދާއިރާ އަށް މީހުން ބިނާ ކުރަން މެލޭޝިޔާ އިން ހުރިހާ ޚަރަދެއް ދޭ 10 ސްކޮލަޝިޕް ވެސް ދީފައިވާ ކަމަށެވެ.

ލިމްކޮކްވިންގް ޔުނިވާސިޓީ އިން ވެސް މިދިޔަ މަހު ރާއްޖެ އަށް ވަނީ 128 ސްކޮލަޝިޕް ދީފަ އެވެ.