28 ޖެނުއަރީ 2018
މިދިޔަ އަހަރުގެ އޯ ލެވެލް އިމްތިހާނުގައި ފަސް މާއްދާއިން ފާސްވި ދަރިވަރުންގެ އަދަދު 77 ޕަސެންޓަށް އަރާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް މިއަދު ވިދާޅުވެއްޖެ އެވެ.
މިދިޔަ އަހަރުގެ އޯ ލެވެލް އިމްތިހާނުގައި ފަސް މާއްދާއިން ފާސްވި ދަރިވަރުންގެ އަދަދު 77 ޕަސެންޓަށް އަރާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް މިއަދު ވިދާޅުވެއްޖެ އެވެ.
އޯ ލެެވެލް އިމްތިހާނުގެ ނަތީޖާއާ ގުޅޭ ގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، 2016 ވަނަ އަހަރު އޯ ލެވެލް އިމްތިހާނު ހެދި ދަރިވަރުންގެ ތެރެއިން ފަސް މާއްދާއިން ފާސްވީ 70 ޕަސެންޓު ދަރިވަރުން ކަމަށެވެ. ނަމަވެސް ކުރި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ހަތް ޕަސެންޓުގެ ކުރިއެރުމެއް އެ އިމްތިހާނުން މިދިޔަ އަހަރު ލިބިފައިވާ ކަން އޭނާ ފާހަގަކުރެއްވި އެވެ.
މިނިސްޓަރު ވިދާޅުވީ ވަކި ވަކި މާއްދާތަކަށް ބަލާއިރު ވެސް ދަރިވަރުން ރަނގަޅު ކުރިއެރުމެއް ހޯދާފައިވާ ކަމަށެވެ. އަދި ތިން މާއްދާއިން ފާސްވި ދަރިވަރުންގެ އަދަދު ވެސް 93 ޕަސެންޓަށް އަރާފައިވާ ކަމަށް ވިދާޅުވި އެވެ. ނަމަވެސް ސަރުކާރުގެ އަމާޒު ހުރީ އެ އަދަދު 100 ޕަސެންޓަށް ހެދުމަށެވެ.
"ކުރީ އަހަރުތަކަށް ވުރެ މި ފަހަރު ހަތަރު އަހަރުގެ ތެރޭގައި ވަކިވަކި މާއްދާތަކުން އަދި ވަކިވަކި ގްރޭޑުތަކަށް ބަލާއިރު ބޮޑު ކުރިއެރުންތަކެއް ވަނީ ލިބިފައި. އޭގެ ތެރޭގައި "ޔޫ" ފާސް ލިބޭ ވަރު ގާތްގަނޑަކަށް ހަތް ޕަސެންޓަށް ވަނީ ދަށް ކުރެވިފައި. މީގެ އިތުރުން ވަކިވަކި މާއްދާތަކުން ވެސް ބޮޑު ކުރިއެރުންތަކެއް ލިބިފައިވޭ. ހުރިހާ މާއްދާއަކުން ވެސް އިރާދަކުރެއްވިއްޔާ ކުރިއެރުންތަކެއް ލިބިފައި އެބަހުރި،" މާލޭގެ ބައެއް ސްކޫލުތަކުގެ ޕްރިންސިޕަލުން ވެސް ބައިވެރިވެވަޑައިގެންނެވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވި އެވެ.
"ޖުމްލަ ގޮތެއްގައި ދަންނަވާލަން ބޭނުންވަނީ މިފަހަރަކީ ރާއްޖޭގެ ތާރީޚުގައި ތައުލީމީ ގޮތުންނާއި ނަތީޖާގެ ގޮތުން ރަނގަޅު ކާމިޔާބީއެއް ހާސިލްކޮށްފައިވާ ފަހަރެކޭ. އެއާ ގުޅިފައި އެ ހުރީ ބެލެނިވެރިންނާއި ސްކޫލުތައް ގުޅިގެން ދަރިވަރުންގެ ހައްގުގައި ކުރެވިފައި ހުރި މަސައްކަތް."
ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި ތައުލީމީ ދާއިރާއަށް ބޮޑު ކުރިއެރުމެއް ލިބިފައިވާ ކަމަށާއި އެ ކާމިޔާބީތަކަކީ މިދިޔަ 10 އަަހަރުގެ ތެރޭގައި ލިބުނު އެންމެ ބޮޑު ކާމިޔާބީކަން ވެސް މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ފާހަގަކުރެއްވި އެވެ.
އޯ ލެވެލް އިމްތިހާނުގެ އެހެން މާއްދާތަކާ އަޅާ ބަލާއިރު، އިސްލާމާއި ދިވެހި މާއްދާއިން ދަރިވަރުން ހޯދާ ނަތީޖާ ދަށް ކަމުގެ ޝަކުވާ އަބަދު ވެސް ކުރެ އެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިިނިސްޓަރު ޑރ. އަބްދުﷲ ނަޒީރު ވިދާޅުވީ، އިސްލާމާއި ދިވެހި މާއްދާއިން ރަނގަޅު ނަތީޖާއެއް ހޯދި ނަމަވެސް، 2016 ވަނަ އަހަރާ އަޅާ ބަލާއިރު. މިދިޔަ އަހަރު އެ ދެ މާއްދާގެ ނަތީޖާ ދަށެވެ.
މި އަަހަރު 5،300 ދަރިވަރުން އޯ ލެވެލް އިމްތިހާނު ހެދި އެވެ. އޭގެ ތެރެއިން 3،800 އެއްހާ ދަރިވަރުން ރަށްރަށުން ބައިވެރިވިއިރު މާލެއިން އިމްތިހާނު ހެދީ 1،500 ދަރިވަރުންނެެވެ.
ސްޓޭޓް މިނިސްޓަރު އަހުމަދު ޝަފީއު ވިދާޅުވި ގޮތުގައި މާލެއެކޭ އެއްގޮތަށް ރަށްރަށުން ވެސް ރަނގަޅު ނަތީޖާއެއް ވަނީ ހޯދައިފަ އެވެ.
އޯ ލެވެލް އިމްތިހާނުގެ ގަދަ 10 ހޮވާ އުސޫލަށް ވެސް މިދިޔަ އަހަރުން ފެށިގެން ވަނީ ބޮޑު ބަދަލެއް އައިސްފަ އެވެ. އެގޮތުން އޭ ސްޓާ އާއި އޭ އަަށް ވަކިން މާކްސް ދޭން ފެށުމާއެކު، އޯ ލެވެލް ގެ އެއް ވަނަ ދެން ލިބޭނީ އަށް މާއްދާއިން އޭ ސްޓާ ހޯދާ ދަރިވަރުންނަށެެވެ.
ގަދަ 10ގައި ހިމެނޭ ދަރިވަރުންގެ މައުލޫމާތުތައް އެއްކުރަމުން އަންނާތީ، އާ އުސޫލާއެކު ގަދަ 10ގައި ހިމެނުނު ދަރިވަރުންގެ އަދަދަށް ބޮޑު ބަދަލެއް އައިސްފައިވާ ކަމެއް ބުނަން އަދި ނޭނގޭ ކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
އޯލެވެލް، އަންނަ މެއި/ޖޫންގައި ބާއްވަން މަޝްވަރާކުރަނީ
އާ މަންހަޖާ އެކު އޯ ލެވެލް އިމްތިހާނަށް ބަދަލުތަކެއް
އޯ ލެވެލްގެ ނަތީޖާއިން ކުރިއެރުންތަކެއް ވަނީ ހޯދާފައި
އަންނަހަފުތާގައި ހުރިހާ ދަރިވަރުން ޓެބްލެޓް ބޭނުންކުރާނެ
އިސްކަންދަރު ސްކޫލުގެ އެންމެ މޮޅު ދަރިވަރަކަށް ލުހާ
ގަދަ 10ގައި ހިމެނުނު އަދަދު އާ އުސޫލާއެކު މަދުވެއްޖެ
ފިލިޕީންސް ކޮލެޖަކާއެކު އެޑިއުކޭޝަނުން ސޮއިކޮށްފި
ޓީޗަރުންނަށް މި މަހު ޓެބްލެޓް ދޫކުރާނެ: އެޑިއުކޭޝަން
ދަރިވަރުންނަށް ދޭނީ ވާވޭ ބްރޭންޑުގެ ޓެބްލެޓް
ވާޗުއަލްކޮށް ކިޔަވައިދިނުން ލަސްވަނީ ތައްޔާރު ނުވެވޭތީ