Roadha Mihaaru
އާ މަންހަޖާ އެކު އޯ ލެވެލް އިމްތިހާނަށް ބަދަލުތަކެއް

އާ މަންހަޖާ އެކު އޯ ލެވެލް އިމްތިހާނަށް ބަދަލުތަކެއް

16 ޑިސެމްބަރ 2019

އަންނަ އަހަރު އޯ ލެވެލްގެ އިމްތިހާނަށް ވެސް ގައުމީ އާ މަންހަޖާ އެކު ބަދަލުތަކެއް ގެންނަން ނިންމައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އަންނަ އަހަރު އޯ ލެވެލްގެ އިމްތިހާނަށް ވެސް ގައުމީ އާ މަންހަޖާ އެކު ބަދަލުތަކެއް ގެންނަން ނިންމައިފި އެވެ.

ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ) ހިންގުމާ ހަވާލުވެ ހުންނެވި، އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އިހްސާން ވިދާޅުވީ، ކީ ސްޓޭޖް ހަތަރެއްގައި ކިޔަވާ ދަރިވަރުން ގްރޭޑު 10 އަށް އަންނަ އަހަރަށް ބަދަލުވާއިރު، އެ ދަރިވަރުންނަށް ގުރުއާން އެސެސްމަންޓުތަކެއް ދޭނެ ކަމަށެވެ. އެ ހިމަނަނީ އެސްއެސްސީ އިމްތިހާނެއްގެ ގޮތުގައި ކަމަށް ވިއަސް، އެ އިމްތިހާނުގެ ތެރޭގައި ގުރުއާން މާއްދާ އަށް ވަކިން ޓެސްޓް ހަދާކަށް ނުޖެހޭނެ އެވެ.

މިއީ އެސްއެސްސީ އިމްތިހާނުގައި ގުރުއާން ހިމެނި ފުރަތަމަ ފަހަރެވެ.

އެ ދަރިވަރުންނަށް މިހާރު ވަނީ، އަންނަ އަހަރުގެ ފެބްރުއަރީގެ ކުރިން އެއް އެސައިމަންޓް ނިންމަން ހަވާލުކޮށްފަ އެވެ. އެއަށް ފަހު، ފުރަތަމަ ޓާމު ނިމުމުގެ ކުރިން ދެ ވަނަ އެސައިމަންޓް ނިންމައި ހަވާލުކުރަންޖެހޭނެ ކަމަށް އިހްސާން ވިދާޅުވި އެވެ. އޭގެ އިތުރުން އަނގަ ބަހުން ދަރިވަރުންނާ ސުވާލުކުރާނެ އެވެ.

އިހުސާން ވިދާޅުވީ އަނބަހުން ސުވާލުކުރާއިރު ވީޑިއޯކުރާނެ ކަމަށެވެ. އެ ސުވާލުތަކުގެ ތެރޭގައި ތަޖުވީދާއި ގުރުއާންގެ އެކި އާޔަތްތަކުން ސުވާލުކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އެސައިމަންޓުތައް އެންމެ ފުރަތަމަ ބަލާނީ ޓީޗަރެވެ. އޭގެ ފަހުން ސްކޫލުން ޓީމެއް ހޯދައިގެން އެސައިންޓްމަންޓްތައް ޗެކްކުރާނެ އެވެ. ޑީޕީއީއާ ހިސާބަށް އެ އެސައިމަންޓުތައް ފޮނުވާނީ އޭގެ ފަހުންނެވެ.

ޑީޕީއީ އިން އެސައިމަންޓުތައް ރެންޑަމްކޮށް ބަލާއިރު، ކަމެއް ފާހަގަވެއްޖެ ނަމަ އެ ސަރަހައްދެއްގެ ހުރިހާ ޕޭޕަރުތައް ބަލާނެ އެވެ.

އެސްއެސްސީގައި ގުރުއާން ހިމެނުމުގެ އިތުރުން ދިވެހި އަދި އިސްލާމް ކަރުދާހަށް ވެސް ބަދަލުތަކެއް އަންނާނެ އެވެ. ދިވެހި ކަރުދާސް އެކެއް އަދި ދޭއްގައި ވެސް އަންނަ އަހަރުން ފެށިގެން އަންނާނީ ދޭހަ އާއި ލިޔުންތެރިކަމާ ގުޅޭ ސުވާލެވެ.

ކަރުދާސް އެކެއްގައި މީގެ ކުރިން އަންނަނީ ލިޔުންތެރިކަމާ ގުޅޭ ސުވާލެވެ. ދެވަނަ ކަރުދާހުގައި ހިމެނޭނީ ދޭހަ އާއި އަދަބިއްޔާތުގެ ބައެވެ. ސިޓީ އެއްޗެހި ލިޔުމެއް ވެސް ނޯންނާނެ އެވެ.

ނަމަވެސް ސިޓީ ލިޔުމަށް ލިޔުންތެރިކަމުގެ ތެރޭގައި އަތުވެދާނެ ކަމަށާއި އެކަމަކު އެ ސިޓީތައް ލިޔަން ޖެހޭނީ ވެސް ލިޔާ ގޮތާ ހިލާފަށް ދިރާސާ ސިޓީ ކަމަށް އިހްސާން ވިދާޅުވި އެވެ.

"އާ މަންހަޖުގެ މަގުސަދުތައް ހާސިލްވާ ގޮތަށް ގެނައި ބަދަލުތަކެއް މިއީ،" އޭނާ ވިދާޅުވި އެވެ.

އިސްލާމް ކަރުދާސް އެކެއްގައި މީގެ ކުރިން ހުންނަނީ ކުރު ޖަވާބުދޭ ސުވާލުތަކެވެ. ނަމަވެެސް އަންނަ އަހަރުން ފެށިގެން ރަނގަޅު ޖަވާބުގައި ފާހަގަލުމުގެ ސުވާލުތަކަށް ވަނީ ބަދަލުކޮށްފަ އެވެ.