Roadha Mihaaru
އޯލެވެލް ސެޓްފިކެޓްތައް ސެންޓަރުތަކަށް ފޮނުވަން ފަށައިފި

އޯލެވެލް ސެޓްފިކެޓްތައް ސެންޓަރުތަކަށް ފޮނުވަން ފަށައިފި

22 ޖޫން 2020

އޯލެވެލް އިމްތިހާނުގެ ސެޓްފިކެޓްތައް ސެންޓަރުތަކަށް ފޮނުވަން ފަށައިފި އެވެ.

ޝުރުފާ މުހައްމަދު ޝުރުފާ މުހައްމަދު

އޯލެވެލް އިމްތިހާނުގެ ސެޓްފިކެޓްތައް ސެންޓަރުތަކަށް ފޮނުވަން ފަށައިފި އެވެ.

މިދިޔަ އަހަރުގެ އޯލެވެލް އަދި އޭލެވެލް ހެދި ދަރިވަރުންނަށް ސެޓްފިކެޓް ނުލިބި ވަނީ ލަސްވެފަ އެވެ. އެޑިއުކޭޝަން މިނިސްޓްރީން ބުނީ ސެޓްފިކެޓް ދޫނުކުރެވި ލަސްވަނީ ކޮވިޑް-19 އާ ހެދި ބޭރުގެ އެކި ގައުމުތަކުގެ ބޯޑަރު ބަންދުކޮށްފައި ވާތީ ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީން ކުރި ޓުވީޓެއްގައި ބުނީ އޯލެވެލް އިމްތިހާނުގެ ސެޓްފިކެޓްތައް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަނަށް ލިބިފައިވާ ކަމަށެވެ. އަދި ސެޓްފިކެޓްތައް ސްކޫލްތަކަށް ފޮނުވުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ބުންޏެވެ.

އޭލެވެލް އިމްތިހާންގެ ސެޓްފިކެޓްތައް ލިބުނީ މޭ މަހުގެ ފަހުކޮޅު އެވެ. އަދި މި މަހުގެ ކުރީކޮޅު ސެޓްފިކެޓްތައް ސެންޓަރުތަކާ ވަނީ ހަވާލުކޮށްފަ އެވެ.

އާންމު ގޮތެއްގައި، އޯލެވެލް އަދި އޭލެވްލް ސެޓްފިކެޓްތައް އަހަރުގެ ކުރީކޮޅު ލިބޭނެ އެވެ. މީގެ ކުރިން މިނިސްޓްރީން ވަނީ އެ ދެ އިމްތިހާނުގެ ސެޓްފިކެޓްތަކަކީ ޔުނިވާސިޓީތަކުން ޕްރިންޓުކޮށް، ސީލްޖަހައިގެން ސެންޓަރުތަކަށް ފޮނުވާ އެއްޗެއް ކަމަށް ވާތީ ސެޓްފިކެޓުތައް ޕްރިންޓު ކުރަނީ ރީ-ޗެކިން މަރުހަލާ ނިންމައި ދަރިވަރުންގެ ނަތީޖާތައް ކަށަވަރުވުމުން ކަމަށެވެ.

އެ މަރުހަލާ ނިންމައި، ސެޓްފިކެޓުތައް ފޮނުވާ ހިސާބަށް ދިޔައިރު އިނގިރޭސި ވިލާތާއި އެހެން ގިނަ ގައުމުތަކުގެ އެއާޕޯޓުތައް ބަންދުކޮށް، ގައުމުތައް ލޮކްޑައުން ކުރުމުން ސެޓްފިކެޓުތައް ގެނައުމުގައި ގޮންޖެހުންތަކާ ދިމާވީ ކަމަށް މިނިސްޓްރީން ބުންޏެވެ.